އަންހެނުންގެ ސައިހޮޓާ: ބުރުނީގެ ޒަމާނީ ތައުލީމުގެ ފެށުން

އާބާދީ މަދު ނަމަވެސް ތައުލީމަށްޓަކައި ކުރަންޖެހޭ މަސައްކަތައް ބަދަލެއް ނުގެނެވޭނެކަން އެންމެ ބޮޑަށް ފެންނާނެ އެއްރަށަކީ ތ. ބުރުނީއެވެ. ތައުލީމީ ބިންގާ ކިތައްމެ ފަނޑުގޮތެއްގައި ފެށި ނަމަވެސް މިއަދު މިވަނީ އެ ބިންގަލަށް 50 އަހަރު ފުރިގެން ގޮސްފައެވެ.
ބުރުނީގެ ތައުލީމުގެ ބާނީއަކީ އެރަށު ދިލާސާގެ އަލްމަރުހޫމް އާދަމް މޫސާ އެވެ. އެރަށުގެ ދަރިންނަށް ތައުލީމީ މުސްތަގުބަލެއް ހޯދައި ދިނުމުގެ މަސައްކަތް ފެށީ އޭނާގެ ގޭގަ އެވެ. އަމިއްލަ މަސައްކަތެއް ކަމުގައި ދެކިގެންނެވެ. އެދުވަހު އޭނާ އެޅުއްވި ބިންގާ ރައްޔިތުންގެ މަކްތަބަކަށް ބަދަލުވެ، މިއަދު ބުރުނީ ސްކޫލް ހިންގަމުން ގެންދަނީ ސަރުކާރު ސްކޫލެއްގެ ގޮތުގައެވެ.

ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައި އެ ސްކޫލް 36 އަހަރު ވަންދެން ރައްޔިތުންގެ ޚަރަދުގައި ހިންގަމުން އައިސް، 2005 ވަނަ އަހަރު، އެ ސްކޫލް ހިންގުމާ ސަރުކާރުން ހަވާލުވި އެވެ.
ރާއްޖެއިން ލިޔަންކިޔަން ނުދަތުން ފުހެލުމަށް ކުރިއަށް ގެންދިޔަ އަސާސީ ތަޢުލީމުގެ މަޝްރޫޢު، އެންމެ ފުރަތަމަ ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ބުރުނީ ހިމެނެއެވެ.

ރާއްޖެއަށް ޒަމާނީ ތައުލީމުގެ ގޮތުގައި އިގިރޭސި ތައުލީމް ތަޢާރަފުވެ، އިގިރޭސި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުންނެއް ލިބެތް ނެތް ދުވަސްވަރު، ސަރުކާރުން ޓީޗަރުން ގެނައީ އަވަށްޓެރި އިންޑިއާއާއި ލަންކާއިންނެވެ. އިގިރޭސި މީޑިއަމަށް ކިޔަވައިދޭނެ ޓީޗަރުން ރަށްރަށް، ސަރުކާރުގެ ފަރާތުން ފޮނުވަން ފެށުމާއެކު އެކަަމަށް ތައްޔާރު ވުމުގެ ގޮތުން އެރަށު ބެލެނިވެރިން ވަނީ އިތުރު ކުލާސްތަކެއް ހިންގާފައެެވެ. އަދި ސަރުކާރުން ޓީޗަރަކު ފޮނުވުމުގެ ކުރިން، އެމީހުންގެ ޚަރަދުގައި ބިދޭސީ ޓީޗަރަކު ގެނެސް، އިގިރޭސި މީީޑިއަމަށް ތައުލީމްދޭން ފެށިއެވެ.

މިކަމުގައި އިސްނެގީ އެރަށު އަންހެނުންނެވެ. އަންހެނުންގެ ސައިހޮޓާ އަކަމަށް ޚާއްޞަކޮށް، އެ ހޮޓަލުން ލިބޭ އެއްޗެއް ޚަރަދު ކުރަމުން ގެންދިޔައީ ބިދޭސީ ޓީޗަރުގެ ޚަރަދަށެވެ. މިއީ މިއަދު ބުރިނީގެ ޒަމާނީ ތައުލީމުގެ ފެށުމެވެ.

" ބުރުނީ ރައްޔިތުން މިހާ ބޮޑަށް ތަޢުލީމަށް މަސައްކަތް ކުރީ، ރަށް ކުރިއަރުވައި ތަރައްޤީކުރަން ބޭނުންވާލެއް ބޮޑުކަމުން. ޢިލްމީ ގޮތުން ސިކުނޑިތަކަށް ދިރުން ލިބިގެން ނޫނީ، ތަރައްޤީ ޙާޞިލް ނުކުރެވޭނެކަން އޭރުވެސް މިރަށުގެ ރައްޔިތުން ޤަބޫލުކުރޭ. ބުރުނީ ރައްޔިތުންގެ މި އިސްނެގުމުގެ އަގުވަޒަންކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު، ހިފެހެއްޓުމެއް ނެތް ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވަން" ބުރުނީ ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *