މަޢާނީގެ ކާމިޔާބީގެ ސިއްރަކީ، ދަމުނަމާދާއި، ދުޢާ އާއި ކުރި ހިތްވަރު

ސީއެޗްއެސްސީގެ އެއްމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނެނު، މަޢާނީ މުއާވިޔަތު ޝަރީފު ޤަބޫލުކުރާ ގޮތުގައި އޭލެވެލްގައި ލިބުނު ރަނގަޅު ނަތީޖާގެ ސިއްރަކީ ދަމުނަމާދާއި ދުޢާ އާއި ކުރި ހިތްވަރެވެ. އެކަން އެގެނީ އޯލެވެލްގެ ގަދަ ތިން ވަނައިގައި ހިމެނުނަށްފަހު، އޭގެ ދެ އަހަރު ފަހުން އޭލެވެލްއިން އެއްވަނަ ހޯދާ، ރައީސް ދެއްވާ ސްކޮލަރޝިޕް ކަށަވަރު ކުރުމެވެ. މަޢާނީ ވަނީ އޭލެވެލްގައި ފަސް މާއްދާއިން އޭ ސްޓަރ ހޯދާފައެވެ.

މަޢާނީ ބުނި ގޮތުގައި، އޭލެވެލްގައި ކުރި މަސައްކަތް އޯލެވެލްގައި ކުރެވުނު ނަމަ ނަތީޖާ ރަނގަޅުވީސް ކަމަށާއި، އޭލެވެލްގެ ޓާގެޓަކަށްވީ، ރައީސްގެ ސްކޮލަރޝިޕް ހޯދުމެވެ.

މައާނީ ހިމެނުނޫ އޯލެވެލްގެ ގަދަ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނައިގައެވެ.

" އަޅުގަނޑު އަޒުމް ކަނޑައެޅީ މަތީ ތައުލީމަށް ދާއިރު، ބައްޕަމެން އަތުން ޚަރަދު ކުރުމުގެ ބަދަލުގައި ރައީސްގެ ސްކޮލަރޝިޕް ހޯދައިގެން ކުރިއަށް ދާން. އެ އަޒުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރީ. އޭގެ ނަތީޖާ އެ ފެނުނީ" މަޢާނީ ބުންޏެވެ.

މެޑިސިންގެ ދާއިރާއިން ކުރިއަށްދާން ނިންމައިގެން ހުރި މަޢާނީ ބުނީ، ސީއެޗްއެސްއީއަށް ވަނުމަށްފަހު، ކިޔެވުމަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން މަސައްކަތް ކުރި ކަމަށެވެ. ކޮންމެ ރެއަކު ދަމުނަމާދަށްފަހު، އެ ލިބޭ ވަގުތަކީ ކިޔެވުމުގައި ހޭދަކުރި މުހިންމު ވަގުތުކޮޅެއް ކަމަށެވެ. ކިޔެވުމުގައި ވަގުތު ހޭދަކުރަނީ ޓައިމްޓޭބަލެއް ހަދައި އެދުވަހަށް ކިޔަވަން ކަނޑައަޅާފައި އޮންނަ މާއްދާއަކަށް އިސްކަންދީގެންނެވެ. ޓޭބަލެއްގެ ދަށުން ވަކި ތަރުތީބަކުން ކިޔެވުމުގެ ކަންތައްތައް ރާވާލުމުން ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަ ކަމަށް މަޢާނީ ބުންޏެވެ.

" އެންމެ މުހިންމީ ކުލާހުގައި ޓީޗަރު ފިލާވަޅު ނަގާވަގުތު ސީދާ އެކަމަށް ފޯކަސް ކުރުން. އެއީ ވަރަށް މުހިންމު ކަމެއް. ޓީޗަރު ކިޔައިދޭ ފިލާވަޅު ފަހުމްވާ ވަރަށް އޭގެ ތެރެއަށް ވަންނަންޖެހޭނެ" އެހެން ކުދިންނަށް ވެސް ލަފައެއްގެ ގޮތުގައި މަޢާނީ ބުންޏެވެ.

އަމީނިއްޔާ ސްކޫލުން އޯލެވެލް ނިންމި މަޢާނީ ބުނީ، އޯލެވެލްއަށްފަހު އޭލެވެލްއަށް ދިޔައިރު، ކޮންމެވެސް ވަރެއްގެ ހާސްކަމެއްގެ ތެރޭގައި ހުންނަންޖެހުނު ކަމަށެވެ. އެއީ އޯލެވެލްއާ އަޅާބަލާއިރު، އޭލެވެލް މާ އުނދަގޫވާނެ ކަމަށް ބައެއް މީހުން ބުނާތީއެވެ.

" އޭލެވެލްއަށް ދިޔައީ ވަރަށް ނާވަސްވެފައި ހުރެގެން. އޭލެވެލް ވަރަށް އުނދަގޫވާނެއޭ އޭރު ރައްޓެހިންވެސް ބުނީ. އެކަމަކު ހީކުރި ވަރަށްވުރެ ފަސޭހަ. އެބުނާހާ އުނދަގުލެއް ނޫން. އެކަމަކު އޯލެވެލްއާ އަޅާބަލާއިރު ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ. ކިޔަވައިދޭ އެއްޗިއްސާއި ދަސްކުރަންޖެހޭ ބައި މާ ގިނަ" މަޢާނީ ބުންޏެވެ.

އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ޑެޕިއުޓީ ހައުސް ކެޕްޓަނުގެ ޒިންމާ އަދާކުރި މަޢާނީ ބުނީ ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވުން މުހިންމު ކަމަށެވެ.

ހިސާބު މާއްދާއަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ބެހެއްޓި މަޢާނީ، އެހެން ކުދިންނަށް ދޭން ބޭނުންވި މެސެޖަކީ، ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ވަކި ތާވަލެއްގެ ދަށުން ފިލާވަޅުތައް ދަސްކުރަމުން ގެންދިއުމެވެ.

" ބަރާބަރަށް ނަމާދުކޮށް، ދަމުނަމާދާއި ދުޢާކޮށް ކިޔެވުމަށް މަސައްކަތް ކުރާނަމަ ނާކާމިޔާބެއް ނުވާނެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *