އާ މަންހަޖު ތަންފީޒުވާ މިންވަރު ބަލަން ދިރާސާއެއް ކުރަން ނިންމައި އެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ނެޝަނަލް އިންސްޓިއުޓް ފޯރ އެޑިއުކޭޝަނުން (އެންއައިއީ) ބުނެފިއެވެ.
އެންއައިއީން ބުނީ މި ދިރާސާގެ އަލީގައި ގައުމީ މަންހަޖު މުރާޖައާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ.
އާ މަންހަޖުގެ މަސައްކަތް ތަފާތު ސްޓޭޖްތަކަށް ބަހާލައިގެން ގެންދިޔަ ނަމަވެސް ގައުމީ މަންހަޖު ތަންފީޒު ކުރުމުގައި އަދިވެސް ގޮންޖެހުން ބޮޑުކަމަށެވެ. ޚާއްޞަކޮށް ޓީޗަރުން އެކަމަށް ތަމްރީނުކޮށް އަހުލުވެރިކުރެވިފައި ނެތް ކަމަށް އެންއައިއީން ބުނެއެވެ.
މަންހަޖު ތަންފީޒުވާ މިންވަރު ބަލާނީ އިގިރޭސިވިލާތުގެ ކެމްބްރިޖް އެސެސްމެންޓް އިންޓަރނޭޝަނަލް އެޑިއުކޭޝަންގެ އެހީތެރިކަމާއެކުގައެވެ. މި ދިރާސާގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ޝާމިލްވާގޮތަށް ހޮވާލެވޭ ސްކޫލްތަކަށް ޒިޔާރަތްކޮށް، އެ ސްކޫލްތަކުގައި މަންހަޖު ތަންފީޒު ކުރަން ކުރަމުންދާ މަސއްކަތް ބަލައި، އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މައުލޫމާތު އެއްކުރާނެއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މަންހަޖު މުރާޖައާ ކުރާނެ ގޮތްތައް އެންއައިއީގެ ކަމާގުޅޭ މުވައްޒަފުންނަށް މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.
ރާއްޖޭގައި އާ މަންހަޖެއް އެކުލަވާލާ އެއަށް ބިނާކޮށް ކިޔަވައިދޭން ފެށީ 2015 ވަނަ އަހަރުގެ ތައުލީމީ އާ އަހަރާ އެކު ގައެވެ.
advertisment
ހިޔާލު