މަސައްކަތު ދައްތައިންނަކީ ކިހާ މުހިންމު ބައެއްކަން ހަނދާންކޮށް ދިނުމުގެ ގޮތުން އިމާދުއްދީން ސްކޫލުން، އެ ސްކޫލްގައި މަސައްކަތް ކުރަމުންދާ ދައްތައިންނަށް ޚާއްޞަ ދުވަހެއް ފާހަގަކޮށްފިއެވެ.
"މަދަދުގާރުންގެ ދުވަސް" ޚާއްޞަ ކުރީ އެ ސްކޫލްގައި މަސައްކަތު ދައްތައިންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަށާރަ ދައްތައިންނަށެވެ. އާންމު ގޮތެއްގައި ދުވަސްތަކާއި ހަފްލާތައް ބާއްވާއިރުވެސް އެމީހުންގެ މަސައްކަތަށް ނިމުމެއް ނޯވައެވެ. އެހެންވެ އިމާދުއްދީން ސްކޫލުން ބޭނުންވީ އެ ދައްތައިން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެމީހުންގެ އެ މަސައްކަތުގެ ބުރަކަން އަމިއްލައަށް ތަޖުރިބާ ކޮށްލާށެވެ.
މަދަދުގާރުންގެ ދުވަހުގެ ގޮތުގައި އެ ސްކޫލްގެ ފޯކަސް މި ދިޔަ އާދިއްތަ ދުވަހު ބެހެއްޓީ މަސައްކަތު ދައްތައިންނަށެވެ. ހޮނިހިރު ދުވަހުގެ ރޭ އެ ދައްތައިންނަށް ޚާއްޞަ ހަފްލާއެއް ބޭއްވިއެވެ. އެމީހުންނަށް ޙައްޤު އިނާމާޢި މެޑަލާއި ސެޓްފިކެޓް ދިނެވެ. އެ ހަފްލާގެ ތެރެއިން އެމީހުންނާއެކު ކުޅިވަރާއި މަޖާ މާހައުލެއްގެ ތެރޭގައި ސްކޫލްގެ ސިނިއާ މެނޭޖްމަންޓުން ވަގުތު ހޭދަކުރެއްވިއެވެ. އެއީ އެ ދައްތައިންނަށް އައި އުފާވެރި ކަމުގެ ވަގުތުކޮޅެކެވެ.
ހަމައެކަނި ހަފްލާއެއް ބާއްވާފައި، އެމީހުންގެ އަގުވަޒަންކޮށްލީކީ ނޫނެވެ. އެ މީހުން އެކުރާ މަސައްކަތުގެ ބުރަކަން އަމިއްލައަށް ތަޖުރިބާކުރަން ވެސް އިމާދުއްދީން ސްކޫލްގެ ސީނިއާ މެނޭޖްމަންޓުން ނުކުންނެވީއެވެ.
ދައްތައިންގެ ވަޒީފާ ފެށެނީ ސްކޫލް ކިޔަވުން އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު 5:30 ގައެވެ. ދަރިވަރުން ސްކޫލްގެ ދޮރާށިން އެތެރެ ވުމުގެ މާ ކުރިން ސްކޫލް ސާފުކޮށް ނިންމާލުމުގެ ބުރަބޮޑު ޒިންމާއަކީ ނިމުމެއް ނެތް މަސައްކަތެކެވެ.
އެ ދައްތައިން، އެހެން ދުވަސްތަކެކޭ އެއްފަދައިން އާދީއްތަ ދުވަހު ވެސް މަސައްކަތަށް ނުކުތީ ފަތިހު 5:30 ގައެވެ. އެމީހުންނަށް ލިބުނީ އިތުރު ސަޕްރައިޒެކެވެ. އެމީހުންގެ މަސައްކަތާ ހަވާލުވެ ޒިންމާ އުފުލަމުން ދިޔައީ އިމާދުއްދީން ސްކޫލްގެ ސީނިއާ މެނޭޖްމަންޓުންނެވެ. ދައްތަމެންނަށް އެ ދުވަސް އޮތީ ޗުއްޓީއެވެ.
" ހާދަ މަސައްކަތެއް ކުރާބައެކޭ އެއީ. އެ ދައްތަމެންނަށް ނާންނާނެ މި ނޫނިއްޔާ ހިންދެމިލާނެ ދުވަހެއް" އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަންދޫހު ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވި ގޮތުގައި މަދަދުގާރުންގެ ދުވަހުގެ ގޮތުގައި އެ ސްކޫލްގެ ފޯކަސް އެދުވަހު ބެހެއްޓީ ސީދާ މަސައްކަތު ދައްތައިންނަށް ކަމަށެވެ. އޭގެ ސަބަބުން އެމީހުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބި، އެމީހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމުގެ އިހުސާސް އެމީހުންނަށް ވި ކަމަށެވެ.
" އެމީހުން ހިއެއް ނުކުރޭ، މިފަދަ ދުވަހެއް އަންނާނެ ކަމަކަށް. ބުނަން ނޭނގޭ އިހުސާތަކެއް އެމީހުންނަށް ކުރެވުނީ" މަމްދޫހު ވިދާޅުވިއެވެ.
advertisment
ހިޔާލު