މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ސްކޫލުތަކާއި މުއައްސަސާތަކުން ތަފާތުގޮތްތަކަށް މުދައްރިސުންނަށް މަރުޙަބާ ކިޔަމުން ދެއެވެ.
މިއަދަކީ ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަސް ކަމުގައި ވިއަސް ބައެއް ސްކޫލުތަކުގައި މިމަހުގެ 1ވަނަ ދުވަހުން ފެށިގެން ހަފުތާގެ ބައެއް ދުވަސްތައް ހާއްސަކޮށްފައިވަނީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށެވެ. ސްކޫލުތަކުގައި ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އެކި ސްކޫލުތަކުގައި ތަފާތު ތީމްތަކަށް މުޅި ސްކޫލް ޒީނަތްތެރި ކޮށްފައިވާއިރު ޓީޗަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔެވެ. މާލެ އާއި އަތޮޅުތަކުގެ ސްކޫލުތަކުގައި އެކި ފަރާތްތަކުން ސަޕްރައިޒްތަކާއި ޕާޓީތައް ދެމުން އަންނައިރު މުދައްރިސުންނަށް ހާއްސަ މާބޮނޑި ފަދަ ތަކެތި ހަދިޔާ ކޮށްފައިވެއެވެ.
އެގޮތުން ދިޔަމިގިލީ މުއައްސަސާތަކުގެ މުވައްޒިފުން، ބެލިނިވެރިންނާއި ދަރިވަރުން ދިޔަމިގިލީ ސްކޫލުގެ މުދައްރިސުންނަށް މަރުހަބާކީ ރަތްދޫލައިގައި ފިނިފެން މަލުންނެވެ. މަރްހަބާ ކިޔަމުންދިޔަ ވަގުތު މުދައްރިސުންގެ މޫނުމަތިން އުފާވެރިކަމާއި ހިނިތުންވުން ފެނުނެވެ.
ދަރިވަރު.އެމްވީ އާއި ވާހަކަ ދެއްކި މުދައްރިސަކު ބުނީ މިއަދު ކުރެވޭ އިހުސާސްތައް ވަރަށް ތަފާތު ކަމަށާއި ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގެ މުވައްޒިފުންގެ ފަރާތުން އެމީހުން ދެކެ ވާ ލޯބި ފެނުމުން ވަރަށްވެސް އުފާކުރާ ކަމަށެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރު ކަމުގައިވާ "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު"މިޝިއާރު ކަމުގައި ވީހިނދު ސްކޫލުތަކުގައި ކުރިއަށް ގެންދާ ތަފާތު ހަރަކާތްތަކުންނާއި ރަތްދޫލައިގެ ފިނިފެންމަލުން ކިޔާލާ މަރްހަބާތަކުން މުދައްރިސުން ދެކެ މުޅި ގައުމު ފަހްރުވެރިވެ ލޯބި ވާކަން އެވަނީ ފެނިފަ އެވެ.
މިފުރުސަތުގައި އަހުރަވެތި ހުރިހާ މުދައްރިސުންނަށް، މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ، ހިތުގެ އެންމެ ފުންމިނުން އަރިސް ކުރަމެވެ.
advertisment
ހިޔާލު