ކޮއްކޮމެން ޕްރީ ސްކޫލުން އެއްވެސް ކުއްޖަކު ބާކީ ކުރުމެއް ނެތް

ދިރާސީ އާ އަހަރަށް، ކޮއްކޮމެން ޕްރީ ސްކޫލަށް ވަންނަ ބޭނުންވާ ކުދިންނަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުޅާލާފައެވެ. އެހެން ސްކޫލްތަކާ ޚިލާފަށް އެ ސްކޫލަށް ކުދިން ވެއްދުމުގައި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ކުދިންނަށް ފުރުޞަތު ދެއެވެ. އެ ސްކޫލަށް ކުދިން ވެއްދުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތަފާތެއް ނުކުރެއެވެ.

ސޯބިރާ ވިދާޅުވިގޮތުގައި ކުއްޖާގެ ހުންނަ ނުކުޅެދުންތެރިކަމަށް ބަލައިގެން ބައެއް ޕްރީ ސްކޫލްތަކަށް ނުވައްދައިގެން އެ ސްކޫލަށް ވައްދަން ގެންނަކަމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކޭ ކިޔާފައި ބާކީ ނުކުރާނެ ކަމަށެވެ.

" ނުހިނގޭ ކުދިން ވެސް އަޅުގަނޑުމެން އެބަގެންގުޅެން. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން އެބަ ގެންގުޅެން، މިހާތަނަށް އެއްވެސް ކުއްޖަކަށް ނޫނެކޭ ނުބުނަން" ކޮއްކޮމެން ސްކޫލްގެ ޕްރިންސިޕަލް ސޯބިރާ އަހުމަދު ވިދާޅުވިއެވެ.

" ކުއްޖާގެ ހާލަތަށް ބަލާފައި ޓީޗަރުން އިތުރަށް ހޯދަނީ. ބައެއް ފަހަރު ހާލަތުގެ ގޮތުން އެފަދަ ކުދިންނަށް ސެޝަންތައް ކުރުވެދާނެ"

ދޮޅު އަހަރުގެ ކުދިންނަށް ޕްރީކޭ ފެށިގެން ގުރޭޑް އެކަކަށް ދިއުމާ ހަމައަށް ކޮއްކޮމެން ޕްރީ ސްކޫލުން ފުރުޞަތު ދެ އެވެ." ޕްލޭ ގްރޫޕް" ގެ ގޮތުގައި ބަލާ ބޭބީ ނާސަރީއަށް ވައްދަނީ ދެ އަހަރުން މަތީގެ ކުދިންނެވެ. ނާސަރީ އުމުރަކީ ތިން އަހަރާއި ހަތަރު އަހަރުން މައްޗެވެ. ޖޭކެޖީގެ އުމުރަކީ ހަތަރު އަހަރާއި ފަސްއަހަރުން މައްޗެވެ. ފަސްއަހަރު ނޫނީ ހަ އަހަރުން މަތީގެ ކުދިން ވައްދަނީ އެސްކޭޖީއަށެވެ. ކުދިން ވެއްދުމުގައި އެއްއާއިލާގެ އެއްޖުއްޖަކަށްވުރެ ގިނަ ކުދިން ވައްދާނަމަ 15 އިންސައްތައިގެ ޑިސްކައުންޓެއް ދެއެވެ.

އެހެން ޕްރީ ސްކޫލްތަކާ ޚިލާފަށް ކޮއްކޮމެން ޕްރީ ސްކޫލްގައި ކިޔަވައިދޭ ގަޑި އިތުރެވެ. ހަތަރު ގަޑިއިރަށް ކިޔަވައިދެނީ، ކޮންމެ ދުވަހަކުވެސް އެ ސްކޫލުން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމަކަށް ވަގުތު ދިނުމުގެ ގޮތުންނެވެ. "ހިކްމާ ޕްރޮގްރާމް" ގެ ނަމުގައ ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ކުރިއަށް ގެންދަނީ ޤުރުއާނާއި އިސްމާލީ ރީތި އާދަކާދަ ދަސްކޮށްދިނުމެވެ. އެހެން ޕްރީ ސްކޫލްތަކާ ޚިލާފަށް އަރަބި ބަސް ވެސް ވަކި ބައެއްގެ ގޮތުގައި ކޮއްކޮމެން ޕްރީ ސްކޫލްގައި ކިޔަވައިދެއެވެ.

" އެންމެ ތުއްތު މަރުޙަލާއިން ފެށގެން ޤުރުއާން ކިޔަވައިދޭއިރު، ޤުރުއާން ކިޔަވާދޭށޭ ކިޔާފައި މި ސްކޫލްގެ ދަރިވަރަކު އިތުރު ތަނަކަށް ގެންދާކަށް ނުޖެހޭނެ. ޤުރުއާނަށް ޚާއްޞަ ޓީޗަރެއގެ ބެލުމުގެ ދަށުން، ކުދިން ސްކޫލްގައި ހޭދަކުރާ ވަގުތުގެ ތެރޭގައި އަޅުގަނޑުމެންގެ އެބައި ކަވަރު ކޮށްދެން" ސޯބިރާ ވިދާޅުވިއެވެ.

ސޯބިރާ ވިދާޅުވި ގޮތުގައި "ހިކްމާ ޕްރޮގްރާމް" ޕްރޮގްރާމުގެ ތެރެއިން 99 އިސްމުފުޅާއި އޭގެ މާނަވެސް ކުދިންނަށް ދަސްކޮށްދޭ ކަމަށެވެ.

"އިސްމާމިކް ރީތި އާދަތަކަށް ޚާއްޞަ ސަމާލުކަމެއް ދެން. ކުދިން ގެއަށް ދާނީ ކޮންމެ ދުވަހަކުވެސް ޟުޙާ ނަމާދު ވެސް ކޮށްގެން" ޞޯބިރާ ވިދާޅުވިއެވެ.

" ހަމައެކަނި ކިޔާދީފައި ދޫކޮށްލަނީއެއް ނޫން. އަމަލީ ގޮތުން ކުދިން ލައްވައި އެކަންތައްތައް އެބަ ކުރުވަން. ފެބުރުއަރީން ފެށިގެން ކުދިންލައްވައި ވުޞޫވެސް ކުރުވަން. ނަމާދުވެސް ކުރުވަން. މި ހުރިހާ ކަމެއް ކުރަން ފެށީމާ ކުދިންގެ އަޚުލާގަށް ވަރަށް ބޮޑު ހެޔޮ އަސަރުތަކެއް އެބަކުރޭ "

ކޮއްކޮމެން ޕްރީ ސްކޫލުން ބުނީ، ވަންނަން ބޭނުންވާ ކުދިންނަށް އަދި ޖާގަ އޮތް ކަމަށާއި، ޖާގަ އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *