ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދޭނެ ގޮތުގެ ޕްލޭނެއް ހަދާފައެއް ނެތް: އެޑިއުކޭޝަން މިނިސްޓަރު

ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދޭން ފެށިއިރު، އެ ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ހަދާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން އަންނަ އަހަރު ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކުރާނެ ކަމަށެވެ. އެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ބައެއް މާއްދާތަކުގެ ފޮތްތައް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެބްލެޓް ބޭނުން ކުރަންފަށާއިރު، އަތޮޅުތެރޭގައި އިންޓަރނެޓް ކަނެކްޓިވިޓީ ހުރި ވަރެއް އެނގިވަަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ ސްކޫލުތަކުގެ ވައިފައި ޚިދުމަތް ރަނގަޅު ކުރަން ދިރާގާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެބްލެޓް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ނުދެވޭނެކަމަށާއި މިހާރު ދޫކޮށްފައިވާ ޓެބްލެޓްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް ދިމާވާ އުނދަގޫތައް ދެނެގަތުމަށް ސާރވޭއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

" ސަސްޓަނައިބަލް ގޮތެއްގައި މިކަން ނެތް ދެމެހެއްޓޭކަށް. އިތުރަށް ވަންނަ ކުދިންނަށް އިތުރަށް ޓެބްލެޓް ބޭނުންވާނެ. މިކަން ކުރާނެ ގޮތަކާމެދު ވާހަކަ ދެކެވި އެކަމަަށް މަސައްކަތްތަކެއް ކުރެވެމުން ދަނީ" މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް ސްކޫލްތަކުގައި ޓެބްލެޓު ބޭނުން ނުކުރި ނަމަވެސް ޓެބްލެޓްތައް ބޭނުންކޮށްގެން ފިލާވަޅުތައް ދަސްކުރަން އަންގާފައިވާނެ ކަމަށާއި، މި އަހަރަށް ވުރެ ބޮޑަށް އަންނަ އަހަރު އޭގެ ބޭނުން ހިފަން މަސައްކަތް ކުރަމުންދާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތައް ސުމޭކުކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ 70،000ށް ވުރެ ގިނަ ޓެބްލެޓް ގެނެސް ދަރިވަރުންނާ ހަވާލުކޮށްފައެވެ. ޓެބްލެޓް ހަވާލު ކުރި ނަމަވެސް ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން އޭގެ ބޭނުމެއް ބައެއް ސުކޫލުތަކަކުންނެއް ނުކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *