ޣާޒީ ސްކޫލްގެ "ޖޯލިފަތި"ން މަޝްވަރާއާއި ޙައްލު

ކަމެއް ނިންމުމުގައި އެންމެ މުހިންމީ މަޝްވަރާގެ އުޞޫލެވެ. އެކަމެއްގެ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ލިބި، ވަށައިޖެހޭ ހައްލަކަށް ވިސްނަން އެންމެ ރަނގަޅު މާހައުލެއް އުފެއްދޭނީ ވެސް އެފަދަ މަޝްވަރާގެ މޭޒުންނެވެ.

ޣާޒީ ސްކޫލުން ކުރިއަށް ގެންދާ "ޖޯލިފަތި"ން ދަނީ އެ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ހިމެނޭހެން ދަރިވަރުންނާއި ސްކޫލާ ގުޅުން ހުރި ކަންތައްތަކުގައި މަޝްވަރާކޮށް ޙައްލުތައް ހޯދައިދެމުންނެވެ. ޣާޒީ ސްކޫލުން ބުނީ، ޖޯލިފަތި ޕްރޮގްރާމުން ކުރާ ކަމަކީ، ވަރަށް އެކުވެރި މާހައުލެއްގައި އެމީހެއްގެ އިހުސާސްތަކާއި ދެކޭގޮތް އަނެކާއާ ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ފަންނީ ލަފާގެ އިތުރުން އެކިއެކި ކަންކަމާ ގުޅޭ މައުލޫމާތު ދެފަރާތުން ހިއްސާކުރުމެވެ.

މިހާތަނަށް އައިއިރު، "ޖޯލިފަތި"ގެ ނަމުގައި އެތަކެއް ބައްދަލުވުން ތަކެއް ޣާޒީ ސްކޫލުން ބާއްވައިފިއެވެ. މުދައްރިސުންނަށް އަމާޒުކޮށެވެ. ބެލެނިވެރިންނަށް އަމާޒުކޮށެވެ. ދަރިވަރުން ވެސް ޝާމިލުކޮށްގެންނެވެ. މިވަރުން ނިމުނީކީ ނޫނެވެ. މިފަދަ ބައްދަލުވުންތައް ވަކިވަކި ކުދިންނާއި ބެލެނިވެރިންނަށާއި ފޯކަސްކުރާ ވަކިވަކި ގުރޫޕްތކަށް ވެސް އަމާޒުކުރެއެވެ.

" އަމާޒުކުރާ ދާއިރާއެއްގެ ގޮތުން ބައިވެރިވާ ފަރާތްތައް ކަނޑައަޅަނީ. ޓީޗަރުންނަށް ވަކިން އަމާޒުކޮށްގެން އެބަ ހިންގަން. ބެލެނިވެރިޔާއާއި ދަރިވަރާއެކު ބައްދަލުކުރެވޭ. ފޯކަސްކުރެވޭ ވަކި ކަންތައްތަކަށް އަމާޒުކޮށްގެން އެކަމަކާ ގުޅުން ހުރި ފަރާތްތައް ގެނެސްގެން ވާހަކަ އެބަދެކެވޭ. މި ހުރިހާ ކަމަކުން ފެންނަނީ އެދެވޭ ހެޔޮ ބަދަލު ތަކެއް. ބިނާކުރުވަނިވި ޚިޔާލުތަކެއް. އެ ޚިޔާލުތަކާއެކު ކަންތައްތަކަށް ޙައްލު ވެސް އެބަ ހޯދޭ" ޖޯލިފަތި ޕްރޮގްރުގައި އިސްކޮށް މަސައްކަތް ކުރައްވާ ލިޑިން ޓީޗަރު، ސައީދާ ހަސަން ވިދާޅުވިއެވެ.

ޖޯލިފަތީގައި، މަޝްވަރާތަކާއި ބަހުސްތަކާއި ޚިޔާލުތައް ހުށަހަޅާއިރު، ކުރިއަށް ދަނީ ވަރަށް އެކުވެރި މާހުލެއްގައެވެ. ސަޔާއި ކޮފީވެސް ލިބެން ހުރެއެވެ. ސަމާސާ ކުރާފަހަރު ވެސް އާދެއެވެ. ސީރިއަސްވާ ގަޑީގައި ސީރިއަސްވާ ހާލަތްތައްވެސް އާދެއެވެ. ޖުމްލަކޮށް ބުނާނަމަ ޖޯލިފައްޗަށް ހުށަނޭޅޭ މައްސަލައެއް ނެތެވެ. ވާހަކަ ނުދެކެވޭ މައުޞޫއެއް ނެތެވެ. ސްކޫލާއި ދަރިވަރުންނާ މުދައްރިސުންނާ ގުޅުން ހުރި ކޮންމެ ކަމަކީ ވާހަކަ ދެކެވޭނެ މަޢުޞޫއެކެވެ.

" އާންމުކޮށް ގެންދާ ބައްދަލުވުން ތަކުގެ އިތުރަށް، ކުއްލި ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަކަށް ފޯކަސްކޮށް، ޚިޔާލު ބަދަލުކޮށް މައުލުމާތު ހިއްސާ އެބަކުރަން. ކުދިންގެ އުޅުމާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ މައިންބަފައިންނާ ވަކިން ވާހަކަ އެބަދެކެވޭ. ކުދިންގެ އަޚުލާގާއި މުދައްރިސުންނަށް އަމާޒުކޮށްގެން ވެސް ވާހަކަ ދެކެވޭ" ސައީދާ ވިދާޅުވިއެވެ.

ސައީދާ ވިދާޅުވި ގޮތުގައި، ޖޯލިފަތީގެ އެ ޚިޔާލު، ޕްރިންސިޕަލަށް ހުށަހެޅުމުން ޕްރިންސިޕަލްގެ ފަރާތުން ލިބެމުން ދާ އެއްބާރުލުމާއި އެހީތެރިކަމަކީ އެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

" އަބަދުވެސް ވަރަށް ކައިރިން ބައްލަވާ. އަޅުގަނޑުމެންނާއެކު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ. ޚިޔާޅުތައް ހުށަހަޅުއްވާ"

ސައީދާ ވިދާޅުވިގޮތުގައި "ޖޯލިފަތި"ގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަހި ފުރުޞަތު ހޯދައިދީ، އެކުދިންނާ މުއާމަލާތް ކުރާނެ ގޮތްތަކާއި އެކުދިންނަށް ދިމާވާ ކަންތައްތައް ބެލެނިވެރިންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

" އެކަނި އުޅޭ ބެލެނިވެރިންނަށް، ކުއްޖާ ސްކޫލްގައި އުޅޭ ވަގުތަށް ބަލައިގެން ވެސް ބައެއް ސެޝަންތައް އަމާޒުކޮށްފައި ހުންނާނެ"

ސައީދާ ވިދާޅުވީ "ޖޯލިފަތި" ބައްދަލުވުންތައް ކުރިއަށް ގެންދަނީ ތާވަލެއް ހަދައި އެ ތާވަލާ އެއްގޮތަށެވެ. ހުރިހާ ގުރޭޑްތަކެއްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނާވެސް ބައްދަލުކުރާނެއެވެ. މަހެއްގެ ތެރޭގައި މަދުވެގެން ހައެއްކަ ބައްދަލުވުން ބޭއްވުމަކީ އަމާޒެއް ކަމަށް ސައީދާ ވިދާޅުވިއެވެ.

"ހަމައެކަނި ކަމެއް ކޮށްލުމުގެ ބަދަލުގައި، މި ޕްރޮގްރާމާމެދު ދެކޭގޮތް ވެސް އެބަބަލަން. ކަމެއް ކުރަންޏާ އެކަމުން ނުކުންނަ ނަތީޖާއަށް ވެސް ބަލަންޖެހޭ. މިހާތަނަށް ލިބުނު ޚިޔާލުތަކަށް ބަލާއިރު، ވަރަށް ހިތްހަމަޖެހޭ. ވަރަށް އެކުވެރި މާހައުލެއްގައި މައުލޫމާތު ބަދަލުކުރެވޭ ކަމަށް ބެލެނިވެރިން ފާހަގަކުރޭ. ޓީޗަރުންނާއެކު އެގޮތަށް އިށީނދެލުން ވެސް އެއީ ބޮޑުކަމެއްގެ ގޮތުގައި ބެލެނިވެރިން ފާހަގަކުރަނީ"

ޣާޒީ ސްކޫލުން ބޭނުން ވަނީ މިހާރަށްވުރެ ބޮޑަށް " ޖޯލިފަތި"ން ދެވޭ މައުލުމާތާއި ހޯދޭ ޙައްލުތައް އިތުރުކުރުމެވެ. ބިނާކުރުވަނިވި ޚިޔާލުތަކުން ދަރިވަރުންނާއި މުދައްރިސުންނަށް އަދި ސްކޫލާއި ބެލިވެރިންނަށް އޭގެ ފައިދާކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *