މުދައްރިސުންނަށްޓަކައި އެއް ހަފްތާވެސް މަދު

އެންމެ ތުއްތު އިރުން ފެށިގެން ޅަފިޔޮއްތަކެއްހެން ކުދިން ގެންގުޅެ އެމީހުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް އެހަދަނީ މުދައްރިސުންނެވެ. ފަށާތަޢުލީމުން ފެށިގެން ޕީއެޗުޑީއާ ހަމައަށް ކިޔަވައިދެނީ މުދައްރިސުންނެވެ. މާނައަކީ އަބަދުވެސް ދަރިވަރެއްގެ ފަހަތުގައި މުދައްރިސެއް ހުންނާނެއެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރިތާ އަދި މާގިނަދުވަހެއް ނުވެއެވެ. އެދުވަހަކީ އޮކްޓޯބަރ 5 އެވެ. ނަމަވެސް މިފަހަރު ގިނަ ސްކޫލްތަކުގައި އެދުވަސް ފާހަގަކުރީ ހަފްތާއެއްގެ ގޮތުގައެވެ. އެފަދަ މުހިންމު ބަޔަކަށްޓަކައި އެއްހަފްތާ ހޭދަކޮށްލުމަކީ މައްސަލައެއް ނޫނެވެ.
އެދުވަހު އެމީހުންނަށް ދިއްކޮށްލާ މާބޮނޑިއަކީ މާބޮޑުއެއްޗަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ޝުކުރިއްޔާއޭ ބުނެލުމަކީވެސް މުދައްރިސުންނަށް ވަރަށް މުހުންމި ކަމެކެވެ. އެމީހުންނަށް ލިބޭ ހިތްވަރެކެވެ.
"ޓީޗާސްޑޭ ފާހަގަކުރަނީ އެމީހުން ކޮށްދޭ ޚިދުމަތްތައް އަގުވަޒަން ކުރަން. އެއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާދުވަހެއް. ކޮންމެ ދުވަހަކީވެސް ޓީޗަރުންގެ ދުވަހެކޭ ބުނެވިދާނެ. އެހެންނަމަވެސް ޚާއްސަ ދުވަހެއް ކަނޑައަޅައި އެދުވަހު ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ ވެސް ކޮންމެވެސް ކަމަކުތާ. އެދުވަހަކީ ޓީޗަރުން އުފާވާ އުފާކޮށްދޭ ދުވަސް ކަމަށް ހަދަންޖެހޭ. އެކަން ކޮށްދޭނީ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި ކުދިން،" ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުދައްރިސުން އަބަދުވެސް އެންމެ އުފާވާނީ ކުދިން ބަސް އެހީމައެވެ. ރަނގަޅަށް ކިޔަވައި ފިލާވަޅުތައް ދުވަހުން ދުވަހަށް ދަސްކުރީމައެވެ. މުދައްރިސުންގެ ދުވަހުވެސް އެމީހުން އެންމެ އުންމީދުކުރާނީ ދަރިވަރުންނަކީ ހަރުދަނާ އަޚުލާގު ރަނގަޅު ދަރިންތަކަށްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މުދައްރިސުންގެ ދުވަހަކީ އެއީ މުޖުތަމަޢުގައި ކިހާ މުހިންމުބައެއްކަން އެމީހުންނަށް އަންގައިދޭން އެންމެ މުނާސަބު ދުވަހެއެވެ. މުދައްރިސުންނަށް އަންނަ އެންމެ އަސަރުގަދަ ދުވަހަކީވެސް އެދުވަހެވެ.
މުދައްރިސުންނާ ނުލައި މުޖުތަމަޢު އޮންނާނީ ކިހިނެއް ހެއްޔެވެ؟ އަނދިރިވެފައެވެ. އެއްވެސް ކުލައެއް ދިރުމެއް ނުފެންނާނެއެވެ. އެފަދަ ތަނެއްގައި ދިރިއުޅޭ ބަޔަކަށް އޮންނާނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން އުންމީދެއް ހެއްޔެވެ. އެހެންވީމާ މުދައްރިސުންނަކީ އެކި ކުލަތަކުން އަޅުގަނޑުމެންގެ މުސްތަގުބަލް ކުރަހައިދޭ އެދުރުންނެވެ. އެމީހުންގެ ފިހިން ކުލަ ހުސްވާ ދުވަހެއް ނައުދެއެވެ. އެހާ މުހިންމު ބަޔަކު "މުޅި އަހަރުދުވަހު މަސައްކަތްކޮށްފައި އެންމެ ހަފްތާއެއް ނުވަތަ އެންމެ ދުވަހެއް އެމީހުން ހިތްހަމަޖެއްސުމަކީ މައްސަލައެއްނޫން. އެއީ ކިހާ މުހިންމުބައެއްކަން އެމީހުންނަށް ވެސް އެދުވަހު ފީލްކޮށްދޭންޖެހޭ. ހަމައެކަނި ޝުކުރިއްޔާ ބުނެލުނަކީ ވެސް އުފާނެ ކަމެއް،" ޕްރިންސިޕަލް ވިދާޅުވިއެވެ.
ގިނަ މުދައްރިސުންނަކީ އަމިއްލަ ޢާއިލާއާއެކު އުޅޭ ބައެކެވެ. ޢާއިލާއަށް ވަގުތު ދެމުން ސްކޫލަށްގޮސް ކިޔަވައިދެމުން އެމީހުންނަށް އަމިއްލައަށް ކިޔަވަމުން އެމީހުންކޮށްދޭ ޚިދުމަތްތައް ބަލައިގަންނަންޖެހެއެވެ.
"ޓީޗަރުން އަބަދުވެސް މަސައްކަތް ކުރާނީ އެމީހުންނަށް ލިބިފައި ހުންނަ ހުނަރެއް ބޭނުންކޮށްގެން ދަރިވަރުން ކުރިއަރުވަން. އެހުނަރު ބޭނުންކޮށްގެން ތިމާގެ ކުރިއެރުމަކަށް ޓީޗަރުން ވިސްނާ ކަމަށް ޤަބޫލެއް ނުކުރެވޭ. އެހެންނަމަވެސް ޓީޗަރުންގެ ދުވަހަކީ އެމީހުންގެ ހުނަރު ދައްކާލަން ލިބޭ ފުރުސަތެއް. މަދަޙަ ކިޔަން ބޭނުންވާ ޓީޗަރުން ތިބެފާނެ. ލަވަކިޔަން ބޭނުންވާ ޓީޗަރުން ތިބެދާނެ. ކަރޯކޭއާއި ނައިޓު ފިޝިންއަށް ދާން ބޭނުންވާ ޓީޗަރުން ތިބެދާނެ. ކީއްވެ އެމީހުންނަށް އެފުރުސަތު ނުދޭންވީ؟" ކުރިން ވާހަކަ ދެއްކެވި ޕްރިންސިޕަލް ވިދާޅުވިއެވެ.
މުދައްރިސުންނޭވެ! ތިޔަ ބޭފުޅުންގެ ފަރާތުން އަބަދުވެސް އެދެވެނީ އެންމެ ރަނގަޅު ޚިދުމަތެވެ. ޚިދުމަތް ކޮށްދެއްވާށެވެ. އަޅުގަނޑުމެން ބަލައިގަންނާނަމެވެ. ތިޔަ ބޭފުޅުންނަށް ޝުކުރު އަދާކުރުމަށް އެއް ހަފްތާވެސް މަދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *