ދަރިވަރުންނަށް އާ އީޖާދީ ވިސްނުންތަކަށް މަގުފަހިކުރުވުމަށް، ސޯޝަލް އިނޮވޭޝަން ކުލަބެއް އުފައްދަން ޏ. އަތޮޅު ތައުލީމީ މަރުކަޒުން ނިންމައިފިއެވެ.
މިއީ މިފަދަ ވިސްނުމެއްގައި ސޯޝަލް އިނޮވޭޝަން ކުލަބެއް ރާއްޖޭގެ ސްކޫލެއްގައި ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ދަރިވަރު ނޫހަށް ވިދާޅުވީ ޔުނިސެފްގެ "އަޕްޝިފްޓް" މަންހަޖަށް ބިނާކޮށް އެ ސްކޫލްގައި ގާއިމްކުރާ ސޯޝަލް އިނޮވޭޝަން ކުލަބުގައި ބައިވާން ގުރޭޑް 7 ގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ޔުނިސެފުން ހިންގާ "އަޕްޝިފްޓް" ޕްރޮގްރާމަކީ ޒުވާނުންނާއި ފުރާވަރުއުމުރުގެ ކުދިންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސޯޝަލް އިނޮވޭޝަން ވަރކްޝޮޕްތަކާއި، ކުރިޓިކަލް ތިންކިންގއާއި ރިސަރޗް ސްކިލްސްއާއި 21 ވަނަ ޤަރުނަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުމަށް ބޭނުންވާ ހުނަރުތައް ވަށާޖެހޭ ގޮތެއްގައި ދަސްކޮށްދެއެވެ. މުޖުތަމަޢުގައި ހުރި މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަނެ، އެމައްސަލަތަކަށް ޙައްލު ހޯދުމުގެ ހުނަރުތަކާއި ވަސީލަތްތައް ޒުވާނުންނަށް ފަހިކޮށްދީ، މިމައްސަލަތަކަށް ޙައްލު (ޕްރޮޑަކްޓް ނުވަތަ ޚިދުމަތްތަކުގެ ސިފައިގައި) ހޯދައިދޭނެ ފުރުޞަތު ފަހިކޮށްދެއެވެ.

ސައުދުއްﷲ ވިދާޅުވީ، މި ޕްރޮގްރާމް ރާއްޖޭގެ 50 ސްކޫލެއްގައި ހިންގަން ޔުނިސެފުން މަސައްކަތް ކުރާ ކަމަށާއި، ޏ. އަތޮޅު ތަޢުލީމީމަރުކަޒުން މަސައްކަތް ކުރަނީ ޔުނިސެފުގެ އެ މުގައްރަރު ކުލަބު ހަރަކާތެއްގެ ތެރެއިން އެ ސްކޫލްގައި ދާއިމީ ގޮތެއްގައި ތަންފީޒު ކުރާށެވެ.
ސައުދު ވިދާޅުވީ، ކުލަބުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މަހެން ނޫނީ ދެ މަހަށް ދެމިގެންދާ ބޫޓް ކޭމްޕެއް ކުރިއަށް ގެންދާނެ ކަމަށާއި، ވަށައިޖެހޭ ގޮތެއްގައި ހުރިހާ ކަމަކަށް އެ ކޭމްޕުގައި ދަރިވަރުން ހާނުވާލާނެ ކަމަށެވެ.
" ބޫޓް ކޭމްޕް ނިމޭއިރު ކޮންމެ ދަރިވަރަކަށް ވެސް އެނގޭނެ އެ އަހަރު އެކުއްޖަކު ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް ކަނޑައަޅަން. އެ ޕްރޮޖެކްޓް އެ އަހަރުގެ ތެރޭގައި އެކުއްޖަކު ކުރިއަށް ގެންދާނީ" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ މި ކުލަބުގެ ތެރެއިން ދަސްކޮށްދެނީ ގައުމުގައި ހުރި އިޖްތިމާއި އެތައް މައްސަލަތަކާމެދު ފުންކޮށް ވިސްނައި، އެ މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަނެ އެކަންތައްތައް ހައްލުކުރާނެ ގޮތްތަކެވެ. އަދި އުފެއްދުންތެރި ޚިޔާލުތަކާއެކު ވިޔަފާރިއެއް ހިންގިދާނެ ގޮތްތަކެވެ.
" އިޖްތިމާއީ މައްސަލަތަކަށް އެކުދިން ހުށަހަޅާ ހައްލުތައް. ވިޔަފާރިއެއް ފަށަން އެކުދިން ނެރޭ އުފެއްދުންތެރި ޚިޔާލުތަކުން ޕްރޮޑަކްޓެއް ނުވަތަ ޚިދުމަތެއް ފުޅާކުރާނެ ގޮތްތައް. މިފަދަ އެތައް ކަންތައްތަކެއް އެކުދިން ދިރާސާކޮށް ޕްރޮޖެކްޓެއްގެ ސިފައިގައި ގެންނާނެ"
ސައުދު ވިދާޅުވިގޮތުގައި އިޖްތިމާއި ގޮތުން އެކުދިންނަށް ފާހަގަކުރެވޭ ކަންތައްތައްކަށް ދިރާސާގެ އަލީގައި ހައްލުތައް ހުށަހެޅުމުން އެއީ ރަނގަޅު ހައްލެއް ކަމުގައި ވާނަމަ އެކަން ރަނގަޅު ކުރުމުގެ ފުރުޞަތު ކަމާބެހޭ ފަރާތްތަކަށް އޮންނާނެ ކަމަށެވެ.
" މިރަށު{ފުވައްމުލަކު} މަގެއްގައި ހުރީ އުނދަގޫވާކަމެއް. އެވެދާނެ ވަރަށް ދުވަސްވީ ހައްލު ނުވެ ހުރިކަމަކަށް ވެސް. އެކަން ހައްލުކުރުމުގެ ގޮތުން އެކަމަށް ބިނާކޮށް ހައްލެއް ހުށަހަޅައިފިނަމަ އެކަން އަޅުގަނޑުމެން ކައުންސިލަށް ހުށަހަޅައި، ކައުންސިލަށް ވެސް އެއީ އެކަމުގެ ހައްލުކަމަށް ގަބޫލުކުރެވިއްޖެނަމަ އެއީ އެ ދަރިވަރަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް"

ސައުދު ވިދާޅުވި ގޮތުގައި އިޖްތިމާއީ މައްސަލަތަކުގެ އިތުރުން އިޖާދީ ގޮތެއްގައި ވިޔަފާރިތަކާ މެދު ވެސް ދަރިވަރުންނަށް ވިސްނަން ފުރުޞަތުދީ އާ ވިޔަފާރިއަށް މަގުފަހިކޮށްދޭންޖެހޭ ކަމަށާއި، އެފަދަ ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ މަގުތައް ވެސް ކުލަބު ހަރަކާތްތަކުން ދަރިވަރުން ނެރޭނެ ކަމަށެވެ.
" އާންމުކޮށް ކެއުމަށް ބޭނުންކުރާ ބަތް، ބާކީވެއްޖެނަމަ މިހާރު ކުކާލަނީ. ކުރިން އެ ބޭނުން ކުރީ ކެއުމަށް ބޭނުންކުރާ އިތުރު އުފެއްދުމަކަށް. އެ ބަތްކޮޅު އުކާނުލާ މާ ޖައްސައިގެން ނަމަވެސް އުފެއްދުންތެރި ގޮތަކަށް، ޕްރޮޑެކްޓެއްގެ ގޮތުގައި ނެރެވިދާނެ ގޮތްތަކެއް މި ކުލަބުގެ އެހީގައި ދަސްކޮށްދެނީ" މިސާލެއްގެ ގޮތުގައި އެ ޕްރޮގްރާމް ކުރިއަށް ދާނެ ގޮތް ސައުދު އޮޅުންފިލުވައިދެއްވިއެވެ.
ސައުދު ވިދާޅުވިގޮތުގައި ސޯޝަލް އިނޮވޭޝަން ކުލަބުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ކުދިންނަށް މި އަހަރު ފުރުޞަތު ނުދެވިދާނެ ކަމަށާއި، ބޭނުންވަނީ 30 ކުދިންނާއެކު މި އަހަރު ކުލަބު ފަށައިގަންނާށެވެ.
" 97 ކުދިން ގުރޭޑް ހަތެއްގައި ކިޔަވަމުންދާއިރު، މިހާރުވެސް 60 އަށްވުރެ ގިނަ ކުދިން ބައިވެރިވާން އެދިއްޖެ. މިއީ މި ކުލަބުގެ ހަރަކާތްތަކަށް ކުދިންގެ މެދުގައި އޮތް ޝަޢުގުވެރިކަން"
advertisment
ހިޔާލު