ޑރ. އާސިޔަތުގެ ކޮލަމް: ހަނގާކުރުން އާންމު ކަމަކަށް ވެފައި: ޒިންމާ ވާންވީ ކާކު؟

އެއްވެސް ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމަޢުތެރޭގައި ހަނގާ ކުރުން މިވަނީ ބިރުވެރި މިންވަރަކަށް ފެތުރިފައެވެ. ގޭތެރެއިން  ފެށިގެން މުޅި މުޖުތަމަޢު ހިމެނޭގޮތަށް ސްކޫލްތަކުގެ ތެރެއަށް ހަނގާ ކުރުން ފެތުރިފައިވަނީ ނުރައްކާތެރި މިންވަރަކަށްކަން މިއީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ. މިއީ ހުރިހާ އެންމެނަށް އެނގޭ ހަޤީޤަތެއް ނަމަވެސް ނުރައްކާތެރި ދަރަޖައަކަށް ހަނގާކުރުން  މުޖުތަމަޢުތެރޭ އޮތްކަން ޤަބޫލުކޮށް އެވާހަކަ ދެއްކުން އަދިވެސް ވެފައިވަނީ ނުހަނު އުނދަގޫ ކަމަކަށެވެ. ފަހަރެއްގައި އެވާހަކަ ނުދެއްކުމަކީ ހަނގާކުރުން ނެތުންކަމުގައި އިޙުސާސް ކުރެވެނީ ކަމަށްވެސް ވުން އެކަށީގެންވެއެވެ.

މުޖުތަމަޢު ތެރޭގައި އެކަކު އަނެކަކާ ދިމާކުރުން އޮތީ ވަކިތަނެއްގައި ވަކިބައެއްގެ ތެރޭގައި ވަކިމިންވަރަކަށޭ ބުނެވޭ ވަރަށްވުރެ ބޮޑަށް މިކަން މިވަނީ ޢާއްމުވެފައެވެ. ހުރިހާ އުމުރެއްގެ ހުރިހާ ދަރަޖައެއްގެ މީހުންގެ ތެރެއަށް މިނުރައްކާތެރި ޢަމަލު މިވަނީ ފެތުރިގެންގޮސްފައެވެ. ގިނަފަހަރަށް މިކަން އޮތް މިންވަރު އަދި މިކަމުން ކުރާއަސަރު އެނގޭ ހިނދުވެސް ކުރެވޭނެ މާބޮޑު ކަމެއްނެތްކަމުގެ އިޙުސާސް ކުރެވުން އެއީ އެންމެ މާޔޫސްވާކަމެވެ. އެހެނީ ހަނގާ ކުރުން ހުއްޓުވުން މިއީ އެކަނި އެކަކަށް، ނޫނީ ވަކި މުއައްސަސާ އަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢު ގުޅިގެން އެކަމެއް ހުއްޓުވުމަށް ތެދުވަން ޖެހިފައިވާ ކަމެއްކަން ކަށަވަރެވެ.

ކުދިން ކަންތައް ދަސްކުރުމަށް އެންމެ ޅަފަތުއްސުރެން ބޭނުންކުރާ އެންމެ މުހިންމު އެއްވަސީލަތަކީ ވަށައިގެންވާ މާހައުލެވެ. އެހެންކަމުން މުޖުތަމަޢު ތެރެއިން މިއަދު ތުއްތު ކުދިންނަށް ފެނިގެންދާ މަންޒަރުތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ދަރަޖައެއްގައި ހުރި ކަންތައްކަން ކަށަވަރެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ޗެނަލެއް ޖައްސާލާ ވަގުތުވެސް ފެނިގެންދަނީ ކޮންމެވެސް ދެމީހަކު އެކަކު އަނެކަކާ ދިމާއަށް ހިތަށްއެރި ނަމަކުން ގޮވާ ހިތަށްއެރިހާ އެއްޗެއްކިޔާ ނިންމާލާ މަންޒަރެވެ. މީގެ އިތުރުން ސޯޝަލްމީޑިއަރގެ ކޮންމެ ޕްލެޓްފޯރމެއް ހުޅުވާލި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ޤައުމުގެ އެންމެ އިސްވެރިޔާއިން ފެށިގެން ހުރިހާ ދަރަޖައެއްގެ މީހުންނާދިމާއަށް އެއްވެސް ކަހަލަ ހައްދެއްނެތި ހިތަށްއެރި ކޮންމެ ނަމަކުން ކިޔައި ހިތަށްއެރި ކޮންމެ އެއްޗެއް ލިޔަމުންދާ މަންޒަރުކަމަށް ވީހިނދު ކުދިންދެން ވަކިދަސްކުރާނީ ކޯޗެއްތޯ ސުވާލުއުފެދެއެވެ. އެހެންކަމުން ކުދިންގެ ފަރާތުން ފެނިގެންދާ ހަނގާކުރުމުގެ އަމަލުތަކާދޭރޭ އަޅުގަނޑުމެން ކިތަށްމެ ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް އެކުދިން ކުށްވެރި ކުރުމުގެ ކުރިން އަޅުގަނޑުމެން އިސްލާހުކުރަންޖެހެނީ އަޅުގަނޑުމެންގެ އަމަލުތައްކަމީ އެއްވެސް ޝައްކެތް އޮތް ކަމެއްނޫނެވެ.

ބެލެނިވެރިޔާގެ ޒިންމާއަކީ ކުއްޖަކު އުފަންވާ ހިސާބުންފެށިގެން ވެސް ހަނގާ ކުރުންފަދަ ނުރަނގަޅު އާދަތަކާ ދުރުވުމަށް ދަސްކޮށް ދިނުމާއި ތިމާގެ އަމިއްލަ ޙައްޤަށް ވަކާލާތު ކުރާފަދައިން އަނެކާގެ ޙައްޤު ކަށަވަރު ކުރުމަށް ވެސް މަސައްކަތް ކުރާފަދަ ކުއްޖެއްގެ ގޮތުގައި ކުއްޖާ ތަރުބިއްޔަތު ކުރުމެވެ. ތިމާޔާ ދިމާއަށް އެހެންމީހަކު ބުނަންނޭދޭ އެއްޗެއް ނުވަތަ ތިމަޔާ ދޭތެރޭ އެހެންމީހަކު ކަމެއްކުރަން ނޭދޭ ގޮތަކަށް އެހެންމީހަކާ ދޭތެރޭ ކަންނުކުރުން އެއީ ކޮންމެ ކުއްޖެއްގެ ގައިގައި އަށަގަނެވިފައިވާ ރީތި އާދަޔަކަށް ހެދިއްޖެނަމަ މިހާރު ކުދިންގެ މެދުގައި ހިނގަމުންދާ ގިނަކަންތައްތަކެއް ހުއްޓިގެންދާނެކަން ކަށަވަރެވެ. މިކަންމިގޮތަށް ކާމިޔާބު ކަމާއެކު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަކިކަމެއް ވަކިގޮތަކަށް ކިޔައިދީ، ބުނުމުގެ ބަދަލުގައި ވަށައިގެންވާ އެންމެންގެ ފަރާތުން ކުއްޖާއަށް އެކަން ފެނިގެން ދިއުމެވެ. އަދި އެފަދަކަމެއް އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ސިފައެއްގައި ދިމާވެއްޖެނަމަ އެކަން ހިއްސާކުރުމަށް ކުދިންނަށް ބުނެދިނުމަކީވެސް ނުހަނު މުހިއްމުކަމެކެވެ. އަދި އެގޮތަށް ކުދިން ހިއްސާ ކުރާވާހަކަތައް އަޑުއަހާ އެކަމަށް އެހީތެރިވުމުގެ ގޮތުން ބެލެނިވެރިޔާ ކަންތައްތަކެއް ކުރާކަމުގެ އިހުސާސް ކުއްޖާއަށް ކުރެވޭނަމަ ދެވަނަ ފަހަރަށް އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ކެރިގެން އެކަމާ ކުރިމަތި ލުމުގެ ޤާބިލުކަން ލިބިގެންދެއެވެ.

ސްކޫލްތަކުގެ ޒިންމާއަކީ ކުއްޖާ ސްކޫލާ ގުޅޭ ދުވަހުންފެށިގެން މިތަރުބިއްޔަތު އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރުމާއެކު ރަނގަޅު ހުނަރުވެރި، ދިރިއުޅުމަށް ތައްޔާރުވެފައިވާ  ކުއްޖެއްގެ ގޮތުގައި މުޖުތަމަޢަށް ކުއްޖާ ނެރުމަށް މަސައްކަތް ކުރުމެވެ. ސްކޫލަކީ އެއްތަނަކަށް އެއްވަގުތެއްގައި ގިނަކުދިންތަކެއް އެއްވެ، ކުދީން އެކުގައި އެންމެ ގިނަވަގުތު ހޭދަކުރަމުންދާ ތަނަކަށްވުމުން މުޖުތަމަޢުތެރޭ އޮތް ކޮންމެ ކަމެއް ސްކޫލް ތެރެއިން ކޮންމެވެސް މިންވަރަކަށް ފެނިގެންދާނެއެވެ. އެހެންނަމަވެސް ސްކޫލަށް ކުއްޖަކު ވަންނަ ހިސާބުން ފެށިގެން އެކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސްކޫލުގެ ޒިންމާއެކެވެ. އެހެންކަމުން ސްކޫލްތެރެއަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއްކަން ކަށަވަރުކުރުމަށް ހަނގާ ކުރުމަކީ ކޮބައިކަމާ، އެކަމުން ލިބޭ ގެއްލުންތަކާ އަދި އެފަދަ ކަމެއް ދިމާވާ ހިނދު ޢަމަލު ކުރާނެގޮތް ކުދިންނަށް ގިނައިން ކިޔައިދީ އެކަންކަން ކުދިންގެ ކިބައިގައި ހަރުލައްވަން ޖެހެއެވެ. މިއީ ނުހަނު ބުރަ އަދި ޒިންމާދާރު މަސައްކަތެއް ނަމަވެސް ނުކޮށް ދޫކޮށްލެވޭނެ އެއްވެސްގޮތެއް ނެތް ކަމެއްކަން ކަށަވަރެވެ.

އެކި ނަންނަމުގައި ހެދިފައި ހުރި ތަފާތު މުއައްސަސާ ތަކުން ޔަޤީން ކުރަންޖެހެނީ ކަމެއްދިމާވާ ހިނދު އެއްވެސް މީހެއްގެ ހައިސިއްޔަތަކަށް ނުވަތަ އެއްވެސް ސިފައެއްގައި ލިބިފައިވާ ބާރަކަށް ބެލުމެއްނެތި އަނިޔާ ލިބޭމީހާއަށް އިންސާފު ހޯދައިދެވޭކަން ކަށަވަރު ކުރުމެވެ. އެހެނަސް ގިނަފަހަރަށް ކުރެވޭނެ މާބޮޑު ކަމެއްނެތޭ ހީވާ ކަހަލަ ގޮތަކަށް މުއައްސަސާތަކުން ތިބޭމަންޒަރަކީ ހިތްދަތި މަންޒަރެކެވެ. އަދި ތިމަންނަޔަށް ދެރަގޮތެއް ދިމާވާހިނދު އެހީތެރިކަމެއް ފޯރުކޮށްދޭނެ ފަރާތެއް އެބަހުރި ކަމުގެ ޔަޤީންކަމެއް ނެތުމަކީވެސް މީހާ އިތުރަށް މާޔޫސްވެ ހިތްދަތިވާކަމެކެވެ.

އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެކުގައި މަސައްކަތް ކުރެވިއްޖެނަމަ ހައްލުނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެ ކަމެވެ. ހަމަ އެފަދައިން ހައްލަކާއި ދިމާއަށް ވިސްނުމުގެ ބަދަލުގައި އެކަކު އަނެކަކަށް ކުށްވެރި ކުރުމުގައި ވަގުތު ހޭދަކޮށްލެވޭނަމަ ފެނިގެންދާނީ ކޮންމެ ކަމެއްވެސް ގޯސްވެ ހާލަތު އަތުން ބީވެދާ މަންޒަރުކަން ވެސް ކަށަވަރެވެ. އެހެންކަމުން މިވަގުތުގެ ހާލަތަށް ބަލައި ހުރިހާ އެންމެން ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށަން މިވަނީ ޖެހިފައެވެ. އުންމީދަކީ އެފަދައިން މަސައްކަތް ކުރެވިގެން ދިއުމާއެކު ގައުމު ބޭނުންވާ ފަދަ ރަނގަޅު ޖީލެއް ބިނާވެގެން ދިއުމެވެ.

ނޯޓް: ޑރ. އާސިޔަތު މުޙައްމަދު ދީދީއަކީ އައްޑީސިޓީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލެވެ. ކުދިންނާގުޅޭ އެތައް މައްސަލަތަކަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ތަފާތު މަޒުމޫނުތައް ދަރިވަރު ނޫހުގައި އާސިޔަތު ދަނީ ލިޔުއްވަމުންނެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *