ފަތުރުވެރިކަމުގެ ދުވަހަށް ހާއްސަ ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލަށް

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން "ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ނަމުގައި ބޭއްވި ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފިއެވެ.

ޣާޒީ ސްކޫލް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ޣާޒީ ސްކޫލުން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޝައިން އިބްރާހިމް ރަމީޒްއެވެ.

މިއަދު ހެނދުނުން ފެށިގެން ހެންވޭރު ދަނޑުގައި މާލޭ ސަރަހައްދުގެ 17 ސްކޫލަކާއެކު ކުރިޔަށް ގެންދިޔަ މިފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ކުޅުންތެރިންނަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ އާއި ސްޕެނިޝް ލަލީގާގެ ސެލްޓާ ވިގޯގެ ބައެއް އިސްވެރިންނެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ޣާޒީ ސްކޫލްގެ މުހައްމަދު އައިހަމް އިބްރާހިމްއެވެ. އޭނާ ވަނީ މި މުބާރާތުގައި 4 ލަނޑު ޖަހާފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްއެވެ.

މި ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާ މިޝެލް ސަލްގާޑޯ އިންތިޒާމުކޮށްގެން ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީން ހެދުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. އަދި މި ފިއެސްޓާއިން އެންމެ މޮޅު 8 ކުޅުންތެރިންނަށް ޤައުމީ ޓީމުގެ ސްކޮޑުން ޖާގަދިނުމަށް އެފްއޭއެމްއިން ވެސް ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *