ޒަޔާން ސައުދުﷲ އިދުރީހަކީ ހުސްވި އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި ވަނައެއް ހޯދި ރަށު ސްކޫލަކަށް ނިސްބަތްވި ހަމައެކަނި ދަރިވަރެވެ. ހިސާބު މާއްދާއިން ދުނިޔެއިން އެއްވަނަ އޭނާ ހޯދީ އުފަން ރަށުގައި ހުންނަ އުލިގަމު ސްކޫލުން ކިޔަވައިގެންނެވެ. ހަތް އޭ ސްޓަރ، އެއް އޭ ހޯދައިގެން ގަދަ ދިހައަކުން ދެވަނަ ހޯދިއެވެ. މިއީ ރަށުން ކިޔަވައިގެން ރަން ވަނައެއް ހޯދިދާނެކަން ސާބިތުކޮށްދިން ހުނަރުވެރި ދަރިވަރެކެވެ.
ޒަޔާން ބުނީ ހިސާބުން ލިބުނީ އޭނާ އުއްމީދު ކުރި ނަތީޖާއެއް ކަމަށާއި، ދިވެއްސާމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އޮތް ނަމަވެސް، ދިވެހިން އޭ ލިބުމުން ވަރަށް ހިތްހަމަޖެހުނު ކަމަށެވެ.
" ކިރިޔާވެސް ދަށްވާނެ ކަމަށް އުއްމީދުކޮށްގެން ހުރީ ދިވެހި މާއްދާއިން. އެކަމަކު ނަތީޖާ ލިބުނުއިރު، ދިވެހިން އޭ ސްޓަރ ލިބިފައި އިސްލާމުން އޭ އެއް މި ލިބުނީ"
ހުރިހާ މާއްދާއަކުން މަތިން މާކްސް ހޯދި ނަމަވެސް އޭނާ އެންމެ އިސްކަމެއް ދެނީ ހިސާބު މާއްދާއަށެވެ. އެ މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދީ ޓިއުޝަނަކާ ނުލައެވެ. ސްކޫލްގައި ނަގައިދޭ ފިލާވަޅު ދަސްކުރަނީ އަމިއްލައަށެވެ. އިންޓަރނެޓުން ރިސަރޗް ކޮށްގެންނެވެ. ގްރޭޑް ދިހައަކާ ހަމައަށް އައި އިރުވެސް ހިސާބު މާއްދާއިން ނަގާ އިމްތިހާނު ތަކުން މަދުވަނީ މާކުހެއް، ދެ މާކުހެކެވެ. އެހާވެސް ހިސާބު މާއްދާއަށް އޭނާ ދޭ ސަމާލުކަން ބޮޑެވެ. ޒަޔާން ބުނީ އެދުވަހެއްގެ ފިލާވަޅު އެދުވަހު ދަސްކުރާނަމަ ކިޔެވުމަކީ އުނދަގޫ ކަމެއް ނޫނެވެ. އޭރުން ޓެސްޓް ކައިރިވީމާ ޖެހޭނީ ދަސްކުރި އެއްޗެއް ހަނދާނުހައި ހުރިތޯ ބަލާށެވެ.
ޒަޔާންގެ ބައްޕަ ސައުދުﷲއަކީ އެރަށު ސްކޫލްގެ ޕްރިންސިޕަލެވެ. އޭނާ ވިދާޅުވިގޮތުގައި ޒަޔާންއަކީ ކުޑައިރުއްސުރެ ފޮތަށް ވަރަށް ޝައުގު ހުންނަ ކުއްޖެކެވެ. އަމިއްލަ ޝައުގެއް ހުރެގެން ހިސާބު މާއްދާ ކިޔަވަމުންދާކަން އޭނާއަށް ފާހަގަވީ ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔައިރުއެވެ. އެހެންވެ ހިސާބާ ގުޅުން ހުރި ތަފާތު ފޮތްތައް ވަނީ ޒަޔާނަށް ހޯދާދީފައެވެ.
" ދަސްކުރާ އެއްޗެއް ހަނދާނުގައި ބަހައްޓާނެ. އަމިއްލައަށް ރިސަރޗްކޮށްގެން ކިޔަވަން ބޭނުންވާނީ. ބައެއް ފަހަރު، ޚަބަރެއް ނުވެގެން ބަލާލާއިރު އިންނާނެ ހިސާބާ ގުޅުން ހުރި ކޮންމެވެސް ނަމްބަރެއް ނޫނީ އީކުއޭޝަނެއް ހަދަން. އެހެން އިނދެ އެބަހުރި ފޮތް އެއްޗެހި އެކީ ފުރާލާފައި" ސައުދުﷲ ވިދާޅުވިއެވެ.
ޒަޔާންއަކީ ވަރަށް މަސްމަދު، ބަސްއަހާ ކުއްޖެކެވެ. ވަރަށް މަދުން ނޫނީ ގެއިން ބޭރަށް ގޮސް ނޫޅޭނެއެވެ. ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން އަދަބީ ހަރަކާތްތަކުގައި ބައިވެރިވެއެވެ. ކުޅިވަރުގެ ހަރަކްތްތަކުގައި ބައިވެރިވަނީ ވަރަށް މަދުންނެވެ.
" ހިތްހަމަ ނުޖެހިގެން އެއްވެސް އެއްޗެއް ބުނާކަށް ނުޖެހޭ. ފޫހިފިލުވާލަން ކުރާހާވެސް ކަމަކީ ގޭމް ގުޅުން" ސައުދުﷲ ވިދާޅުވިއެވެ.
ޒަޔާން ދަނީ ސީއެޗްއެސްސީގެ ގްރޭޑް އެގާރައިގައި ކިޔަވަމުންނެވެ. އޯލެވެލްގައި ކިޔެވި އެއްޗިއްސާ އަޅާބަލާއިރު އެތައް ގުނައެއް އިތުރެވެ. ކިޔަވަންޖެހޭ ބައިތައް އެހާމެ ގިނައެވެ. މިއީ އޯލެވެލް ނިންމާ، އޭލެވެލްއަށް ކިޔަވަމުންދާ ކުދިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އަޑެވެ. އެކަމަކު ޒަޔާނަށް ހިސާބު މާއްދާ އުނދަގުލެއް ނުވިއެވެ. ޓިއުޝަން ނަގާކަށް ބޭނުމެއް ނުވިއެވެ.
" ޓިއުޝަނަށް ދާކަށް އެއްބަހެއް ނުވި. ބުނީ އުނދަގުލެއް ނޫނޭ. ގްރޭޑް އަށެއްގައި އުޅުނުއިރު އަމިއްލައަށް ރިސަރޗްކޮށްގެން އޭރު ދަސްކުރި އެއްޗިއްސޭ ކިޔަވައިދެނީ" ސައުދުﷲ ކިޔައި ދެއްވިއެވެ.
" އޭގެ ފަހުން ފުރަތަމަ ޓާރމްގެ ޓެސްޓް ނިމިގެން މާ ގިނަ ދުވަހެއް ނުވަނީސް، ޒަޔާންގެ ހިސާބުޓީޗަރު ގުޅުއްވި. ވިދާޅުވީ ޒަޔާނަކީ ވަރަށް މޮޅު ކުއްޖެކޭ. ހިސާބު މާއްދާއިން އެއްވަނަ އަށޭ ދިޔައީ ސްކޫލުން"
ޒަޔާން ބުނީ މިހާރުގެ އަމާޒަކީ އޯލެވެލްގައި ހިސާބުން ހޯދި މަގާމް އޭލެވެލްގައި ދިފާއު ކުރުމެވެ. އެއަޢްފަހު، ހިސާބާ ގުޅުންހުރި ދާއިރާއަކުން ކުރިއަށްދާން ހުރީ ނިންމައިގެންނެވެ. އެކަމަކު އެއީ ކޮން ދާއިރާއެއްކަން އަދި ނުނިންމައެވެ. އެކަމާ ވިސްނާނީ އޭލެވެލް ނަތީޖައަށް ފަހުއެވެ.
5 Responses
މަރުޙަބާ ޒަޔާން. ޒަޔާންއަކީ ކިޔަވާކުދިން ނަމޫނާއަކަށް ބަލަންވީ ދަރިވަރެއް. އިތުރު ކާމިޔާބީއަށް އެދެން.
ماشاالله ޒަޔާނަކީ ވަރަށް މޮޅު ކުއްޖެއް. އެދެނީ ޒަޔާނަށާއި އެހެން ދަރިވަރުންނަށްވެސް ރަނގަޅުގޮތް މެދުވެރިކުރެއްވުމަށް..އޯލެވެލް އޭލެވެލް ގައި ރަނގަޅު ނަތީޖާ ހޯދަން މަސައްކަތްކުރާގޮތަށް އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަންވާނެ.
ދުނިޔޭގެ ފެންވަރުގެ ވަނައެއް މި އަހަރު ހޯދި ރަށެއްގެ ސްކޫލަކަށް ނިސްބަތްވާ ހަމައެކަނި ކުއްޖާއެއް ނޫން މި. ތެދު މަޢުލޫމާތު ހޯދައިގެން ޚަބަރު ލިޔުން ވަރަށް މުހިއްމު.
މި ރިޕޯޓް ކިޔާ ނިމުނު އިރިވެސް ކޮން ސްކޫލަކުން ކިޔެވި ކޮން ރަށެއްގެ ކާކު ކަމެއް ނޭގުނު.
އުލިގަމުކުއްޖެއް