ބައްޕައިންގެ ހެދިކާ ދޮލަނގު ޕެރޭޑް: މަންމައިންނާއި ކުދިންނަށް ހައިރާންކަން

ތިން ދުވަހަށް ދެމިގެންދިޔަ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ނިންމާލި ދުވަހު، ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރުންގެ ބައްޕައިންގެ ފަރާތުން އާދަޔާ "ޚިލާފު ސަޕްރައިޒް" އެއް ލިބިދާނެ ކަމަށް އެ ސްކޫލްގައި ކިޔަވާ އެކުދިންނެކޭ އެއްފަދައިން މައިންވެސް ހިއެއް ނުކުރެއެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރަށް ތާވަލުކޮށްފައި އޮތީ ހަވީރުގެ ސައެކެވެ. އެ މަރުކަޒުގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ސްޓާފުން ބައިވެރިވާ ސައެކެވެ.

ސްކޫލްތަކުގައި ބާއްވާ މިފަދަ ހަރަކާތްތަކުގައި އާންމުކޮށް ނަގާކިޔައި، މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތަތެރިވާތަން ފެންނަނީ އަންހެން ބެލެނިވެރިންނެވެ. ކުދިންގެ މަންމައިންނެވެ. ނަމަވެސް ހޮނިރު ދުވަހު ހަވީރު، ބޭއްވި ސައިގެ ހުރިހާ ކަމެއް ބެލެހެއްޓީ އެ ސްކޫލްގެ ފިރިހެން ބެލެނިވެރިންނެވެ. ކުދިންގެ ބައްޕައިންނެވެ.

ސަޔަށް ބޭނުންވާ ހެދިޔާތައް ދޮލަނގުދޮލަގަށް އަޅައިގެން ސަޤާފީ ހެދުމުގައި ސަގާފީ ލަވައަކަށް ނެށުމުގެ ހަރަކާތަކާއެކު އެ ހުށަހަޅަދިން ހިތްގައިމު ޕެރޭޑަކީ މަދުން ނޫނީ ނުފެންނަ ހުށަހެޅުމެކެވެ. ޚާއްޞަކޮށް ބައްޕައިންގެ ފަރާތުންނެވެ.

" މިއީ ވަރަށް ބޮޑު ސަޕްރައިޒެއް. ޚާއްޞަކޮށް ފިރިހެން ބެލެނިވެރިން، ކުދިންގެ ބައްޕައިންގެ ފަރާތުން" ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހަކީ އަބަދުވެސް ކުލަގަދަކޮށް ތަފާތު ހަރަކާތްތަކާއެކު ހުރިހާ ސްކޫލެއްގައި ވެސް ފާހަގަކުރާ ދުވަހެކެވެ. އެ ދުވަހުގެ ހަރަކާތްތަކުގައި ބެލެނިވެރިންނާއި ޓީޗަރުން އަމަލީގޮތުން ބައިވެރިވެއެވެ.

" ކުދިން ތިބީ ވަރަށް އުފާވެފައި، އެފަދަ ކަމެއް ބައްޕައިންގެ ފަރާތުން ފެނުނީމާ"

ހަވީރުގެ ސައިގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ބައްޕައިންނެވެ. ސައި ތައްޔާރުކުރުމުން ފެށިގެން، ހެދިކަތައް ތަށިތައްޓައް އަޅައިދީ ކުދިންނަށް ބެހުމުގައެވެ.

މުޖްތަބާ ވިދާޅުވީ މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުރިއަށް ގެންދިޔައީ ބޮޑު ފެސްޓިވަލެއްގެ ގޮތުގައި ކަމަށާއި، އެ ފެސްޓިވަލުގައި ފެލިދޫގެ ހުރިހާ މުއައްސަސާތަކުން ބައިވެރިވި ކަމަށެވެ.

" ހުރިހާ މުއައްސަސާތަކުން ގުޅިގެން ޚާއްޞަ ޝޯވ ހުށަހަޅައިދިން. މިއީ ވެސް ކުދިން ވަރަށް ގަޔާވި ކަމެއް" މުޖްތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް މުއައްސަސާތަކާއި ޕީޓީއޭއާއި ބެލެނިވެރިންގެ ފަރާތުން ހަދިޔާގެ ގޮތުގައި ދީފައިވަނީ ގިނަ ދުވަހު ކުދިންނަށާއި ސްކޫލަށް ބޭނުން ކުރެވޭނެ ތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭމްޕް ދިއުމަށް ބޭނުންކުރާ ޓެންޓާއި ވައިޓް ބޯޓް ފަދަ ތަކެތި ހިމެނެއެވެ.

" ދިގު މުއްދަތައް ބޭނުން ކުރެވޭ ތަކެތި ލިބުނީމާ އެއިން ސްކޫލަށާއި ދަރިވަރުންނަށް ކުރާ ފައިދަ ބޮޑު"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *