2019 ވަނަ އަހަރު ފަހުކޮޅު ދުނިޔެއަށް އައި ކޮވިޑުގެ ރާޅާއެކު، ފާއިތުވި ދެ އަހަރު ދިޔައީ ސްކޫލުތަކުގައި އާންމުކޮށް ފާހަގަކުރާ އެތައް ދުވަހެއް ފާހަގަނުކުރެވިއެވެ.
ކުޑަކުދިންގެ ދުވަހަކީ ސްކޫލްތަކުގައި ކިޔަވާ ކޮންމެ ދަރިވަރަކު ވެސް އެންމެ އިންތިޒާރު ކުރާ އެއް ދުވަހެވެ. ޓީޗަރުން ވެސް، އެ ދަރިވަރުންނަށްޓަކައި އެ ދުވަހުގެ ތައްޔާރީތަކަށް އަވަދިނެތި އުޅޭ ދުވަހެވެ.

މާޔޫސް ދެ އަހަރަށްފަހު، މި އަހަރުގެ ކުޑަކުދިންގެ ދުވަސް، ރާއްޖޭގެ ހުރިހާ ސްކޫލަކުން ވެސް ފާހަގަކުރަމުން ދިޔައީ އެހާމެ ފުރިހަމަކަމާއި ކުލަގަދަކޮށެވެ.
ކުލަކުލައިގެ ފުއްޕާހަމާއި، ކުލަ ކަރުދާހުން ކޮންމެ ސްކޫލެއްގެ ގޭޓާއި އެތެރެ ޒީނަތްތެރިކޮށްފައިވާއިރު، ބައެއް ސްކޫލުތަކުން، ތަފާތު ތީމް ތަކަށް ސްކޫލު މާހައުލު ޒީނަަތްތެރިކޮށްފައިވެއެވެ. ޙާއްސަ އެސެމްބްލީތަކާއި ސްޓޭޖްގެ ހަރަކާތްތަކާއ ކުޑަކުދިންނަށް ޚާއްޞަ ތަފާތު ކުޅިވަރުތައް ހިމެނޭގޮތަށް " ކުޑަކުދިންގެ ހަވީރު" ވަނީ ބާއްވާފައެވެ. މި ހަވީރު ތަކުގައި، ދަރިަވަރުން ޝައުގުވެރިވާނެ އެތައް ހަރަކާތްތަކެއް ރާވާ ހިންގާފައިވެއެވެ.

ކޭކް ފެޅުމާއި، ހަދިޔާ ބަދިޔާ ދިނުމާއި، ކްލާސް ޕާޓީގެ އިތުރުން، ފޮޓޯ ނެގުމަކީ ކޮންމެ ސްކޫލަކުން ވެސްް ކުރިއަށްގެންދިޔަ ހަރަކާތްތަކެވެ. މި ހަރަކާތްތައް ސްކޫލްގެ މާހައުލުން ބޭރުގައި ވެސް ބާއްވާފައިވެއެވެ/.
މި ދުވަހު ސްކޫލްތަކުގެ ދަރިވަރުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިނިތުންވުމެވެ. ދެ އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު، އެ ކުދިންނަށް އެ “ކުދިންގެ ދުވަސް” މަޖަލާއި އުފަލުގައި ފާހަގަކޮއްލުމުގެ ފުރުސަތު ލިބުމުން ވާނީވެސް އެހެންތާއެވެ.
މިފަހަރުގެ ކުޑަކުދިންގެ ދުވަސް، އޯލެވެލް އިމްތިހާނާ ދިމާކޮށް އައުމުގެ ސަބަބުން، ބައެއް ސްކޫލުތަކުން މި ދުވަސް ފާހަގަކުރުން ފަސްކުރިއެވެ. އެއީ އޯލެވެލް ހަަދަމުންދާ ދަރިވަރުންނަށް ވެސް، އެ ދަރިަވރުންގެ ފަހު އަހަރު، އެ ދަރިަވރުންގެ ދުވަސް ފާހަގަކޮއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

" މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ ކުދިންނާ ގުޅުން ހުރި މުހިންމު ދުވަސް ކަމަށް ވެފައި، އެކުދިންނަކީ މުހިންމު ބައެއްކަން ހާމަކޮށްދީ، އެކުވެރިކަމާއެކު ކުޅެ، މަޖާ މާހައުލެއްގައި އާއިލާއާއި ސްކޫލް މާހައުލުގައި ވަގުތު ތަކެއް ހޭދަކުރުމުގެ ގޮތުން" ކުޑަކުދިންގެ ދުވަހާ ގުޅިގެން ޓީޗަރަކު ޚިޔާލު ފާޅުކުރެއްވިއެވެ.
އެހެން އަހަރުތަކާ ޚިލާފަށް ދައުލަތުގެ މީޑިއާއިން ވަނީ ޚަބަރާއި ޕްރޮގްރާމްތަކުގައި މިއަދު ކުޑަކުދިންނަށް އިސްކަންދީފައެވެ. ޚަބަރު ކިޔުމާއި ޕްރޮގްރާމްތައް ހުށަހަޅައި ދިނުމުގައި ކުދިން ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.
" ފާއިތުވި ދެ އަހަރު ކުދިންނަށް މިފަދަ އުފާވެރި ވަގުތުކޮޅެއް ގެނެސްދެވިފައެއް ނެތް. އެހެންވެ އެތަން ފޫބައްދަން ވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަންޖެހޭ. އެހެންވެ ބެލެނިވެރިންނާއި ސްކޫލާ ގުޅުގެން ކުދިންނަށް އެކަށީގެންވާ ވަގުތު ކޮޅެއް މި ހޯދަ ދިނީ" ބޮޑު ފުޅަދޫ ސްކޫލުން މައުލޫމާތު ދިނެވެ.

ހިތަދޫ ސްކޫލުން ބުނީ އެ ސްކޫލުގައި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ދަރިވަރުންނާއި ބެލެނިވެރިންގެ ފުރިހަމަ ބައިވެރިވުން އޮވެގެންނެވެ.
ކުޑަކުދިންގެ ދުވަހަށް އެ ސްކޫލުން ނެރުނީ ހަމަހަމަކަމާއި ކުދިންގެ ގާބިލިއްޔަތެވެ.
" އާންމުކޮށް މިފަދަ ދުވަސްތައް ފާހަގަކުރާއިރު، އެކި ކުދިން ލަނީ އެކި ވައްތަރުގެ ހެދުން. އޭގެ ސަބަބުން ކުދިންގެ މެދުގައި އޮންނަ ހަމަހަމަކަމަށް ބުރޫއަރާ. އެހެންވެ ހުރިހާ ކުދިން ވެސް ހުދު ޓީޝާޓް ހޯދާ، އެކުދިން އަމިއްލައަށް ޕްރިންޓްކޮށް އެ ޓީޝާޓް ލައިގެން ސްކޫލަށް އައީ" ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.
ޓީޝާޓް ޕްރިންޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކުދިން ލައްވައި، ޓީޗަރުންގެ އެހީތެރިކަމާއެކުގައެވެ. ކުދިންނަށް އެކަމުން ދަސްވީ ދިރިއުޅުމުގެ އެތައް ހުނަރެކެވެ.

" އާންމުކޮށް ބާއްވާ ކުލާސްޕާޓީތަކުގެ ބަދަލުގައި ޕާޓީއަށް ބޭނުންވާ މުހިންމު އެއްޗެތި، މަސްހުނި ކަހަލަ މޮޑުނީވެސް ކުދިން އަމިއްލައަށް. މިކަހަލަ ގޮތަކަށް ހަރަކާތްތައް ރޭވުމުން ދަރިވަރުން މާ ބޮޑަށް އެކަމުގައި ބައިވެރިވޭ" ޑރ. އާސިޔަތު ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހަކީ ހުރިހާ ސްކޫލަކަށް ވެސް އަންނަ އީދެކެވެ. ރަންދޫލައިން އެކުދިންނަށް އެދުވަހު މަރުޙަބާ ކިޔެވެ. އެކުދިންގެ ޝަރަފުގައި އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. ބެލެނިވެރިންނާއި މުދައްރިސުން އަދި ސްކޫލްގެ ސްޓާފުން އަމަލީ ގޮތުން އެކަމުގައި ބައިވެރިވެއެވެ.
ކޮވިޑާ ގުޅިގެން ފާއިތުވި ދެ އަހަރުވެސް ސްކޫލްތަކުގައި ކުޑަކުދިންގެ ދުވަސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުނެވެ. އެހެންވެ މިފަހަރު ހުރިހާ ސްކޫލްތަކުން ވެސް ނުކުތީ އެ ދެއަހަރު ކުދިންނަށް ލިބުނު މާޔޫސްކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
advertisment
ހިޔާލު