ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ވަނީ ފަށާފައިއެވެ. ޒަމާނީ ޓެކްނޮލަޖީއަށް މުދައްރިސުންނާއި ދަރިވަރުން ވަނީ އަހުލުވެރި ކުރުވާފައެވެ. ޓެބްލެޓް ލިބުމުން ދަރިވަރުން ތިބީ ވަރަށް ވެސް އުފަލުންނެވެ. ނަމަވެސް ޓެބްލެޓްތަކުގެ ބޭނުމެއް ނުކުރެވުނެވެ.
އަނެއްކާވެސް މިހާރު މި އިވެނީ ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެންނަން އުޅޭ ބޮޑު ބަދަލެއްގެ ވާހަކައެވެ. ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ސުމޭކު (ޑިޖިޓަލް) ކޮށް ތަޢުލީމީ ނިޒާމަށް ގެންނަން އުޅޭ ބޮޑު ބަދަލުގެ ވާހަކައެވެ. ގެންނަން އުޅޭ ބޮޑު ބަދަލާއެކު މި ވަނީ ބަހުސެއް ފެށިފައެވެ. މި ބަދަލާމެދު މުދައްރިސުންނާއި ބެލެނިވެރިންގެ ޝުއޫރުތައް ވަރަށްވެސް ތަފާތެވެ. ދަރިވަރު.އެމްވީ ގެ ފަރާތުން ވާހަކަ ދެއްކި ގިނަ ފަރާތްތަކުގެ ވިސްނުންތައް ވެސް މިކަމުގައި ވަރަށް ތަފާތެވެ. އެއްބަޔަކު ބުނަނީ ރާއްޖޭގެ ތަޢުލީމީ މާހައުލު އޮތީ އެފަދަ ޓެކްނޮލޮޖީއަކަށް ތައްޔާރުވެފައި ނޫންކަމަށެވެ. އަނެއްބަޔަކު ތިބީ ރާއްޖެއަށް މި ގެންނަން އުޅޭ ބަދަލުގެ ނަތީޖާ ދުށުމަށް ކެތް މަދުވެފައެވެ. ބައެއް ބެލެނިވެރިން ގަބޫލުކުރަނީ ދަބަސް ބަރުވުމުގެ ޒަމާންވީ މައްސަލައަށް ޓެކްސްޓް ފޮތްތައް ސުމޭކުކުރުމާއެކު ހައްލެއް އަންނާނެ ކަމަށެވެ.
ސުވާލަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ޒަމާނީ ޓެކްނޮލޮޖީއަށް މިހިފީ ކިހާވަރަކަށް އެކަމަށް ތައްޔާރު ވެގެންކަމާމެދު އުފެދޭ ސުވާލެވެ.
އަންނަ އަހަރު އަޖުމަބެލުމުގެ ގޮތުން ބައެއް ސްކޫލުތަކުގައި ޓެކްސްޓްފޮތްތައް ސުމޭކުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސްކޫލަކުން ވާހަކަދެއްކެވި ވެރިއަކު ވިދާޅުވީ ޓެކްސްޓް ފޮތްތައް ޑިޖިޓަލް ކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް ހުރީ ނުކޮށް ކަމަށެވެ. އެގޮތުން މިިދިޔަ އަހަރުގެ ފަހު ޓާމުން ފެށިގެން ގިނަ ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށި މަޝްރޫއުގެ ހަގީގީ މަގުސަދު ވެސް ހާސިލްވެފައި ނުވާއިރު ސްކޫލުތަކުގެ އިންޓަނެޓް ސްޕީޑު އަދި ވައިފައި ކަނެކްޝަންތައް ރަނގަޅު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް މި ގެންނަ ބޮޑު ބަދަލާމެދު ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ސުމޭކު ކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެފައިވަނީ މިހާރު ވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ސުމޭކު (ޑިޖިޓަލައިޒް) ކޮށްފައިވާކަމަށާއި އަދި މި އަހަރަށް ވުރެ ރަނގަޅަށް އަންނަ އަހަރު ޓެބްލެޓްތައް ބޭނުންކުރެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވާކަމުގައެވެ. މިނިސްޓަރ ވިދާޅުވީ ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްލޭނެއް މިހާތަނަށް ހެދިފައި ނެތަސް ފިލާވަޅުތައް މުޠާލިޢާ ކުރުމަށް ޓެބްލެޓް ބޭނުންކުރަން ސްކޫލުތަކަށް އަންގާފައިވާނެ ކަމުގައެވެ.
ސްކޫލްތަކުގެ އިންޓަނެޓް ކަނެކްޓިވިޓީ ދަށްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށުގައި ޓެބްލެޓް ބޭނުން ކުރަމުން ނުދާކަމަށެވެ. އަދި ސްކޫލްތަކުގެ ވައިފައިގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ދިރާގާއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ނުގެންދެވޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރު ހުރި ޓެބްލެޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޓެބްލެޓް ބޭނުންކުރުމުގައި ދިމާވާ އުނދަގޫތައް ދެނެގަތުމަށް ދިރާސާއެއް ފަށާފައިވާކަމަށެވެ.
ރާއްޖޭގެ ސްކޫލްތައް ސުމޭކުކޮށް ޓެބްލެޓާއި އިންޓަނެޓް ބޭނުން ކޮށްގެން ކިޔަވައިދިނުން ބައެއް ސްކޫލުތަކުގައި ތަޖުރިބާ ކުރަމުންދާއިރު، މި މޮޑިއުލަށް މިހާރު ވެސް ކިޔަވައިދޭ ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ޢަބްދުﷲ ވިދާޅުވީ މިކަމީ ވަރަށް މުހިންމުކަމެއް ކަމަށާއި ކިނބިދޫ ސްކޫލުގައި މިހާރު ވެސް ޓެކްސްޓް ފޮތްތައް ބޭނުންކުރުމަށްވުރެ ބޮޑަށް މަޢުލޫމާތު ހިއްސާކުރެވޭނީ ދަރިވަރުންގެ ޓެބްލެޓްގައެވެ. އޭނާ ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި މިކަން ތަޖްރިބާ ކުރައްވަމުން އަންނަ ކަމަށެވެ.
" އަޅުގަނޑުމެން މިހާރު ވެސް ވަރަށް ގިނަ ފޮތްތައް ޓެބްތަކުން ބޭނުން ކުރަމުންދާނެ. ދެން އަދި ހަމަ މި އަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓް ފޮތް ވެސް މި ދިނީ ޑިޖިޓަލްކޮށް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމު ކަމެކޭ މިދެންނެވީ ކުދިންނަށް ފޮތްދަބަސް އުފުލުމުގައި ލުއި ވުމާއި. ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މައުލޫމާތުތައް ޓެބްގައި ހިއްސާކުރެވޭނެތީ. ޓެކްސްޓް ފޮތްތައް ހުންނާނި ސްކޫލުގައި ދަރިވަރުން ގެއަކަށް ނުގެންދާނެ." ޓެކްސްޓް ފޮތްތައް ސުމޭކުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރުއެވެ. މިގޮތުން ސްކޫލުތައް ޑިޖިޓަލައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓްވަނީ ބަހާފައެވެ.
ތައުލީމީ ނިޒާމަށް ޓެބްލެޓް ތަޢާރަފު ކޮށްފައިވާއިރު ޓެކްސްޓްފޮތް ސުމޭކުކޮށް ސްކޫލުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ޗާޕުކުރުމަށް ސަރުކާރުން ކުރާ ހޭދަ ހަމަގައިމު ވެސް ކުޑަވެގެންދާނެއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ސަރުކާރުން ކުރަން މިއުޅޭ ކަންތައް ކާމިޔާބު ވެއްޖެނަ ތަފާތު ބަދަލަކަށް ވާނެއެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ފޮތްތައް ޑިޖިޓަލް ކުރުން ކިތަންމެހާވެސް ރަނގަޅު. ތިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދެވޭނީ ސްކޫލުތަކުގެ އިންޓަރނެޓް ރަނގަޅުކޮށްގެން. ޓެބްލެޓުވެސް ހުރިހާ ކުދިންނަށް ދެވިގެން.