އަތޮޅުތެރޭގައި ކިޔަވައިދެމުން ގެންދާ 57 ސްކޫލެއްގެ ހާލަތު ވަރަށް ދަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސްޓޭޓް މިނިސްޓަރު، އާތިޔާ ނަސީރު ރާޢްޖެޓީވީގައި ވިދާޅުވީ ސްކޫލްތަކުގެ ހާލަތު ބަލަން ކުރި ރިވިއުތަކުން އެނގިގެން ދިޔައީ ބައެއް ސްކޫލްތަކަށް އަޅައި ނުލައި ދޫކޮށްލުމުގެ ސަބަބުން އެންމެ އަސާސީ ޚިދުމަތްތައްވެސް އެ ތަންތަނުން ލިބެން ނެތްކަމެވެ.
" މިދައްކަނީ އެންމެ އަސާސީ ޚިދުމަތްތަކެއް ލިބެން ނެތްވާހަކަ. ދަރިވަރުންނާއި ޓީޗަރުން ބޭނުން ކުރާނެ ފާޚާނާއެއް ނެތް ވާހަކަ. ސާފް ބޯފެން ލިބެން ނެތް ވާހަކަ. " އާތިޔާ ވިދާޅުވިއެވެ.
" ޕްރައިމަރީ ގްރޭޑްތަކުގެ ކުދިން ތިބެނީ ސެކަންޑްރީ ކުދިން ތިބޭ ފަރުނީޗަރުތަކުގައި. އެކުދިންގެ ފައެއް ބިންމައްޗަކަށް ނުފޯރާ"
އޭނާ ވިދާޅުވީ ސްކޫލްތައް ރިވިއު ކުރުމުގެ މަސައްކަތް މީގެ އެތަކެއް އަހަރުކުރިއްސުރެ ކުރެމުން އައި ނަމަވެސް ހެދި ހުރިހާ ރިވިއުތަކެއް ހުރީ ފައިލްތަކެއްގައި ކަމަށާއި، އެއަށް އަމަލީ ސިފައެއް ގެންނަން މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.
އާތިޔާ ވިދާޅުވިގޮތުގައި ބައެއް ސްކޫލްތަކުގެ ވެރިންނަށާއި ޓީޗަރުންނަށް އާ މަންހަޖާ ބެހޭ މައުލޫމާތު އެނގިފައި ނެތުމުން ކިޔަވައި ދިނުމުގެ ފެންވަރުވެސް މި ސްކޫލްތަކުގައި ވަރަށް ދަށް ކަމަށެވެ.
އާތިޔާ ވިދާޅުވީ ރިވިއުތަކުން ފާހަގަ ކުރެވުނު ސްކޫލްތައް އެހެން ސްކޫލްތަކާ އެއް މިންގަނޑަށް ގެނައުމަށް، ޔުނިސެފާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގަން ރާވާފައިވާ ކަމަށާއި އެ މަސަކަތް ވަރަށް އަވަހަށް ފަށައިގަނެވޭނެ ކަމަށެވެ.
advertisment
ހިޔާލު