ކުޑަކުދިންގެ ދުވަސް: ދެވޭ ހަދިޔާ އަކަށް ވުރެ މުހިންމީ ބެލެނިވެރިންނާއި ކުދިންގެ ގުޅުން ވަރުގަދަކުރުން! 

ޑރ. އާސިޔަތު މުޙައްމަދު ދީދީ

މިއަދަކީ ކުޑަކުދިންގެ ދުވަސް ކަމުން މިއަދަކީ ކޮންމެ މަންމައަކާއި ބައްޕަ އަކަށްވެސް ނުހަނު ހާއްސަ ދުވަހެކެވެ. އެހެނީ ކޮންމެ އިންސާނަކު ވެސް މަޔަކަށް ނުވަތަ ބަފަޔަކަށް ވުމަށް ފަހު އުފުލަން ޖެހެނީ ނިކަން ބުރަ އަދި ޒިންމާދާރު މސްއޫލިއްޔަތެއް ނަމަވެސް އެމަސްއޫލިއްޔަތާ ހަވާލުވަނީ ނިކަން ލޯބިން ޒިންމާދާރު ކަމާއެކު އެކަން ކުރުމުގެނިޔަތުގައެވެ. ރަނގަޅުގޮތުގައި ފުރިހަމަ ތަރުބިއްޔަތަކާއެކު ކޮންމެ ކުއްޖަކުވެސް ބޮޑުކުރުން އެއީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ވެސް އުންމީދުކަން ކަށަވަރެވެ. އެހެނަސް މި އުންމީދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ވެގެން ދާތަން އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަލެއް ދުވަހަކަށްވުރެ ދުވަހެއް ދަނީ މަދުވެގެން ކަމީވެސް މިއަދު ފެންނަން އޮތް ހަޤީޤަތެކެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ފިތުރަތުގެ ސާފުކަންމަތީ ދުނިޔެއަށް އަންނަ ކުއްޖަކު އަޅުގަނޑުމެނަށް ރިވެތި އަޚުލާޤެއްގެ މަތީގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރުމުގައި ކާމިޔާބު ނުވެވިގެން އުޅޭ ސަބަބަކީ ކޮބައިތޯއެވެެ.

ދިރާސާކުރައްވާ ފަރާތަކުން ވިދާޅުވަނީ ކުއްޖަކު ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު ދައުރެއްއަދާކުރަނީ ކުދިންނާއި ބެލެނިވެރިންނާއި އޮންނަގުޅުން ކަމުގައެވެ. މިފަދަ ބޭފުޅުން ލިޔުއްވާފައިވާ ލިޔުންތަކުގައި ވާގޮތުން ކުދިންނާއި ބެލެނިވެރިންނާއި އޮންނަ ގުޅުން ރަނގަޅުވީ ވަރަކަށް ކުއްޖާގެ ތަރުބިއްޔަތަށް ރަނގަޅު އަސަރުކުރާއިރު އެގުޅުން ގޯސްވީ ވަރަކަށް އޭގެ ނުރަނގަޅު އަސަރުވެސް ކުދިންގެ ފަރާތުންފެނިގެން ދެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ކުދިންނާއި ބެލެނިވެރިންނާއި ދޭތެރޭ އޮންނަ ގުޅުމަކީ ނުހަނު މާތް އަދި ވަރުގަދަ ގުޅުމެއްކަމުން މިގުޅުން ކުއްޖެއްގެ އުމުރުގެ ކޮންމެ ހަރުފަތެއްގައިވެސް ފުރިހަމަ ގޮތުގައި އޮތުންއެއީ ހުރިހާގޮތަކުންވެސް އެންމެ ފުރިހަމަ ކުއްޖަކު ބިނާކުރުމަށް ކޮންމެހެންވެސް މުހިއްމުކަމެއްކަން ކަށަވަރެވެ.

އެހެނަސް މިއަދުގެ މުޖުތަމައުއިން އަޅުގަނޑުމެނަށް ފެންނަމަންޒަރު މިވަނީ ވަރަށް ބޮޑަށްވެސް ތަފާތުވެފައެވެ. ކުއްޖާ ތުއްތުއިރު ވަރަށް ލޯބިން އަތުގައި ހިފައިގެން އުޅޭމަންޒަރު ފެނުނު ނަމަވެސް ފުރާވަރަށް ނުވަތަ ކުއްޖަކު "ޓީން އޭޖަށް" އެޅިގެންދާއިރު ފެންނަނީ އެއަތުންދޫވެ ވަރަށް ބޮޑަށް އެކަނިއުޅޭ މަންޒަރެވެ. ގޭމުތަކާއި ސޯޝަލްމީޑިއާ ގައި ކުދިންގިނަވަގުތު ހޭދަވެގެން ދާއިރު ބެލެނިވެރިންނަށްވެސް ތިބެވެނީ ދިރުއުޅުމުގެ ތަފާތު ކަންކަމުގައި މަޝްއޫލުވުމުގެ ސަބަބުން ކުދިންނަށް މާބޮޑު ސަމާލުކަމެއްނުދެވިއެވެ. ކުދިން ގޭތެރޭގައި ބެލެނިވެރިންނަށް ފެންނަހިސާބުގައި ތިބޭތީ އެެއީ މާބޮޑު މައްސަލައަކަށް ނުވެ ތިއްބައި ފެނިގެންދަނީ ކުއްޖާ "ސޯޝަލް އެންޒައެޓީ"ގެ ޝިކާރައަކަށްވެ ބެލެނިވެރިންވެސް ހިމެނޭގޮތަށް އެއްވެސްމީހަކާ މާބޮޑުގުޅުމެއްނެތިގެން ދާމަންޒަރެވެ. ރައްޓެހިންގެ ގޮތުގައި އޮންލައިން ޕްލެޓްފޯރމްތަކުން ދިމާވާ ރައްޓެހިން މުހިންމުވެ އަމަލީ ދިރިއުޅުމުގައި ރައްޓެހިންނާވެސް ދުރުވެ މުޅިން ދިރިއުޅުމުގެ ތަފާތު ވައްޓަފާޅިއެއް ކުދިން ގެންގުޅެންފަށައެވެ. މިއީ އަދުގެ މުޖުތަމައުގައި ނުހަނުގިނަ އަދި އޭގެ އަސަރު ނުހަނު ބޮޑަށް ފެނިގެންދާ ކަމެއްކަމުގައި ވިޔަސް މިވާހަކަ ދެކެވޭ މިންވަރާއި މިކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތް މުޖުތަމަޢުން ތެރެއިން ފެނިގެންނުދާކަމީ ހިތާމަ ހުރިކަމެކެވެ.

މިއަދުގެ ހާލަތަށްބަލައި ކުދިންނާއި ބެލެނިވެރިންގެ މެދުގައި ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެ ބެލެނިވެރިޔަކުވެސް ނުހަނު ބޮޑު ސަމާލުކަމެއްދީގެން ކުރަން ޖެހިފައިވާ ކަމެއްކަން ކަށަވަރެވެ. އަދި ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް މުހިންމީ ކުދިން ފެންނަ ހިސާބުގައި ގިނަވަގުތު ހޭދަކުރުން ނޫންކަމާއި ހޭދަ ކުރެވޭ ވަގުތު ވިހާވެސް ފާއިދާހުރި ގޮތެއްގައި ހޭދަކުރުންކަންވެސް ޤަބޫލުކޮށް އެކަމަށްވެސް މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. އެގޮތުން ކުދިންނާއި ވީހާވެސް ގިނައިން އެކުދިން ކުރާކަންކަމާ ބެހޭގޮތުން މަޑުމައިތިރި ކަމާ ލޯތްބާއެކު ވާހަކަ ދެއްކުމުން ކުދިން އަޑުއަހާ މިންވަރު އިތުރުވެ ބެލެނިވެރިންނާ ވާހަކަ ދައްކައި ކަންކަން ހިއްސާކުރާ މިންވަރު އިތުރު ވެގެންދެއެވެ.

ބެލެނިވެރިން ކުދިންނާ ވާހަކަ ދައްކާއިރު ކަންތައް ކުރެވޭ ގޮތަކީ ވެސް ކުދިންނާއި ބެލެނިވެރިންގެ އޮންނަ ގުޅުން ރަނގަޅު ވުމަށް ނުވަތަ ގޯސް ވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ކުދިން ކުރަންބޭނުންވާ ކަންކަމަށް ދެކޮޅުހެދުމާއި، ހަރުކަށި އިބާރާތްތައް ބޭނުންކުރެވުމާއި، ކުދިން ބުނާބަސްތައް ދޮގު ކަމަށް ބުނެވުމާއި އަދި ކުދިން އެކުދިންނަށް ވަރަށް މުހިންމު ވެގެން ހިއްސާ ކުރާކަންކަމާ މާބޮޑަށް އަޅާނުލުމީ ހަމަ ގައިމުވެސް ގުޅުން ހީނަރުވުމާ ދިމާލަށް އެޅޭ ފިޔަވަޅު ތަކެކެވެ. މީގެ ބަދަލުގައި ކުއްޖަކާ ކަމަކާ ގުޅޭގޮތުން ވާހަކަ ދައްކާނަމަ ކުޑަކޮށް މަޑުކޮށްލާފަ، ބުނަންއުޅޭ އެއްޗަކާ ދޭތެރޭ ވިސްނާ، ތެދުބަހުން ލޯތްބާ އެކު ކުދިންނަށް ވިސްނޭގޮތަށް ބުނެވޭނަމަ އެކުއްޖަކާ ދެކޮޅުވެރިވަނީ ކަމަށް ހީކުރުމުގެ ބަދަލުގައި އެވާހަކަތައް ޤަބޫލުކުރެވި ކުރަންބޭނުންވާ ކަންކަން ބެލެނިވެރިންނާއި ހިއްސާކުރުން އާދަ އަކަށް ވެގެންދެއެވެ.

ކުދިން އެންމެ ނަފުރަތު ކުރާއެއްކަމަކީ އަދި ބެލެނިވެރިންނާއި ދުރުވާން ދިމާވާ އެއްސަބަބަކީ ކުދިން ކުރާ ކަންކަމާ ބެލެނިވެރިން އަބަދު ދެކޮޅު ހަދައި އެކުދިން ކުރަން ބޭނުންވާ ކަންކަން ކުރެވުނަނުދީ ހުއްޓުވާ ކަމަށް އިހުސާސް ކުރެވުމެވެ. ކުދިން ކުރަން ބޭނުންވާ ހުރިހާ ކަމަކާ އަބަދު އެއްބަސް ނުވެވޭނެތީ ދެކޮޅު ހަދަން ޖެހޭ ހާލަތް ތަކުގައި އެކަން ފަރުވާތެރިކަމާއެކު ކުރުމަކީ ނިކަން މުހިއްމު ކަމެކެވެ. ސީދާ ތިކަޔަކަންތައް ކޮށްގެން ނުވާނެޔޭ ބުނުމުގެ ބަދަލުގައި ދެކޮޅުހަދަން ޖެހޭ ސަބަބުވެސް ކުއްޖާއަށް ވިސްނޭގޮތަށް އެކަމެއްކުރެވޭނެ އެހެން ގޮތްތަކެއްވެސް ކިޔައިދެމުން ނޫނެކޭ ބުނެވޭނަމަ ކުދިންނަށް އެކަމެއް ބަލައިގަންނަށް ފަސޭހަވެގެން ދެއެވެ.

އެހެނިހެން މީހުންގެ ޙާލަތާއި އިހުސާސް އެނގިގެން ވާހަކަ ދެއްކުމަކީ ވެސް ބެލެނިވެރިން ކުރަންޖެހޭ އަދި ކުދިންނަށް ދަސްކޮށދޭން ޖެހޭ ނުހަނު މުހިއްމު ސިފައެކެވެ. އެކަން އެހެން ކުރެވިއްޖެ ނަމަ ކުދިންނަށް ބެލެނިވެރިން ދައްކާ ވާހަކަތައް ޤަބޫލު ކުރެވި އަދި ބެލެނިވެރިންނަށްވެސް ކުދިންގެ ބުނުންތަކާއި ކުރާކަންކަން ބަލައިގަންނަން ފަސޭހަވެގެން ދެއެވެ. ކުދިންގެ ފަރާތުން ބެލެނިވެރިން އެމީހުން އެދޭގޮތަށް ގިނަކަންތަކެއް ފެންނަށް އެދޭ ހިނދު ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ މިއީ 21ވަނަ ގަރުނު ކަމާއި މިހާރުގެ ކުދިންގެ ހެދިބޮޑުވުމުގެ މަރުހަލާ ތަކުގައި ދިމާވާ ކަންކަމާއި މީގެ 30 ވަރަކަށް އަހަރު ކުރިން ކުއްޖަކު ބޮޑުވެގެން އައިރު ދިމާވާ ކަންކަމާ ނިކަންތަފާތު ވާނެ ކަމެވެ. އަދީ އޭގެ އަސަރު ކުދިންގެ އަމަލީ ދިރިއުޅުމުންވެސް ފެންނާނެ ކަމީ ބެލެނިވެރިން ޤަބޫލު ކުރަންޖެހޭ ހަޤީގަތެކެވެ. މިތަފާތު މިގޮތަށް ބަދަލުނުވެ ތިމަންނަމެން ކުޑިއިރުއްސުރެ ކަންތައް ވަމުންއައި ގޮތަށް ކަންތައް ކުރަން އުޅުމީވެސް  ބެލެނިވެރިންނާއި ކުދިން ދުރުވެ އަތުންދޫވެގެން ދާން ދިމާވާ ސަބަބެކެވެ.

ކުދިން ކުރާކަންކަމުގައި ގޯސްކަމެއް ފެންނައިރަށް ބެލެނިވެރިޔާ އެކަމާ ދެކޮޅު ހެދި ކަމުގައި ވިޔަސް ރަނގަޅު ކަމެއް ފެނުމުން އެވާހަކަ ދައްކަން ވަރަށް ގިނަފަހަރަށް މުހިންމުނުވެ ދެއެވެ. ރަނގަޅުކަމެއް ކުރާތަން ފެނުނީމަ ކިތަންމެ އުފަލެއްވިޔަސް ކޮންމެހެން އެވާހަކަ ބުނުން މުހިންމު ނުވެއެވެ. އޭގެ ބަދަލުގައި އެފަދަ ކޮންމެހާލަތެއްގައިވެސް ކުދިންނަށް ތަޢްރީފުކޮށް ހިތްވަރު ދިނުމަކީ ކުދިންނަށް އެކުދިންކުރާކަންކަން ބެލެނިވެރިން ބަލައިގަންނަ ކަމުގެ އިޙްސާސް ކުރެވި ކުރާކަންކަމާއި ކުރަންބޭނުންވާ ކަންކަން ބެލެނިވެރިންނާ ހިއްސާކުރަން ހުޅުވިގެންދާ ދޮަރަކަށް ވެގެންދާނެއެވެ.

ބެލެނިވެރިންނާއި ދަރިވަރުން ގުޅިގެން ދެފަރާތުންވެސް ކުރާހިތްވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކުގައި އެކަންތައްކުރުމަށް ވަގުތު ހޭދަކުރުމަކީ ވެސް ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން އެކުގައި ކުޅިވަރު ކުޅުން، ކަސްރަތު ކުރުން، ކެެއްކުން، ކުރެހުން ނުވަތަ ދާހިތްވާ ތަންތަނަށް އެކުގައި ދިއުން ފަދަ ކަންކަމުން ބެލެނިވެރިންނާއި ކުދިންނާއި ދެމެދު އޮންނަގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ. ގޭތެރޭގައި ދެފަރާތުންވެސް ތަފާތުކަންކަމުގައި މަޝްޢޫލުވެގެންތިބެ ހޭދަ ކޮށްލެވޭ އެތައްގަޑި އިރަކަށްވުރެ މިފަދަކަމެއް އެކުގައި ކޮށްލުމުގައި ހޭދަ ކޮށްލެވޭ މަދު ވަގުތުކޮޅުގެ ފާއިދާ ނުހަނު ގިނަވާނެކަން ޔަޤީނެވެ.

ކުދިންނާ އެކު ރަނގަޅު ގުޅުމެއް ބިނާކުރާނީ ކިހިނެއްކަން ބުނެދޭނެ ވަކި ފޯރމިއުލާރ އެއް އެވެސް މީހަކަށް ބުނެ ނުދެވޭނެއެވެ. އެހެނަސް ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ ކުދިން ހެދި ބޮޑުވަމުން އަންނަ އިރު އެކުދިންނަށް އެންމެ މުހިންމީ ލޯތްބާ އަޅާލުމާއެކު ބެލެނިވެރިންނާއި އޮންނަ ރަނގަޅު ގުޅުމެއެއްކަން ކަށަވަރެވެ. އޭގެ ސަބަބުން ކުދިންއަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ ކަންކަން ކުރުމުގައި މަޝްވަރަ ކުރުމާއި ހިޔާލު ފާޅުކުރުން އެންމެ ރަނގަޅު ގޮތުގައި ދަސްވެ މުޖުތަމައުގައި ހުންނަ އެންމެހާ ގޮންޖެހުންތަކާއެކުވެސް ކޮންމެ މާހައުލެއްގައިވެސް އުޅެން ދަސްވެއެވެ. މިއީ ކުއްޖަކަށް ދެވޭނެ އެންމެ  ބޮޑު ހަދިޔާ ކަމަށްވީ ހިނދު ކޮންމެ ބެލެނިވެރިޔެއްގެ ވެސް ލޮލުގެ ނޫރު ކަމުގައިވާ ދަރިންނަށް މިއަގުބޮޑު ހަދިޔާ ދެވޭނެ ހުރިހާ ގޮތަކާމެދު ވިސްނައި އެކަމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ބެލެނިވެރިޔަކުވެސް މިއަދު ނިޔަތް ގަންނަންވީ ކަމެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *