ސަޕްރައިޒް

މަރީގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އުފާވެރިކަން އެ މޫނުމަތި އަލިކޮށްދެމުން ދިޔައިރު، އޭނާގެ ހިމަ ހޯލި އިނގިލިތައް ކޮންޕިއުޓަރުގެ ކީބޯޑުމަތީގައި ދުވެލަ ދުވެލައި ހުރީ ފަރިތަކަމާއެކުގައެވެ. މޮނިޓަރުގެ އެއްފަރާތުގައި އޮތް ނޯޓުފޮތަށް އޭނާގެ ސާފު ބޮޑު ދެލޯ ހުއްޓިފައި ވީ ނަމަވެސް، ސިކުނޑީގައި އެނބުރެމުން އަންނަނީ މުޅިން އެހެން ޚިޔާލެކެވެ. ހިތުގައި ޖަހަމުން އަންނަ ވިންދު ގުޅިފައި ވަނީ އޭނާގެ ލޯބިވާ ފިރިމީހާއާއެވެ. ޔާސިރުގެ ހަނދާން ތަކާއެވެ. އިންތިޒާރު ކުރެވެމުން އަންނަނީ މިރެއަށް އިރުއޮއްސޭނެ ވަގުތަކަށެވެ. ބާރަ ޖަހާނޭ އިރަކަށެވެ.

ޔާސިރާއި މަރީގެ ކައިވެނި ކުރެވުނީ މީގެ ސާދަވަރަކަށް މަސް ކުރީންނެވެ. އެ ދެމަފިރީންގެ ހަޔާތުގައި ވޭތުވެދިޔަ ސާދަ މަސްދުވަހަކީ އުފާވެރި ކަމާއެކު ވޭތުވެދިޔަ، އޮމާން ސާފު ސާދަމަހެވެ. ޝަކުވާއެއް ނެތެވެ. ނުރުހުމެއް ނެތެވެ. ނުތަވަސްކަމެއް އަމުދުން ނެތެވެ. ކޮންމެ ދުވަހެއްގެ އިރު ދުނިޔެއަށް ފާއްދައިލަނީ އެ ދެމަފިރީންނަށް އުފާވެރިކަމުގެ ދޯދިތައް ފޮނުވަމުންނެވެ. އިރު އޮއްސެނީ ރަތްވިލާތަކުގެ ރަން ދޯދީގެ އުފާވެރި އަލްވަދާޢަކަށް ފަހުގައެވެ.

ޔާސިރާއި މަރީގެ ކައިވެންޏަށް ދެ މަސް ފުރުނުތަނާހެން މަރީގެ އުފަންދުވަސް އަތުވެއްޖެއެވެ. އުފަންދުވަސް ފާހަގަކުރުމަކީ މަރީ ކޮށް އުޅުނު ކަމެއް ނޫންނަމަވެސް، ޔާސިރު އެ ދުވަސް ފާހަގަކުރީ ވަރަށް ވަރުގަދަ ސަޕްރައިޒަކާއެކުގައެވެ. އެއީ މަރީގެ ހަނދާނުން ދުވަހަކު ވެސް ފޮހެވިގެންދާނޭ ރެއެއް ނޫނެވެ. މަރީގެ ދެ ލޮލުން އެރޭ ނިރާލި އުފާވެރިކަމުގެ ހޫނު ކަރުނައަކީ، އެ ރެއަށް އެކަނި ޚާއްޞަ ކަރުނައެކެވެ.
“ހެޕީބާރތުޑޭ!” މަރީގެ ގައިގައި ބައްދައިލަމުން، އޭނާގެ ކަންފަތް ދޮށުގައި ވައިއަޑުން ޔާސިރު ބުނެލި މި ޖުމުލަ، މަރީގެ ހިތުގެ އެންމެ ފުނުގައި އަދިވެސް ގުގުމަމުން އަންނަ ކަހަލައެެވެ.
“އޭތް! ކޮން ދުނިޔެއެއްގަ؟ ހާދަ ހިނި އައިސްފަ ތި އިންނަނީ؟” މަސައްކަތް ހުއްޓި، ޚިޔާލުގެ ފުން ކަނޑަކަށް ގެނބިފައި އިން މަރީއަށް، ކުއްލި ސިހުމެއް ލިބުނީ ނިޝާގެ އަޑުންނެވެ.

“ހިނި އައިސްފަތަ އިނދެވުނީ؟”
“ފޮޓޯއެއް ނަގައިފައި ދެއްކުނު ނަމަ އަމިއްލައަށް ވެސް ފެންނާނެ އިނދެވުނު ގޮތް. ކުޑަ އިރުކޮޅެއް ފަހުން މަށަށް އާދެވުނު ނަމަ، ތި ކީ ބޯޑު މައްޗަށް ދަތްޕިލަ ވެސް ވެއްޓިފަ އޮންނާނީ.” ނިޝާ ދިމާކުރަން ފެށިއެވެ.
“ދެން ތިވަރެއް ނުވާނެ!” މަރީ އިނީ އަދިވެސް ހިނި އައިސްފައެވެ.
“ކޮން ޚިޔާލެއްގަ ތި އިނީ؟” މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި ނިޝާ ޖައްސައިލިއެވެ. “ރޭގެ ހަނދާން ތަކުގަ ދޯ! ތި ޚިޔާލުތައް ފަހަށް ބަހައްޓާފަ ހިނގާ ސައިބޯން ދާން! ގޮހޮރުން ބަންގި ގޮވާވަރުން މި އައީ. އެކަމަކު ސަޔަށް ގޮސްފަ ތި ވާހަކަ ކިޔައިދޭން ވާނެ!”
“ވަން މިނިޓް. މި ސިޓީ ނިންމާލާފަ ބޮސް އަށް މެއިލްކޮށްލާފަ ދާނީ. ވަރަށް އަވަސް ކޮށްލާނަން.” މަރީ ޓައިޕްކުރަން ފެށިއެވެ.
އިރު އޮއްސިއްޖެއެވެ. މަރީ އުޅެނީ ކޮޓަރީގައެވެ. ޔާސިރަށް އެންމެ ރީތި ހެދުން ނަގައިގެން އިސްތިރިކުރުމުގެ މަސައްކަތުގައެވެ. އެއީ ދިގުކޮށް ފަހާފައި އޮތް، މަޑު ފިޔާތޮށި ކުލައެއްގެ ހެދުމެކެވެ. އެ ހެދުން ލީމާ އަބަދުވެސް ޔާސިރު ކުރާ ތައުރީފެއް އޮވެއެވެ. މަގޭ މަރީ ހީވަނީ ހަމަ ޕަރީއެއް ހެންނެވެ. ހާދަ ރީއްޗެވެ. ހާދަ ލޯތްބެވެ. ޔާސިރުގެ މިފަދަ ބަސްތަކުން މަރީ އުފަލުން ފޮޅިގެން ދެއެވެ.
މިދިޔަ އުފަންދުވަހު މަރީއަށް ޔާސިރު ސަޕްރައިޒް ދިނީ ނުދެނެހުއްޓައެވެ. އެހެންކަމުން އޭނާއަކަށް އެ ރެއަކަށް އެއްވެސް ވަރަކަށް ތައްޔާރެއް ނުވެވުނެވެ. އެހެންނަމަވެސް މިރޭ އޭނާ އެ ވަގުތަށް ތައްޔާރުވާން ބޭނުމެވެ. ޔާސިރުގެ ސަޕްރައިޒް ރޭވިފައި އޮތީ ކޮން ގޮތަކަށްކަން ނޭނގުނަސް، ކުރީ ފަހަރަށް ވުރެ މޮޅަށް ކޮންމެވެސް ކަމެއް ރާވާނޭކަން އޭނާއަށް އެނގެއެވެ.
“ދަރިފުޅާ! ތަނަކަށް ދާންތަ މިރޭ ތި އުޅެނީ؟” މަރީގެ މަންމަ ހައްވާމަނިކެ އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
“ކިހިނެއްވީ މަންމާ! އިސްތިރިކުރާތީ ދޯ!” މަރީ ހިނިތުން ވެލިއެވެ.
“އާނ. ހުކުރުވިލޭރޭ ވީމަ ދެ ކުދިން ބުރުޖަހަން ވެސް ހިނގައިދާނެވިއްޔަ.”
“ނޫނޭ! ފަހަރެއްގައި ޔާސިރު އައިސް ބޭރަށް ދާން ހިނގާށޭ ބުނެފާނެތީ ތައްޔާރުވެލަނީ.”
“ކޮބާ ޔާސިރު؟”
“ފިހާރައިގަ ވީ.”
އެރޭ އަށެއްޖެހިއިރު މަރީ އިނީ ތައްޔާރުވެގެންނެވެ. ވަރުގެ ކޮޅަށް ނަލަހެދިލައިގެންނެވެ. ޔާސިރު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުއިރުކޮޅުން ގަޑިއަށް ވެސް ބަލައިލެވެއެވެ. އެހެން އިންދާ ނުވަގަޑިބައި އެހައިކަންހާއިރު ޔާސިރު ގުޅައިފިއެވެ. މަރީގެ ހިތް އުފަލުން ފޮޅުނެވެ. ޔަގީނެވެ. ޔާސިރު އަންނަނީއެވެ. މިރޭ އޭނަ ކޮންމެވެސް ގޮތަކުން އަވަހަށް ވަގުތު ހޯދީއެވެ. މަރީއެކޭ އެއްފަދައިން އޭނާއަށް ވެސް މިރޭ މުހިންމުވާނެއެވެ. އޭނާ މަރީ އުފާކޮށް ދިނުމަށް ޓަކައި ކޮންމެވެސް މޮޅުކަމެއް މިހާރު އޮންނާނީ ރާވާފައެވެ.
މަރީ އަވަސް އަވަހަށް ފޯނު ނަގައިފިއެވެ. ލުއިލުއި ހިނިތުންވުމަކުން މޫނުމަތި ވަނީ އުޖާލާވެފައެވެ.
“ހަލޯ!”
“މަރީ! ކޮބާ ކީއްކޮށްލަނީ؟”
“އެއްވެސް ކަމެއް ނުކުރަން. ނިދަންވީ ދޯ!” މަރީ ބޭނުންވީ ޔާސިރު ބުނާ އެއްޗެއް ބަލާށެވެ. ޔާސިރު ބުނާނީ ކީކޭކަން އޭނާއަށް އެނގެއެވެ. އަވަސް އަވަހަށް ބުނާނީ ނުނިދާށެވެ. މަޑުކޮށްލާށެވެ. ވަރަށް އަވަހަށް މިދަނީއެވެ.
“އާނ، މިރޭ އެހައި އަވަހަކަށް ނުދެވޭނެ! އެއަރޕޯޓަށް ދާންޖެހިގެން މި އުޅެނީ. ކައިއެއްޗެއް ކައިގެން ނިދާލާ!”
“ކި…ކި…ކީކޭ!” މަރީއަށް ހީވީ އޭނާގެ ކަރަށް މީހަކު ފިތައިލިހެންނެވެ. މޫނުމަތީގައި ހުރި އުފާވެރިކަން ވަގުތުން ވަޅުޖަހައިފިއެވެ. ދެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ކެނޑިއްޖެއެވެ. ހިތަށް ވެރިވީ ބުނެދޭން ނޭނގޭ ކަހަލަ ނުތަނަވަސްކަމެކެވެ. “އެއަރޕޯޓަށޭ! ކިހާއިރަކު؟” މަރީގެ އަޑު މުޅީން ބަދަލުވެއްޖެއެވެ.
“ބާރަގަޑި ފަނަރައިގައި ފުލައިޓް ޖައްސާނީ. ބާރަ ޖަހަންވާއިރަށް ދާންޖެހޭނެ!”
“އަޅެ…. ދެން މިރޭ ހަމަ ނުގޮހެއް ނުވާނެތަ؟” މަރީގެ އަޑު ކޮންމެވެސް ވަރަކަށް ކުރެހޭން ވެސް ފަށައިފިއެވެ.
“އާނ. ދާނެ އެއްވެސް މީހަކު ނެތޭ! ނިމުނުހައި އަވަހަށް ދާނަން. ދެން ބާއްވަނީ އިނގޭ!”
“ދެން ކާކަށް ވެސް ނާންނަންތަ؟”
“ހިޔެއް ނުވޭ ދެވޭނެހެނެއް. ވަރަށް ބިޒީ. އެކަމަކު ވަރަށް މިސްވޭ! ފަހުން އަދި ގުޅައިލާނަން. އިނގޭ!”
މަރީއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ފޯނު ބާއްވަން ވެސް ނޭނގިފައެވެ. މި ވޭތުވެދިޔަ ހަފުތާއެއްހައި ދުވަހު އޭނާ ދެކެމުން އައި ފޮނި ހުވަފެން ބިލާހަކަށްވެ ނިމުނީއެވެ. ކުރި އުއްމީދުތައް ފެނަށް ވެގެން ދިޔައީއެވެ. އޭނާގެ ސިކުނޑީގައި ނުބައި ވަސްވާސްތަކެއް އެނބުރޭން ފަށައިފިއެވެ. ހިތް ނުތަނަވަސް ކުރުވާ ފަދަ ވަސްވާސް ތަކެވެ.
ޔާސިރު އަނެއްކާ މިރޭގެ މަތިން ހަނދާން ނެތުނީ ބާވައެވެ؟ ހަނދާން ހުރި ނަމަ އޭނާ އެއަރޕޯޓަށް ދާކަށް އެއްބަހެއް ނުވާނެއެވެ. ކޮންމެވެސް ގޮތަކުން ސަލާމަތްވާނެއެވެ. ޖީބުން ޚަރަދު ކޮށްގެން ނަމަވެސް އެހެން ކުއްޖަކު ހަމަޖައްސާނެއެވެ. ޔަގީނެވެ. އޭނާ ހަނދާން ނެތުނީއެވެ. އަހަރެންގެ އުފަން ދުވަސްމަތިން ހަނދާން ނެތުނީއެވެ. އެކަމަކު އެއީ ކީއްވެގެންހެއްޔެވެ؟ މިއީ މިދިޔަ އަހަރު އޭނާ ކިހައި ބޮޑަކަށް ފާހަގަކުރި ރެއެއް ހެއްޔެވެ؟ އޭނާ އަހަރެންދެކެ ވަމުން އައި ލޯބި ކުޑަވާން ފެށީބާވައެވެ؟

ނުނިމޭ

ހިޔާލު

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *