ބޮޑުކުރި މުސާރައާއެކު ޝުކުރާއި ތަޢުރީފު

"ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން" މުދައްރިސުންގެ މުސާރަށް ހެޔޮބަދަލު ގެނައިކަން އިއުލާން ކުރައްވަމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ޤައުމާ މުޙާޠަބު ކުރައްވައި ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅަށްފަހު، މުދައްރިސުންގެ މުސާރައަށް ގެނައި ހެޔޮބަދަލު އިއުލާން ކުރުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، މުދައްރިސުންގެ މުސާރައަށް އައި ހެޔޮބަދަލު ސިފަކޮށްދެއްވަމުން ފެއްޓެވީ ރ. ފައިނު ސްކޫލްގެ ޕްރިންސިޕަލަށް ފާއިތުވި މަހު ލިބިވަޑައިގެންނެވި މުސާރައިންނެވެ. މިނިސްޓަރު ވިދާޅުވީ ފައިނު ސްކޫލްގެ ޕްރިންސިޕަލަށް ފާއިތުވި މަހު ލިބިވަޑައިގެންނެވީ 14،800 ރުފިޔާ ކަމަށާއި، ނަމަވެސް މުސާރައަށް އައި ހެޔޮ ބަދަލާއެކު މުސާރަށް 101.7 އިންސައްތައިގެ ކުރިއެރުމެއް ލިބިވަޑައިގެންނެވި ކަމަށެވެ. މާނައަކީ މީގެ ފަހުން 30،000 ރުފިޔާގެ މުސާރައެއް ގެއަށް ގެންދަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރޭގައި ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދާއި ތަޢުލީމުގެ ފެންވަރު ހިމެނެއެވެ. ދެވަނަ މިސާލެއްގެ ގޮތުގައި މިޑްލް ސްކޫލެއްގެ ގޮތުގައި ނެންގެވީ އައްޑޫ ސިޓީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލްގެ މުސާރައެވެ. އެ ސްކޫލްގެ ޕްރިންސިޕަލަށް މިހާރު ލިބިވަޑައިގަންނަވާ 27،896 ރުފިޔާގެ ބަދަލުގައި މި މަހުން ފެށިގެން ލިބިވަޑައިގަންނަވާނީ 37،075 ރުފިޔާގެ މުސާރައެކެވެ. މިއީ 32.90 އިންސައްތައިގެ ކުރިއެރުމެކެވެ. މާލޭގެ ސަރަހައްދަށް ބަލާއިރު، ހުރަވީ ސްކޫލްގެ ޕްރިންސިޕަލްގެ މުސާރައިގެ ގޮތުގައި މިހާރު ލިބެމުން އައި 27،663 ރުފިޔާގެ ބަދަލުގައި ދެން ލިބިވަޑައިގަންނަވާނީ 37.64 އިންސައްތައިގެ ކުރިއެރުމަކާއެކު 38،075 ރުފިޔާއެވެ.

މުސާރައަށް ގެނައި ބަދަލަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިފަދަ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ. މި ބަދަލުގެ އަސަރު 8889 މުވައްޒަފަކަށް ސީދާ ގޮތެއްގައި ކުރާއިރު، އެއީ ތައުލީމީދާއިރާއަށާއި ތައުލީމު އުނގެނެމުންދާ އެތައް ދަރިވަރުންނަށް ލިބިގެންދާނެ ހިތްވަރެކެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ، މުދައްރިސުންނަށް އަބުރުވެރިކަމާއެކު އުޅެވޭނެ އުޖޫރައެއް ހަމަޖެހިގެން ދިއުމަކީ އެމީހުންނަށް ލިބޭނެ ހިތްވަރެއް ކަމަށެވެ.

" މުދައްރިސުންނަށް އަބުރުވެރިކަމާއެކު އުޅެވޭނެ އުޖޫރައެއް ހަމަޖެހިގެން ދިއުމަކީ މޮޅު މީހުން މުދައްރިސްކަމާ ކުރިމަތިލާނޭ ސަބަބެއް. މޮޅެތި މުދައްރިސުން ކިޔަވައިދިނުމަކީ، ދަރިވަރުންގެ ފެންވަރު އުފުލޭނެ ކަމެއް. ޤަޢުމުގެ މުސްތަޤުބަލް ނޫރާނީ ފަތިހަކަށް އަލިވިލޭނޭ ކަމެއް" 

މުދައްރިސުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލަށް ތަޢުރީފު ކުރައްވައި، ޏ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޕްރިންސިލް އިސްމާއިލް ސައުދުއްﷲ ވިދާޅުވީ، ގައުމުގެ ހުރިހާ ދާއިރާތައް ތިލަފަތުގެ އެއްކޮޅަށް އެރުވިޔަސް ބަރު ވާނީ، އަދި ބަރުކުރަން ޖެހޭނީ ތައުލީމީ ދާއިރާ. އެކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ވެރިކަމުގެ ކުރިން ވެސް ވައުދުވެ، ވެރިކަމަށް ވަޑައިގެންވެސް ތަކުރާރުކޮށް ވައުދުވެ އެންމެ ޕޮރޮފެޝަނަލް ގޮތެއްގަ އެކަން ކޮށް މި އުފާވެރި ވަގުތު ކޮޅު ގެނެސް ދެވުނު ހަމައެކަނި ވެރިއަކީ ރައީސް ސޯލިހު ކަމަށެވެ.

" އެމަނިކުފާނަށް އަޅުގަނޑު އުސްތާޒެއްގެ ހައިސިއްޔަތުން އަރުވާ ލަގަބަކީ "21 ވަނަ ގަރުނުގެ ދިވެހިރާއްޖޭގެ ބައްޕަ" ގެ ލަގަބު. ސަބަބަކީ ދަރިން ބިކަހާލުގަ ޖެހޭ ކޮންމެ ފަހަރަކު ފުރާނައިން ގުރުބާން ވެގެން ކާންދީ އަންނައުނު ހޯދައދެނީ ބައްޕަ… ފާއިތުވި 13 އަހަރު ޕްރިންސިޕަލުން ބިކަހާލުގަ ޖައްސާފައި ތިއްބާ އެ ހާލުން ސަލާމަތް ކޮށްދެއްވީތީ" ސައުދުﷲ އޭނާގެ ފޭސްކްޕޭޖުގައި ލިއުއްވާފައިވެއެވެ.

ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ވިދާޅުވީ، މިއަދަކީ ތަޢްލީމީ ދާއިރާގެ ހުރިހާ މުއައްޒަފުންނަށްވެސް އުންމީދީ އުފާވެރި ދުވަހެއކަމަށާއި، މުސާރައިގެ އޮނިގަނޑަށް ގެނެވުނު އުންމީދީ ބަދަލާއެކު އޭގެ ރަނގަޅު ނަތީޖާ އުނގަންނައިދިނުމުގެ ތެރެއިން ފެނިގެންގޮސް ރަނގަޅު ޖީލްތަކެއް ބިނާވެ ގައުމުގެ މުސްތަޤުބަލް އުޖާލާވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

" ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެެންމެހާބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަމަސައްކަތް ތަކުގެ އަގުވަޒަން ކުރައްވައި މިފަދަ ރަނގަޅު ބަދަލެއް އެބޭފުޅުންގެ މުސާރައަށް ގެނެސް ދެއްވީތީ އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އަލްފާޞިލް އިބުރާޙިމް މުޙައްމަދު ސޯލިހު އަށާއި ތަޢްލީމީ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތި އަލީ އާއި އެކަމަނާގެ ޓީމަށް ދާއިރާގެ އެންމެހާ ބޭފުޅުންގެ ނަމުގައި ނުހަނު އިޙުލާސްތެރި ޝުކުރެއް ދަންނަވަން" ޑރ އާސިޔަތު މުޙައްމަދު ދީދީ ވިދާޅުވެފައިވެއެވެ.

ބާރަށު ސްކޫލުން ކުރި މެސެޖްގައި ބުނެފައި ވަނީ، އެތައް ދުވަހެއް، އެތައް މަހެއް އަދި އެތައް އަހަރަކަށްފަހު ދިވެހިރާއްޖޭގެ ތަޢުލީމީދާއިރާގެ މުވައްޒަފުންނަށް ޙައްޤު މިންވަރު ލިބިގެން ދިޔުމަކީ އެ ސްކޫލުގެ އިސްވެރިންނާއި މުވައްޒަފުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެކެވެ. ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް މި ގެނައި ތާރީޙީ ބަދަލަށް ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހަށް އިޚްލާސްތެރި ޝުކުރެއް ދަންނަވާ ކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެއްދެވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަސައްކަތް ކޮށްދެއްވީތީ އެކަމަނާއަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށް ބުނެފައިވެއެވެ.

މަދަރަސަތުލް އިފްތިތާހުގެ ޕްރިންސިޕަލް ވިދާޅުވީ " އުފާވެރިކަމުގެ ބަހާރެއް، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އުޖޫރައެއް ލިބިގެން ދިއުމަކީ އެތައް ދުވަހެއްގެ އިންތިޒާރެއް. ދާއިރާއާ ދޭތެރޭ ޒުވާނުން ދެކޭގޮތް ބަދަލުވެ، ދާއިރާއާ ގުޅޭނެ ހުނަރުވެރި މުދައްރިސުން ލިބިގެން ދިއުމަކީ ކުރެވޭ އުއްމީދެއް. ފެންވަރު ރަނގަޅު މުދައްރިސުންނާ ގާބިލު ވެރިން ދާއިރާއާ ދުރަށް ދިއުމުގެ ބައްޓަފާޅި ބަދަލުވެ ތަޢުލީމީދާއިރާއަށް ހެޔޮބަދަލުތައް އަންނާނެ ކަމަށް ޔަޤީންކުރަން. މިއައި ބަދަލާ ގުޅިގެން އަޅުގަނޑުމެންގެ ޒިންމާ އިތުރުވެއްޖެ ކަމުގެ އިޙުސާސްތަކެއް ކުރެވިއްޖެ. ފިތުރުއީދަށް ސަރުކާރުން ތިޔަ ދެއްވި ހަދިޔާ ޝުކުރުވެރިކަމާއެކު ބަލައިގަންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު" ކަަމަށެވެ.

އައްޑޫ ހައިސްކޫލްގެ ލީޑިންގ ޓީޗަރު ލީޝާ ފަހުމީ ވިދާޅުވީ، މުސާރައަށް އައި ކުރިއެރުމަކީ އެތައް ދުވަހެއްވީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި، މިއީ އަޅުގަނޑު ވަޒީފާ އަދާކުރަން ފެށިފަހުން އެންމެ ރަނގަޅު ބަދަލެއް އައި ފަހަރު ކަމަށެވެ.

" އަޅުގަނޑުމެން ރެއާއި ދުވާލު ކުރަމުން ދިޔަ މަސައްކަތުގެ އަގުވަޒަން ކުރާކަމުގެ ޔަޤީންކަން ލިބިއްޖެ. ތަޢުލީމީދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މިތިބީ ވަރަށް އުފަލުން ހިތްހަމަޖެހިގެން. މި ބަދަލާއެކު ދަރިވަރުންނަށް ފުރިހަމަ ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން" 

 

‏"މިއަދަކީ އަޅުގަނޑުގެ ޓީޗިންގ ކެރިއަރ އައި ވަރަށް އުފާވެރި ދުވަހެއް. މިއަދު އަޅުގަނޑަށް އިޙުސާސް ކުރެވެނީ އަޅުގަނޑުމެންގެ އަޑު އަހާ، އަޅުގަނޑުމެންގެ އަގު ބަޔަކު ވަޒަން ކޮށްފިކަން،" ބާރަށު ސްކޫލުގެ ޓީޗަރު، އާމިނަތު އަރޫޝާ ވިދާޅުވިއެވެ.

އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ މުދައްރިސުންގެ މުސާރަ ބޮޑުކުރި ދުވަހަކީ އެ ދާއިރާގައި އެންމެ އުފާވި ދުވަސް ކަމަށެވެ.

" ހީވާގި ދިރާސީ މުވައްޒަފުންގެ މުސާރައަށް މިއިން ދުވަހަކު ވެސް އަޅުގަނޑުމެން އުއްމީދު ނުކުރާ ފަދަ ހެޔޮ ބަދަލެއް ދިވެހި ސަރުކާރުން ގެނެސް ދެއްވައިފި" ނާސިޙާ ވިދާޅުވިއެވެ. " މިއަދު ވެސް އަޅުގަނޑު މިދަނަންވަނީ، ކުރިއަށް އޮތް ތަނުގައި ވެސް ދާއިރާގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން"

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *