ހިތުގެ ދުވަސް: ސްކޫލުތައް ދަރިވަރުންގެ ހިތްތަކުން ފުރާލައިފި!

ބައިނަލް އަޤްވާމީ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ސްކޫލުތަކުގައި އިއްޔެއާއި މިއަދު ހިތްތަކުން ފުރާލައި ސްކޫލުތަކުގެ އެސެމްބްލީގައި ދަރިވަރުންގެ އެތުރުމަކުން ހިތެއް ވަނީ ސިފަކޮށްދީފައެވެ.
ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ގުޅިގެން ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ދުވަހުގެ ހާއްސަ އެސެމްބްލީއެއް ބޭއްވުމާއި، ހިތުގެ ބައްޔާއި ގުޅޭ ގޮތުން ދަރިވަރުންގެ ހިޔާލު ފާޅުކުރުމާއި، މިދުވަސް ފާހަގަ ކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ "އަހަރެންގެ ހިތާއި ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ގުޅިގެން ވައުދުވަމާ" އާއި ބެހޭ ގޮތުން ތަފާތު މެސެޖްތައް ފޯރުކޮށްދިނުމެވެ.
އޭގެ އިތުރަށް ދަރިވަރުންނަށް ހާއްސަ ކަސްރަތުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމާއި ހިތުގެ ބައްޔާއި ގުޅޭ ލިޔުންތައް ހިމެނޭ ބޯޑު ފަދަ ތަކެތި ހިފައިގެން ދަރިވަރުން ހިތުގެ ބައްޓަމަށް އެތުރި ހަރަކާތްތަކެއް ހިންގާފައިވެ އެވެ.
ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ އެގްޒެކްޓިވް މެނޭޖަރ މުޙައްމަދު ނިމާލު ވިދާޅުވީ ސްކޫލުތަކުގައި މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިނަށް ހިތުގެ ދުވަހުގެ މުހިންމުކަމާއި މިދުވަހާއި ގުޅޭ ތަފާތު މެސެޖްތައް ފޯރުކޮށްދިނުން ކަމަށެވެ.
މިނިސްޓްރީ އޮފް އެޑީއުކޭޝަނާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި ހިތުގެ ދުވަސް ފާހަގަކުރާ މިއީ ހަތަރު ވަނަ އަހަރެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ބައިނަލްއަގުވާމީ ހިތުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "އަހަރެންގެ ހިތާއި ތިބާގެ ހިތް- ދުޅަހެޔޮ ހިތަކަށް ގުޅިގެން ވައުދުވަމާ" މިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *