ޓީޗަރުންގެ ދުވަސް: އަގުވަޒަން ކުރުމުގެ ދުވަސް

މިއަދަކީ މުދައްރިސުންގެ ދުވަހެވެ. މުދައްރިސުންނަކީ އާދައިގެ ބައެއްނޫނެވެ. އެމީހުންނަކީ ކިޔަވައިދިނުމުގެ ހުނަރާއި ތަމްރީން ލިބިފައިތިބި ކަމުގެ މާހިރުންނެވެ. އެމީހުންނަށް އެކަށީގެންވާ ޢިއްޒަތް އަބަދު ވެސް ދޭންޖެހެއެވެ. ޙައްޤުވެގެންވާ އިޙުތިރާމާއި ޤަދަރު ހުރިހާވަގުތެއްގައި ވެސް ދޭންޖެހެއެވެ.
ޓީޗަރުންގެ މަސައްކަތް ކަނޑައެޅިފައިވާ އިމުގެތެރެއިންކުރާ ކަމަށްވާނަމަ ނަތީޖާ ފޮނިވާނެއެވެ. މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ ބެލެނިވެރީންނެވެ. އަރާއިރާއެކު ކުދިން އިނގިލި ތަކުގައި މަންމަ ނުވަތަ ބައްޕަ ހިފައިގެން ގޮސް ޓީޗަރުންގެ އަތްމައްޗަށް ކުދިން ދޫކޮށްލަނީ އެހެންވެގެންނެވެ. އުފެދިފައިވާ އިތުބާރުގެ ބޮޑުކަމުންނެވެ.
ޓީޗަރުންގެ ޒިންމާ ވަރަށްބޮޑެވެ. މުދައްރިސުންގެ އަތްމަތީން އެދުރުވެގެން ނުކުންނަ ދަރިވަރަކީ އިސްލާމީ ދިވެހި މުޖުތަމަޢުގައި ބޭނުން ހިފޭ މީހަކަށް ވާންޖެހެވެ. ފަރުދެއްގެ ގޮތުގައި ހަރުދަނާ މީހަކަށްވާން އެބަޖެހެއެވެ. އެހެންވީމާ މުދައްރިސުންގެ ދައުރު ކުޑައެއް ނުވިތާއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފާލާ އެއްބަޔަކީ ވެސް ޓީޗަރުންނެވެ. ދެވަނަ ބެލެނިވެރީންގެ ހައިސިއްޔަތުންނެވެ. މި ޒިންމާ ޓީޗަރުންނަށް ފުރިހަމަ ގޮތުގައި އުފުލޭނީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ އެހީއާވެސް އެކުގައެވެ.
ފޮތުގެ ޢިލްމަށް މޮޅުވެގެން މިހާރަކު ނުފުދެއެވެ. ކިޔަވައިގެން ނުކުންނަ ދަރިވަރަކީ އަޚުލާގު ރަނގަޅު މީހަކަށް ވާންޖެހެއެވެ. އެހެން ކަމުން ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް އަބަދުވެސް ފެންނަޖެހޭނީ ނަމޫނާ ސިފަތަކެވެ.
އަމަލީ މައިދާނުގައި ފުދުންތެރި ބަޔަކަށް ދަރިވަރުން ހެދޭނީ މިއަދު ކުދިންނަށްދިން ތަޢުލީމެއްގެ މައްޗަށެވެ.
މުދައްރިސުންގެ ދުވަހު ހަނދާންކޮށްލަން އެންމެ ރަނގަޅު އެއްކަމަކީ އެމީހުންގެ ޤުރުބާނީއެވެ. އަމިއްލަ ޢާއިލާ ދޫކޮށްލާފައި ސްކޫލުގައި ދަރިވަރުންނަށްޓަކައި ހޭދަކުރާ ވަގުތެވެ. ލިބޭ ބަންދު ދުވަސްތައް ވެސް ހޭދަކޮށްލަނީ ދަރިވަރުންގެ ކަންކަމުގައޭ ބުންޏަސް ދޮކަށް ނުވާނެއެވެ. އެހެން ކަމުން މުދައްރިސުންގެ ޚިދުމަތް ހެޔޮހިތަކުން ބަލައިގަންނަންޖެހެއެވެ. އެމީހުންގެ އަގުވަޒަން ކުރަންޖެހެއެވެ. މިއަދަކީ މުދައްރިސުންގެ އަގުވަޒަންކުރާ ދުވަހުގެ ގޮތުގައި ހަދަމާ ހިންގާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *