ހިރިޔާ ސްކޫލު ރަސްމީކޮށް ހުޅުވީ 2009 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަނަރަ ވަނަ ދުވަހު، ސާނަވީ މަދަރުސާއެއްގެ ގޮތުގައި، އަންހެން ކުދިންނަށް ޚާއްޞަކޮށެވެ. އޭރު ކިޔަވައިދޭން ފެށީ ގްރޭޑު އަށަކުންނެވެ.
ހުރިހާ ސްކޫލެއްގައި ވެސް ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި ސިޔާސަތުގެ ދަށުން ހިރިޔާގެ ގްރޭޑް އެކަކަށް އޭރު ވެއްދި ކުދިން މިހާރު ކިޔަވަމުން ގެންދަނީ ގުރޭޑް ނުވައެއްގައެވެ. ކުދިން އޯލެވެލް ހަދާނީ އަންނަ އަހަރުއެވެ.
ހިރިޔައަށް ދިހަ އަހަރު، މި އަހަރު ފުރިފައިވާއިރު، އެ ސްކޫލްގެ ހަގީގީ ކާމިޔާބީ ގުޅެނީ އަންނަ އަހަރުގެ އޯލެވެލް އިންތިހާނަށެވެ. އެއީ އެ ސުކޫލުގައި ގްރޭޑް އެކަކުން ދިހައަކަށް ކިޔަވަން ފެށި ދަރިވަރުން އަންނަ އަހަރު އޯލެވެލްގައި އިށީންނާނެތީއެވެ.
ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ އޯލެވެލްއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި ނަތީޖާއާ މެދު ފޮނި އުއްމީދުތަކެއް ކުރެއްވޭ ކަމަށެވެ.
ރިންޒީ ވިދާޅުވީ ހިރިޔާ ސްކޫލާ ހަވާލުވެވަޑައިގަތުމަށް ފަހު މިހާރު ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފެންވަރު ދިރާސާ ކުރެއްވި ކަމަށެވެ. އޭގެ ބޭނުމަކީ އެ ދަރިވަރުންނަށް ބޭނުންވާ ކަންތައްތަކަކީ ކޮބާތޯ ބައްލަވައި ސްކޫލްގެ ފަރާތުން ހައްލުކޮށްދެވޭނެ ކަންތައްތައް ކޮށްދެއްވުމެވެ.
" އަހަރު ދުވަހުގެ ތެރޭގައި ހަތަރު ފަހަރު ޓީޗަރުންނާ ބައްދަލުކޮށް، ކޮންމެ ކުއްޖެއްގެ ނަތީޖާއާ މެދު ވަކިވަކިން މަޝްވަރާ ކުރިން. " ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 25 އަހަރު މި އަހަރު ފުރޭ ރިންޒީ ވިދާޅުވިއެވެ.
ގްރޭޑް ނުވައެއްގެ ކުދިންނަށް އަމާޒުކޮށް ސެޝަންތައް ވެސް ދިގުކޮށް، އިތުރު ކުލާސްތަކެއް ހިރިޔާ ސްކޫލުން ދަނީ ބާއްވަމުންނެވެ. ބޭނުމަކީ ސިލަބަސް ނިންމުމާއެކު، ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށް އެ ކުދިންނާއެކު މަސައްކަތް ކުރުމެވެ.
" އާ މަންހަޖުގެ ދަށުން ފުރަތަމަ އޯލެވެލް ހަދާ ކުދިންނަށް ވީތީ، އެބަހުރި ގޮންޖެހުންތަކެއް ވެސް. އެހެން ނަމަވެސް ވަރަށް ކައިރިން ބަލަމުން މި ގެންދަނީ. ޓީޗަރުންގެ ފަރާތުން ލިބޭ ކޮމަންޓް ތަކަށް ބަލާއިރުވެސް އޯލެވެލްގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް އުއްމީދު ކުރެވޭ " ކުދިންގެ ނަތީޖާއާ މެދު އޮތް އުއްމީދު ރިންޒީ ވިދާޅުވެ ދެއްވިއެވެ.
advertisment
ހިޔާލު