ސަޕްރައިޒް

21 ސެޕްޓެމްބަރު ނޫހާ ގުޅޭ

ޔާސިރު އަނެއްކާ މިރޭގެ މަތިން ހަނދާން ނެތުނީ ބާވައެވެ؟ ހަނދާން ހުރި ނަމަ އޭނާ އެއަރޕޯޓަށް ދާކަށް އެއްބަހެއް ނުވާނެއެވެ. ކޮންމެވެސް ގޮތަކުން ސަލާމަތްވާނެއެވެ. ޖީބުން ޚަރަދު ކޮށްގެން ނަމަވެސް އެހެން ކުއްޖަކު ހަމަޖައްސާނެއެވެ. ޔަގީނެވެ. އޭނާ ހަނދާން ނެތުނީއެވެ. އަހަރެންގެ އުފަން ދުވަސްމަތިން ހަނދާން ނެތުނީއެވެ. އެކަމަކު އެއީ ކީއްވެގެންހެއްޔެވެ؟ މިއީ މިދިޔަ އަހަރު އޭނާ ކިހައި ބޮޑަކަށް ފާހަގަކުރި ރެއެއް ހެއްޔެވެ؟ އޭނާ އަހަރެންދެކެ ވަމުން އައި ލޯބި ކުޑަވާން ފެށީބާވައެވެ؟

މަރީގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. އޭނާ ހިންދިރުވައިލިއެވެ. ހަމަޖެހިލެވޭތޯ ކުރި މަސައްކަތް ބޭކާރުވެ، ރޮވޭގޮތް ވެއްޖެއެވެ. އަވަސް އަވަހަށް ފޯނު ބާއްވާފައި ފާޚާނާއާ ދިމާއަށް ހިނގައިގެންފިއެވެ. ބޭނުންވީ އެއްޗެހި ބަދަލުކުރާށެވެ. އޮށޯވެ ނިދޭތޯ ބަލާށެވެ. ހިތަށް ލިބެމުން އައި ނުތަނަވަސްކަމުން ސަލާމަތް ވެވޭތޯއެވެ.
މަރީއަށް ލޯ ހުޅުވައިލެވުނީ ފޯނު ރީންގުވާންފެށި އަޑަށެވެ. ނިދޭތޯ ދެ ލޯ މަރައި ފިއްތައިގެން އޮތް ނަމަވެސް، އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ހިތް ނުތަނަވަސްވާލެއް ބޮޑުކަމުންނެވެ. އޭނާ ދެ ލޯ ފޮހެލަމުން ތެދުވެ ފޯނަށް ބަލައިލިއެވެ. ގުޅަނީ ނިޝާއެވެ. އޭރު ބާރަޖަހަން ވިއްސަކަށް މިނެޓަށް ވެއްޖެއެވެ.
“ހަލޯ!” މަރީގެ އަޑުގައި ހުރީ ރިހުން އެކުލެވިފައެވެ.
“އޭތް! ކޮބާ ކޮންކަމެއް އޮތީ؟ ހަމަ ބަލައިލާ ހިތުން މި ގުޅައިލީ.”
“ނެތް އެއްކަމެއް ވެސް. ޔާސިރުވީ ފިހާރައިގެ ކަމެއްގަ އެއަރޕޯޓުގަ. އެހެންވެ ނިދަން މިއޮތީ.” ދެރަވެފައި ހުރިކަން ނިޝާއަށް ނާންގަން މަރީ މަސައްކަތް ކުރިއެވެ.
“މަރީ މޮޔަތަ؟” ނިޝާ ޗޮކެއް ކަނޑައިލިއެވެ. “އެއުޅެނީ މިރޭ ވެސް ވަރުގަދަ ސަޕްރައިޒެއް ދޭން! އަވަހަށް ތެދުވެ ތައްޔާރުވޭ! މަށަށް އެނގޭ ވަރަށް ވެސް މަރީއަކަށް ޔާސިރެއް ނޭނގުނެއްނު.”
ނިޝާގެ ވާހަކަތަކުން މަރީގެ ހިތަށް ލިބުނީ ވަރަށް ބޮޑު ހަމަޖެހުމެކެވެ. އޭނާ އަވަސް އަވަހަށް ތެދުވިއެވެ. އެއީ ހަމަ ވަރަށް ރަނގަޅު ވާހަކައެކެވެ. މިރޭ އޭނާ އެތައްޔާރުވަނީ މުޅިން ތަފާތު ގޮތަކަށް ސަޕްރައިޒް ދޭށެވެ. ނިޝާ ގުޅިކަން އެއީ ހަމަ ނަސީބެވެ. އެކަހަލަ ވިސްނޭ ރައްޓެއްސަކު ހުރިކަން ވެސް ނަސީބުތާއެވެ.
މަރީ އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ މޫނު ދޮވެލައި ތައްޔާރުވެލައިފިއެވެ. ކުރީން ވެސް ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ ހެދުން ލައި ކުޑަގޮތަކަށް މޭކަޕް ވެސް ކޮށްލިއެވެ. އެއަށްފަހު އޭނާ އިންތިޒާރުކުރަން ފެށީ ޔާސިރު އަންނާނޭ އިރަކަށެވެ. ބާރަ ޖަހަން އޭރު ހުރީ ހައެއްކަ މިނެޓެވެ. އޭނާގެ އިންތިޒާރަކަށް ދެނެއް ގިނަ އިރެއް ނެތެވެ. ހަމަ ޔަގީނުން ވެސް ބާރަ ޖަހަންވާއިރަށް އޭނާ އަންނާނެއެވެ.
ބާރަ ޖަހައިފިއެވެ. ޔާސިރެއް ނައެވެ. މަރީގެ ހިތުގައި ދިއްލުނު އުއްމީދުގެ ހުޅުކޮޅު ކަނިވާން ފަށައިފިއެވެ. ދެލޯ ތެމޭން ފަށައިފިއެވެ. އެންމެ ފަހުން އޭނާއަށް ރޮވިއްޖެއެވެ. ބާރަގަޑި ބައިވިއިރު އޭނާއަށް ފާޑަކަށް ގިސްލެވެން ފަށައިފިއެވެ. ލިބުނު ހިތާމައިގެ ބޮޑުކަމުން ޑްރެސިންޓޭބަލް މަތީގައި ބޯ އަޅާލައިގެން އޮއްވާ އޭނާގެ ދެ ލޮލަށް ނަދީގެ ފައުޖު ޖަމާވާން ފަށައިފިއެވެ.
މަރީއަށް ހޭލެވުނީ މެންދަމުން އަލިވެ ދެގަޑިބައި ވެސް ވިފަހުންނެވެ. އޭނާގެ މަންމައަށް ހޭލެވިގެން އައިސް ގޮވުމުންނެވެ. އޭރުވެސް ޔާސިރެއް ނާދެއެވެ. މަރީ އަވަސް އަވަހަށް ދެތުވެގެން ގޮސް ފަޚާނާއަށް ވަނީ މަންމައަށް އޭނާގެ މޫނުމަތިން ކަމެއް ފާހަގަވެދާނެތީއެވެ.
ޖެހިގެން އައި ދުވަހެވެ. އަށްގަޑިބައި އެހައިކަންހާއިރެވެ. ކޮޓަރީ ދޮރު ހުޅުވާލާފައި ނިކުތީ މަރީއެވެ. ރީތިވެލައިގެންނެވެ. އެހެންނަމަވެސް އެ މޫނުމައްޗަކުން ތާޒާކަމެެއް ނުފެނެއެވެ. ހުރީ މިލާފައެވެ. މަންމަ ފެނުމުން ހިނިތުންވެލީ ގަދަކަމުންނެވެ.
“މަންމާ! މި އުޅެނީ ވިލިނގިއްޔަށް ގޮސްލަންކަމަށް.”
“ސައި ވެސް ނުބޮއި؟” ހައްވާމަނިކެ އިނީ ފަހާފޮށިދޮށުގައި ހެދުމެއް ފަހާށެވެ.
“ޔާސިރު ބުނީ އެކޮޅުންނޯ ސައި ބޯނީ.”
“ކޮބާ ޔާސިރު؟”
“މިހިރީ.” ޔާސިރު ކޮޓަރިން ނިކުމެ ފައިވާނަށް އަރަމުން މަންމައަށް ބަލައިލާފައި ހިނިތުންވެލިއެވެ. “މަންމަ ވެސް ހިނގާ ދާން!”
މަންމައަކަށް ނުދެވޭނެ. މި ހެދުން މިއަދު ކޮންމެހެން ވެސް ނިންމަން އެބަޖެހޭ. ހުކުރަށް ދާންވާއިރަށް އަންނައްޗޭ!”
ވިލިނގިލީ އަތިރިމަތީގައި ހުންނަ ސިމްފަނީ ގާޑްންއިން ސައި ބޮއިގެން ޔާސިރާއި މަރީ ނިކުންއިރު ދިހަގަޑި ބައިވެދާނެއެވެ. މޫދަށް އެރެން ގޮސް އުޅޭ މީހުންތަކުން އެދިމާ އަތިރިމަތި ވަނީ ރަކަރަކަ އަޅާފައެވެ. އެދިމާއަށް ދާކަށް ޔާސީނު ބޭނުމެއް ނުވިއެވެ. އޭނާ މަރީ ގޮވައިގެން ހިނގައިގަތީ އުތުރުފަރާތަށެވެ. އެ ދިމާއަކު މާ ގިނަ މީހުނެއް ނެތެވެ.
މަރީ ހުރީ އަދިވެސް ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިއަދަކީ އޭނާގެ އުފަންދުވަހެވެ. ޔާސިރު އެކަން ހަނދާން ވެސް ނެތެވެ. މިހާރު މިއޮތް މެންދުރުވަނީއެވެ. އަދިވެސް އޭނާގެ ދުލުން އެއް ފަހަރުވެސް އުފަންދުވަހޭ ކިޔައިގެން އެއްޗެއް ބުނެނުލައެވެ. ހޭ ވެސް އަހައިނުލައެވެ.
“ވާހަކައެއް އަހައިލަންތަ؟” ތަންކޮޅަކަށް ގޮސްފައި މަރީ އަހައިލިއެވެ.
“ހޫނ.” ޔާސިރު ހިނިތުންވެލިއެވެ.
“މިހާރު ކުރީން ވާ ވަރަކަށް މަދެކެ ލޯތްބެއް ނުވޭދޯ!”
“ތިހެން ހީ ނުކުރައްޗޭ މަރީ. ވަރަށް ވަރަށް ލޯބިވޭ!”
“އެހެންވިއްޔާ މިހާރު ހާދަ ހަނދާން ބައްޔޭ!”
ވާހަކަ މިހާ ހިސާބަށް ދިޔައިރު އެ ދެ މީހުންނަށް ގޮސް ތޮށިގަނޑު މައްޗަށް އެރިއްޖެއެވެ. އެހައިތަނުން ޔާސިރު ހަމަ ގަސްދުގައި ވާހަކަ ބަދަލުކޮށްލައިފިއެވެ. އޭނާ މަރީއަށް ދެއްކީ މޫދުގައި ދުވެލަ ދުވެލައި ތިބި ރާބުޅާ ޖޯޑެކެވެ. އެ އާ އެ ދެމީހުންނާ ގުޅުވައިގެން ވާހަކަ ދައްކަން ޔާސިރު ހުރީ މަރީގެ ކޮނޑަށް އަތްވައްޓާލައިގެންނެވެ. އެހެން ހުރެފައި އޭނާ މަރީއާ ދިމާއަށް ބަލާލައިފިއެވެ. އޭރުވެސް މަރީގެ ނަޒަރު ހުއްޓިފައި ހުރީ މޫދާ ދިމާއަށެވެ.
“ހެޕީ ބާތުޑޭ މައި ލޯބީ.” ކުއްލިއަކަށް މަރީގެ ކަންފަތުގައި ޖެހުނީ ޔާސިރުގެ މި ޖުމުލައެވެ. އޭނާގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލުމުންނެވެ. މަރީއަށް ލިބުނީ ކުއްލި ސިހުމެކެވެ. ތެޅެގަނެވުނެވެ. އަވަސް އަވަހަށް ޔާސިރާ ދިމާއަށް ބަލައިލެވުނެވެ. ހިނިތުންވެލެވުނެވެ.
“ހަނދާން އެބަހުރިތަ؟” މަރީއަށް އުޅެވުނީ ޔާސިރުގެ ގައިގައި ބައްދައިގަންނާށެވެ. އެހެނަސް އެއަށްވުރެ ކުރީން ޔާސިރު، މަރީގެ ބުރަކަށީގައި އަތް އަޅައި މޫދާދިމާއަށް ކޮށްޕާލައިފިއެވެ. އަޑުގެ ކޮޅަށް ހެޕީބާތުޑޭއޭ ގޮވައިލަމުންނެވެ. ހީނގަންނަމުންނެވެ. ލިބުނު ކުއްލި ސިހުމާއެކު މަރީއަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު އޭނާ ގޮސް މޫދުތެރެއަށް ޖެހެނީއެވެ.
“ސަޕްރައިޒް! ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން.” މަރީ ގޮސް ލޮނުގަނޑުގެ ތެރެއަށް ޖެހުމާއެކު އަނެއްކާ ވެސް ޔާސިރު އަޑަށް ބާރުލާފައި ބުނެލިއެވެ. އެއާއެކު އޭނާ ދުއްވައިގަތީ އެއްގަމަށެވެ. ރޭވިފައި އޮތް ގޮތަށް ކަންކުރުމަށްޓަކައެވެ. ޖީބުގައި އޮތް ކުލަޕެކެޓް ނަގައި އަތަށް ހެޔޮވަރުކޮށްލަމުން އޭނާ ގޮސް ވަނީ އެތަނުގައި ހުރި ގަސްބޮޑިއެއް ތެރެއަށެވެ. މަރީ އެއްގަމަށް އެރުމާއެކު ރަތްކުލައިން މީހާ “ފެންވަރުވައި”ލުމަށެވެ؟
މަރީއާ ދޭތެރޭ ކަންބޮޑުވާކަށް ނުޖެހެއެވެ. އޭނާއަކީ މޮޅު ފެތުންތެރިއެކެވެ. ސްކޫލުގައި އުޅުނު ދުވަސްވަރު ފެތުމުގެ މުބާރާތްތަކުން ރަންމެޑަލް ހޯދައިފައިވާ ހުނަރުވެރި ފެތުންތެރިއެކެވެ. އެހެންކަމުން ޔާސިރު އިނީ މަރީ މޫދުން އަރައިގެން އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. ކުލަޖަހައި ރަތްކޮށްލަން ކެތްތެރިކަން ކުޑަވެފައެވެ.
މަރީގެ އިންތިޒާރުގައި ޔާސިރު އެހެން އިންނަތާ ފަސް މިނެޓް ދިހަމިނެޓަށް ވެއްޖެއެވެ. މަރީ އެއްގަމަކަށް ނޭރިއެވެ. ޔާސިރަކަށް ނީނދެވުނެވެ. ހިތް ބިރުގަންނަން ފަށައިފިއެވެ. އެންމެފަހުން އޭނާ އެ އިން ތަނުން ނިކުމެއްޖެއެވެ. ފާޑަކަށް ހުރެގެން ތޮށިގަނޑާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު އޭނާގެ ހިތް ތެޅެއެވެ. ނޭނގޭ ބިރުވެރިކަމަކުން އެތެރެހަށި ފުރާލައިފިއެވެ. ދެ ލޯ ބޮޑުވެފައި ހުރިއިރު، އަތް ފައި ވަނީ ބަރުވެ ފިނިވެފައެވެ.
ޔާސިރު ގޮސް ތޮށިގަނޑު މައްޗަށް އަރައިފިއެވެ. މޫދަށް ނަޒަރު ހިންގާލައިފިއެވެ. މަރީއެއް ފެންނާކަށް ނެތެވެ. ޔާސިރަށް އެކި ދިމާއަށް ބަލަންފެށުނެވެ. މޫދުގެ އެއްވެސް ދިމާއަކުން މަރީއެއް ފެންނާކަށް ނެތެވެ. ޔާސިރުގެ ހިތް ކުރިއަށްވުރެ ވެސް ބާރަށް ތެޅެންފަށައިފިއެވެ. އަތުގައި އޮތް ކުލަޕެކެޓް ވެއްޓިއްޖެއެވެ. އޭނާއަށް މަރީގެ ނަމުން ގޮވަން ފެށުނެވެ. ފަހަރަކަށްވުރެ ފަހަރެއް ބާރަށެވެ. އެންމެފަހުން ހިތަށް ކެތް ނުކުރެވިގެން މޫދަށް ފުންމާލައިފިއެވެ. މަރީގެ ނަމުން ގޮވަމުން މޮޔައަކު ފަދައިން އުޅެންފަށައިފިއެވެ.

(ނުނިމޭ)

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދަރިވަރުގެ ނަމުގައި ތަޢުލީމީ ދާއިރާއަށް އަމާޒުކުރެވޭ ވެބުސައިޓެއްގައި ޖެހުން އެންމެ އެކަށީގެންވާ ފޮޓޯއެއް ނޫން މިވާހަކައާއކު މިވަނީ. ބަދަލުކޮށްލުން ރަނގަޅު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *