ޝިއުރާ: ދިއްދޫގެ އެންމެ އަލިގަދަ ތަރި

ދިއްދޫގެ އެންމެ އަލިގަދަ ތަރީގެ ގޮތުގައި ހޮވުނު ޝިއުނާއަށް އިސްލާމިކް މިނިސްޓަރު ތަށި ހަވާލުކޮށް ދެއްވަނީ: ޝިއުނާ ދަނީ ޤުރުއާން ހިތުދަސްކުރުމުގެ މަސއްކަތް ކުރަމުން

ހއ. ދިއްދޫގެ އެންމެ އަލިގަދަ ތަރިއަކަށް ވުމަކީ އެއީ ކުޑަ ފަޚުރެއް ނޫނެވެ. ވިހި ބައިވެރިން ފުރާނާލައިގެން އޭގެ ތެރެއިން އެއްވަނަ ހޯދުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އެންމެ އަލިގަދަ ތަރީގެ އެ ތާޖް ހޯދަން އެ މުބާރާތުގައި ބައިވެރިވީއްސުރެ އާމިނަތު ޝިއުރާ އިބްރާހިމް ހުރީ ފެންބޮވައިގެންފައެވެ. އެކަމަށް ވަގުތު ހުސްކުރިއެވެ. ދުރާލާ އެކަމަށް ތައްޔާރުވިއެވެ.

ހއ. އަތޮޅު ތަޢުލީމީމަރުކަޒުގެ އަށްވަނަ ކިލާހުގައި ކިޔަވަމުންދާ ޝިއުރާއަކީ އެންމެ ކުޑައިރުއްސުރެ ޤުރުއާނަށް ޚާއްޞަ ޝަޢުޤެއް ބެހެއްޓި ދަރިވަރެކެވެ. އެންމެ އަލިގަދަ ތަރިއާ ހަމައަށް އައިރު، އެތަކެއް ޤުރުއާން މުބާރާތްތަކުން އެކި ވަނަތައް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި އެއްވަނަ ވެސް ހިމެނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމްކުރި ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ އެންމެ އަލިގަދަ ތަރީގެ ގޮތުގައެވެ. މި މުބާރާތުގެ ތަރިއަކަށް ވުމަށް ހަމައެކަނި ޤުރުއާން ކިޔަވާލުމަކުން ނުފެދެއެވެ. ކުރު ރާގުގެ އިތުރުން ދިގު ރާގަށް ކިޔަވަންޖެހެއެވެ. ތަރުޖަމާގެ އިތުރުން ޤުރުއާނުގެ އިލްމާ ގުޅޭ ގޮތުން ފަނޑިޔާރުން ކުރިމަތިކުރުވާ އެތައް ސުވާލަކަށް ޖަވާބުދޭން ޖެހެއެވެ. މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެކަމަކު މި މުބާރާތުގައި ޝިއުރާ ދެއްކީ އޭނާގެ ހިތްވަރެވެ. އަޒުމެވެ.

" މުބާރާތުގައި ބައިވެރިވީއްސުރެ އެއްވަނައަށް ޓޭގެޓްކުރީ. އުއްމީދު އޮތް ލިބޭނެ ކަމަށް. ކިޔަވައި ނިންމާލިއިރުވެސް ވަރަށް ބޮޑު އިތުބާރެއް އޮތް އެންމެ އަލިގަދަ ތަރިއާ ހަމައަށް ދެވޭނެ ކަމަށް" އެންމެ އަލިގަދަ ތަރިއަކަށް ވުމުން އުފާވެފައި ހުރި ޝިއުރާ ދަރިވަރު ނޫހަށް ބުންޏެވެ.

" މިއީ ވަރަށް ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖާ. މުދައްރިސް ދިން އިރުޝާދާއި މަންމައާއި ބައްޕަ އަދި އާއިލާއާއި ހެޔޮއެދޭ ރައްޓެހިން ދިން ހެޔޮނަސޭހަތުގެ އަޞްލު"

އަލިގަދަ ތަރިއަކަށް ވުމަކީ ޝިއުރާގެ މަސައްކަތުގެ ފެށުމެވެ. ޤުރުއާނާ ގުޅުން ހުރި ދާއިރާއަކުން މަތީ ތަޢުލީމް ހާޞިލްކޮށް، އެ އުގައްނައިދޭ މުދައްރިސެއްގެ ހުވަފެން ދެކެމުންދާ ޝިއުރާ ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. 2012 ވަނަ އަހަރު ފެށި އެ މަސައްކަތް މިއަދާ ހަމައަށް އައިރު ވަނީ 14 ފޮތާ ހަމައަށް ފުޅާކޮށްފައެވެ. އޭނާ ބޭނުން ވަނީ 18 އަހަރު ފުރުމުގެ ކުރިން ޤުރުއާން ހިތުދަސްކުރާށެވެ. ހުރިހާ މަސައްކަތެއް ބައްޓަންކޮށްފައި ވަނީވެސް އެމަގަށެވެ.

" ޤުރުއާން ހިތުދަސްކުރުމަކީ އެއީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް. އަށާރަ އަހަރު ފުރުމުގެ ކުރިން އެކަން ޙާޞިލްކުރެވޭތޯ މަސައްކަތް މި ކުރަނީ" ޝިއުރާގެ އަޒުމް ވަރުގަދައެވެ.

ސްކޫލްގެ ފިލާވަލުތަކާއި އިތުރު ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވަމުން ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމަކީ ޝިއުރާގެ އާދައެކެވެ. ކޮންމެ ދުވަހެއްގެ ވެސް މައުރިބު ނަމާދާއި އިޝާނަމާދާ ދޭތެރެ އެ ލިބޭ ވަގުތު ހުސްކުރަނީ ޤުރުއާން ކިޔަވާ ފަރިތަ ކުރުމަށެވެ. މިއީ ޝިއުރާގެ ޒަމާންވީ ބަދަލު ނުވާ އާދައެކެވެ.

ޝިއުރާގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ތިބީ މަންމައާއި ބައްޕައެވެ.

" އުނދަގޫ ހާލަތުގައިވެސް މަންމަ ބުނާނެ ދޫކޮށްނުލާށޭ، ހިތްވަރުކުރާށޭ" އެއީ އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައި ހުންނަ ބަސްތަކެއް" މަންމައާއި ބައްޕަގެ އެހީތެރިކަމަކީ ޝިއުރާއަށް ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *