ސާދަ އަހަރުގެ އިމާމް މަލްސޫން- ބަންގިގޮވުމާއި ޤުރުއާން ކިޔެވުމުން އެތައް ބަޔަކަށް ފިނިކަން

މަލްސޫން އިމާމުވެ ތަރާވީހު ނަމާދު ކުރަނީ

ކުޅުދުއްފުށީ ސިޓީގެ ހަސަނާތު މިސްކިތުގައި ތަރާވީހު ނަމާދު ކުރާ މީހުންނަށް އެއްކަމެއް ފާހަގަކުރެވޭނެއެވެ. އެއީ އެ ނަމާދު އިމާމުވެ ކުރަމުން ގެންދާ އެންމެ ސާދަ އަހަރުގެ އިބްރާހިމް މަލްސޫން މުޙައްމަދުގެ ހުނަރުވެރިކަމާއި އޭނާގެ އެ އަޑުގެ ހިތްގައިމުކަމެވެ.

ކުޑައިރުއްސުރެ ބަންގި ގޮވުމާއި ޤުރުއާނަށް ޚާއްޞަ ޝަޢުޤެއް ބެހެއްޓި މި ދަރިވަރުގެ ހުނަރަށް މިއަދު ތައުރީފު ކުރާއިރު، އޭނާގެ އެ އަޑުން އެތައް ބަޔަކަށް އަސަރުކޮށްފިއެވެ. އެ މިސްކިތަށް ނަމާދަށް ދާ މީހުންނާއި ޖަމާއަތުގައި ނަމާދުކުރާ އަޑު އިވޭ އެތައް ބަޔަކަށެވެ.

ހދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ގުރޭޑް 8 ގައި ކިޔަވަމުން ގެންދާ މަލްސޫންގެ ބަންގި ގޮވުމާއި އިމާމްވެ ނަމާދުކުރަން ދީލާލީ މިއަދަކު ނޫނެވެ. ތުއްތު އިރުއްސުރެ އަމަލީ ގޮތުން އެ މަސައްކަތް ކުރިއެވެ. ގޭގައި ބަންގި ގޮވައި ނަމާދުކޮށް، ހުޠުބާ ދިނުމަކީ އެއީ ގަވާއިދުން ކުރަމުން އައިކަމެކެވެ. އެކަމަށް އޭނާގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނާގެ އެ މަސައްކަތް މިއަދު ބަދަލުވީ މިސްކިތަށެވެ. ބަންގި ގޮވާއަޑު ކުރިން އިވެނީ އާއިލާގެ މީހުންނާއި ރަށުގެ މަދުބަޔަކަށެވެ. މިއަދު މި ކުޑައިމާމުގެ ބަންގީގެ އަޑު މުޅި އެ ސިޓީއަށް އިވެއެވެ. ކުރިން އިމާމުވެ ނަމާދު ކުރަނީ އެކަންޏެވެ. އެކަމަކު މިއަދު އޭނާގެ ފަހަތުގައި އެތައް ބައެކެވެ. މިއީ އޭނާގެ ހިތުގައި ކުޑައިރުއްސުރެ އޮތް ޝަޢުޤާއި އަޒުމުގެ ނަތީޖާއެވެ.

މަލްސޫން އިމާމުވެ ތަރާވީހު ނަމާދު ކުރަނީ

" ބަންގީގެ އަޑު ގިނަ ބަޔަކަށް އިއްވަން ލިބުމުން ވަރަށް އުފާވި" މަލްސޫންއަށް އޭނާ ކުރި އުއްމީދުގެ ފޮނިކަން އިހުސާސްވި ކަހަލައެވެ.

އޭނާ އެކަންތައްތައް ދަސްކުރީ އެކިއެކި މީހުން ޤުރުއާން ކިޔަވާގޮތާއި ބަންގި ގޮވާގޮތް އަޑުއަހައި ދަސްކޮށްގެންނެވެ. އެކަމުގައި ބައްޕަ އެހީތެރިކަން އިންތިހާއަށް ލިބުނެވެ.

އިމާމަކަށް ވުމަކީ މަލްސޫންގެ އެންމެ ބޮޑު އެއް ހުވަފެނެއެވެ. އެ ހުވަފެނުގައި ހަގީގީ ކުލަޖެއްސުމުގެ ދަތުރުގެ ފެށީ އިމާމް ކޯހުގެ ސެޓްފިކެޓް ތިނެއްގައި ބައިވެރިވެ އެ ކޯހުން އެންމެ މަތިން މާކްސް ހޯދައިގެންނެވެ.

މަލްސޫން މިސްކިތުގައި ބަންގި ގޮވަނީ

އެންމެ ފުރަތަމަ މިސްކިތުގައި ބަންގިގޮވުމުގެ ފުރުޞަތު އޭނައަށް ދިނީ ނޫރު މިސްކިތުގެ އިމާމެވެ. އޭރު އޭނާގެ އުމުރުން އެންމެ އަށް އަހަރެވެ.

އޭގެ ފަހުން މަސްޖިދުލް ފިރުދައުސުގައި އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތު ލިބުނެވެ. އެ ފުރުޞަތު ފަހިކޮށް ދެއްވީ އެ މިސްކިތުގެ އިމާމެއްގެ ގޮތުގައި ހަވާލުވެ ހުންނެވި ސްކޫލްގެ ޓީޗަރެކެވެ.

" ބަންގިއަށްފަހު، ޖަމާއަތުގައި އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތަކަށް އެދިއެދި ހުއްޓައި ސަރ އެފުރުޞަތު ދެއްވީ" އެ ދުވަހު މަލްސޫން އޭރު ދެކެމުން އައި އުއްމީދު ޙާޞިލްވިއެވެ.

މަލްސޫންއަށް މި ހިސާބަށް އާދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި ދިން އެއްބާރުލުމުގެ ސަބަބުންނެވެ. މައިންބަފައިންނާއި މުދައްރިސުންނާއި ސްކޫލްގެ ޕްރިންސިޕަލުން ފެށިގެން ކުޅުދުއްފުށީ ސިޓީގެ އެތައް ބަޔަކު އެ ލިސްޓްގައި ހިމެނެއެވެ.

މަލްސޫން މި ފެށި ދަތުރު ނިންމާލަން ބޭނުން ވަނީ ހަމައެކަނި އިމާމެއްގެ ގޮތުގައެއް ނޫނެވެ. ދީނީ ދަރުސް ދިނުމާއި، ހެޔޮލަފާ ނަސޭޙަތް ދޭނެ އިމާމަކަށް ވުމަކީ ކުރިމަގުގެ ތަޞައްވުރެވެ. އެހެންވެ ހުރިހާ ވެސް މަސައްކަތެއް މިއަދު މި ކުޑަކުޑަ އިމާމު ކުރަމުން ގެންދަނީ ދީނީ އިލްމްވެރިއަކަށް ވުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *