ތަޢުލީމަކީ އުނގެނުމުގެ ބިންގަލެވެ. މި ބިންގަލުގެ ތަނބުތަކަކީ ބަހެވެ. ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަސް ޚާއްސަވަނީ ބައިނަލްޢަޤުވާމީ މާދަރީބަހުގެ ދުވަހަށެވެ. މި އަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ " ގިނަ ބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ތަހައްދީތަކާއި ފުރުޞަތުތައް" މި ޝިޢާރެވެ.
ތަޢުލީމީ ނިޒާމްތަކުގައި ފެންވަރު ހުރި ތަޢްލީމެއް ފޯރުކޮށްދީ އުނގަންނައިދިނުމުގައި ގިނަ ބަސްބަހާއި ފަންނިއްޔާތު ބޭނުންކުރުމަށް މި ޝިޢާރުން ބާރުއަޅައެވެ. ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ތަޢްލީމީ ދާއިރާއިންވެސް އެތައް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ތަޢުލީމީ ހަމަހަމަ ފުރުޞަތުގެ ތަފާތުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަސްބަހާއި ފަންނިއްޔާތު ތަޢާރަފްކުރުމަކީ ދަރިވަރުން ޝާމިލްކޮށްގެން ކިޔެވުމަށް އަދި ހަމަހަމަ ފުރުޞަތުތަށް ފަހިކޮށްދެވިގެންދާނެ ކަމެކެވެ.
ގިނަ ބައްސަތައް ނުވަތަ އެކި ބަސްބަސް ތަޢުލީމީ ނިޒާމުގައި ބޭނުންކުރުމަކީ ބައެއް މީހުންގެ ނަޒަރިއްޔާތުގައި މާދަރީބަހަށް އެޅިގެންދާ ހުރަހެކެވެ. ނަމަވެސް ތަފާތު ބަސްބަހުން އުނގެނުމާއި އުނގަންނައިދިނުން ކުރިއަށްގެންދިޔުމަކީ މުސްތަޤްބަލަށް ހުޅުވިގެންދާ ދޮރުތަކެކެވެ.

ޙަޔާތުގައި ފުރަތަމަ ދެވޭ ތަޢުލީމަކީ މާދަރީބަހުންދެވޭ ތަޢްލީމަކަށްވުން މުހިއްމެވެ. މިގޮތަށް އުނގަންނައިދެވޭނަމަ މާދަރީބަހުން ލިޔެކިޔުމާއި ފަހުމްވުމުގައި، ފަހުންވާ އުނދަގޫތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ބަހުގެ މާހިރުން ވިދާޅުވެއެވެ.
ކޮންމެ އިންސާނަކަށްވެސް ދެނެގަންނަން ފަސޭހަވާނީ އެ މީހެއްގެ މާދަރީބަހުން އޮޅުން ފިލުވައިދެވޭ އެއްޗެކެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމް ބައްޓަންކުރެވިފައިވާގޮތުން މަންހަޖުގެ ގިނަ މާއްދާތަކަކީ އިނގިރޭސިބަހުން ކިޔަވައިދޭ މާއްދާތައް ކަމުގައި ވީނަމަވެސް ދިވެހި ބަަހުން ކިޔައިދިނުމުން ނިސްބަތުން ގިނަ އަދަދެއްގެ ދަރިވަރުންނަށް އަވަހަށް ނަގައިގަނެވޭނެއެެވެ. އެއީ އިނގިރޭސި މީޑިއަމް ބޭނުންކުރިކަމުގައިވިޔަސް އެންމެ ފުރިހަމަކޮށް ގިނަ ދަރިވަރުންނަށް ނޭނގޭނެތީއެވެ. މިއީ މާދަރީ ބަހުގެ ބާރެވެ.
ނަފުސާނީ ޢިލްމުވެރިންނާއި ބަސްވާރުން ދެކޭގޮތުގައި ކުއްޖާގެ ޚިޔާލާ ފިކުރު އުފެދިގެން އަންނަނީ އެކުއްޖާގެ މާދަރީ ބަހުންނެވެ. މާދަރީ ބަހަށް މޮޅުވުމަކީ ސިކުނޑި ހުޅުވި ވިސްނުމުގެ ބާރު ގަދަވާ ކަމެކެވެ. އަދި މާދަރީ ބަހަށް މޮޅުވުމަކީ އެހެން ބަސްތަކަށް މޮޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ޅަފަތުގެ ސިކުނޑިއަކީ ދަސްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ސިކުނޑިއެކެވެ. މި ދުވަސްވަރު ދަސްކުރާ ތަކެއްޗަކީ ހަނދާނުން ފޮހެލުން އުނދަގޫ ތަކެއްޗެވެ. ބެލެނިވެރިންނާއި މުދައްރިސުން ޚާއްޞަކޮށް ޅަފަތުގައި މާދަރީބަހަށް ކުއްޖާ އަހުލުވެރިކުރުމަށް ސަމާލުކަންދޭން އެބަޖެހެއެވެ. ގޭތެރޭގެ މާޙައުލުގައި ކުއްޖާ ކުޑައިރު އިނގިރޭސިން ވާހަދެއްކުމަކީ މޮޅުކަމެއް ކަމުގައި ދެކުނަސް މާދަރީ ބަހަށް އަހުލުވެރިކުރުމުން އެކުއްޖެއްގެ ޙަޔާތަށް ލިބިގެންދަނީ ފޮނިމީރުކަމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސްކަމުގައި ކަނޑައަޅައިފައި ވިޔަސް ދިވެހިބަހުން ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމާއި ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތެއް އަދިއެއް ނެތެވެ. ތަޢްލީމްގެ މައި ބަހަކަށް ވެފައިވަނީ އިނގިރޭސި ބަހެވެ. އިނގިރޭސި ބަސް ދަސްނުވެދާނެ ކަމުގެ ބިރުހީވެ މުޅި ތަޢްލީމީ ޙަޔާތް އިނގިރޭސިބަހަށް ބަރޯސާވުމަކީ ގޯހެކެވެ. އަރަބި ބަސް ނޭނގުނަސް ގިނަ ބަޔަކަށް ކީރިތި ޤުރުޢާންގެ ދެލިގަނޑު ކިޔަން އެނގެއެވެ. އަރަބި ޤައުމުތަކުގެ ޔުނިވަރސިޓީތަކަށް ގޮސް އެއްއަހަރުތެރޭ އަރަބި ބަސް އުނގެނި ޑިގްރީ ޙާސިލްކުރާ ކުދިން މަދެއް ނޫނެވެ. ހަމަ އެހެންމެ ރަޝިޔާ ފަދަ ޤައުމުތަކުގައި މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވާ ދަރިވަރުން އެއްއަހަރު ތެރޭ ރަޝިޔާ ބަސް ކިޔަވައިގެން ކާމިޔާބުކަމާއެކު ކިޔެވުން ނިންމާލައެވެ.
އުނގެނުމާއި އުނގަންނައިދިނުމުގައި ގިނަ ބަސްތައް ކިޔަވައިދޭ ތަޢްލީމީ ނިޒާމެއް ޤާއިމްކުރާށެވެ. ކޮންމެ އެދުރެއް ނުވަތަ ޓީޗަރަކީ ބަހުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. މިކަމުގައި މުހިއްމީ ދަރިވަރުންނަށް ފަސޭހައިން ފަހުމްވެ ދަސްވާގޮތަށް ބަހުގެ ކުޅަދާނަކަން ބޭނުންކުރުމެވެ. ބިޒްނަސް ނުވަތަ ސައިންސް މާއްދާގެ ފިލާވަޅާ ގުޅޭގޮތުން ރަނގަޅަށް ވިސްނިގެންދަނީ ދިވެހި ބަހުން އޮޅުން ފިލުވައިގެންދީގެންނަމަ، ދިވެހި ބަހުން ކިޔައިދޭން ފަސްނުޖެހޭށެވެ.
ކުރިޔާ އަޅާ ބަލާއިރު ގިނަ ބަސްތަކެއް އުނގެނުމަށް މިހާރުގެ ތަޢުލީމީ ނިޒާމަށް ލިބިފައިވާ ކުރިއެރުމަކީ ކީ ސްޓޭޖް 1 – ކީ ސްޓޭޖް 3 އަކަށް ސްކޫލްތަކުގައި އަރަބި ބަސް އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ނޭޝަނަލް ކަރިކިއުލަމް ފްރޭމްވޯކްގައި ހިމަނާފައިވުމެވެ. ކީ ސްޓޭޖް 4 (ގްރޭޑް 9 އަދި 10 ) އަކަށް އަރަބި ބަހުގެ އިތުރުން ފަރަންސޭސީ ބަހާއި ، މެންޑަރިން ބަސް ދަސްކުރުމުގެ އިޙްތިޔާރު ދީފައިވުން ހިމެނެއެވެ. ހަރުދަނާ ތަޢުލީމީ ބިންގަލަކީ ޅަފަތުގައި މާދަރީ ބަހަށް އަހުލުވެރިވެ، ގިނަ ބަސްތަކެއް އުނގެނިފައިވާ ދަރިވަރުންތަކެއް ޢިލްމީ ޙަޔާތުގެ ރާސްތާތައް ކަނޑައްތުކުރުމެވެ. ތަޢުލީމްގެ އާރުކާޓީން ގިނަ ބަސްތައް އުނގެނުމަށް ހިތްވަރުދީ ފުރުޞަތުތަށް ފަހިކުރުން މުހިއްމެވެ.
21 ވަނަ ޤަރުނުގެ ފިކުރުތަށް ޒަމާނީ ފަންނިއްޔާތުގެ މައްޗަށް ބިނާވެ ދިރިއުޅުމަށް ވަނީ ފަސޭހަތަކެއް ކޮށްފައެވެ. އެގޮތުން މިއަހަރުގެ ޝިޢާރުގައި ވަނީ ގިނަ ބައްސަތަށް އުނގެނި އުނގަންނައިދިނުމުގައި ފަންނިއްޔާތު (ޓެކްނޮލަޖީ) ބޭނުންކުރުމަށް ބާރުއަޅާފައެވެ. ތަޢުލީމް ފޯރުކޮށްދިނުމުގައި ޝާމިލްކުރުމާއި ހަަމަހަމަ ފުރުޞަތުތަށް ހޯދާދިނުމުގައި ފަންނިއްޔާތުގެ ދައުރު ވަރަށް ބޮޑެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި ކޮވިޑް-19 ގެ ޙާލަތުގައި ކިޔެވުން މެދުނުކެނޑި ކުރިޔަށްގެންދިޔުުމުގައި ފަންނިއްޔާތު އަދާކުރީ ހީރޯއެއްގެ ދައުރެވެ.
"ކޮވިޑް-19 ގައި ޤައުމީ އުނގަންނައި ދިނުމުގެ އިޖާބަ" ގެ މައްޗަށް ޔުނެސްކޯއާއި ޔުނިސެފާއި ވޯލްޑް ބޭންކާއި އޯއީސީޑީން 143 ޤައުމެއްގެ ސްކޫލްތަކުގެ މެދުގައި ހެދި ސާރވޭއަކުން ހާމަވާ ގޮތުގައި މަތީ އާމްދަނީ ލިބޭ ޤައުމުތަކުގެ 96 އިންސައްތަ ސްކޫލްތަކުން ތަޢުލީމީ މަރުޙަލާތަކުން އެއް މަރުޙަލާއަށް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. ދަށް އާމްދަނީ ލިބޭ ޤައުމުތަކުން ގިނަ ޤައުމުތައް ބޭނުންކުރީ ބްރޯޑްކާސްޓް މީޑިޔާތަކެވެ. 83 އިންސައްތަ ސްކޫލްތައް ޓީވީ މެދުވެރިކޮށް ކިޔެވުން ކުރިޔަށްގެންގޮސްފައިވާއިރު 85 އިންސައްތަ ވަނީ ރޭޑިޔޯ މެދުވެރިކޮށް ކިޔަވައިދީފައެވެ. ދިވެހިރާއްޖެއަށް ބަލާލިކަމުގައި ވަނީ ނަމަ "ޓެލެކިލާސް" ތައް ތަޢާރަފްކުރެވި، ގޫގުލް ކްލާސްރޫމްއާއި ގޫގުލްމީޓް ފަދަ މަންސަތަކުގެ އެހީގައި ކްލާސްތަކާއި ކިޔެވުންތައް މެދުނުކެނޑި ކުރިޔަށްގެންދެވުނެވެ.

ލަނޑުދަނޑިތަކާ ހަމައަށް ވާޞިލްވުމުގައި ގިނަ ފަހަރަށް ހުރަސްތަކާވެސް ކުރިމަތިލާންޖެހެއެވެ. އެކަންކަމުން ގިރާކުރުމަށްޓަކައި އޮޅިއެއް، މިސްރާބެއް ހޯދަންޖެހޭނެއެވެ. ފަންނިޔާތުގައި އެ ޤާބިލިއްޔަތު އެބަހުއްޓެވެ. ދުރުން ދެވޭ ތަޢްލީމްގެ ސަބަބުން ފިލާވަޅުގެ ޝައުޤުވެރިކަން ނުގެއްލޭފަދަ ގޮތަކަށް ޖޯޝާއެކު ކިޔަވައިދިނުމަކީ މިއަދު މި ފަންނިއްޔާތުގެ މަންސަތަކުގެ ބޭނުންހިފާ އެދުރުން ސަމާލުކަންދޭންޖެހޭ ކަމެކެވެ.
ފެށުމަކީ މާދަރީބަހެވެ. އެދުރުން ދަރިވަރުންގެ ޅަފަތުގައި ދިވެހި ބަހުގެ ޤަވާއިދުތަކަށް އިސްކަންދޭށެވެ. ލިޔުންތެރިންގެ ލިޔުންތައް ދަރިވަރުންނަށް ކިޔާހިތްވާ ވަށްޓަފާޅިއަކަށް ދިވެހި ޤައުމިއްޔަތާއި، އާދަކާދަތައް އަދި ޘަޤާފަތް އެނގިދާނެހެން ފޮތްތައް ގެނެސްދޭށެވެ. މައިންބަފައިން ދަރިން ފޮތްކިޔުމުގެ އާދަ ހަރުލެއްވުމަށް މަސައްކަތްކުރާށެވެ. މާދަރީބަހުގެ އިތުރުން ގިނަ ބައްސަތައް އުނގެނުމުގެ ޢިލްމީ ދޮރުތައް ބަންދުނުކުރާށެވެ.
މާދަރީބަސް، އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަހަށް އިޙްތިރާމްކުރުމާއެކު، ބަހުގެ ސިންދަފާތަށް ލޯ ހުޅުވާލަދޭށެވެ. ބަހުގެ ޢިލްމާއެކު ދިރިއުޅުމުގައި ކުރިއަރައިދާށެވެ.
advertisment
ހިޔާލު