ޕްރިންސިޕަލެއްގެ އެންމެ މުހިންމު އަމާޒަކާއި ލަނޑުދަނޑިއަކަށް ވާނީ އެ ސްކޫލަކުން ދޭ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވުމެވެ. ކިޔަވައިގެން ނުކުންނަ ކުދިންނަކީ މުޖްތަމަޢަށް ބޭނުން ހިފޭ ޒިންމާދާރު ބަޔަކަށް ހެއްދެވުމެވެ. 2015 ވަނަ އަހަރު، ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލްކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، މުޙައްމަދު މަތީންގެ ވިސްނުމާއި ފިކުރު ބެހެއްޓެވީ އަމިއްލަ އުފަން ރަށުގައި ހުރި ސްކޫލްގެ ތަޢުލީމީ ފެންވަރު މަތިކުރެއްވުމަށެވެ.

ޕްރިންސިޕަލްކަމުގެ ބުރަ މަސްއޫލިއްޔަތާ، މަތީން ހަވާލުވެ ވަޑައިގެންނެވިއިރު، ފޯކައިދޫ ސްކޫލްގެ އިނގިރޭސި މާއްދާއާއި، އޯލެވެލްގައި ފާސްވާ ކުދިންގެ އަދަދާއި، ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ކުދިންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. އެހެންވެ މަތީނަށް ޖެހިވަޑައިގެންނެވީ ސްކޫލުގެ ތަޢުލީމީ ފެންވަރު މަތިކުރަން ވަރަށް ގިނަ މަސައްކަތްކެއް ކުރައްވާށެވެ. އެހެންވެ ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ރިމީޑިއަލް ކްލާސްތައް ތަޢާރަފު ކުރެއްވިއެވެ. އަދި ވަކިވަކި ކުދިންނަށް ޚާއްޞަކޮށްގެން އިތުރުގަޑިތައް ކުރިއަށް ގެންދަން ފެއްޓެވިއެވެ. އޯލެވެލް ނަތީޖާއަށް އަމާޒުކޮށްގެން އިތުރު ކުލާސްތަކާއި، ސްޓަޑީ ކޭމްޕްތަކާއި، ރިސޯސް ކްލާސްތަކާއި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދަން ފެއްޓެވިއެވެ. ނަތީޖާ ވަރަށް ފޮއްޏެވެ. އޯލެވްލެގެ ނަތީޖާ އަހަރަކަށްވުރެ އަހަރެއް ރަނގަޅުވާން ފެށިއެވެ. އިނގިރޭސި މާއްދާއިން ފާސްވާ ކުދިންގެ އަދަދު ބޮޑުތަކުން އިތުރުވިއެވެ.

ތަޢުލީމީ ފެންވަރު މަތި ކުރެއްވުމަށް މަތީން ގެންނެވި އެންމެ މުހިންމު ބަދަލަކީ " މަންތްލީ ޓެސްޓް" ގެ ނަމުގައި ޓެސްޓެއް ތަޢާރަފު ކުރެއްވުމެވެ. ބޭނުމަކީ ޓެސްޓްގެ ނަތީޖާއަށް ބަލައި ޖެހިގެން އަންނަ މަހުގައި ދަރިވަރުން ސަމާލުކަން ދޭންވީ ކަންތައްތައް ވަކިވަކި ކުދިންގެ ފެންވަރުގައި ދެނެގަތުމެވެ. މިކަންތައްތަކަކީ ކޮންމެ މަހަކު ޤަވާޢިދުން ބެލެނިވެރިންނާ ހިއްސާކުރަމުންދާ ކަންތައްތަކެވެ. މިކަމުގެ ސަބަބުން ސްކޫލާއި ބެލެނިވެރިންނާ ދެމެދުގައި ގާތް ގުޅުމެއް އުފެދި ދަރިވަރުންގެ ކިޔެވުމުގައި ބެލެނިވެރިންގެ ބައިވެރިވުން އިތުރުވެގެންދިޔައެވެ.
ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކަކީ ވެސް މަތީން އިސްކަން ދެއްވި ކަންތައްތަކެވެ. ސްކޫލް ފެހި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީވެސް ކާމިޔާބު ޕްރޮގްރާމެކެވެ. އެއް ދަންފަޅިއަށް ކިޔަވައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ވަނީ އެންމެ ފަހުގެ މަރުހަލާގައެވެ. 12 ކްލާސްރޫމުގެ އައު އިމާރާތާއެކު، އަންނަ ދިރާސީ އަހަރަށް އެއް ދަންފަޅި ސްކޫލަކަށް އެ ސްކޫލް ބަދަލުވެގެންދާނެއެވެ.
"އެ ސްކޫލުގައި ހަ އަހަރު މަސައްކަތް ކުރެއްވީ އަޅުގަނޑު އަމިއްލަ ސްކޫލް ގޮތުގައި ދެކިގެން ވަރަށް ހިތްހަމަޖެހިގެން.. ވަރަށް އުނދަގޫ ނިންމުމެއް ނިންމަންޖެހުނީީ، ބެލެނިވެރިންވެސް މާޔޫސްވެފަ ތިބީ.. އަޅުގަނޑު ފޮކަިއދޫ ސްކޫލަށް ޓާގެޓް ކުރި ހުރިހާ ކަމެއް ފުރިހަމައަށް ކުރުމުގައި، ބެލެނިވެރިންނާއި މުވައްޒަފުންގެ އެއްބާރުލުން ލިބުނު. ވަރަށް ދަށުގައި ތިބެފައި، އަތޮޅުގެ އެންމެ ރަނގަޅު ސްކޫލަކަށް ސްކޫލް ހެދުނީ އެންމެން ކުރި މަސައްކަތުން.. މީގެކުރިން އިނގިރޭސި މާއްދާއިން ކުދިން ފާސްނުވާނެ. ނަމަވެސް މިދިޔަ އަހަރު 34 ދަރިަވަރުން އިނގިރޭސި މާއްދާއިން ފާސްކުރެވި އޯލެވެލް ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް ގެނެވުނު." -ޕްރިންސިޕަލް މަތީން

މަތީންގެ ތަޢުލީމީ ޙަޔާތް ފެއްޓެވީ ފޯކައިދޫ ސްކޫލުންނެވެ. ނަމަވެސް ގުރޭޑް ތިނަކުން ފެށިގެން ގުރޭޑް 10އާ ހަމައަށް ތަޢުލީމް ޙާޞިލް ކުރެއްވީ ށ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އެއަށްފަހު އޭލެވެލް ހެއްދެވީ ސީއެޗްއެސްއީންނެވެ. މަތީ ސާނަވީއަށްފަހު، ކިޔަވައިދިނުމުގެ ދާއިރާގެ ބިންގާ އެޅުއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑްރީ ހެދުމަށްފަހު ގައެވެ. ޑިގްރީ އަދި މާސްޓަރސް ޑިގްރީ ޙާޞިލް ކުރެއްވީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައީއީ)ންނެވެ.
ކާމިޔާބު ހަ އަހަރަށް ފަހު، މަތީން ފޯކައިދޫ ސްކޫލާ ވަކިވެވަޑައިގެންނެވި ދުވަހަކީ، އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ވެސް އުދާހުން ފުރިގެންދިޔަ ދުވަހެކެވެ. ޕްރިންސިޕަލްގެ ވަކިވުމާ ގުޅިގެން ފޯކައިދޫ ސްކޫލުގައި ވަނީ، ޕްރިންސިޕަލަށް ހާއްސަކޮށް އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ޕްރިންސިޕަލް މަތީން، ކޮށްދެއްވި މިންނެތް މަސައްކަތަށް އެ ސްކޫލުން ދެންނެވީ ޝުކުރުން ފުރިގެންވާ މަރުޙަބާއެކެވެ.
"ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލަށް މި އާދެވުނީ، ވަރަށް ބޮޑު އުއްމީދަކާއެކީ މިކޮޅަށް މިއައީ.. އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގެ އެންމެ ރަނގަޅު ސްކޫލެއްގެ ގޮތުގައި ހދ.އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒު ހަދާދެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމާއެކީގައި.. ވަރަށް ރަނގަޅު ޓީމެއް މިކޮޅުގަ އެބައޮތް މަސައްކަތްކުރަން" -ޕްރިންސިޕަލް މަތީން

މަތީން ދެން ވަޑައިގަންނަވާނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އެ މަރުކަޒާ ހަވާލުވެވަޑައިގަންނަވާނީ ގިނަ ތަޖުރިބާތަކެއް ލިބިގަނެ، ސަރަހައްދުގެ ރަނގަޅު ސްކޫލަކަށް ހދ.އަތޮޅު ތަޢުލީމީ މަރުކަޒު ހެއްދެވުމުގެ އުއްމީދާއެކުގައެވެ.
advertisment
ހިޔާލު