ރާއްޖޭގެ ހަތަރުވަނަ ކޮމިޔުނިޓީ ސްކޫލް، ސުމަކުން ނަމޫނާ ސްކޫލަކަށް!

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު. ފޮޓޯ ގއ.އޭއިސީ
ލިޔުނީ: އަދްނާން ޙަލީމް
ޔުނިސެފުން  ރާއްޖޭގެ  އަތޮޅުތަކުގައި  ބިނާކޮށް  ތަޢްލީމާއި  ތަރްބިއްޔަތުގެ  މުޅިން  އައު  ޙަޔާތަކަށް  މިޞްރާބު  ޖެހީ  ބ.  އަތޮޅު  އޭދަފުށީގައި  ޢިމާރާތްކޮށް  ހިންގަންފެށި  ބ. އަތޮޅު  ކޮމިޔުނިޓީ  ސްކޫލުންނެވެ.  ޢުމުރުން  6  އަހަރުގެ  ކުދިންނާއެކު  މުޅިން  އައު  މުޤައްރަކަށް  މުޅިން  އައު  ގޮތްތަކަކާއެކު  1  ވަނަ  ގްރޭޑުން  ފަށައިގެން  އަހަރަކު  ގްރޭޑަކަށް  ބަދަލުވަމުން  ކޮންމެ  އަހަރަކު  ގްރޭޑް  1  އަށް  ޢުމުރު  ހަމަވާ  ކުދިން  ވައްދަމުންނެވެ. އަދި ހަމަމިއާއެކު ބޮޑެތި  މީހުންނަށް  ކިޔަވައި  ދިނުމާއި،  މަސައްކަތްތެރިކަން  ދަސްކޮށް  ދިނުމާއި،  ޒުވާނުންގެ  ކުޅިވަރުތަކަށް  ޚާއްޞަ  ކޮމިޔުނިޓީ  ކްލަބެއް  ސްކޫލާއެކު  ހިންގަމުން  ގެންދެވިއެވެ.
ކޮމިޔުނިޓީ  ސްކޫލް  ހިންގަވަން  ހުންނަނީ  ހެޑްމާސްޓަރެކެވެ.  އޭނާއާއި  އޭނާގެ  ޢާއިލާ  ދިރިއުޅުމަށް  ދެކޮޓަރީގެ  ގެއެއް ސްކޫލްގެ އޮފީހާ އެއްހަމައިގައި ދާދި ގާތުގައި ހުރެއެވެ. ދެން ހުންނަނީ ހަތަރު ކްލާހަށް ޑިވައިޑަރުން ބައިކޮށްލެވޭ ހޯލަކާއި، ގްރޭޑް 5 އަދި ކޮމިޔުނިޓީ އެޑިޔުކޭޝަން ސެންޓަރެވެ. މި ދެތަނުގެ ދެމެދުގައި ކްލާހެއްހައި ބޮޑުމިނުގެ ހުސްތަނެއް ފާރުން ބައްދައި ކޮމިޔުނިޓީ އެޑިއުކޭޝަން ސެންޓަރުންނާއި ކްލާހުން ވަދެވޭ ގޮތަށް އޮވެއެވެ. ދެން އިތުރަށް ހުރީ ވަކިން އެއްފަރާތެއްގައި ހުރި ފާޚާނާ ޢިމާރާތެވެ.
ބ.އަތޮޅު ތަޢުލީމީ މަރުކަޒު. ފޮޓޯ: ނޭޝަނަލް އަރކައިވް
ކޮމިޔުނިޓީ ކްލަބްގެ ރައީސަކީ އަތޮޅުވެރިޔާއެވެ. ނާއިބު ރައީސަކީ ހެޑްމާސްޓަރެވެ. މިއީ ކޮމިޔުނިޓީ އެޑިޔުކޭޝަން މުޅި އަތޮޅުގައި ހިންގުމުގެ ބޭނުމުގައި ރޭވި ގޮތަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮމިޔުނިޓީ ކްލަބް ހިންގުން ޙަވާލުކޮށްފައި ހުންނަނީ އެޑިޔުކޭޝަނަލް އޮފިސަރގެ ގޮތުގައި ކޮމިޔުނިޓީ ސްކޫލްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ކޮމިޔުނިޓީ  ސްކޫލް  ފަށަނީ  ހަމައެކަނި  ޢުމުރުން  6 އަހަރުގެ 1 ވަނަ ގްރޭޑްގެ ކުދިންނާއެކުގައެވެ. ވިލިނގިލީގައި ކޮމިޔުނިޓީ ސްކޫލް ޢިމާރާތްކޮށް ނިމެމުންދިޔައިރު ގޭގޭގައި ޢުމުރުން 6 އަހަރުގެ ކުދިން ވަރަށް ގިނައެވެ. ސްކޫލަށް  ވައްދަން ކުދިންގެ ޢުމުރު ބަދަލުކުރީއެވެ. މިމައްސަލަ ފާހަގަ ކުރެވިގެން މިކަން ބަލައި ސަރުކާރުން ސްކޫލްގެ ފުރުޞަތު ދެއްވީ ހަމައެކަނި ޢުމުުރުން 6 އަހަރުގެ ކުދިން ކަމުގައި ޔަޤީން ކުރެވުނު ކުދިންނަށެވެ. މިއާއެކު 7 އަހަރުން މަތީގެ ބޮޑެތި ކުދިންނަށް ސްކޫލަށް ނުވަދެވޭތީ މައިންބަފައިންގެ ކަންބޮޑުވުން އިތުރުވިއެވެ. ސްކޫލަށް ކުދިން ވައްދަން ކުރި މަސައްކަތް ކާމިޔާބު ނުވެ ފަޅައި އެރީއެވެ. މިހެންވެ ކުދިން ސްކޫލަށް ނުވެއްދި ބެލެނިވެރިންގެ އުދާސްތައް ބަންޑުންވެ، މިނިސްޓަރުގެ  ސަމާލުކަމަށް މިބޮޑު މުހިންމު މައްސަލަ ގެނައީ ކުޑަ ވަރެއްގެ އިޙުތިޖާޖަކުންނެވެ.
މިނިސްޓަރ މި އިޙްތިޖާޖުގެ އަޑުއެއްސެވިއެވެ. ބޮޑެތި ކުދިންނަށް ޚާއްޞަ ކްލާސްތަކެއް އުފައްދަވައި، ޚާއްޞަ މުޤައްރަރަކުން ކިޔަވައި ދެވޭނޭ މަގުފަހިކޮށް ދެއްވިއެވެ. އަދި ޢުމުރުން 5 އަހަރު ވެފައި 6 އަހަރު ނުފުރިގެން ސްކޫލަށް ނުވަދެވުނު ކުދިންނަށްވެސް ގްރޭޑް އެކަކަށް ވުރެން ދަށުގެ ގްރޭޑް 1 ވަނަ ކްލާހެއް 1C ގެ ގޮތުގައި އުފެއްދެވިއެވެ. ކުދިންނަށް ތަޢްލީމުދިނުމަށް މައިންބަފައިން ބޭނުންވެފައި ތިއްބެވި މިންވަރު ފެނިވަޑައިގެންފައި ފުރުޞަތު ތަނަވަސް ކޮށްދެއްވީއެވެ.
                           
ޚާއްޞަ ކްލާސްތަކަށް ކުދިން ބަހާލީ މާބޮޑަށް ޢުމުރަށް ބެލުމެއް ނެތި ކުދިންގެ ފެންވަރަށް ބަލައިގެންނެވެ. ދެރަ ކުދިން SP1 އަށް އެއަށްވުރެ މޮޅުކުދިން SP2 އަށް އަދި އެންމެ މޮޅުކުދިން SP3 އަށް ބަހާލީއެވެ. މިކްލާސްތަކުގައި ކިޔަވައިދިނީ ޚާއްޞަ މުޤައްރަރެކެވެ. ކުދިން ބައްޓަން ކުރަމުން ގެންދިޔައީ ޚާއްޞަ ކަންތައްތަކަށެވެ. ތަފާތު ދާއިރާތަކަށް މަގުދައްކަމުންނެވެ. ކުރުމުއްދަތެއްގައި ފައްކާ ކުރުމަށްފަހު ޚިދުމަތަށް ނެރުމުގެ ރޭވުންތެރި ކަމާއެކުގައެވެ.
އެދުވަސްވަރު ސްކޫލުގައި ތިބީ ހަމައެކަނި ގްރޭޑް 1 ވަނަ ކްލާހަށް ކިޔަވައިދެވޭ ވަރަށް ވަރަށް މަދު މުދައްރިސުން ކޮޅެކެވެ. މުޅިންވެސް ދިވެހިންނެވެ. ހެޑްމާސްޓަރ އިބްރާހީމް ވަޙީދާއެކު މިނިސްޓަރގެ ޚާއްޞަ އެދިވަޑައިގަތުމަކަށް  ހިލޭސާބަހަށް ވަކި މަޤާމެއްނެތި އަޅުގަނޑުވެސް މަސައްކަތް  ކުރީމެވެ. ފަހުން އަޅުގަނޑަށް ދެއްވީ އެޑިޔުކޭޝަނަލް އޮފިސަރކަމުގެ މަޤާމެވެ. އަޅުގަނޑުގެ ކަމަކަށްވެފައި އޮތީ ހެޑްމާސްޓަރ އެދިވަޑައިގަންނަވާ ކަންކަމުގައި އެހީވުމާއި ޚާއްޞަ ކްލާސްތަކުގެ  ބައެއް މާއްދާތައް ކިޔަވައިދިނުމެވެ. ތަޢްލީމާއި، ކުޅިވަރާ ކަސްރަތާއެކު ކިޔަމަންތެރި ޚުލްޤުހެޔޮ ބިނާކުރަނިވި ޖީލަކަށް  ދަތުރުކުރުމެެވެ ސްކޫލާއެކު ޚިދުމަތުގެ އެހެނިހެން ދާއިރާތަކަށް ބޮޑެތި ކުދިން ފައްކާ ކުރުމެވެ.
ގއ. ކޮމިޔުނިޓީ ސްކޫލް ފުރަތަމަ ހެޑްމާސްޓަރ އިބްރާހިމް ވަޙީދު. 
ސްކޫލޫގެ މަސައްކަތުގެ ތެރޭގައި އަދަބީ ދެވި މިނަމުގައި އަހަރީ މަޖައްލާއެއް ނެރުނެވެ. މުދައްރިސުންނާއިކުދިންގެ މަޒުމޫނުތަކާއި ޒުވާނުންނާއި ޚިދުމަތްތެރިންގެ  މަޒުމޫނުތަކާއެކުގައެވެ. މަހަކު އެއްފަހަރު ތެވެލި މިނަމުގައި ހަމައެކަނި  ދަރިވަރުންނަށް ޚާއްޞަ މަޖައްލާއެއް ނެރުނީމުއެވެ. ބަހާއި އަދަބިއްޔާތާއި، ތާރީޚާއި ސަޤާފަަތަށް  ދެވިހިފުވައިދީ  އަލިގަދަ ތެވެއްޔެއް  އެރުވުމަށެވެ. ސްޓެންސިލް ލިޔެ ޗާޕުކުރަނީ ފޮޓޯތަކާއި ކުރެހުންތަކާއެކީގައެވެ. ބަަރަނި ފަށުން ކަރުދާސް  ކަފަމުން އަމިއްލަ ޗާޕު މެޝިން ބޭނުންކުރަމުން ތަމްރީނުވެސް ދެމުންނެވެ.
ސްކޫލް ފެށުމާއެކު ސްކޫލުގެ  ބަގީޗާއާއި،  ކުޅިވަރު ކުޅޭ ތަންތަނާއި، ކުލާހުން ބޭރުގައި ކިޔަވައިދޭނޭ ތަންތަން ބިނާކުރަން ފަށައިފިއެވެ. ބަގީޗާތަކާއި ގަސްތައް ހައްދާނޭ ތަންތަން ހަތާގައު ބިމަށް ޖަހައިގެން ވަކިކޮށްގެންނެވެ. ސިމެންތިނުލައި އަރިޔަށް ޖަހާފައި ހުންނަ ހަތައެއް ވެއްޓުނަނުދީ އެއްގޮތެއްގައި ބަހައްޓައިގެންނެވެ. ހަނަފަސް ބިން ފެހިކުރުމަށް "ހުނިގޮނޑިފިލާ" އިންދައި ގޮޅިތަކުގެ ވަށައިގެން އެކިވައްތަރުގެ ބަގީޗާގަސްތައް އިންދައި ހިޔާދޭ ބޮޑެތިގަސްތަކާއި ރުއްތައް ހައްދަމުންނެވެ. ރީތިގަސްތަކާއި، ރީތިގަސްތަކުގެ ރަތްމާތަކުން އުޖާލާވެ، ހުދު އުނިމަލު މީރުވަހުން ޖައްވަށް ތާޒާކަން ގެނެސް ދެމުންނެވެ. ހިރަފުހާއި ވެލިފޮރުވައިދޭ ފެހިދޫލައެއްހެން ބިމަށް ފެތުރުނު ވިނަގަނޑާއެކުގައެވެ. ކުޅިވަރު ކުޅޭތަންތަނާއި، ހިނގާމަގުތައް ވަކިކޮށް، ސްކޫލް މާޙައުލުގެ ޤަވާޢިދުތަކާއެކުގައެވެ. ބަގީޗާގެ ބައިބަޔަށް ނަންދެވި ތަރުތީބުކުރެވިގެންނެވެ.
                     ގއ. ކޮމިޔުނިޓީ ސްކޫލުގެ ކުރެހުމެއް.     
ގަސްގަހަށް ފެންދީ ބަލަހައްޓާ އޮޅިތަކާއި، ސަރުދާރުންނާއި، ބެލެހެއްޓުންތެރިން ކުދިންގެ ތެރެއިން ނަގައިގެން ކުރަމުންދިޔަ މި މަސައްކަތުންވެސް ކުދިން ދަސްކުރީ ލީޑަރޝިޕާއި، ހުނަރެވެ. އެކުވެރިކަމާއި، އެކުގައި ވާދަވެރި ރޫޙެއްގައި ކާމިޔާބު ހޯދުމުގެ ހިތްވަރުގަދަ އަޒުމެވެ. ސްކޫލުން ނުކުމެ މާދަމާ ރަށް ހިންގުމުގެ ވައްޓަފާޅިއާއި ހުނަރެވެ.
ކުޑަދުވަސް ކޮޅެއްގެ ތެރޭގައި  އާދެ! ދެއަހަރު ދުވަހުގެ ތެރޭގައި ސުމަކުން ސަތޭކައަށް ދަތުރުކޮށްފިއެވެ. ހަނަފަސް ބިން ހުނިގޮނޑިފިލާގެ ދޫލަތަކުން ފެހިވެއްޖެއެވެ. ގާފޮޅެއް ނެތަސް ބަގީޗާގެ ވައްތަރުތަކުން ފުޅައް އަޅައިދީފިއެވެ.
ތަޢްލީމާއި ތަމްރީނުން ޚާއްޞަ ކިލާސްތަކުގެ ކުދިން ތަފާތު ދައްކައިފިއެވެ. ކުޅިވަރާއި ކަސްރަތުގެ ތަރުބިއްޔަތެވެ. ބިނާވަމުން ބަދަލުކޮށްލީ މުޅިރަށުގެ އުޅުމާއި އަޚްލާޤެވެ. ކިޔަމަންތެރިކަމާއެކު ހީވާގިކަން ސާބިތު ކޮށްދެމުންނެވެ. ކުޅަދާނަ  ކަމާއެކު ހުނަރުވެރިކަން ދައްކަމުންނެވެ.
އާދޭހެވެ!  އެއީ  ގއ. ކޮމިޔުނިޓީ  ސްކޫލް ސުމަކުން ނަމޫނާ ސްކޫލަކަށް ނުވަތަ އެދުވަސްވަރު ހުރި ކޮމިޔުނިޓީ ސްކޫލްތަކުގެ ތެރެއިން ނަމޫނާ ސްކޫލެއްގެ ދަރަޖައަށް ދަތުރުކުރި މަގެވެ. އެންމެ ފާހަގަ ކޮށްލެވުނު ކޮމިޔުނިޓީ ސްކޫލަށް  ވެގެން ދިޔަ ގޮތެވެ. ތެދުތެދަށް ޞަރީޙަކޮށް ދަންނަވާނަމަ އެއީ މިޒަމާނުގެ ވިލިނގިލީގެ ބިންގާ އަޅައިދިން ނުލިޔެ އޮތް އެކަމަކު އަމާޒެއް އޮވެގެން ކުރި މަސައްކަތުގެ ވާހަކައެވެ. މިއަދު އެވާހަކަ ދައްކަން ޖެހެއެވެ. ވިލިނގިއްޔާއި ގއ.ގެ ތާރީޚުގައި އެވާހަކަ ލިޔަން ޖެހެއެވެ. އެވާހަކައިން ޢިބްރަތް ހޯދައި މިއަދުގެ ކިޔަވާ ކުދިންނާއި ހިންގުންތެރިންނާއި މުދައްރިސުންވެސް އާއަޒުމަކާއި އާ ހިތްވަރަކާއެކު ކާމިޔާބީއަށް އަތުކުރި އޮޅާލައި އަވަސް ފިޔަވަޅުތަކެއްގައި ކުރިއަރަން ޖެހެއެވެ. މިހާރު ހޯދާފައިވާ ކާމިޔާބީ ތަކުރާރު ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *