ގުރޭޑް އެކަކަށް ވަނީއްސުރެ، ސްކޫލް ފަޚުރުވެރިވާ ދަރިވަރެއްގެ ގޮތުގައި ސާނަވީ މަރުޙަލާ ނިންމާލުމަކީ މަދަރުސީ ހަޔާތުގައި ކަނޑައެޅި އެންމެ މުހިންމު ލަނޑުދަނޑިއެވެ. މީގެ ދިހަ އަހަރު ކުރިން ކަނޑައެޅި މި ލަނޑުދަނޑިއަށް ވާޞިލްވުމުގެ ފުރަތަމަ މަރުހަލާ، މަޖީދިއްޔާ ސްކޫލްގެ ގުރޭޑް ދިހައެއްގައި މިހާރު ކިޔަވަމުންދާ މުޙައްމަދު އަކުމަލް އިބްރާހިމަށް، މިއަދު ފުރިހަމަ ކުރެވިއްޖެއެވެ. އެއީ މަޖީދިއްޔާ ސްކޫލް ކެޕްޓަންކަމުގެ މަގާމުގެ ޒިންމާއާ ހަވާލުވުމާ އެކުގައެވެ. ދެން އޮތީ ސާނަވީ އިމްތިޙާނުން ރަނގަޅު ވަނައެއް ހޯދާ މަޖީދިއްޔާ ސްކޫލްގެ ފަޚުރުވެރި އެއްވަނައަށް ކުރަންޖެހޭ މަސައްކަތްތަކެވެ. އެކަން ކާމިޔާބު ކުރުމަށްޓަކައި އޭނާ ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
" މަޖީދިއްޔާގެ ގުރޭޑް އެކަކަށް ވަނުމާއެކު މައިންބަފައިންނާއި ބޮޑުދައިތައިންގެ ނަސޭހަތަކަށްވީ ފަޚުރުވެރިކަމާއެކު މަޖީދިޔާއިން ކިޔެވުން ނިންމާލަން. އެ ނަސޭހަތާއެކު ޓާގެޓްތަކެއް ކަނޑައެޅީ. ފުރަތަމަ ޓާގެޓް ފުރިހަމަވެއްޖެ. ދެން އޮތީ އެންމެ އުނދަގޫ ޓާގެޓް" މަޖީދިއްޔާގެ އެންމެ މޮޅު ދަރިވަރަށް ވުމުގެ އަޒުމް ކަނޑައަޅާފައިވާ އަކުމަލް ބުންޏެވެ.
ސްކޫލްގެ ކެޕްޓަން ކަމުގެ ލިޔުމާ އަކުމަލް ހަވާލުވަނީމަޖީދިއްޔާ ސްކޫލްގެ ކެޕްޓަނަށް ވުމަކީ "އީޒީ" ކަމެއްގެ ގޮތުގައި ހީކުރެވުނަސް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވި ހިސާބުން އެއީ ޒިންމާ ބޮޑު މަސައްކަތެއްކަމުގެ އިހުސާސް އޭނާއަށް ވިއެވެ.
" މިއީ ޒިންމާ ކުޑަ މަސްއޫލިއްޔަތެއް ނޫން" އަކުމަލް ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ފާއިތުވި ނުވަ އަހަރުގެ ތެރޭގައިވެސް ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި އޭނާ ބައިވެރިވިއެވެ. ކޮންމެ އަހަރެއްގައިވެސް ވެސް އެންމެ ފާހަގަކޮށްލެވޭ ދަރިވަރުގެ ނަން ހޯދިއެވެ. ކުޅިވަރުގެ މައިދާނުގައިވެސް ސްކޫލަށް ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިންމު ރޯލެއް ކުޅުނެވެ.
ކިޔެވުމާއި އިތުރު ހަރަކާތްތަކާއި އަދި ރައްޓެހިންނަށް ދޭ ވަގުތު " ބެލެންސް" ކުރުމަކީ، ގިނަ ދަރިވަރުންނަށް ފަސޭހަ ކަމެއް ނޫނެވެ. އަކުމަލްގެ ދުވަހީ ތާވަލަށް ބަލާއިރު، ޓިއުޝަނާއެކު ކޮންމެ ދުވަހަކުވެސް ތިން ގަޑިއިރު ކިޔެވުމުގައި ހޭދަކުރެއެވެ. އާއިލާއާއި ރައްޓެހިންނަށް ވަގުތު ދެ އެވެ. ގޭމް ކުޅެއެވެ. މި ހުރިހާ ކަމަކަށް ވަގުތު ހުސްކުރި ނަމަވެސް ކިޔެވުމަށް ދޭ ސަމާލުކަމާއި ޝަޢުޤަށް ބަދަލެއް ނުގެނެއެވެ.
އަކުމަލް ކުޑައިރު އެންމެ ޝައުޤު ހުރީ މަތިންދާ ބޯޓް ދުއްވާށެވެ. ދުނިޔޭގެ އެކިތަންތަނަށް ދަތުރުކުރާށެވެ. އެހެންވެ އޭރު ބޭނުންވީ ޕައިލެޓަކަށް ވާށެވެ. ނަމަވެސް އެ ވިސްނުން މިއަދު ވަނީ ބަދަލުވެފައެވެ. އާއިލާގެ މީހުން ތިބީ އޭނާ ޑޮކްޓަރެއްގެ ގޮތުގައި، ބަލިމީހުން ބަލަން އިށީންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
" މަންމައާއި ބައްޕަމެން ބޭނުންވަނީ މެޑިސިންގެ ދާއިރާއިން ކުރިއަށްދާން. އެހެންވެ އެ ދިމާލަށް ދާން ވިސްނުން ހުރީ" އަކުމަލް ބުންޏެވެ.
އަކުމަލް ބުނީ އެންމެ ކިޔަވާ ހިތުން ކިޔަވާ ދެ މާއްދާއަކީ ކެމިސްޓްރީއާއި ބައިލޮޖީއެވެ.
" ކެމިސްޓްރީ ވަރަށް އިންޓްރެސްޓިންގ، އެކަމަކު މެޑިސިން ދާއިރާއިން ކުރިއަށްދާން ބޭނުންވާތީ، ކިޔަވާހިތްވަނީ ބައިލޮޖީ"
އަކުމަލް ގަބޫލުކުރާ ގޮތުގައި އޭނާގެ ހުރިހާވެސް ކާމިޔާބީއެއް ގުޅިފައި ވަނީ އާއިލާއާއި ރައްޓެހިންނާއެވެ. ހިތާމައާއި އުފަލުގައި އެމީހުން އަބަދުވެސް ބައިވެރިވެއެވެ. ސްކޫލްގެ ކެޕްޓަނަކަށް ވީ އެމީހުން ދިން ހިތްވަރާއި ކޮށްދިން މަސައްކަތުގެ ސަބަބުންނެވެ.
އަކުމަލް ގަބޫކުކުރާ ގޮތުގައި މާ ގިނައިން ކިޔެވުމަކީވެސް މައްސަލައެކެވެ. ކިޔަވަންވާނީ ވެސް ސިކުނޑިއަށް ބާރުބޮޑު ނުވާނެހެންނެވެ. ކިޔަވާ ކުދިންނަށް އޭނާ ދޭ ނަސޭހަތަކީ މިއެވެ.
ހިޔާލު