ދަރިވަރަކު އެންމެ ދިގު ރާސްތާތަށް ކަޑައްތު ކުރަނީ ތަޢުލީމީ ޙަޔާތުގެ އޮޑީގައެވެ. މި އޮޑީގައި ކުރާ ދަތުރުގައި އެތަކެއް ތަޖުރިބާތަކެއް ކުރާނެއެވެ.
ތަޢުލީމީ ޙަޔާތުގެ ފުރަތަމަ ބާބަކީ އޯލެވެލް އިމްތިޙާނެއެވެ. 10 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތާއި ކިޔެވުމުގެ ނަތީޖާ ނެރުމެވެ. ޤައުމީ ގަދަ ދިހައެއްގައި ހިމެނުމުގެ ޝަރަފް ހޯދުމަށްޓަކައި ހިތްވަރާއެކު ގަދައަޅައި ކުރާ މަސައްކަތެވެ. މި ބާބު ނިމިގެން ދަނީ ރަންކުލައިން ފަވާލެވޭ އެތަކެއް ހަނދާންތަކާ އެކުގައެވެ. އެކަމަކު އެ ދަރިވަރަކު ހޯދާ ކާމިޔާބީގެ ފަހަތުގައި ގިރާކުރި ހުރަސްތަކެއް ގިނަބަޔަކަށް ނޭނގެއެވެ.
މިއީ ތަޢުލީމީ ޙަޔާތުގެ އޮޑީގައި ދަތުރުފެށި އަންހެން ދަރިއެއްގެ ދަތުރުގެ ވާހަކައެވެ. ހިތްދަތިކަމާއި ތަދާއި ވޭނާ ދެކޮޅަށް ދެއްކި ހިތްވަރުގެ ވާހަކައެވެ. އަހުމަދިއްޔާ ސްކޫލްގެ ލީޓިންގ ޓީޗަރު އައިމިނަތު ރުމައިޒާގެ ވާހަކައެވެ.
ދަތުރުގެ ފެށުން: ގްރޭޑް 10 އެއް ނިންމުން
2008 ގައި އަމީނިއްޔާ ސްކޫލްގައި ގްރޭޑް 10 އަކުން ދަސްވެނިވި ކުދިންތަކުގެ ތެރޭގައި ރުމައިޒާ ހިމެނެއެވެ. ގްރޭޑް 10 ނިންމާލީ ގަދަ ދިހައެއްގައި ހިމެނުމައް ކުރި ބުރަ މަސައްކަތާއެކުގައެވެ.
ގްރޭޑް 10 އެއްގައި ރުމައިޒާ ކިޔަވަމުން ދިޔައިރު އޭނާގެ ބުރަކަށީގައި ރިއްސަން ފެށިއެވެ. ބުރަކަށީގެ ރިއްސުން ރަނގަޅުނުވާތީ އޭނާ ޑޮކްޓަރަށް ދައްކަން ނިންމިއެވެ.
ޑޮކްޓަރު ވިދާޅުވީ ރުމައިޒާގެ މައިބަދަ އެއްފަރާތަށް ލެނބިފައިވާ ކަމަށެވެ. އެހެންވެ ފިޒިއޯތެރެޕީ ހެދުމުން މި ރިއްސުމަށް ނިމުމެއް އަންނާނެކަމަށް ރުމައިޒާ ދެކުނެވެ.
އޭގެ ފަހުން އާދަޔާޚިލާފަށް ގައިގައި ރިއްސާތީ ދަންވަރު ހޭލެވުނެވެ. ބުރަކަށީގައި ރިއްސާވަރުން ބޭސް ބޭނުން ކުރިޔަސް. ގައިގައި އަޅަމުން ދިޔަ ވޭނަކަށް ލުޔެއް ނުލިބެއެވެ. އެ ވޭނަށް ކެތްކުރެވިގެން އެއް ރޭ ދަންވަރު އައިޖީއެމްއެޗް އަށް ދިޔައެވެ. ރުމައިޒާ ހުރީ ހޮސްޕިޓަލަށް ދިޔައިރު ވެސް ވަރަށް ބޮޑަށް ދޮންފޫޑް ވެފައެވެ. މިހެންވެ ޑޮކްޓަރުގެ އިރުޝާދަކަށްވީ ތެލެސީމިޔާ ޓެސްޓު ހެއްދުމެވެ. ނަމަވެސް އެކަމަށް އޭރު ރުމައިޒާއަށް ސަމާލުކަމެއް ނުދެވުނެވެ.
ދަތުރުގެ ފުރަތަމަ މަންޒިލް – އޯލެވެލް ނިންމާ އުފަންރަށަށް
އޯލެވެލް އިމްތިޙާނުގެ ނަތީޖާ ލިބިއްޖެއެވެ. ރުމައިޒާ ކުރި ބުރަ މަސައްކަތް ކާމިޔާބު ވެސް ވެއްޖެއެވެ. ގަދަ ދިހައެއްގައި ވެސް ހިމެނުނީއެވެ. މި ހިތްހަމަޖެހުމާއެކު އޯލެވެލް ނިންމާލުމަށްފަހު ރުމައިޒާގެ އުފަންރަށް، މ. މުލަކަށް ބަދަލުވިއެވެ.
ރަށަށް ބަދަލުވި ނަމަވެސް ރުމައިޒާގެ ހަށިގަނޑުން ފެންނަމުންދާ ބަލިކަށިކަމަށް ފަސޭހައެއް ނުލިބުނެވެ. ހަށިގަނޑުގެ އެކި ހިސާބުގެ ކުލަވަރު ހުންނަނީ ތަފާތުކޮށެވެ. މިކަންތަށް ރުމައިޒާގެ މަންމަ އާއި ބައްޕައަށް ފާހަގަކުރެވެން ފެށިއެވެ. އަދި އޭނާއަށް ހޮޑުލެވި ގައިގައި ލޭ މަދުކަމަށް ފެންނަން ފެށުމުން ހާސްކަން އުފެދުނެވެ.
ދަރިވަރު އޮންލައިނަށް ދެއްވި އިންޓަވިއުގައި ރުމައިޒާ ބުނުއްވީ ، އުމުރުން ހަތް އަހަރުއްސުރެ ރާއްޖެބަލި ހުންނަކަމަށް ހީކޮށް ބޭސްކުރަމުންދިޔަކަމަށެވެ. އެކަމަށް ބޭސްކުރުމުގެ ގޮތުން މުޅި ގައިގައި ދިޔައީ ތެޔޮ އުނގުޅަމުންނެވެ. ތެޔޮ އުނގުޅަމުން ދިޔައިރު ވެސް ކުޑަކަޅުވާ އާއި ފަލަމަސްގަނޑާއި ދޭތެރޭ ގޮށް ނަގައި ނޫފައިގެންފައި ހުންނަކަން ފާހަގަކުރެވުނު ކަމަށް ރުމައިޒާ ބުނުއްވިއެވެ.
ދިރުއުޅުމަށް ނުރައްކަލެއްވާ ކަމުގެ ސިގްނަލް އަޅަން ފެށީ ރުމައިޒާގެ ޙާލަތް ދެރެވެގެން ގޮސް އެތަށް ފަހަރަކު ލޭ އަޅަން ޖެހުމުންނެވެ. ގައިގައި އާދަޔާޚިލާފަށް ލޭ މަދުވާން ފެށުމުންނެވެ.
ދަތުރުގެ ދެވަން މަންޒިލް – ކޮޗިންއަށް، ބޯންމެރޯ އެސްޕިރޭޝަން ޓެސްޓު ހެދުން
ރަށުން މާލެއަށެވެ. މާލެއިން ރަށަށެވެ. މިއީ ރުމައިޒާ ގެ ޙާލަތް ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުން ދާތީ ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރެވެމުން ދިޔަ ދަތުރުތަކެވެ.
އޭރު ހޮޑުލެވުން ވެފައިވަނީ ރުމައިޒާއަށް އާންމު ކަމަކަށެވެ. މޫނުމަތީގެ ކުލަވަރު ވެސް ހުންނަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގައިގައި އަޅަމުންދޔަ ވޭނުގެ ސަބަބުން އޭނާއަށް ހަމަ ނިދި ނުލިބެއެވެ. އަޅަމުންދާ ވޭންތަކަށް ލުޔެއް ލިބޭތޯ މަންމަ ފިރުމާލަފިރުމާލާ އިނދެއެވެ.
ރުމައިޒާގެ ޙާލަތު ގޯސްވާން ފެށުމުން ވެގެން އުޅޭ ގޮތް ހޯދުމަށް ޢާއިލާއިން އިންޑިޔާއަށް ދިޔުމަށް ނިންމިއެވެ.
ފުރަތަމަ ދިޔައީ ޓްރެވެންޑްރަމްގެ ހޮސްޕިޓަލަކަށެވެ. އެހެން ނަމަވެސް އެތަނުން ޓެސްޓުތައް ހެދޭ ގޮތެއް ނުވިއެވެ. ޓެސްޓުތައް ހަދަން އަނެއެކާ ވެސް ދަތުރެއް ކޮށްފައި ދާން ޖެހުނީ ކޮޗިންއަށެވެ.
ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ބޯންމެރޯ އެސްޕިރޭޝަން ޓެސްޓު ހެދިއެވެ. ޓެސްޓު ހެދިއިރު ވެސް ރުމައިޒާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ޓެސްޓުން ލބިގެންދާނެ ނަތީޖާއާމެދު ފުންކޮށް ވިސްނުނެވެ. މި ޓެސްޓުން ނިކުންނަ ނަތީޖާއަކީ އޭނާގެ ދިރުއުޅުމަށް ބޮޑު ބަދަލެއް ގެނެސްދާނެ ނަތީޖާއެއްކަމަށް އޭނާ ހީއެއްވެސް ނުކުރެއެވެ. އިންޑިޔާ އަށް ފުރައިގެން އައީ ރައްޓެހިންނާއެކު ތަޢުލީމީ ޙަޔާތުގެ ދެވަނަ ބާބު، އޭލެވަލް ފެށުމަށް ސީ.އެޗްއެސްސީ އަށް ވަންނަން ފޯމް ވެސް ލާފައެވެ.
ބޯންމެރޯ އެސްޕިރޭޝަން ޓެސްޓުގެ ނަތީޖާ ލިބިއްޖެއެވެ. ރުމައިޒާގެ ބަލި ޙާލަތުގެ ޙަޤީޤަތް ދެނަގަނެވުނެވެ. ރުމައިޒާގެ ހަށިގަނޑުގައި އަޅަމުންދާ ވޭންތަކުގެ ޙަޤީޤަތަކީ ކެންސަރެެވެ. ލޭގެ ކެންސަރެވެ.
"ޢާއިލާގެ އެއެވެސް މީހަކު ނުފެންނާނެ. ހިތަށްއެރީ މަރުވާނެޔޭ. ކިހިނެއްވާ ބައްޔެއް ކަމެއް އެއްގޮތަކަށްވެސް ނޭނގޭ. ކެންސަރު ބަލި ޖެހިފައިވާ މީހުން މަރުވާނެޔޭ ހިތަށްއެރީ. ޓްރީޓްމެންޓެއް އޮންނާނެ ކަމަށް އޭރު އެވެއަރ އެއް ނޫން." ކެންސަރު ބައްޔަށް ޑައިގްނޯޒްވުމުން ކުރެވުނު އިޙްސާސްތަށް ކިޔާދެމުން ރުމައިޒާ ބުންޏެވެ.

ދަތުރުގެ ތިންވަނަ މަންޒިލް – ޓްރިވެންޑްރަމައަށް، ކީމޯތެރެޕީ ނަގަން
ކޮޗިންގައި ދެއްކި ޑޮކްޓަރު، ރުމައިޒާއަށް ހިތްވަރު ދިނެވެ. ބްލަޑް ކެންސަރު ނުވަތަ ލުކީމިޔާ އަކީ ފަސޭހައިން ރަނގަޅުކުރެވޭނެ ބައްޔެއް ކަމަށާއި ފުރަތަމަ ސްޓޭޖްގައި ދެނަގަނެވުމުން ރިކަވަރވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން އާކޮށްދިނެވެ.
މި އުއްމީދާއެކު ކެންސަރަށް ފަރުވާ ކުރުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ޓްރިވެންޑްރަމްގެ މަޝްހޫރު ހޮސްޕިޓަލް ރީޖެނަލް ކެންސަރު ސެންޓަރ (އާރް.ސީ.ސީ) ގައި ކީމޯތެރެޕީ ނަގަން ފެށިއެވެ. އެންމެ ފުރަތަމަ ކީމޯ ނަގަން ފެށީ 2008 ވަނަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހެވެ.
ހޮސްޕިޓަލްގައި ގާތްގަނޑަކަށް އަހަރެއް ވަންދެން އަށް ކީމޯ ސައިކަލް ފުރިހަމަކުރިއެވެ. 24 ގަޑިއިރާއި 36 ގަޑިއިރާއި ދެމެދުގެ ވަގުތެއް އައިވީގެ ތެރެއިން ކީމޯ ދިނުމަށް ހޭދަވިއެވެ. ދެވަނަ ކީމޯއަށްފަހު މައިބަދައަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން އިސްތަށިގަނޑުގެ ބޮޑު ބައެއް ފައިބާ ހުސްވިއެވެ.
"ކީމޯއަށްފަހު 4 ނުވަތަ 5 ދުވަސް ވަންދެން ހަށިގަނޑުގެ ވަރުދެރަވޭ. ލޭގެ ކައުންޓް ދަށްވުމުން. ވަރަށް ބޮޑަށް ހޮޑުވެސްލެވޭ. ނުއެއް ކެވޭ. ބަތްޕެން ކައްކާފަ އޭގެ ފެންކޮޅު ނަގައިގެން ލޮނު އަޅައިގެން ކެވޭތޯ މަސައްކަތް ކުރިން." ރުމައިޒާ ކީމޯ ނަގަން ފެށުމުން ކުރިމަތިވި އުނދަގޫތަށް ކިޔައިދެމުން ބުންޏެވެ.
ކޮންމެ ހަފްތާއަކުވެސް ލޭގެ ކައުންޓް ބަލައި ޗެކްކޮށް، ހަށިގަނޑުގެ ގުނަވަންތަށް ބަރާބަރަށް މަސައްކަތް ކުރޭތޯ ބެލިއެެވެ. ގިނަ ފަހަރަށް ލޭ އަޅަން ބަލާއިރު ރުމައިޒާ ހުންނަނީ ހުންއައިސްފައެވެ. ލޭގެ ކައުންޓް ދަށްވުމުންނެވެ. ލޭގެ ކައުންޓް މަތިކުުރުމަށްޓަަކައި 17 ދުވަސް ވަންދެން އިންޖެކްޝަން ޖެހިއެވެ. އެއށްފަހު، ލޭގެ ކައުންޓް ނޯމަލްވުމުން ނޫނީ ކީމޯ ނުފަށައެވެ. އެއް ކީމޯއާ އަނެއް ކީމޯއާ ދެމެދު ލަސްވެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
އަހަރެއްހާ ދުވަހު އާރުސީސީގައި ތިބެގެން އަށް ކީމޯ ސައިކަލް ފުރިހަމަކުރުމަށް ފަހު، އޭގެ 21 ދުވަސް ފަހުން ސިކުނޑިއަށް 22 ގަޑިއިރު ވަންދެން ރޭޑިއޭޝަން ދޭން ޖެހުނެވެ.
ސިކުނޑިއަށް ރޭޑިއޭޝަން ދިނީ ކީއްވެތޯ ސުވާލުކުރުމުން ރުމައިޒާ ބުނީ ލެޔަކީ މުޅި ހަށިގަަނޑުގައި ދައުރުވާ މާއްދާއެއްކަމުން ލޭގެ ކެންސަރު ސެލްއެއް ސިކުނޑީގައި ހުރެދާނެތީ އެ ހިރާސް ނުވަތަ ރިސްކް ނުނަގާންވެގެން ކަމަށެވެ.
ރޭޑިއޭޝަނަށްފަހު ދެ އަހަރު ވަންދެން ބޭސްކެއެވެ. ބޭސްކެއުން ހުއްޓާލީ 2010 ވަނަ އަހަރު ފުލް ޗެކަޕެއް ހެދުމަށްފަހު، ކެންސަރުގެ ސެލްއެއް ހަށިގަނޑުގައި ނެތްކަން ޔަޤީން ކުރުމަށްފަހުއެވެ.
ފުރަތަމަ ކީމޯއަށްފަހު – ޑޮކްޓަރުންނަށާއި ރުމައިޒާއަށް ގެނުވި ހައިރާންކަން
އާރްސީސީގައި ގައި ފުރިހަމަކުރެވުނު ފުރަތަމަ ކީމޯއަށްފަހު ރުމައިޒާގެ ޑޮކްޓަރުންގެ ޓީމުން ނިންމީ ކީމޯއިން ހަށިގަނޑުގެ ކެންސަރ ސެލްތަކަށް އައިސްފައިވާ ބަދަލުތަށް ބެލުމަށްޓަކައި ބޯންމެރޯ އެސްޕިރޭޝަން ޓެސްޓު ހަދާށެވެ.
ޓެސްޓުގެ ނަތީޖާވީ ޑޮކްޓަރުންނަށާއި ރުމައިޒާއަށް ވެސް ބޮޑު ހައިރާން ކަމަކަށެވެ. ޑޮކްޓަރު ވިދާޅުވީ ކެންސަރު ބަލި ހަށިގަނޑުން މުޅިން ފިލައިގެން ހިނގައްޖެ ކަމަށެވެ. ރުމައިޒާގެ ބަލި މުޅިން ފަސޭހަވީއެވެ.
"އަލްޙަމްދުލިއްލާހި. ވަރަށް އުފާވޭ. ﷲ ގެ ރަޙްމަތް އަހަރެންގެ މައްޗަށް އޮތް މިންވަރު އެނގިގެންދިޔަ. އެންމެ ލޯބިވެވޮޑިގަންނަވާ އަޅުންނަށް އެންމެ ބޮޑު އިމްތިޙާން ކުރިމަތިވަނީ. ޙަމްދުކުރަން." ކެންސަރު ބައްޔަށް ޝިފާ ލިބުމުން ކުރެވުނު އިޙްސާސްތަށް ޙިއްސާކުރަމުން ރުމައިޒާ ބުންޏެވެ.
ފުރަތަމަ ކީމޯއަށްފަހު ކެންސަރު ބަލި ރަނގަޅުވި ކަމުގައިވިޔަސް އަށް ސައިކަލް ފުރިހަމަ ކުރީ އެންމެ ސެލްއެއް އިނަސް ކެންސަރު އަނބުރާ އަތުވެދާނެތީއެވެ. އެއީ އެންމެ ރައްކާތެރިގޮތް ކަމުގައި އެންމެންވެސް ޤަބޫލްކުރާތީއެވެ.
ކެންސަރު ބަލިން ރުމައިޒާއަށް ދަސްވި ފިލާވަޅުތަށް
ﷲ އަށް ވަކީލުކުރާ ހާލު އެކަލާނގެ ހަޟްރަތުގައި އެދި ދަންނަވާ ކޮންމެ ކަމަކީވެސް ވާނެ ކަމެކެވެ. އެއްވެސް މީހަކަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެކަން ދަސްވެގެންދިޔައެވެ.
ކެތްތެރިކަމާއެކު އިމްތިޙާނާ ކުރިމަތިލައިފިނަމަ އެކަމުގެ ނަތީޖާ ފޮނިވާނެކަން ވެސް މި ބަލީގައި ކުރި ހަނގުރާމައިން ހާމަވެގެން ދިޔައެވެ.
ރުމައިޒާގެ ތަޢުލީމީ ޙަޔާތުގެ ދެވަނަ ބާބު – އޭލެވެލް ނުހެދި ފަސްކުރަން ޖެހުނީ އިންޑިޔާގައި ކީމޯނެގުމަށް އަހަރެއް ވޭތުވުމުންނެވެ. ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިން ލިބުނު ކާމިޔާބާއެކު، 2009 އަހަރު ސީއެޗްއެސްސީ ގައި އޭލެވެލް ހަދައި މަތީ އަރުތަވެރިންގެ ތެރޭގައި ހިމެނުނެވެ. އަދި ސަރުކާރުން ދެއްވި ޓީޗިންގ ސްކޮލަރޝިޕެއް ރުމައިޒާއަށް ލިބުނެވެ. ރުމައިޒާ ބުނިގޮތުގައި މިއީ ކޮންމެ ލަސްވުމެއްގެ ފަހަތުގައި ފޮރުވިފައިވާ ނިޢްމަތެއްވާކަން އަންގައިދޭ މިސާލެކެވެ.

ކެންސަރު ބަލީގައި އުޅޭ ފަރާތްތަކަށް:
"މަރާއި ބައްޔަކީ ދެކަމެއް. ކެންސަރަކީ މަރު ބައެއްޔެއްނޫން. އެއްވެސް ބައްޔެއްނުވެ މަރުވާ މީހުން ތިބޭ. މާތް ﷲ ޝިފާ ދެއްވަވާނެ. އިންޝާ ﷲ. އޮތީ އެކަލާނގެއަށް ވަކީލްކޮށް ސަބަބުގައި ހިފައިގެން މަސައްކަތްކުރުން." ކެންސަރު ބަލީގައި ހަނގުރާމަކުރަމުންދާ ފަރާތްތަކަށް ރުމައިޒާ ދެއްވި މެސެޖަކީ މިއެވެ. ވަރަށް ކުރުކޮށް ފޮނިކޮށެވެ.
ކެންސަރު ބަލީގައި އުޅެމުންދާ ފަރާތްތަކާ މެދު އެއީ އާދައިގެ ދިރިއުޅުމެއް ނޫޅެވޭނެ މީހެއްކަމުގައި މުޖްތަމަޢުން ނުދެކުމަށް ރުމަިއޒާ އެދެއެވެ. އެފަރާތްތަކަށް ހިތްވަރުދީ އަޅާލުން ފޯރުކޮށްދޭށެވެ. މުޖްތަމަޢުން ބަލައިގަނެ އެހީތެރިވެދޭށެވެ. އޭރުން ބައްޔާ މެދު ކުރެވޭ ފިކުރުތަށް ކުޑަވުމުން ފަރުވާހޯދަމުން އާދައިގެ ދިރިއުޅުމެއް އުޅުމަށް ފަސޭހަވެގެންދާނެ ކަމަށް ރުމައިޒާ ދެކެއެވެ.

ދަތުރުގެ ފަހު މަންޒިލް – " ޑްރީމް ޖޮބުގައި"، ރުމޭ މިސް
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ރުމައިޒާއަކީ އެކުދިންގެ "ރުމޭ މިސް"އެވެ. ރުމޭ މިސް އޭލެވެލް ނިންމުމަށްފަހު ސެކަންޑްރީ ޓީޗިންގް ހެދިއެވެ. ޙާއްސަވީ ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް އަށެވެ.
2014ވަނަ އަހަރު ރިލީފް ޓީޗަރެއްގެ ވަޒީފާއަށް ދާން ފެށީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލަށެވެ. ކޯސް ނިންމުމަށްފަހު އަހްމަދިއްޔާއާ އޭނާ ރަސްމީކޮށް ގުޅުނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ލީޑިން ޓީޗަރަކަށް ބަދަލުވިއެވެ. ލީޑިން ޓީޗަރެއްގެ ގޮތުގައިވެސް ގްރޭޑް 11 އާއި 12 އަށް ދަނީ މިހާރު ވެސް ބިިޒްނަސް މާއްދާ ކިޔަވާދެމުންނެވެ.
ކެންސަރުގެ ބަލީގައި ވޭންތަކެއް އުފުލުމަށްފަހު ޓީޗިން ދާއިރާ ފަދަ ބުރަ ދާއިރާއެއް ޙިޔާރުކުރީ ކީއްވެތޯ ސުވާލުކުރުމުން އުފަލާއެކު ރުމޭ މިސް ބުނީ، " ޓީޗިންގެ އެއީ އެންމެ ކުރާހިތްވާ ކަންތައް. ވާނީ ކޮންކަހަލަ ޓީޗަރަކަށްތޯ ކުޑައިރުއްސުރެ ވިސްނިން. އެއީ ޑްރީމްއެއް. ޑްރީމްޖޮބް ވީމަ އެކަމުގައި ކުރިޔަށް މި ދިޔައީ."
ރުމޭ މިސްގެ އުއްމީދަކީ ޤައުމަށް ފައިދާހުރި ޤައުމަށް ޚިދުމަތްކުރާ ދަރިންތަކެއް ގޮތުގައި މިސްގެ ދަރިވަރުން ފެނިގެންދިއުމެވެ.
ރުމޭ މިސްގެ ފަރާތުން ދަރިވަރުންނަށް:
" ދިރިއުޅުމުގައި ހިތަށް ނާރާފަދަ ކަމަކާ ކުރިމަތިލާން ޖެހިދާނެ. އެ ކަމަކާ ކެރިގެން ކުރިމަތިލާންވާނެ. މިވަގުތަށް ޙާލަތު މިހެންވީ ރަނގަޅަކަށް ކަން ވިސްނަންވާނެ. ވަގުތު ނަގާނެ. އެކަމަކު ވެސް ލަނޑުދަނޑިތަށް ޚާސިލްކުރުމަށް މަސައްކަތްކުރަންވާނެ. އޭރުން ކުރިމަގު އުޖާލާވާނެ."

މަންމަ އާއި ބައްޕަވި ޤުރުބާނީއަށް ޝުކުރު ޙައްޤު
ކެންސަރުގައި ރުމައިޒާ އުފުލި ވޭންތަކާއި ކެތްކުރަމުންދިޔަ ތަދާއި ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި ދިމާވި އުނދަގޫ ދަނޑިވަޅުތަކުގައި ލޯތްބާއި އަޅާލުން ފޯރުކޮށްދީ، ކެންސަރު ބަލީގެ ފަރުވާހޯދުމުގައި އެކުގައި ހޮސްޕިޓަލެއްގައި އެއްއަހަރު ހޭދަކޮށް، މަންމަ އާއި ބައްޕަ ވެދެއްވި ޤުރުބާނީއަކީ ދުލުން ހަމައެކަނި އަދާކުރެވޭނެ ޝުކުރެއް ނޫނެވެ. ރުމައިޒާގެ މައިންބަފައިންނަކީ ޙަޔާތުގެ މަންޒިލަށް އާދެވުމުގެ ހިތްވަރެވެ.
އާއިލާއަށާއި ، ރައްޓެހިންނަށާއި، ދިރިއުޅުމުގެ އެކި މަރުހަލާގައި އެކި މިންވަރަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ރުމައިޒާ ޝުކުރު އަދާކުރެއެވެ. ދަރިވަރެއްގެ ގޮތުން އަދި މުދައްރިސެއްގެ ގޮތުން، ރުމައިޒާ ނުވަތަ ރުމޭ މިސް ވަނީ ހަޔާތުގައި ހިތްވަރުގަދަ ނަމޫނާއެއް ދައްކައި ހުވަފެންތަކުގައި ކުލަޖައްސާފައެވެ.
advertisment
ހިޔާލު