އަނެއްކާވެސް އޮންލައިންކޮށް ކިޔެވުމަށް ތައްޔާރު ހެއްޔެވެ؟

އިބްރާހީމް އާދަމް

ކޯވިޑް 19 ގެ ބަލިމަޑުކަމުގައި އިސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންގޮސް ދުވަސްގަނޑަކަށް ފަހު އިސްކޫލުތައް ހުޅުވާ ކިލާހަށް ޙާޟިރުވެގެން ކިޔެވުމުގެ ފުރުޞަތު ލިބުން ވެގެންދިޔައީ ގިނަ ދަރިވަރުންނަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ނުހަނު ހިތްހަމަޖެހުން ގެނުވައި އުފާކޮށްދިން ކަމަކަށެވެ. ކުއްލިއަކަށް އޮންލައިންކޮށް ކިޔަވައި ދިނުމަށް ބަދަލުވާން ޖެހުމުން ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް އެ ގޮންޖެހުންތަކާ އެކުވެސް ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދެވޭތޯ ހުރިހާ ފަރާތްތަކުން ކުރި މަސައްކަތްތަކަށް ތަޢުރީފު ޙައްޤެވެ. އެހެން ނަމަވެސް ކޯވިޑް-19 ގެ ޙާލަތު އަނެއްކާވެސް ގޯސްވެ މިވަނީ އިސްކޫލުތަކުގެ ރަސްމީ ހިންގުމަށް ބަދަލުތަކެއް ގެންނަން ޖެހިފައެވެ. އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭން ޖެހިދާނެކަމުގެ ސިގްނަލްތަކެއްވެސް އެބަލިބެއެވެ. ނަމަވެސް މިފަހަރުގެ ތަފާތަކީ ކުރީގެ ޙާލަތުން ލިބިފައިވާ ތަޖުރިބާއެވެ. ކިލާހަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންގޮސްފައި އޮންލައިންކޮށް ކިޔަވަން އަލުން ފަށަން ޖެހުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެންކަމުން ކުރީގެ ތަޖުރިބާތަކުން މިފަދަ ޙާލަތްތަކުގައި ދިމާވާ މައިގަނޑު މައްސަލަތަކާއި އެ މައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކެއް ބަޔާންކޮށްދިނުމަށް މި ލިޔުން ޚާއްޞަކޮށްލާނަމެވެ. ދުރާލާ ތައްޔާރުވުމަކީ ކޮންމެ ކަމެއްގައިވެސް އެންމެ ރަނގަޅު ގޮތެވެ. އެހެންކަމުން އަނެއްކާވެސް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރުވެވޭތޯ ބަލަމާ ހިނގާށެވެ!

ޓެކްނިކަލް މައްސަލަތައް

އޮންލައިން ކިލާހެއްގައި ޓެކްނިކަލް މައްސަލަތަކަކީ ކުރިމަތި ނުވެ ނުދާނެ މައްސަލަތަކެކެވެ. ކޮމްޕިއުޓަރ ހުއްޓުމާއި، މައިކުން ވާހަކަ ނުދެއްކުމާއި، ސްޕީކަރުން އަޑު ނައުމާއި، އިންޓަރނެޓް ކަނެކްޝަން ދިއުމާއި، ގެންގުޅޭ ފައިލެއް ގެއްލުމާއި، ކަރަންޓު ކެނޑުމާ މިފަދަ އެތައް މައްސަލަތެކެކެވެ. މިފަދަ ކަމެއް ދިމާވުމުން ހާސް ނުވާށެވެ. ކަންބޮޑު ނުވާށެވެ. މިކަހަލަ މައްސަލަތައް ދިމާވަނީ ހަމައެކަނި ތިމާއަށް ނޫންކަން ޤަބޫލުކުރާށެވެ. މިފަދަ ޙާލަތްތަކުގައި އެންމެ މުޙިއްމު ކަމަކީ މުދައްރިސާއި މުޢާމަލާތުކޮށް ވާނުވާ އެންގުމެވެ. އަދި ކެތްތެރި ކަމާއެކު މައްސަލަ ޙައްލު ކުރުމަށް މަސައްކަތްކުރުމެވެ. އަމިއްލައަށް ނުވާނަމަ ކަމުގެ މާހިރުންގެ އެހީތެރިކަން ހޯދާށެވެ.

ޑިސްޓްރޭކްޝަން އާއި ވަގުތު މެނޭޖުކުރުން

އާއްމު ފިޒިކަލް ކިލާސްތަކާއި ޚިލާފަށް ގޭގައި ނުވަތަ އެހެންވެސް މާހައުލެއްގައި އޮންލައިންކޮށް ކިލާސްތަކުގައި ބައިވެރިވާއިރު ޑިސްޓްރޭކްޝަންތަކާއި ކުރިމަތިލާންޖެހޭ މިންވަރު ގިނަވެދާނެއެވެ. ވަކީން ޚާއްޞަކޮށް ޢާއިލާ މެންބަރުންނާއި ކޮއްކޮމެން ކައިރީގައި އުޅޭނަމަ މިއީ ވަރަށް ފަސޭހައިން ކުރިމަތިވާނެ ކަމެކެވެ. އެހެންކަމުން ގޭތެރޭގެ ކަންތައްތައް މެނޭޖުކުރުމާއެކު ކުރިމަތިވާ ޑިސްޓްރޭކްޝަންތަކުގެ ސަބަބުން އޮންލައިން ކިލާސްތަކުގައި ބައިވެރިވުމުގައި ވަގުތު މެނޭޖުކުރުން ވެގެންދަނީ ވަރަށް ބޮޑު ގޮން ޖެހުމަކަށެވެ. މިކަމުގެ ހައްލެއްގެ ގޮތުން ސްޓަޑީ ޕްލޭން އެއް ޝެޑިއުލް ކުރެވިދާނެއެވެ. ކޮންއިރަކު ކުރާނީ ކޮންކަމެއްކަން މި ޕްލޭންގައި ހިމަނާށެވެ. އަދި ކޮންމެ ކަމަކަށް ހޭދަވާނެ ވަގުތު އަންދާޒާ ކުރާށެވެ. މީގެ ތެރޭގައި ހުސް ވަގުތު ތަކުގެ ގޮތުގައި ހޭދަ ކުރާނެ ވަގުތުވެސް ހިމަނަންވާނެއެވެ. އެއަށްފަހު މި ޝެޑިއުލް ގޭ މީހުންނާ ޙިއްސާކޮށް މަޝްވަރާކުރާށެވެ. އެއިރުން ގޭތެރޭގައި ކަންކަން ހަމަޖައްސަން ފަސޭހަވެގެން ދާނެއެވެ.

އޮންލައިން ކިލާސްތަކުގައި ހަވާލުކުރާ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި އަޑުމަޑު ހަމަހިމޭން ވަގުތަކާއި ތަނެއް ޚިޔާރުކުރުމަކީވެސް މުޙިއްމު ކަމެކެވެ. އެއީ ދަންވަރުގެ ވަގުތެއްކަމުގައި ވީނަމަވެސް އެންމެ ރަނގަޅެވެ. އެހެންނަމަވެސް ސަމާލުކަންދޭންޖެހޭ ކަމަކީ ހުރިހާ ކަމަކަށްވުރެ އަމިއްލަ ޞިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަން ދިނުމެވެ. އޮންލައިން ކިލާސްތަކަށް ޙާޟިރުވުމާއި މަސައްކަތްތައް ފުރިހަމަ ކުރުމަށް އުނދަގޫވާނަމަ މުދައްރިސުންނާއި ޙިއްޞާކޮށް މައްސަލައިގެ ޙައްލު ހޯދުމަށް މަސައްކަތް ކުރާށެވެ. އެއިރުން ކިލާސްތައް ރޭވުމުގައްޔާއި މަސައްކަތްތައް ހަވާލުކުރުމުގައި މުދައްރިސުން ވިސްނާނެކަން ޔަޤީނެވެ.

ޝައުގުވެރިކަން ދެމެހެއްޓުން

ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް އިސްކޫލަށް ހާޒިރުވާން ނުޖެހުމަކީ ޝައުޤުވެރިކަން ނުވަތަ މޯޓިވޭޝަން ހިފެހެއްޓުމަށް އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. ޚާއްޞަކޮށް ގޭގެ މާޙައުލަކީ ކިޔެވުމަށް ނުވަތަ ފިލާވަޅުތައް ފުރިހަމަކުރުމަށް އެންމެ އެކަށޭނަ މާޙައުލެއް ނޫންކަމުގައި އިޙްޞާސް ވާނަމަ ކިޔެވުމުގެ މޫޑު އައުމާއި ކިޔެވުމަށް ޝައުގުވެރިކަން އުފެއްދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ދުވަހީ ތާވަލެއް ހެދުމާއި މަސައްކަތްކުރަން ފަސޭހަ ތަނެއް ޚިޔާރުކުރުމުން ވަގުތު މެނޭޖުކޮށް ޑިސްޓްރޭކްޝަންތަކާ ދުރުވުމަށް އެހީތެރިވުމުގެ އިތުރުން މޯޓިވޭޓް ވުމަށްވެސް އެހީތެރިވެދޭނެއެވެ.

އަބަދުވެސް ތިމާގެ ގޯލް ހަނދާނުގައި ބަހައްޓާށެވެ. ކޮންމެ ދުވަހަކުވެސް ތާވަލު ކުރި ކަންތައްތަކުން ފުރިހަމަ ކުރެވުނު ކަންކަން ފާހަގަ ކުރާށެވެ. އަދި އަމިއްލަ އަށް އެކަންކަން ފުރިހަމަ ކުރެވުނީތީ އިނާމު ދޭށެވެ. ތިމާއަށް ކުރެވިފައިވާ ކަންކަން ފާހަގަކުރުމަކީ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ގެނުވާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށްދީ ފަޚުރުވެރިކުރުވާނެ ކަމެކެވެ. މީގެ ސަބަބުން ޝައުގުވެރިކަން ހިފެހެއްޓޭނެއެވެ. އުފެއްދުންތެރި ދުވަސްދުވަހާ އުފެއްދުންތެރި ނޫން ދުވަސްދުވަސް އަންނާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. މުހިއްމީ އަމިއްލަ ނަފްސަށް އިތުބާރުކޮށް އަބަދުވެސް ޕޮޒިޓިވް ވިސްނުމެއް ގެންގުޅުމެވެ. މީގެ އިތުރުން ކިލާހުގެ އެހެން ބައިވެރީންނާ ގުޅުން ބާއްވާ މުދައްރިސުންނާ އޮންނަ ގުޅުން ދެމެހެއްޓުމަކީވެސް މޯޓިވޭޓް ކޮށްދޭނެ ކަންކަމެވެ.

އޮންލައިން ކިލާސް ކުރިއަށް ދާނެ ގޮތާއި މި ކިލާސްތަކުގައި ދަރިވަރުންގެ ކިބައިން އުއްމީދުކުރާ ކަންކަން ދެނެގަތުން

ޝައްކެއްވެސް ނެތް ގޮތުގައި އޮންލައިންކޮށް ކިޔެވުމަކީ ފަސޭހަކަމެއް ނޫނެވެ. ވަކީން ޚާއްޞަކޮށް އިސްކޫލަށް ގޮސް ކިލާހަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންގޮސް ކުއްލިއަކަށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާންޖެހުމަކީ ބޮޑު ގޮންޖެހުމެކެވެ. މިގޮތަށް ބަދަލުވާއިރު ކުރިން ރާވަފައިވާ ކިލާސްތަކުގެ އުނގެނުމުގެ ހަރަކާތްތަކާއި ވަޒަންކުރުންތަކަށްވެސް ބަދަލު އާދެއެވެ.

ކިލާހުގައި ހުށައަޅަންޖެހޭ ޕްރެޒެންޓޭޝަން ހުށައަޅަން ނުޖެހިދާނެއެވެ. ކިލާހުގައި ނަގަން ހަމަޖެހިފައިވާ ޓެސްޓެއް ނޯވެދާނެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ ކިލާސްތަކަކީ މުދައްރިސާއެކީ އެއްވަގުތެއްގައި ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ސިންކްރޮނަސްކޮށް ކުރިއަށް ގެންދާ ކިލާސްތަކަކަށް ވެދާނެއެވެ. ނޫނީ ދަރިވަރުން އަމިއްލައަށް ވީޑިއޯތަކާއި އެހެނިހެން ލަރނިންގ މެޓީރިއަލްތައް ބޭނުންކޮށްގެން ކިޔަވާ މަސައްކަތް ފުރިހަމަކުރާގޮތަށް ކުރިއަށްގެންދާ އެސިންކްރޮނަސް ކިލާސްތަކަކަށް ވެދާނެއެވެ. އެހެންކަމުން މުދައްރިސުންގެ ކިބައިން އަހާ އޮޅުންފިލުވާށެވެ. ކިލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތާއި ކުރިން ހުރި ވަޒަންކުރުންތަކަށް ގެންނަ ބަދަލާއި ދަރިވަރުން ޢަމަލުކުރަންޖެހެނީ ކިހިނެއްކަން ސާފުކުރާށެވެ. އޮންލައިންކޮށް ކިޔަވާ ދަރިވަރަކަށް މިއީ ވަރަށް މުހިއްމު ކަމެކެވެ.

އިން-ޕާރސަން އިންޓަރެކްޝަންތައް ނެތުން

ކިލާހުގެ އެހެން ބައިވެރީންނާއި އަދި މުދައްރިސާއި ސީދާ މޫނާ މޫނު ބައްދަލުކޮށް ކުރެވޭ މުޢާމަލާތްތައް ނުކުރެވުމަކީ ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ. ޚާއްޞަކޮށް އަމިއްލައަށް ކަންކަން ތަޖުރިބާކުރަން ބޭނުންވާ ހޭންޑްސް-އޯން ދަރިވަރުންނަށާއި އެހެން ކުދިންނާ އެކުގައި މަސައްކަތްކުރަން ބޭނުންވާ ދަރިވަރުންނަށް މިކަން ވާނީ ވަރަށްވެސް ބޮޑު ގޮންޖެހުމަކަށެވެ. އެހެންނަމަވެސް މިހާރު ލިބެންހުރި ވީޑިއޯ ކޮންފަރެންސް ޕްރޮގްރާމްތައް ކަމުގައިވާ ޒޫމް، ސްކައިޕް، ގޫގުލް މީޓް ފަދަ ޕްރޮގްރާމްތަކުގެ ބޭނުންކޮށްގެން މުދައްރިސުންނާއި ކިލާސް ކުދިންނާއި މުޢާމަލާތްތައް ވަރޗުއަލް ޕްލެޓްފޯމްގައި ކުރިއަށް ގެންދިއުމަކީ އޮންލައިން މާހައުލުގައި އިންޓަރޭކްޓް ކުރުމަށް ބޭނުން ކުރެވިދާނެ ގޮތެކެވެ. އަދި މިފަދައިން މުއާމަލާތްކުރާއިރު ދެފަރާތުންވެސް ކެމެރާ ޖައްސައިގެން ތިބުމުން ކުރެވޭ މުޢާމަލާތް ބޭނުންތެރި ވެފައި ފައިދާ ބޮޑުވާނެއެވެ. މީގެ އިތުރުން ފޯނުން ގުޅާލާ ވާހަކަދައްކާވެސް ލެވިދާނެއެވެ.

ފަރިތަނޫން ޓެކްނޮލޮޖީ ބޭނުންކުރަން ޖެހުން

އޮންލައިންކޮށް ކިޔެވުމުގައި ކުރިން ބޭނުން ނުކުރާ އެތައް ޑިޖިޓަލް ޓޫލްތަކެއް ބޭނުންކުރަން ޖެހެއެވެ. އޮންލައިން ކުއިޒްތަކާއި މަޝްވަރާ ފޯރަމްތަކާ މަސައްކަތްތައް އަޕްލޯޑް ކުރަންޖެހޭ ޕްލެޓްފޯމްތަކާ ވީޑިއޯ އާއި އެހެނިހެން ލަރނިންގ މެޓީރިއަލްތަކަށް އެކްސަސްވުމަށް ބޭނުންކުރާ ސިސްޓަމްތަކަކީ ދުވަހަކުވެސް އަޑު ނާހާ، ދުވަހަކުވެސް ބޭނުން ނުކުރާ ޓޫލްތަކެއް ކަމުގައި ވެދާނެއެވެ. އެހެންކަމުން މިފަދަ ޓޫލްތައް ބޭނުންކުރާ ގޮތުގެ ގައިޑްތަކާއި ވީޑިއޯ ޓިއުޓޯރިއަލްތައް ބަލާ އެތަކެއްޗަށް އަހުލުވެރިވުން މުހިއްމެވެ. އެހީ ބޭނުންވާނަމަ އެހީއަށް އެދޭށެވެ.

ކިލާހަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންގޮސް ކުއްލިއަކަށް އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުމަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމެކެވެ. އެހެން ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ މިހާލަތުގައި އެހީތެރިވާނެ ބައިވަރު ފަރާތްތައް ތިބޭނެކަމެވެ. އެހެންކަމުން ކަންބޮޑުވެ ހާސްވެ ހަދާނެ ގޮތެއް ނޭނގޭ ނަމަ އެފަދަ ކަންކަމުގައި އެހީތެރިކަމަށް އެދޭށެވެ. މުދައްރިސުންނާއި އިސްކޫލުގެ ޓެކްނިކަލް ސަޕޯޓް ޓީމާއި ކިލާސް އެހެން ކުދިން ތިބޭނެއެވެ. އީމެއިލް އެއް ކޮށްލާށެވެ. ނޫނީ ފޯނުން ގުޅަލާށެވެ. ނޫނީ މެސެޖެއް ކޮށްލާށެވެ. މުހިއްމީ ޕޮޒިޓިވް މައިންޑްސެޓެއްގައި މިހާލަތާ ކުރިމަތިލުމެވެ. އެއިރުން ކޮންމެ މައްސަލައަކަށްވެސް އިންޝާﷲ ޙައްލެއް ހޯދިދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *