ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ކުދިންނަށް ރިވެތި ނަމޫނާ ދެއްކުމަކީ، ތަރުބިއްޔަތުކުރުމުގެ އިސްލާމީ މަންހަޖުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ކަންތައްތައް ކުރާނެ ގޮތް ޢަމަލީ ގޮތުން ދެއްކުމަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން އިޞްލާޙް ކުރުމުގެ ވަރަށް ކާމިޔާބު ވަޞީލަތެކެވެ. އަދި ޚާއްޞަކޮށް ކުދިން ކުޑައިރު އެކުދިންނަށް ރިވެތި ނަމޫނާ ދެއްކުމަކީ، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ވުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ކީރިތި ރަސޫލާ ޙަދީޡް ކުރައްވަނީ " ކޮންމެ ކުއްޖަކީވެސް ފިޠުރަތުގެ ގޮތްމަތީގައި އުފަންވާ ކުއްޖެކެވެ. ފަހެ އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް މައިންބަފައިންނެވެ." މިޙަދީޘުން ކުދިންނަށް ރިވެތި ނަމޫނާ ދައްކައިގެންނޫނީ އެދެވޭ ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތު ނުކުރެވޭނެކަން ވަރަށް ރަނގަޅަށް އެނގެއެވެ.
މިދަންނަވާލެވުނީ، ކުދިން ތަރުބިއްޔަތު ކުރުމުގައި އިސްލާމްދީން ކަނޑައަޅުއްވާފައިވާ މަތިވެރި އުސޫލުތަކާއި އިރުޝާދުތަކުގެ ތެރެއިން ބައެއް ކަންކަމެވެ. މުސްލިމުންގެ ކުރިމަގު އުޖާލާކޮށް އެބައިމީހުންގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި ގެނެވެންއޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމުތަކުގެ ހިޔަލުގައި، މުސްލިމް ޅަދަރިން ތަރުބިއްޔަތު ކުރެވިގެންނެވެ. އެހެން ކަމުން، ކޮންމެ މަޔަކާއި ބަފަޔަކު، ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމްދީން ގެނެސްދީފައިވާ މަންހަޖާއި އެއްގޮތަށް ޢަމަލު ކުރުމީ، މުހިންމު ކަމެކެވެ.

ލުޤްމާނުގެފާނުގެ ދަރިކަލުންނަށް ދެއްވެވި ވަޞިއްޔަތްޕުޅުން ފިލާވަޅު ލިބިގަންނަމާ ހިންގަވާށެވެ. ލުޤުމާނުގެފާނަކީ، ކީރިތި ޤުރްއާނުގައި ސޫރަތަކަށް އެކަލޭގެފާނުގެ ނަމުން ނަންދެއްވާފައިވާ ބޭކަލެކެވެ. އަދި އެކަލޭގެފާނަށް ލުޤުމާނު ޙަކީމް ކިޔަނީ އެކަލޭގެފާނު ބޭސްވެރިއަކަށް ވިތީކީ ނޫނެވެ. އެއީ ﷲތަޢާލާ އެކަލޭގެފާނަށް ޙިކުމަތްތެރިކަން ދެއްވާފައި ވާތީއެވެ. މިގޮތުން އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރައްވާފައިވާ ވަޞިއްޔަތްޕުޅު ލުޤުމާނު ސޫރަތުގެ 12ވަނަ އާޔަތުން ފެށިގެން 19ވަނަ އާޔަތުގެ ނިޔަލަށް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. މި ނަޞޭޙަތުގެ ތެރޭގައި، ﷲ އަށް ޝަރީކު ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ނަމާދު ޤާއިމުކުރުމުގެ އިތުރުން ހެޔޮކަންކަމަށް ނަޞޭޙަތްތެރިވުމާއި، ނުބައިކަންކަމުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވިއެވެ. މީގެ އިތުރުން އުނދަގޫތަކަށް ކެތްތެރިވުމަށާއި، އިޙްތިރާމް ކުރުމާއި، ބޮޑާވެ ނުގަތުމަށާއި، މަގުމަތީގެ އަދަބު އަޚްލާޤުގެ އިތުރުން ހަޅޭލަވައި އަޑުގަދަ ނުކުރުން ހިމެނެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ތުއްތުއިރު ގޭތެރެއިން އެ ނަމޫނާ ފެންނަމުން ދާނަމަ އެ ކުދިންވެސްވާނީ މައިންބަފައިންގެ ދައްކަމުންދާ ރަނގަޅު އާދަތަކުގައި ހިފައިގެން ކުރިއަށްދާ ކުދިންނަށެވެ. އަޅުގަނޑުމެންގެ މުޖްތަމައުގެ ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައި ވިޔަސް ފެންނަން އޮތް ހަގީގަތަކީ މާތް ހުލްގް ރަގަޅު އަދި އެންމެ ތުއްތު އިރުއްސުރެ ރަނގަޅު ނަމޫނާ ދެއްކިފައިވާ ބެލެނިވެރިންނަށް އެ ބެލެނިވެރިންގެ ދަރިން ކިތަންމެ ބޮޑުވިޔަސް އެކުދިން ވެގެންދަނީ އަހްލާގް ރަނގަޅު ހުލްގް ހެޔޮ ބޮޑެތި މީހުންނަށް އިހްތިރާމް ކުޜާ ކުދިންނަށެވެ.

އިސްލާމްދީންވެސް މައިން ބަފައިން ނަމޫނާ ދައްކައިގެން ދަރިން ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ. ދަރިން ރަގަޅު ގޮތުގައި ތަރުބިއްޔަތު ކުރެއްވިއްޖެނަމަ މިއީ އެކުދިންންގެ މުޅި ދިރިއުޅުމަށްވެސް އަދި މުސްތަގްބަލަށްވެސް ފައިދާ ކުރާނޭ ކަންކަމެވެ. އެހެން ކަމުން ނަމޫނާ ދެއްކުމުގައި އަޅުގަނޑުމެން ބެލެނިވެރިން މިހާރަށްވުރެ ސަމާލުކަން ދޭން ޖެހެއެވެ. ނަމާދުތައް އެކުދިންނާއިއެކު ކުރުމާއި އާއިލާ އެއްކޮށް ގުރުއާން ކިޔެވުމާއި މިނޫންވެސް މިފަދަ ހެޔޮ އަމަލުތަކުންނާއި ކަންކަމުން ނަމޫނާ ދެއްކުމަކީ ބެލެނިވެރިންގެ ޒިންމާއެއްކަމުގައި ހަދަން ވެއްޖެއެވެ. ނަމޫނާ ބެލެނިވެރިން ނުފެނުމުގެ ސަބަބަން އަޅުގަނޑުމެންގެ ތެރެއިން ކިތައް ކުދިންތޯ މުޖްތަމައުގައި ބާކީވެ އެކިއެކިގޯސް މަގުތަކަށް ހެއްލި ގެއްލި ހަލާކުވެގެންދަނީ މިއީ މައިންބަފައިންގެ ހައިސިއްޔަތުން ވިސްނާލުން މުހިއްމު ކަމެކެވެ. ދަރިންނަކީ އަޅުގަނޑުމެން މައިންބަފައިންނަށް މާތްﷲ ދެއްވާފައިވާ އަމާނާތެކެވެ. އަގު ބޮޑު ނިއުމަތެކެވެ. މިއަގު ބޮޑު ރައުސުލްމާލަށް އަޅުގަނޑުމެން މައިންބަފައިން އިހްމާލްވެއްޖެނަމަ އަޅުގަނޑުމެން މައިންބަފައިންނާއި ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެއެވެ.
advertisment
ހިޔާލު