ތޭރަ އަހަރަށްފަހު، ރަކީދޫގައި ކިޔަވައިދޭން ފަށައިގަތީ "އަލިފުން"

ރަކީދޫ
ސެޓްލައިޓް ސްކޫލް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތު: ސެޓްލައިޓް ސްކޫލާއެކު ހުރިހާ ރަށެއްގައި ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ- ފޮޓޯ: އެޑިއުކޭޝަން

ސްކޫލަށް ކިޔަވަން ދާނެ ކުދިންނެތް ރަށްރަށާއި، ކުދިން މަދު ރަށްތަކަށް އަމާޒުކޮށް ފެށި ސެޓްލައިޓް ސްކޫލާއެކު ވ. ރަކީދޫއަށް އިއްޔެއަކީ އުފާވެރި ދުވަހެކެވެ. އެރަށު ސްކޫލަށް ކިޔަވަންދާނެ ކުދިން މަދުވުމާއި، ރަށުގެ ތަޢުލީމީ ހާލަތު ދަށް ވުމުގެ ނަތީޖާއަކީ އެ ރަށުގެ ސްކޫލް ބަންދުކުރަން ޖެހުމެވެ.

" ތޭރަ އަހަރަށްފަހު، އަލިފުން މި ފަށައިގަތީ" ރަކީދޫ ސްކޫލްގެ ކިޔެވުން ފެށުން، އެރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސިފަކުރެއްވީ ވަރަށް ކުރުކޮށެވެ.

ރަކީދޫގައި އިއްޔެ ކިޔަވައިދޭން ފެށިއިރު، އެ ރަށު ސްކޫލަށް ކިޔަވަން ދަނީ އެންމެ ކުއްޖެކެވެ. ކިޔަވަން ފެށީ ވެސް އެލްކޭޖީންނެވެ.

ރަށުގެ ރަޖިސްޓްރީގައި ތިބި މީހުންގެ އަދަދު 370 އެރިނަމަވެސް ރަށުގައި ދިރިއުޅެމުން ގެންދަނީ 70 މީހުންނެވެ. ރަށުގައި ތިބެގެން ތަޢުލީމެއް ދަރިންނަށް ފޯރުކޮށް ނުދެވޭތީ އެރަށުގެ ގިނަ މީހުން ބަދަލުވީ އެ ރަށާ ކައިރި ރަށްތަކަށް ނޫނީ މާލެއަށެވެ. އޭގެ ނަތީޖާ ވަރަށް ހިތްދައްޗެވެ. ސްކޫލަށް ދާނެ ކުއްޖަކު ނެތި ސްކޫލް ބަންދުކުރަން ޖެހުނީއެވެ.

ސެޓްލައިޓް ސްލޫލްގެ ގޮތުގައި ރަކީދޫގައި ސްކޫލްގައި ކިޔަވައިދޭން ފެށި ނަމަވެސް އެ ރަށަށް ދިމާވެފައި އޮތް މައްސަލައަށް ހައްލެއް ފެންނާކަށް ނެތެވެ. ސަބަބަކީ އެ ސްކޫލްގައި ކިޔަވައިދޭން ދާނެ މުދައްރިސަކު ހޯދަން ކުރި މަސައްކަތަށް ކުރިއެރުމެއް ލިބެން ނެތުމެވެ.

" ޕްރީ ސްކޫލާއި ޕްރައިމަރީ ސްކޫލް ޓީޗަރެއް ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާން ކުރެވިއްޖެ. އަދި ނުލިބޭ" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ އާ ފެށުމަކުން ފަށައިގަތުމުން، ދިރިއުޅުން ބަދަލު ކުރި މީހުން އެނބުރި ރަށަށް އަންނަން ވަގުތު ބޭނުންވާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ އުއްމީދަކީ ރަށުގައި ތިބެގެން ދަރިންނަށް ރަނގަޅު ބިންގަލެއް އަޅައިދިނުން. ވަގުތުން ވަގުތަށް އެކަން ނުވި ނަމަވެސް ހުޅުވިގެން މި ދިޔައީ ދޮރެއް"

ސެޓްލައިޓް ސްކޫލްގެ ޕްރޮގްރާމުގެ ދަށުން، ރަކީދޫގައި ވަގުތީ ގޮތުން ކިޔަވައިދޭން ފެށީ އެރަށު ކޮމިއުނިޓީ ސެންޓަރުގެ ހޯލްގައެވެ. އެއީ އެރަށުގައި އިމާރާތް ކުރަން ފެށި ދެ ކުލާސްރޫމުގެ ސްކޫލްގެ މަސައްކަތް ނިމިފައިނުވާތީއެވެ.
ރަކީދޫގެ އިތުރުން އެ އަތޮޅު ތިނަދޫއާއި ބ. އަތޮޅު ފެހެންދޫގައިވެސް ސެޓްލައިޓް ސްކޫލް އިއްޔެ ފެށިއެވެ. މި ދެރަށަކީވެސް އާބާދީ މަދުވެ، ކިޔަވަންދާނެ މަދުވުމުގެ ސަބަބުން ސްކޫލް ނުހިންގިގެން ސްކޫލް ބަންދުކުރަން ޖެހުނު ރަށްތެކެވެ.

ރައކީދޫގައި އިމާރާތް ކުރާ ދެ ކުލާސްރޫމުގެ ސްކޫލް: މި ސްކޫލްގެ މަސައްކަތް ވަގުތީ ގޮތުން ވަނީ ހުއްޓިފައި

ސެޓްލައިޓް ސްކޫލަކީ އެ ބައެއްގެ ރަށުގައި ތިބެ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ. ސެޓެލައިޓް ސްކޫލް ޕްރޮގްރާމުން ހައި ސްޕީޑް އިންޓަނެޓާއެކީ، ދަރިވަރުންނަށް ވައިފައިގެ ޚިދުމަތްތައް، ކިޔަވާ ހުރިހާ ގަޑިއެއްގައި ލިބެން ހުރެއެވެ.
ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގައި ބެލެނިވެރި ސްކޫލްތައް ގޮތުގައި ބ.ގޮއިދޫ ސްކޫލާއި، ވ.ކެޔޮދޫ ސްކޫލް އަދި ވ.އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި މި ބެލެނިވެރި ސްކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސްކޫލު ދަރިވަރުން، ބެލެނިވެރި ސްކޫލަށް ހާޒިރުވެގެން ބައިވެރިވާނޭ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައިހިންގުން ހިމެނެއެވެ.
މި ސްކޫލްގައި މަސައްކަތްކުރާ މުދައްރިސުންގެ މަސްޢޫލިއްޔަތަކަށް ވާނީ ދަރިވަރުންނަށް އުގަންނައިދިނުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާއި ކްލާހުގައި ކުރާ މަސައްކަތްތަކަށް ބޭނުންވާ އިތުރު މެޓީރިއަލްސް ފޯރުކޮށްދިނުމެވެ. މިފަދަ ކަންތައްތައް ރަނގަޅު ނިޒާމެއްގެ ދަށުން ކުރިއަށްގެންދިޔުމަށްޓަކައި، ކިޔަވައިދެއްވާ މުދައްރިސުންނާއި މަރުކަޒީ ސްކޫލުގައި ތިއްބަވާ ޓީޗަރުންނާއެކު ކޯޑިނޭޝަން މީޓިންގެ ޤަވާޢިދުން ބާއްވާނެއެވެ.

މި ސްކޫލްތަކުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 އާ ހަމައަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު މިއިން ކޮންމެ ސްކޫލެއްގައި ދެ ޓީޗަރުންނާއި އެޑްމިން އޮފިސަރެއްގެ އިތުރުން މަސައްކަތު މީހަކު މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *