ބޭރަށް ހިންގުމާއި ހޮޑުލުން: ސަމާލުކަން ދޭންޖެހޭ ބައްޔެއް

ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެންނަމުންދާ މިދުވަސްވަރު، ރާއްޖޭގައި އަންނަނީ އާންމު ބައެއް ބަލިތައްވެސް ހަލުވިކަމާއެކީ ފެތުރެމުންނެވެ. ބޭރަށް ހިންގުމާއި ހޮޑުލުން އާދަޔާ ޚިލާފަށް އިތުރުވެފައިވާއިރު ގިނަ ހޮސްޕިޓަލްތަކުން ފެންނަމުންްދަަނީ މި ބައްޔަށް ފަަރުވާ ހޯދުމަށް ކިއުގައިވާ ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. މި ބައްޔާއެކު ހޮސްޕިޓަލްތައް ފުރި ކިއުތައް ދަނީ ދިގުވަމުންނެވެ. މި ބައްޔަކީ ވަރަށް ބޮޑަށް މީހާގެ ހަށިގަނޑުން ފެން ދަމާލާ، ހަށިގަނޑު ވަރުދެރަކޮށްލާ ބައްޔެއްކަމުން، މި ބައްޔަށް އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑެވެ. މި ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރެއެވެ.

ކުޑަކުދިންނާއި ބޮޑެތިމީހުން ވެސް މި ރޯގާ ޖެހުމުން ފެންނަ އަލާމަތްތައް އެއްގޮތެވެ. ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާގެ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ޙިލާފަށް ކަރުހިއްކުމާއި، ބޯ އެނބުރުމާއި، ބަނޑުގައި ރިއްސުމާއި އަދި މާ ބޮޑަށް ވަރުބަލިވުން ހިމެނެއެވެ. އަދި ކުޑަކަމުދިޔުން މަދުވުމާއި، ހޮޑުލާއިރު ނުވަތަ ބޮޑުކަމުދިޔުމުގައި ލޭގެ އަސަރުހުރުމަކީވެސް މި ބަލީގެ އަލާމާތްތަކެވެ. މިފަދަ އަލާމާތްތައް ފެންނަނީނަމަ އަވަހަށް ޑޮކްޓަރަށް ދައްކާ، ޑޮކްޓަރުގެ ލަފާގެ މަތިން ކަންކުރަމުންގެންދިޔުމަކީ މުހިއްމުކަމެކެވެ.

ގައިން ގައިން އަރާ މި ބަލިން، ތިމާއާއި އެހެން މީހުން ރައްކާތެރިކޮށްދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެގޮތުން، ލޮނު ޕެކެޓު ބުއިމާއި، ފެން، ސޫޕް ފަދަ ދިޔާތަކެތި ގިނަ ގިނައިން ބޭނުން ކުރުމާއެކު، ފާހަނަކުރުމަށްފަހުގައާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަކީ، އެޗްޕީއޭ އިން ކުރުމަށް އަންގައިފައިވާ ކަންތައްތަކެވެ.

ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެއްކަމުގައިވާ،  ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވާ ގޮތުގައި، ބޭރަށް ހިންގާ ބަލިޖެހިއްޖެނަމަ އެންމެ ރަނގަޅީ ގިނަ ގިނައިން ބަތްޕެން ބުއިމެވެ. ޔޯގަރޓް، ކިރު އަދި ކިރުގެ ބާވަތްތައް ހިމެނޭ ތަކެތި ބޭނުންކުރުން ހުއްޓާލަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ، ކިރުގެ ބާވަތްތައް ހިމެނޭ ތަކެތި ބޭނުންކުރުމުން، ބޮޑަށް ބަނޑުދިޔާ ވާނެތީއެވެ. އަދި ހޮޑުލެވޭނަމަ ބޭހެއް ބޭނުންކުރުމަކީވެސް ހޮޑުލުން ހުއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެވެ.

ފްލޫ ކްލިނިކްގައި ކުޑަ ކުއްޖަކު ދައްކަނީ؛-

މީގެ އިތުރުން، ބޭރަށް ހިންގުމާއި ހޮޑުލެވޭ ބަލި ޖެހިފައިވާ ފަރާތެއްވާނަމަ، އަލާމާތެއް ނުފެނި ހުންނަތާ އެއްދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ހަމައެފަދައިން، ވަޒީފާއަދާކުރާ ފަރާތްތައްވެސް، މިފަދައިން އަމަލުކޮށް، ގޭގައި އަރާމުކުރުމަށާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ދިޔުން މަދުކުރުމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *