ކުދިންނަށްހުސް ވަގުތު ދިނުމަކީ މުހިއްމުކަމެކެވެ. ނަމަވެސް ބައެއް ބެލެނިވެރިން ކުދިންނަށް ހުސް ވަގުތު ނުދީ އަބަދު ކިޔެވުމާއި އަދި ތަފާތު ކުޅިވަރުތައް ކުޅުމުގެ އެކުދިންގެ ވަގުތުތައް ޝާމިލް ކުރުވައެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި މިހާރު މަދުންނަމަވެސް ދަރިންނަށް މަޖްބޫރުކޮށްގެން ކަންތައްތައް ކުރުމުގެ އާދަ ބައެއް މައިންބަފައިން އެބަ ގެންގުޅެއެވެ. ކުދިން ސްކޫލުން އައުމުންނާއި އަދި ކުޅިވަރުތައް ކުޅެ ނިންމާފަ އަދި ކެއުމަށްފަހުވެސް ކުދިންނަސް ހުސް ވަގުތު ދިނުމަކީ މުހިއްމުކަމެކެވެ. އެކުދިން ހެދި ބޮޑުވުމަށްވެސް މިއީ މައިންބަފައިން ސަމާލުކަން ދޭންވީ މުހިއްމު އެއްކަމެވެ.

ދަރިންނަކީ އަޅުގަނޑުމެންގެ ހިތްތަކުގެ ފިނިކަމެވެ. ދެ ލޮލުގެ ނޫރެވެ. އެހެންކަމުން އަޅުގަނޑުމެން އެކުދިންނަށް އެކުދިންގެ އަމިއްލަ މިނިވަންކަމާއިއެކު ކުޅެލާ ސިކުނޑި ތާޒާކޮށްލުމަށް ވަގުތު ދޭންވާނެއެވެ. އެއްވެސް ކަމެއް އެކުދިން ލައްވައި މަޖްބޫރުން ކުރުވައިގެން ނުވާނެއެވެ. މިފަދަ ޓެކްނޮލޮޖީގެ ޒަމާނުގައި މައިންބަފައިން ވާންޖެހެނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކަންތައްތައްކުރާ ގޮތަށް ލޯހުޅުވިފައި ތިބޭ ބަޔަކަށެވެ. ކުދިންނަށް ހުސް ވަގުތު ނުދީ ކަންތައްތައް ކުރުމަށް ހަވާލުކުރުމުގެ ސަބަބުން އެކަންތައްތައް ކުރުމަށް އެކުދިން ފޫހިވެއެވެ. އަދި ބައެއް ކުދިން ވަރަށް ޝަކުވާވެސް ކުރާނެއެވެ. ރުޅިވެސް ގަދަވާނެއެވެ. އަޅުގަނޑުމެން އަބަދުވެސް ބަލަންވާނީ އެކުދިންނަކީ އެކުދިންގެ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ބަޔަކަށް ހެދުމަށެވެ. މިކަން މިގޮތަށް ވާނީ މައިންބަފައިންނަކީ އެކުދިންނަށް އަޅައިލައި އޯގާތެރި ބަޔަކަށް ވެގެންނެވެ.

އެކުދިންނަށް ބަންދު ދުވަސް ދުވަހުވެސް އާއިލީ ތިމާގެ މީހުންގެ ގޭގެއަށް ޒިޔާރަތް ކުރުމަށާއި ގޭގައިވެސް ރަށްޓެހިންނާއިއެކު ވަގުތު ހޭދަކޮށްލަން ހުއްދަ ދިނުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ދުވަސްތައް މާޒީ ވަމުން ދާނެއެވެ. އެކުދިންނަށް އެންމެ ތުއްތުއިރުއްސުރެ އެ ދެވޭ ތަރުބިއްޔަތަކީ އަބަދުމެ ދެމި އޮންނާނެ ރިވެތި އަހުލާގެކެވެ. ރިވެތި ނަމޫނާ ކުދިބަޔަކަށް އަޅުގަނޑުމެންގެ ދަރިން ހެދިއްޖެނަމަ އެއީ މައިންބަފައިނަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ހަމަމިއާއިއެކު އަޅުގަނޑުމެންގެ ތެރޭގައި ދަރިން އެއްކުއްޖަކު އަނެއްކުއްޖަކާ އަޅާ ކިޔާ ބެލެނިވެެރިންވެސް މަދެއް ނޫނެވެ. އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި ނެތް ހުނަރެއް ގަދަކަމަކުން ނުނެރެވޭނެއެވެ. އަދި ގަދަކަމުން އެކުއްޖަކު ލައްވައި މޮޅު މާކްސް ހޯދުމާއި މޮޅު ނަތީޖާ ހޯދުމަށް މަޖްބޫރެއްވެސް ނުކުރެވޭނެއެވެ.

މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންތައްތަކެއް ނޫނެވެ. އެއަށްވުރެ އަޅުގަނޑުމެން އެންމެ ބެލެނިވެރިންވެސް ހޭލުންތެރިވާންވެއްޖެއެވެ. ބައެއް ކުދިންނަކީ ހުސް ވަގުތު ބޭނުން ހިފުމުގެ ގޮތުން ވަރަށް ގަދަޔަށް ނިދާ ކުދިންނެވެ. މިއީ ސިއްހަތަށްވެސް އެހާ ފައިދާ ހުރި ގޮތެއް ނޫނެވެ. ނިދަން އޮންނަ ގަޑީގައި ނިދުން މުހިއްމެވެ. ބެލެނިވެރިން މިކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ކުދިންނަކީ އެކި މިޒާޖުގެ ކުދިންނަށްވީ ހިނދު އެކި ކުދިން ހުސް ވަގުތު ބޭނުންވާނީ އެކި ވަގުތު ތަކުގައި އެކި ގޮތް ގޮތަށެވެ. އެކުދިންގެ ވަގުތުތައް ދުއްވާލަންވީ ކުޅިވަރާއި މަޖަލުގައެއް ނޫނެވެ.

އެކުދިންނަށް ދުނިޔަވީ ކަންތައްތަކުގައި ޝާމިލްވެ އުޅޭ ގޮތަށް އާޚިރަތަށްޓަކައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވާން ޖެހޭނެއެވެ. ހުސްވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަކީ މުހިއްމު ކަމެއްކަން އެކުދިންނަށް އަންގައި ދޭންޖެހޭނެއެވެ. ނޫންނަމަ އެކުދިނަށް މި ކިޔާ ޓައިމް މެނޭޖް ކުރާކަށް ނޭގޭނެއެވެ. އެންމެ ފުރަތަމަ އެންމެ ތުއްތުއިރުއްސުރެ އެކުދިންނަށް ގަވާއިދުން ކަންތައްތައް ކުރުމުގެ ޝެޑިއުލްއެއް ގެންގުޅެންވާނެއެވެ. އެއިރުން އެކުދިންނަކީ ގަޑިއަށް ކަންތައްތައް ކުރަން އެނގޭ ވަގުތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އާދަވެފައި ތިބި އަދި ގަޑިއަށް ފަރުވާތެރި ކުދިބަޔަކަށް ވާނެއެވެ.
advertisment
ހިޔާލު