ތާޖުއްދީނުން މި ހޯދައިދިނީ ތާޖް ޕާރލްސްގެ ދަރިވަރުންނަށް "ބަޑީސް"އާއެކު އުފާވެރި ވަގުތުކޮޅެއް

ދިރިއުޅުމުގެ އަސާސީ ކަންތައްތައް ދަސްކޮށްދިނުމުގެ އަމާޒުގައި މިދިޔަ ހޮނިހިރު ދުވަހު، ބޭއްވި "ދާލަ" ކޭމްޕަށް ތާޖް ޕާރލްސްގެ ދަރިވަރުން ދިޔައީ ވަރަށް ފޮނި އުއްމީދުތަކާ އެކީގައެވެ. އައު ކަންތައްތައް ދަސްކޮށް މަޖާކޮށްލުމުގެ ބޭނުމުގައެވެ. އެކުވެރި މާހައުލެއްގައި އައު ރައްޓެހި ރަހުމަތްތެރިން ހޯދުމަށެވެ. ކޭމްޕަށް އައުމުން، އެންމެ ފުރަތަމަ ވެސް، "ބަޑީސް"ގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ހޫނު މަރުޙަބާއެކެވެ.

 

ބަޑީސް ޕާރލްސްގެ ދަރިވަރުންނަށް މަރުޙަބާ ކިޔުމަށްޓަކައި މަޑުކޮއްލައިގެން:- ފޮޓޯ: ތާޖުއްދީން ސްކޫލް

ބަޑީސް ޕްރޮގްރާމަކީ، ތާޖުއްދީން ސްކޫލުގައި "އެޑަލްޓް ހެލްޕާރސް"ގެ ނަމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. ޕާރލްސްއާއެކު ބަޑީސްގެ ގޮތުގައި މިފަހަރު ބައިވެރިވީ، ތާޖުއްއދީނުގެ ސްކައުޓުންނެވެ. މީގެ އިތުރުން، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދެ ދަރިވަރަކު ވެސް މި ކޭމްޕުގައި ބައިވެރިވެ އެހީތެރިވެދީފައި ވެއެވެ. މި ކުދިންނަކީ އެ ކުދިންގެ ކޮމިޔުނިޓީ ސާރވިސް ބެޖު ހާޞިލްކުރުމުގެ ގޮތުން، މި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނެވެ. ކޭމްޕްގެ ހަރަކާތްތައް ރާވާފައި އޮތީ ކޮންމެ ދެ ކުއްޖަކަށް ބަޑީ އެއް ހުންނަ ގޮތަށެވެ. މަރުޙަބާ ކިޔުމުގެ ތެރެއިން، ޕާރލްސްގެ ބަޑީސް ވަނީ، ޓާސްކްލިސްކްވެސް އެކުދިންގެ ކަރުގައި އަޅުވަދީފައެވެ.

"ތާޖް ޕާރލްސް" އަކީ ޚާއްޞަ އެހީތެރިކަމާއެކު ތާޖުއްދީން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ނިސްބަތްކޮށް ކިޔާނަމެކެވެ. ގިނަ ސްކޫލްތަކުގައި މިފަދަ މުހިންމު ނަންތައް އެކުދިން ކިޔަވާ ކުލާސްތަކަށް ދީފައި ހުރެއެވެ.

ބަޑީސް ޕާރލްސްގެ ދަރިވަރުންނަށް ޓާސްކްލިސްޓް ހަވާލުކުރުމުގެ ތެރެއިން:- ފޮޓޯ: ތާޖުއްދީން ސްކޫލް

ހޫނު މަރުހަބާ އަށްފަހު ކޭމްޕްގެ ހަރަކާތްތައް ފެށީ ޕާރލްސްގެ ކުދިންނަށް ޚާއްޞަ ކުރި އައިސްބްރޭކް ސެޝަނަކުންނެވެ. އެއަށްފަހު އެ ކުދިން ތައްޔާރުވީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށް، ނާސްތާ ނެގުމަށެވެ. ހެނދުނުގެ ނާސްތާގައި ލައިގެން ކާނެ އެއްޗަކަށް އެ ކުދިން ތައްޔާރު ކުރީ މަސްހުންޏެވެ. މަސްހުނި މޮޑުމުގެ ތެރެއިން، އެ ދަރިވަރުން ވަނީ ފިޔާ ފަދަ ތަކެތި ކޮށާދީފައެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ބަޑީސްގެ އެހީތެރިކަން ލިބިފައި ވަނީ ކޮށުމާއި މަސްދަޅު ކަނޑައިދީ ހެދުމުގައެވެ.  މަސްހުނި މޮޑެހެދީ ވެސް ބަޑީސްގެ އެހީތެރިކަމާއެކު ޕާރލްސްގެ ދަރިވަރުންނެވެ.

ބަޑީސްގެ އެހީތެރިކަމާއެކީ މަސްހުނި މޮޑުމުގެ ތެރެއިން:- ފޮޓޯ: ތާޖުއްދީން ސްކޫލް

ދެން ކުރިއަށް ގެންދިޔައީ "ސްޓޯރީ ޓައިމް" ގެ ވަގުތުކޮޅެވެ. މި ވަގުތުކޮޅުގައި، ސްކައުޓުގެ ދަރިވަރުން، ތާޖް ޕާރލްސްގެ ދަރިވަރުންނާއެކު މަޖާ މާހައުލެއްގައި ވާހަކަ ކިޔައިދިނެވެ. މިއީ އެކުދިން ގަޔާވެ، ޝަޢުޤުވެރިކަން އިތުރުވި ވަގުތު ކޮޅެކެވެ.

"ސްޓޯރީ ޓައިމް" ވަގުތު ކޮޅުގައި ވާހަކަ އަޑުއެހުމުގެ ތެރެއިން:- ފޮޓޯ: ތާޖުއްދީން ސްކޫލް

ވާހަކަ ގަޑިއަށްފަހު، ދެން ގެންދިޔައީ ހުނަރު ދަސްކުރުމުގެ ސްޓޯލުތަކަށެވެ. އެ ސްޓޯލްތަކުގައި ތަފާތު ހުނަރުތަށް ދަސްކޮށްދިނުމަށް ހާއްޞަ ސްޓޭޝަންތަކެއް ހަދާފައި ހުއްޓެވެ. ސެލެޑް ސްޓޭޝަން، ހަދިޔާ ބަންދުކުރުމުގެ ސްޓޭޝަން، އިސްތިރިކުރުމާއި އަންނައުނު ފަތްޖެހުމަށް ހަދާފައި ހުރި ސްޓޭޝަންތަކަކީ މި ކޭމްޕުގެ މަޤޞަދު ހާޞިލްކުރުމަށް ހެދިފައިވާ މުހިންމު ތަންތަނެވެ.

ސެލެޑް ސްޓޭޝަނުގައި ދަސްކޮށްދިނީ، އެ ކުދިންގެ އުމުރާ ގުޅޭގޮތުން، ކުދި ކުދި ކަންތައްތައް ދަސްކޮށްދޭށެވެ. އެގޮތުން ތަރުކާރީ ފަދަ ތަކެތި ކޮށަން މި ސްޓޭޝަންގައި ދަސްކޮށްދީފައިވެއެވެ.

ޕާރލްސްގެ ދަރިވަރުން ދެން ދަސްކުރި އެއް ކަމަކީ ހަދިޔާ ބަންދުކުރުމެވެ. މި ހަރަކާތް ކުރިއަށް ގެންދަން، ކޮންމެ ދަރިވަރަކު ވެސް 30 ރުފިޔާއަށްވުރެ މަތިނޫން އަދަދެއްގެ ހަދިޔާ އެއް ގެނެސް، އެ ބަންދުކުރަން ދަސްކުރިއެވެ. ގުރުއަތުން ނެގި ނަންބަރެއް ޖެހުނު ކުއްޖަކަށް، އެ ކުއްޖަކު ބަންދު ކުރި ހަދިޔާ، ބަދަލުކުރުން ވެސް އޮތެވެ. މިއީވެސް، އެ ދަރިވަރުންގެ މޫނުމަތިން އުފާވެރިކަން ގެނުވި ހަރަކާތެކެވެ.

ހަދިޔާ ބަންދުކުރަން ދަސްކުރުމުގެ ތެރެއިން:- ފޮޓޯ: ތާޖުއްދީން ސްކޫލް

ހަދިޔާ ބަދަލުކުރުމަށްފަހު، ދެން އޮތީ އިސްތިރިކޮށް އަންނައުނު ފަތްޖެހުމެވެ. މި ސްޓޭޝަނުގައި، ފަޓުލޫނު، ގަމީސް އަދި ޓީޝާޓު އިސްތިރިކޮށް ފަތްޖަހާފައިވެއެވެ. މީގެ ބޭނުމަކީ، އެ ކުއްޖަކު އަމިއްލައަށް އެކުއްޖެއްގެ ހެދުން އިސްތިރިކޮށް ފަތްޖަހާނެ ގޮތް ކިޔައިދީ އަމަލީގޮތުން އެކުދިން ލައްވައި ކުރުވުމެވެ.

އިސްތިރިކުރުމަށް ދަސްކުރުމުގެ ތެރެއިން:- ފޮޓޯ: ތާޖުއްދީން ސްކޫލް

"މޫވީ ޓައިމް" އަށް ޚާއްޞަ ކުރި ވަގުތަކީ ވެސް ކުދިން ވަރަށް ޝަޢުޤުވެރިވި ވަގުތު ކޮޅެކެވެ. މެންދުރު ނަމާދުކުރުމަށްފަހު މެންދުރުގެ ކެއުން ކުރިއަށް ގެންދިޔައެވެ. މެންދުރުނަމާދު އިމާމުވެ ކުރީ ވެސް ޕާރލްސް ގެ ދަރިވަރެކެވެ.

ނަމާދު ވަގުތަށް ކުޑަ ހުސްވަގުތެއް ލިބުމަށްފަހު ދެން އޮތް ހަރަކާތް ކުރިއަށް ގެންދިޔައީ ރެޑް ކްރެސެންޓްގެ ފަރާތުންނެވެ. އެއީ ފަސްޓް އެއިޑް ދަސްކޮށްދިނުމުގެ ހަރަކާތެވެ. މި ކަމުގެ ބޭނުމަކީ، ހަށިގަނޑުގެ ކިތަންމެ ކުޑަ ނަމަވެސް ތަނަކަށް ހާނީއްކައެއް ލިބޭ ހާލަތުގައި ކަންތައްކުރަންވީ ގޮތް ބުނެދިނުމެވެ. ޕީއީ ގަޑީގައި ވެއްޓިގެން ނަމަވެސް ގައިން ތަނެއް މަށައިގެން ނުވަތަ ކަނޑައިގެންދާ ހާލަތުގައި ދެން ކަންކުރަންވީ ގޮތް ދަސްކޮށްދިނުމަކީ މި ހަރަކާތުގެ މަޤްޞަދެވެ.

މި ހުރިހާ ކަމެއްގައިވެސް، ޕާރލްސްގެ ދަރިވަރުންނަށް، ބަޑީސްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. އަތްދޮއްވައި ދިނުމާއެކު، މޭވާފަދަ ތަކެތި ކޮށާދިނުމާއި، ހެދުން ފަތްޖަހާދިނުމާއި އިސްތިރިކޮށްދިނުމުގައި ވެސް ބަޑީސް ވަނީ އެކުދިންނަށް އެހީތެރިވެދީފައެވެ. ކުރިއަށް ގެންދިޔަ ހުރިހާ ހަރަކާތްތަކެއްގައި، އެ ކޭމްޕުގެ ފެސިލިޓޭޓާރުންނަށާއި ތާޖް ޕާރލްސްގެ ދަރިވަރުންނަށް އެ ސްކޫލު ސްކައުޓުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ.

ޕާރލްސް ދަރިވަރަކަށް އަންގިލެއްވުމަށް، ބަޑީ އަކު އެހީތެރިވެދެނީ:- ފޮޓޯ: ތާޖުއްދީން ސްކޫލް

މި ކޭމްޕުގައި، ތާޖް ޕާރލްސްގެ ބަޑީސްގެ ގޮތުގައި ބައިވެރިވި ސްކައުޓުން ވަނީ އެކުދިންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އެކުދިންނަށް އެހީތެރިވެ، އެ ކުދިންނާއެކު އުޅުމަށް ލިބުނު ހަތް ގަޑިއިރުގައި ބަޑީސްއަށް ވެސް އައު ކަންތައްތައް ދަސްވެގެންދިޔައެވެ. މިފަދަ ކުދިންނަށް އެހީތެރިވުމަކީ ވަރަށް ކުރާ ހިތުން ކުރިކަމެއް ކަމަށް އެ ކުދިން ބުނެފައިވެއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރަކު، އިސްތިރިކޮށްދިނުމަށް އެހީތެރިވެދެނީ:- ފޮޓޯ: ތާޖުއްދީން ސްކޫލް

މި ކޭމްޕާ ގުޅިގެން، ހިނިތުން ގެނެސްދިނީ ތާޖު ޕާރލްސްގެ ބެލެނިވެރިންނަށެވެ. ބެލެނިވެރިން ފާހަގަ ކުރި ގޮތުގައި، އެ ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވެ، ވަކި ތާވަލެއްގެ ދަށުން ކަންތައް ކުރަން ދަސްކޮށް ދިނުމަށް މިއީ މުހިންމު ކޭމްޕެކެވެ. ބެލެނެވެރިންނެކޭ އެއްގޮތަށް ޕާރލްސްގެ ދަރިވަރުން ވެސް މި ކޭމްޕާ ގުޅިގެން ތިބީ ހިނިތުން ވެފައެވެ. މީގެ އިތުރުން، އެކުވެރި މާހައުލެއްގައި މަސައްކަތްކުރުމަށާއި އައު ތަޖުރިބާތައް އެކުދިންނަށް ވެސް ކުރެވިގެންދިޔަ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. ބެލެނިވެރިން އެދެނީ އެހެން ސްކޫލްތަކުން ވެސް މިފަދަ ކޭމްޮްތައް ބޭއްވުމެވެ.

މި ކޭމްޕުގައި ބައިވެރިވެފައި ވަނީ ޕާރލްސްގެ 19 ދަރިވަރުންނާއި 14 ސްކައުޓް ބަޑީސް އަދި ނުވަ ސްޕެޝަލް އެޑިޔުކޭޓަރ ފެސިލިޓޭޓަރުންނެވެ. މި ކޭމްޕް ނިންމާލުމުގެ ރަސްމިއްޔާތުގައި ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާކޮށްފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *