ޏ.ފުވައްމުލަކު، ޙާފިޒް އަޙްމަދް ސްކޫލަކީ ތަފާތު ގޮތަކަށް ފިލާވަޅުތައް ނަގައިދެމުން އަންނަ ސްކޫލެކެވެ. އަލަށް ތަޢާރަފް ވެގެންދިޔަ ކަރިކިޔުލަމްގައި، ދަރިވަރުން ހާޞިލް ކުރުމަށް ހަމަޖެހިފައިވާ ލަނޑުދަނޑިތައް ހާޞިލްކޮށްދިނުމުގައި، މި ސްކޫލު ވަރަށް ތަފާތެވެ. މި ލަނޑުދަނޑިތައް ހާޞިލްކުރުމަށް ޙާފިޒް އަޙްމަދް ސްކޫލުން އަންނަނީ އިންޓަގްރޭޓެޑް މާއްދާތައް އެކީގައި ތަފާތު ހަރަކާތްތަކުގެ މަތިން ފިލާވަޅުތައް ނަގައިދެމުންނެވެ. އަދި މިފަދަ ގޮތަކަށް ކިޔަވައިދިނުމަކީ މި ސްކޫލުން އަލަށް ކުރާކަމެއްވެސް ނޫނެވެ.

އެގޮތުން، ނިމިގެންދިޔަ ހަފްތާގައި މިސްކޫލުންވަނީ ދެ ގްރޭޑަކަށް މިފަދަ ގޮތަކަށް ކިޔަވައިދީފައެވެ. އެއީ ގްރޭޑް ދޭއް އަދި ތިނެކެވެ.
ގްރޭޑް ދޭއްގެ ދަރިވަރުން އިންޓޭގްރޭޓްކޮށް ކިޔަވާފައިވާ މައްދާތަކަކީ ސޯޝަލް ސްޓަޑީސް، ސައިންސް، ދިވެހި އަދި އިނގިރޭސި މާއްދާއެވެ. އެގޮތުން، ރަށުގެ އެކި ހިސާބުތަކަށް ޒިޔާރަތްކޮށް، ހަރަކާތްތަކުގައި ޝާމިލުކޮށްގެން ދަރިވަރުންނަށް މި ފިލާވަޅުތައް އުގަންނައިދީފައިވެއެވެ. މިއިން ކޮންމެ މާއްދާއެއްގެވެސް އެއްވައްތަރު ފިލާވަޅުތައް މި ހަރަކާތްތަކުގެ ދަށުން ނަގައިދީފައިވެއެވެ.

ގްރޭޑް ދޭއްގެ ދަރިވަރުން ތުނޑިއަށް ޒިޔާރަތްކޮށް، ރަށުގައި ހެދިފައިވާ ގަސްގަހާގެހި އޮބްޒާރވްކޮށްހެދުމާއެކު، ރަށުގެ އެކި ސަރަޙައްދުތަށް ބަލައި، ގަސްގަހާގެހީގެ ތަފާތު ސިފަތައް ބަލާފައިވެއެވެ. ހަމައެއާއެކު، ދަނޑުވެރިކަމުގެ ތަފާތު ބާވާތްތަކާއި ތަފާތު ގޮތްތައްވެސް ދަރިވަރުން ވަނީ އުނގެނިފައެވެ.

ގްރޭޑު ތިނެއްގެ ދަރިވަރުން، އެކުދިންގެ ސޯޝަލް ސްޓަޑީސް، ސައިންސް، ދިވެހި، އިނގިރޭސި އަދި އެޗްޕީއީ ގެ ފިލާވަޅު ދަސްކުރުމަށްޓަކައި ޒިޔާރަތް ކޮށްފައިވަނީ، ރަށުގެ އާސާރީ ތަންތަނަށެވެ. އެގޮތުން ވަށޮވެޔޮ، ހަވިއްތަ، ޒިޔާރާތް އަދި ގެން މިސްކިތަކީ މި ދަރިވަރުން ފިލާވަޅު ދަސްކުރުމަށް ޒިޔާރަތް ކުރި ތަންތަނެވެ. މީގެ މަޤްޞަދަކީ، އެ ތަންތަނުގެ ހިސްޓްރީ ދެނެގަނެ، އާސާރީ ވާހަކަތައް އަޑުއިއްވާ އަދި އެތަންތަން އުފެދިގެންދިޔަ ގޮތުގެ މަޢުލޫމާތު ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.

މީގެ އިތުރުން، މި ހަރަކާތް ހިންގުމުގައި ރަށުގެ ދޮށީ އުމުރުގެ ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދެއެވެ. އެފަރާތްތަކުން ވަނީ ރަށުގެ އާސާރީ ތަންތަނުގެ މަޢުލޫމާތުތަކާއި ދަނޑުވެރިކަމާގުޅޭ ތަފާތު މަޢުލޫމާތުތައް ދަރިވަރުންނަށް ޙިއްޞާކޮށްފައެވެ.
މި ހަރަކާތުގައި 130 ދަރިވަރުން ބައިވެރިވެފައިވާއިރު، ކޮންމެ ކްލާހަކުން ފަސް ބެލެނިވެރިންނާއި އެ މާއްދާއެއް ނަގައިދޭ މުދައްރިސްވެސް ބައިވެރިވެފައިވެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ ގްރޫޕްތަކަށް ބަހާލެވިގެންނެވެ. އަދި ކޮންމެ ގްރޫޕަކަށް ތަފާތު ކުލައެއް ދިނުމަށްފަހު، އެ ކުލައިގެ ރިބަންކޮޅެއް ކުދިންގެ އަތުގައި އައްސައެވެ. މީގެ ބޭނުމަކީ އެއް ގްރޫޕް އަނެއް ގްރޫޕް އޮޅުން މަދުކުރުމާއެކު، ތަފާތު މިޒާޖުގެ ކުދިން ކޮންޓްރޯލު ކުރުމުގައި ފަސޭހަވެގެންދިއުމެވެ.

އިންޓަގްރޭޓުކޮށް ގެންދެވޭ ކޮންމެ ހަރަކާތެކޭ އެއްފަދައިން، މި ހަފްތާގެ ހަރަކާތްތައްވެސް ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާ އެކީއެވެ.
advertisment
ހިޔާލު