16 ދުވަހުގެ ކެމްޕެއިންގައި މުޅި ތަޢުލީމީ ދާއިރާ!

އަބޫބަކުރު ސްކޫލުގެ މުވައްޒަފުން- ފޮޓޯ: އަބޫބަކުރު ސްކޫލް

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ހިންގާ 16 ދުވަހުގެ ކެމްޕެއިނަކީ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ، ނިސްބަތުން، އަންހެނުންނަށް ގިނައިން ލިބެމުންދާތީ، އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަނިޔާ ނައްތާލުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. 1991 ގައި ފެށި މި ކެމްޕައިނަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25ން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، ސެންޓަރ ފޯ ވިމެންސް ގްލޯބަލް ލީޑަރޝިޕްގެ ފަރާތުން އިންތިޒާމުކޮށް ކުރައަށް ގެންދަމުން އަންނަ ކެމްޕެއިން ހަރަކާތެކެވެ.

ޔުނައިޓެޑް ނޭޝަންސްގެ އަމާޒަކަށްވެފައިވަނީ 2030 ވަނަ އަހަރުގެ ކުރިން އަންހެނުންނަށް ކުރާ އަނިޔާތައް އެއްކޮށް ނައްތާލުމެވެ. އެގޮތުން، މި ކެމްޕައިން ހަރަކާތުގެ ޒަރިއްޔާއިން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގައިވާ ޖަމްޢިއްޔާތަކާއި ކޮމިޓީތައް މެދުވެރިކޮށް، އަންހެނުންނަށް ކުރާ އަނިޔާތަކާމެދު ހޭލުންތެރިކުރުމާއެކު އެފަދަ ޢަމަލު ހުއްޓުވުމުގެ ގޮތުން މުޖްތަމަޢުއަށް ނަސޭޙަތްދީ އެފަދަ ކަންކަމަށް ފިޔަވަޅު އަޅަމުން ގެންދެއެވެ.

16 ދުވަހުގެ ކެމްޕެއިނުގައި، ކޮންމެ އަހަރަކުވެސް ވަކި ޝިޢާރެއް ގެންގުޅެއެވެ. އެގޮތުން މިއަހަރުގެ ޝިޢާރަކީ "އޮރެންޖް ދަ ވާރލްޑް: އިންޑް ވަޔަލަންސް އަގެންސްޓް ވިމެން ނައު!"، މި ޝިޢާރެވެ.

16 ދުވަހުގެ ކެމްޕޭނުގައި ހަރަކާތްތެރިވުުމުގެ ގޮތުން އެމްއެންޔޫ މުވައްޒަފަކު- ފޮޓޯ: އެމްއެންޔޫ

ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ދެކޮޅަށް ކުރާ 16 ދުވަހުގެ ކެމްޕެއިން ހަރަކާތުގައި މުޅި ދުނިޔެ ބައިވެރިވާއިރު، ރާއްޖޭގައިވެސް މިހަރަކާތުގައި ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. އެގޮތުން ރާއްޖޭގެ އެކިއެކި އޮފީސްތަކާއި، މިނިސްޓްރީތަކާއި، ސްކޫލުތަކާ އަދި އަންހެނުންގެ އެކިއެކި ކޮމިޓީތަކާއި ޖަމްޢިއްޔާތަކުން މި ހަރަކާތް ދަނީ  ފާހަގަކުރަމުންނެވެ.

"16ޑޭސް އޮފް އެކްޓިވިސްމް- ޖެންޑަރ ބޭސްޑް ވަޔަލެންސް" މި ކެމްޕޭނުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވެސް ވަނީ ބައިވެރިވެފައެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ އާއި މިނިސްޓްރީގެ އިސްބައެއް މުވައްޒަފުން 16 ދުވަހުގެ ކެމްޕޭނުގައި ހަރަކާތްތެރިވަނީ- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ރާއްޖޭގެ ސްކޫލުތަކުންވެސް ބައިނަލް އަޤްވާމީ މި ކެމްޕޭން ހަރަކާތުގައި ބައިވެރިވަމުންދާއިރު ސްކޫލުތަކުގެ މުވައްޒަފުން އަޅާ ހެދުންތަކުގައިވެސް މި ކެމްޕޭނަށް ޚާއްސަ އޮރެންޖް ކުލަ ދަނީ ބޭނުންކުރަމުންނެވެ. ހަމަމިއާއެކު، #އަވަރސްޓޯރީހަރސްޓޯރީ ހޭޝްޓެގްއާއިއެކު އަންހެނުންނަށް ދިމާވެފައިވާ ކަންތައްތަކާއި، އަދި މި ކަންތައް ނައްތާލުމަށް ކުރެވިދާނެ ކަންތައްތައް ހިއްޞާކޮށްފައިވެއެވެ. މީގެއިތުރުން، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ބައެއްސްކޫލުތަކުގައި ހާއްޞަ އެސެމްބްލީ ބާއްވާ، އެފަދަ ކަންކަމާބެހޭގޮތުން ވަހަކަދައްކާ، ބައެއް ސްކޫލުތަކުގައި އަންހެނުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ އިތުރުން ނަފްސާނީ އަނިޔާވެސް ހިމެނޭކަން ފާހަގަކޮށް ކުދި ކުދި ސްކިޓްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

#އަވަރސްޓޯރީހަރސްޓޯރީ ހޭޝްޓެގްގެ ދަށުން ރާއްޖޭގެ ގިނަ ސްކޫލުތަކަކުން ވަނީ މިހާތަނަށް ހިޔާލު ހިއްޞާކޮށްފައެވެ.

#އަވަރސްޓޯރީހަރސްޓޯރީ ހޭޝްޓެގް ދަށުން ޢިއްޒުއްދީން ސްކޫލުގެ މުވައްޒަފުން ހިޔާލު ހިއްސާކޮށްފައި- ފޮޓޯ: ޢިއްޒުއްދީން ސްކޫލް

ރާއްޖޭގެ އަންހެނުންގެ ޖަމްޢިއްޔާތަކާއި ކޮމެޓީތަކުންވެސް ދަނީ، މިއަހަރުގެ ޝިޢާރު ބޭނުންކޮށްގެން ތަފާތު މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންގޮސް، ސޯޝަލް މީޑިޔާތަކުގައި އެވާހަކަތައް ދައްކަމުންނެވެ. އެގޮތުން، ގދ.ތިނަދޫގައި، ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ އިސްވެ އިންތިޒާމުކޮށް ރާވާ، އެމްއެންޔޫ ތިނަދޫ ކެމްޕަސް، އެސްއެމްއެސް އަދި މިޕްސްޓަރ އާއެކު، އެ ރަށު ރައްޔިތުންނަށް ވަނީ މަޢުލޫމާތު ސެޝަނެއް ބާއްވާފައެވެ. މި ސެޝަނުގައި މަޢުލޫމާތު ދެއްވައިފައިވަނީ ޑރ. އައިޝަތު އަލީ ނާޒް އެވެ. އަދި ރާއްޖޭގެ އަންހެނުންގެ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށްވާ، މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުންވެސް، ވަނީ މަޢުލޫމާތު ސެޝަންއެއް ބާއްވާފައެވެ. 60 ލީޑަރުންނާއެކު ބޭއްވުނު މި ސެޝަން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މި ސެޝަންގައި އަންހެނުންނަށް ކުރާ އަނިޔާތަށް ނައްތާލަން ކުރެވިދާނެ ކަންކަމާމެދު ވާހަކަދެކެވި، ކުރާ އަނިޔާތަކުގެ ތަފާތު ވައްތަރުތަކާއި މި ފަދަ އަނިޔާތައް ރިޕޯރޓުކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ.

ޑރ.އައިޝަތު ޢަލީ ނާޒު ސެޝަން ނަގާދއްވަނީ- ފޮޓޯ: އެމްއެންޔޫ

މިކަންތައްތަކުގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސުން ވަނީ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިންގެ ދަށުން ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މި މުބާރާތުގެ މަޤްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ގެ ތެރެއިން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް މި ފަދަ މައުލޫމާތު ފިލްމުގެ ޒަރިއްޔާއިން ދައްކައިދިނުމެވެ.

މި މުބާރާތަކީ އާންމުނަށް ހުޅުވާލައިގެން 16 ދުވަހުގެ ކެމްޕެއިންގެ މަޤްސަދަށް ބިނާކޮށް ގެވެށި އަނިޔާއާއި ގުޅޭ 5 ޝިއާރެއްގެ ދަށުން ކުރު ފިލްމް ތައްޔާރުކުރުމަށް ބާއްވާ މުބާރާތެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުން- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުބާރާތުގައި ބައިވެރިވުމަށް 30 ފަރާތެއް ހޮވިގެންދާނެއެވެ. އަދި ހޮވޭ 30 ފަރާތްތަކަށް ފަސް ޝިޢާރުގެ ތެރެއިން އެއް ޝިޢާރަށް ފިލްމު ހެދުމުގެ ފުރުސަތު ދެވޭނެއެވެ. ފިލުމްތަކުގެ ދިގު މިނަކީ 15 މިނެޓާއި 30 މިނެޓާއި ދޭތެރެއެވެ. މުބާރާތުގެ ބައިވެރިން ތައްޔާރުކުރުމަށްޓަކައި އެ ފަރާތްތަކަށް އަމާޒުކޮށްގެން  2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތާޖުއްދީން ސްކޫލުގެ މުވައްޒަފުން 16 ދުވަހުގެ ކެމްޕޭނު ހަރަކާތުގަިއ ބައިވެރިވުމުގެ ތެރެއިން- ފޮޓޯ: ތާޖުއްދީން ސްކޫލް

އެންމެ މޮޅު ފިލްމަކަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ދެވަނައަށް ހޮވޭ ފިލްމަކަށް 7،500 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފިލްމަކަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 ޑިސެމްބަރު 2021 ގެ 15:00 ގެ ކުރިން މި ލިންކް މެދުވެރިކޮށް http://forms.office.com/r/5hwaAPw5kq ރަޖިސްޓްރީ ކުރަން ވަނީ ހުޅުވާލާފައެވެ.

ގާތްގަނޑަކަށް 736 މިލިއަން އަންހެނުން ދުނިޔޭގައި ދިރިއުޅެމުންދާއިވާއިރު، ކޮންމެ 3 އަންހެނުންގެ ތެރެއިން 1 އަންހެނަކަށް، ތަފާތު ގޮތްގޮތަށް ދަނީ އަނިޔާލިބެމުންނެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *