އަނބޫފަންނު ސްޓަޑީ ޕާކް – ތޮއްޑޫ ސްކޫލް ލީޑިންގ ޓީޗަރު އާދަމްގެ ތަފާތު ހަދިޔާއެއް

އަނބޫފަންނު ސްޓަޑީ ޕާކް
އަނބޫފަންނު ސްޓަޑީ ޕާކްތެރޭގައި ކުދިން ފޮތްކިޔުމުގައި: މި ޕާކުގެ ސަބަބުން ތޮއްޑޫގެ ކުޑަކުދިންނަށް ކުޅޭލާނެ ހިތްގައިމު މާހައުލެއް ލިބިގެންދާނެ- ފޮޓޯ: ތޮއްޑޫ ސްކޫލް

އާބާދީއާ އަޅާބަލާއިރު، ތޮއްޑޫގައި ކުޑަކުދިން ގިނައެވެ. އެކުދިން ކުޅެލާނެ ޚާއްޞަ ތަނެއް، ޕާކެއް ސްކޫލުން ބޭރުގައި ނެތެވެ. އެހެންވެ ކުޑަކުދިންނަށް އެފަދަ މާހައުލެއް ހޯދައިދިނުމުގެ މަސައްކަތް ތޮއްޑޫ ސްކޫލްގެ ސީނިއާ ލީޑިންގ ޓީޗަރު އާދަމް އަފްސަލް ފެއްޓެވިއެވެ.

ދިވެހި ބޭންކުން ހުޅުވާލި ކޮމިއުނިޓީ ޕްރޮޖެކްޓަށް އާދަމްގެ އެ ތަފާތު ކޮންސެޕްޓް ހުށަހެޅިއެވެ. ކުދިންނަށް ކުޅެލާނެ ސަރަހައްދަކާއެކު ފޮތް ކިޔަން ތިބެލާނެ ހިތްގައިމު މާހައުލެއް ގެނެސްދިނުމުގެ ބޭނުމުގައެވެ.

" ހަވީރު ފިންޏަށްވެސް ކުދިން ކުޅެލާނެ ތަނެއް މިރަށަކު ( ތޮއްޑޫގައި) ނެތް. ހަމައެކަނި ޕާކެއް ހަދަން ހުށަހެޅުމުގެ ބަދަލުގައި ތަފާތު ކަމެއް ހިމަނައިގެން ޕްރޮޖެކްޓް ހުށަހެޅީ. އެއީ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ތަފާތު ޕްރޮޖެކްޓްތަކަށް ބޭންކުން އިސްކަންދޭތީ"

ދަރިވަރު ނޫހާ ވާހަކަދައްކަވަމުން އާދަމް ވިދާޅުވިއެވެ.

ތޮއްޑޫ އަތިރިމަތީގައި އަނބޫފަންނު ސްޓަޑީ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް އާދަމް ފަށައިގަތީ އެ ޕްރޮޖެކްޓަށް ބޭންކުން ދިން ފަންސާސް ހާސް ރުފިޔާއާއެކީގައެވެ. އެ މަސައްކަތް ނިންމާލިއިރު، ޖުމްލަ ޚަރަދު އެއްލައްކައަށްވުރެ މައްޗަށް ދިޔައެވެ.

އަނބޫފަންނު ސްޓަޑީ ޕާކްގެ ޑިޒައިނަކީވެސް ތަފާތު ޑިޒައިނެކެވެ. ފޮތްކިޔަން ހަދާފައިވާ ތަން ފެންނަނީ ކުކުޅުވައްސެއް ގޮތަށެވެ. ވަށައިގެން އަލި ވަންނަ ގޮތަށް ހުރިއިރު، ތަނުގެ ތެރޭގައި އިށީދެލައިގެން ތިބެވޭގޮތަށް އޮތީ ޓާފް އަޅާފައެވެ. އެތަނުގައި ތިބެގެން ކުރެހުމާއި ކުދިކުދި ކުޅިވަރު ކުޅެވޭނެ އިންތިޒާމް ވަނީ ރާވާފައެވެ. ޖެހިގެން ހުރީ ހަތަރެސްކަނަށް ހަދާފައި ހުރި ކުޑަކުޑަ ލައިބްރަރީއެކެވެ. އެތަނުގައި ކުދިންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ފޮތްތައް އެބަހުއްޓެވެ. އެތަނާ ކައިރީގައި ދެން ހުރީ އުނދޯލިގެއެކެވެ.

ޕާކްގެ މަސައްކަތް ނިންމަން އާދަމް ބޭނުންވިހާ އަވަހަށް އެ މަސައްކަތެއް ކުރިއަށް ނުދިޔައެވެ. ކޮވިޑްގެ ހިޔަނި އެ މަސައްކަތަށް އެޅުމުންނެވެ. ތޮއްޑޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުނެވެ.

" ކޮވިޑްގެ ހާލަތަށްފަހު، މަސައްކަތް ނިންމާލެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައި. ޚާއްޞަކޮށް މިހާރު މި އޮތް ކައުންސިލާއި، ސްކޫލްގެ މުދައްރިސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ގެސްޓްހައުސްތަކާއި އޮނޑިވެރިންގެ ދީލަތި އެހީތެރިކަމާއެކު"

އާދަމް ވިދާޅުވިއެވެ.

ޕާކްގެ މަސައްކަތަށް ބޭނުންވާ ބައެއް ތަކެއްޗާއި ސާމާނު އެހެން ރަށްރަށުން ގެންނަން ޖެހުމަކީވެސް މަސައްކަތް ލަސްވާން ދިމާވި އެއް ސަބަބެވެ.

" މިރަށަކުން {ތޮއްޑޫއިން} ވެއްޔެއް ނުނެގޭ. އެވެސް ގެންނަން ޖެހުނީ އެހެން ރަށަކުން. އުނދޯލިވެސް ގެނައީ އެހެން ރަށަކުން. އުއްމީދު ކުރިވަރަށްވުރެ ލަސްވި ނަމަވެސް ނިންމާލެވުމުން ވަރަށް ހިތްހަމަޖެހިފައި މި ހުރީ"

އާދަމް ވިދާޅުވިއެވެ.

2008 ވަނަ އަހަރުން ފެށިގެން އާދަމް އަންނަނީ ތޮއްޑޫ ސްކޫލްގައި މަސައްކަތް ކުރައްވަމުންނެވެ. ކުރިން މުދައްރިސެކެވެ. މިހާރު ސީނިއާ ލީޑިންގ ޓީޗަރެކެވެ.

" ތަން ނުނިމެނީސް ކުދިންތައް އެތަނުގެ ބޭނުން ކުރަންފަށައިފި. އެތަނުގެ ބޭނުން ކުދިންތައް ހިފާތަން ފެނުނީމާ ވަރަށް އުފާވޭ. އަދި ކިރިޔާ އެ ކުދިންނަށް ކަމެއް ކޮށްލެވުނީ"

އާދަމް ހުރީ އެ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހިފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *