ފަލަކީ ޢިލްމުން މަތީ ސަނަދު ހާޞިލްކުރުމުގެ ކޯހެއް ފަށަނީ

ކީރިތި ޤުރުޢާނާބެހޭ މަރުކަޒުން ކުރިއަށްގެންދިޔަ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރުޢާނާ ބެހޭ ޤައުމީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމުގެ ގޮތުން، ފަލަކީ ޢިލްމުން މަތީ ސަނަދު ހާޞިލްކުރުމުގެ ކޯހެއް ފެށުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ މިހެން ވިދާޅުވީ ކީރިތި ޤުރުޢާނާބެހޭ މަރުކަޒުން ކުރިއަށްގެންދިޔަ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ. އިސްލާމިކް މިނިސްޓަރވަނީ ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުގެ އިތުރު ގޮފިތައް ހުޅުވުމުގެ މަސައްކަތާއި އަތޮޅު ތެރޭގައި ހުރި ގޮފިތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދާކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ހާފިޒުކަމުގެ ސަނަދު ހާޞިލްކުރުމަށް މާލެއަށް އައުން ހުއްޓާލުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީގައި އެކަމަށް ޙާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށާއި، ކޯވިޑް ގެ ކުރިން މިސްކިތްތަކުގައި ކުރިއަށް ގެންދިޔަ ކްލާސްތައް ކުރިއަށްގެންދާނެކަންވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ދަރިވަރުންނާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް

ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން ކުރިއަށްގެންދިޔަ ކޯސްތަކުން އެއްވަނަ ހޯދި 6 ދަރިވަރަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާއިނާމާއި ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުން ދެއްވާ ޕްލާކް ރޭ ބޭއްވި މި ރަސްމިއްޔާތުގައިވަނީ ހަވާލުކޮށްފައެވެ. މި ކޯސްތަކުން އެންމެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ޕްލާކް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.

އެ މަރުކަޒުން ކުރިއަށްގެންދިޔަ ކޯސްތަކުން އެއްވަނަ ހާސިލްކޮށްފައިވަނީ، ޤުރުޢާން މުދައްރިސްކަމުގެ ޑިގްރީ ހާޞިލް ކުރި 3 ދަރިވަރަކާއި، އިމާމުކަމުގެ ޑިގްރީން އެއްވަނަ ހާޞިލްކުރި 2 ދަރިވަރަކާއި ޤުރުޢާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯހުން އެއްވަނަ ހާޞިލްކުރި ދަރިވަރެކެވެ.

ވޭތުވެދިޔަ 3 އަހަރު ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބޭއްވި ޤުރުޢާން މުދައްރިސުންގެ ޑިގްރީ ކޯހުން 71 ދަރިވަރުންނާއި އިމާމް ޑިގްރީކޯހުން 23 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި މި އަހަރު ބޭއްވި ކޯސްތަކުން، ޤުރުޢާން މުދައްރިސުންގެ ޑިގްރީ ކޯހުން 58 ދަރިވަރުންނާއި އިމާމް ޑިގްރީ ކޯހުން 6 ދަރިވަރކާއި ޤުރުޢާން މުދައްރިސުންގެ ޑިޕްލޮމާ ކޯހުން 20 ދަރިވަރަކު ދަސްވެނިވިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *