އަންނަ އަހަރު ފެށިގެން ޙާފިޡުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިކަން ހާމަކުރެއްވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ދީނީ ޢިލްމާއި ޤުރްއާނުގެ ޢިލްމު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް މި ސަރުކާރުން އިސްކަންދޭނެކަމަށާއި މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ޤުރްއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް، ދީނީ ޢިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެކަމުގެ ޔަޤީންކަންވެސް ރައިސްވަނީ ދެއްވާފައެވެ.
ކީރިތި ޤުރްއާނުގެ ޢިލްމަކީ، ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއްކަމަށް އިސްލާމް ޓީޗަރުން ވިދާޅުވާކަމަށާއި ނަމަވެސް، އެ ޢިލްމުތަކުގެ ބޭނުން ހިފޭ ތަނެއް މުޖުތަމަޢުގެ ތެރެއިން ނުފެންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤުރްއާން ޓީޗަރުންނާއި، ޙާފިޡުންނާއި އިމާމުން އުފެއްދުމަށްވުރެ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ކީރިތި ޤުރްއާނުގެ ޢިލްމުތައް ފެތުރުން. ޤުރްއާނުގެ ޢިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ، ކީރިތި ޤުރްއާނުގެ ޢިލްމީ ދިރާސާތައް ކޮށްގެން. މި ޒަމާނުގެ ޢިލްމީ ހޯދުންތައްވެސް، ކީރިތި ޤުރްއާނުގެ ޢިލްމީ ޙަޤީޤަތްތަކުން އިތުރު ފުރިހަމަވެގެންދާނެކަން ޔަޤީން. އެހެންވީމާ، އަޅުގަނޑަށް ވިސްނޭގޮތުގައި، މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ޤުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ޙަޤީޤީ ފައިދާ ލިބޭނީ އޭރުން.
ދަސްވެނިވި ޤުރްއާން މުދައްރިސުންނާއި އިމާމުންނާ މުޚާތަބްކޮށް ރައީސް ސޯލިހު ވިދާޅުވީ، އެބޭފުޅުންގެ ޢަމަލީ މަސައްކަތުގައި އިސްކަން ދެއްވަންވީ، އެ ބޭފުޅުން އެ އުނގެނިވަޑައިގެންނެވި އެއްޗެއް، ޢަމަލީ ދިރިއުޅުއްވުމުގައި ތަންފީޒު ކުރެއްވުމަށްކަމަށެވެ. ހަމައެއާއެކު، އެހެން މީހުންނަށް އެ ކަންކަން ދަސްކޮށްދެއްވައި، ޤުރްއާނުގެ ތަރުބަވީ އަޚުލާޤުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުއްވުމަށްކަމަށްވެސް ވިދާޅުވިއެވެ.
މިކަމުގައި ޤުރްއާން މުދައްރިސުންގެ ދައުރު ވަކިން ބޮޑު ކަމުގައި އަޅުގަނޑު ދެކެން. އެ ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ތެރެއިން ކުދިންތަކަކަށް އުނގަންނައިދެއްވުމުގެ ޒިންމާ އަދާކުރައްވާނެ ބޭފުޅުން. އެ ބޭފުޅުން ޤުރްއާން ކިޔަވައިދެއްވާއިރު، އެ ބޭފުޅުންގެ އަޚްލާޤުވެސް ހުންނަންވާނީ، ކީރިތި ޤުރްއާނުގެ އަޚްލާޤީ އިމުގެ ތެރޭގައި ކަމަށް އަޅުގަނޑު ދެކެން.
ރައީސްގެ ވާހަކަައިގައި ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި، މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަކީ، ކާބަފައިންގެ ޒަމާނުން ފެށިގެން، މުޖުތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އައި ބައެއްކަމަށާއި އެއީ ވަރަށް ޤަދަރު ލިބިގެންވ ާބައެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި ރަށު ފެންވަރުގައި ކަންކަން ރާވައި ހިންގާއިރު، އެމީހުންގެ ލަފަޔާއި އިރުޝާދު ހޯދާކަމަށާއި މުޅި މުޖުތަމަޢު އެމީހުންގެ ބަސް ޤަބޫލުކުރާކަމަށްވެސް ވިދާޅުވިއެވެ. އެެހެންކަމުން މިއަދުގެ މުޖުތަމަޢަށް އެ އާދަތަކާއި އެ އަޚްލާޤު އެބަ ބޭނުންވާކަމަށާއި އެ ހަމަޖެހުމާއި، އެ އުފާވެރިކަން އަލުން އަނބުރާ އެބަ ގެންނަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އެކަން ކުރުމުގައި ދަސްވެނިވި ދަރިވަރުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ރައިސްވަނީ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
advertisment
ހިޔާލު