ޑރ. އާސިޔަތު މުޙައްމަދު ދީދީ
ކުއްޖާ ދުނިޔެއަށް އުފަންވާ ދުވަހުން ފެށިގެން އެކުއްޖާގެ ދިރިއުޅުން ކާމިޔާބުކޮށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމުގެ ނިޔަތުގައި މަސައްކަތް ފަށައިގަނެވެއެވެ. އުފާކުރަން ޖެހޭ ހަގީގަތަކީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުވެސް މިގޮތުގެ މަތީން ބައްޓަންކުރެވިފައިވާ ކަމެވެ. "ކޮންމެ ކުއްޖަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖެއްގެ ގޮތުގައި" ހެދުމަށްޓަކައި ޤައުމީ މަންހަޖުގެ ތަސައްވުރު އަމާޒުކުރެވިފައިވާ ކަމެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ކޮންމެ ބެލެނިވެރިޔަކުވެސް އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކުވެސް ވިސްނާލަން ޖެހެނީ އަޅުގަނޑުމެން ފަށާފައިވާ ދަތުރުގެ މަންޒިލާ މެދުގައެވެ.
ތަޢުލީމީ ދާއިރާގައި ފާއިތުވި 20 އަހަރު މަސައްކަތްކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފެންނަ މަންޒަރު ތަފާތެވެ. "އިންކުލޫސިވު އެޑިޔުކޭޝަން" ނުވަތަ ހުރިހާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް އޮންނަ ފުރުސަތަކީ ހަމައެކަނި ޕޮލިސީ ފެންވަރުން ޖާގަ ހޯދާފައިވާ އެއްޗަކަށްވެ، ޢަމަލީ މައިދާނުގައި މިކަން މިސްރާބު ހިފާފައިވަނީ ދެއްކުންތެރިކަމާ ދިމާއަށެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ކާމިޔާބު ސްކޫލެއްގެ ގޮތުގައި މުޖުތަމަޢު ބަލައިގަންނަ ހަމައެކަނި މިންގަނޑަކީ އަދި ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ހަމައެކަނި ކާމިޔާބީއަކަށް ވެފައިވަނީ ސްކޫލް ނިންމާ 100 އަށްވުރެ ގިނަ ކުދިންގެ ތެރެއިން ހަމައެކަނި ގަދަ 10 ކުދިންގެ ގޮތުގައި ހޮވާލެވޭ ވިއްސަކަށް ކުދިންގެ ކާމިޔާބީ ކަމަށްވެފައި މި ކާމިޔާބީގައި ނުހިމެނޭ ކުދިންގެ ވާހަކަ ދައްކާނެ ބަޔަކު ނެތެވެ. މުޅިރާއްޖެއިން ހޮވާލެވޭ މި މަދު ޢަދަދުތަކާއެކު ސްކޫލްތަކުގައި ކިޔަވަމުންދާ ތަފާތު ޤާބިލިއްޔަތުގެ ކުދިން އަދި ތަފާތު ހުނަރުގެ ކުދިން ބާކީވެ، އެކުދިންގެ ހުވަފެންތަކަށް ހުރަސް އެޅިގެންދެއެވެ. ހަމަމިއާއެކު ސްކޫލުތަކުގެ ކާމިޔާބީ އަދި ޕްރިންސިޕަލުންނާ ޓިޗަރުންގެ ކާމިޔާބީވެސް މިނެ ކިރިގެންދަނީ މި މަދު ޢަދަދުތަކުގެ މައްޗަށް ކަމީ މިއަދު ފެންނަން އޮތް ޙަޤީޤަތެކެވެ. ކަން މިހެން އޮތްއިރު، މިއީ ހުރިހާ ކުދިން ޝާމިލުކުރުން ކަމުގައި ބެލެވިދާނެތޯއެވެ؟

ތަޢުލީމީ މަރުޙަލާތައް ނިންމާ ދަރިވަރުންގެ ތެރޭގައި ހުނަރުވެރި، ޤާބިލު ކުދިންތައް ހިމެނިގެންދާއިރު، ގަދަ 10 އެއްގައި ހިމެނޭ މަދު ކުދިންތަކެއްގެ އަޑު ގަދަވެ، ގިނަ ކުދިންތަކެއް ބާކީކޮށްލެވެއެވެ. މިއީ މީގެ ސަބަބުން އެފަދަ ކުދިންގެ ނަފުސަށް އޮންނަ އިތުބާރު ގެއްލި، ތިމާއަކީ ބޭކާރު މީހެއްގެ ގޮތުގައި ދެކި، ގޯސް މަގަށް އެނބުރުމަށް ދެވޭ ހިތްވަރަކަށް ވެގެންދެއެވެ. މުޖުތަމަޢުން ފެންނަމުންދާ ގިނަ މައްސަލަތަކުގައި މިފަދަ ކުދިން ބައިވެރިވެ، އެކުދިންގެ މުސްތަޤުބަލު އަމިއްލަ އަތުން ހަލާކުކޮށްލައެވެ. އެހެންކަމުން މިއީ މިއަދު ވިސްނާލަންވެއްޖެ ކަމެކެވެ. އެހެންނޫނީ މާދަމާގެ ޒުވާންޖީލުގެ މުސްތަޤުބަލު ބަނަވެ، މުޖުތަމަޢު ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އެހެންކަމުން ސްކޫލެއްގެ ކާމިޔާބީ ނުވަތަ ކުދިން ހޯދާ ކާމިޔާބީ މިނެކިރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހޭކަމެކެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި މިފަދަ ކާމިޔާބީތައް ފާހަގަކުރުމުގައި އަޅުގަނޑުމެން ކޮންމެހެން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
ދަރިވަރުންނަށް ދެވޭ ތަރުބިއްޔަތު:
ވަށައިޖެހޭ ތަޢުލީމީ ފަލްސަފާއެއްގެ ތެރެއިން، އިސްލާމި ރިވެތި އަދަބުތަކާއެކު ތަރުބިއްޔަތު ކުރެވޭ ކޮންމެ ކުއްޖަކީ ވެސް އެކުއްޖެއްގެ އަމަލީ ދިރިއުޅުމުގައި ކާމިޔާބުވާނެ ކުއްޖެއްކަމީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫނެވެ. އެހެންކަމުން ސްކޫލެއްގެ ހަތަރުފާރުތެރޭގައި ކުރެވޭ އެންމެ މުހިއްމުކަމަކީ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުން ކަމުގައިވިޔަސް ރިވެތި އަޚުލާޤެއްގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުން އެއީ ސްކޫލުން އެންމެ އިސްކަންދޭ އެއްކަމަކަށް ހަދަންޖެހެއެވެ. އެގޮތުން ބެލެނިވެރިންނާ ގުޅިގެން މިކަން އެދެވޭ ގޮތެއްގައި ކުރެވިއްޖެނަމަ ދިރިއުޅުމަށް ތައްޔާރު ކުއްޖަކު ބިނާކުރުމުގެ ފުރަތަމަ ހަރުފަތް ގިރާކުރެވުނީކަން ކަށަވަރެވެ.
ކާމިޔަބީ މިންކުރާ ގޮތަށް ބަދަލު ގެނައުން:
ސްކޫލްތަކުގެ ކާމިޔާބީ މިންކުރުމުގައި ހަމައެކަނި ބެލެވޭ މިންގަނޑެއްގެ ގޮތުގައި މިހާރު މިއޮންނަނީ ސްކޫލުން "ޓޮޕު 10″ ނުވަތަ ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންގެ ޢަދަދެވެ. އެގޮތުން 100 ކުދިން ކިޔަވާ ސްކޫލަކުން 15 ކުދިން ގަދަ 10 އެއްގައި ހިމެނިގެން ކާމިޔާބީ ފާހަގަ ކުރާއިރު ބާކީ ތިބި ކުދިންނަށްވީ ގޮތެއް ނުބެލި ކުރިޔަށް ދެވޭނަމަ ހުރިހާ ކުދިން ޝާމިލްކުރުމުގައި އަދި އެތިބެވެނީ ވަރަށްވެސް ފަހަތުގައި ކަންކަށަވަރެވެ. އެއްވެސް ވަރަކަށް މުޅި ބެޗުގެ ނަތީޖާއަށް ބެލުމެއްނެތި މިހެން މިކަންކުރެވޭތީ ސްކޫލްތަކުން މި ޢަދަދު މަތިކުރަން ކުރެވޭ މަސައްކަތް އިތުރުވެ ބާކީ ކޮށްލެވޭ ކުދިންގެ ޢަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މީގެ ނަތީޖާ މިއަދުގެ މުޖުތަމަޢުން ފެނިގެންދަނީ ވަރަށް ހިތިކޮށެވެ.

5 މާއްދާ ނުވަތަ 3 މާއްދާއިން ފާސްކުރެވޭ އިންސައްތަ އަށް ރިޢާޔަތްކުރުން:
އިންސާނީ ތަބީޢަތުގައި ވާގޮތުން، ކުރެވޭ މަސައްކަތުގެ ނަތީޖާއިން ލިބޭ އިނާމަކަށް ނުވަތަ ޝަރަފު ހޯދުމަށް މަސައްކަތްކުރެވެއެވެ. މިގޮތުން ބަލާއިރު، މީގެ 5 އަހަރު ކުރީގައި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް 5 މާއްދާއިން ކުދިން ފާސްވާ ޢަދަދަށް ބަލައި ސްކޫލުތަކަށް "އެޗީވުމަންޓް އެވާރޑު"ގެ ނަމުގައި އެވާރޑެއްދީ އެކަން ޤައުމީ ފެންވަރުގައި ފާހަގަ ކުރެވެމުން ދިޔައެވެ. މީގެ ސަބަބުން ހަމައެކަނި ގަދަ 10އެއްގައި ކުދިން ކޮޅެއް ހިމަނާލައިގެން ހަމަޖައްސާލެވޭކަށް ނޯވެއެވެ. އަދި ގްރޭޑް 10އެއްގައި ކިޔަވާ ހުރިހާ ކުދިންނަށް އެއްވަރަކަށް ސަމާލުކަންދީ ހުރިހާ ކުދިންނަކީ ކާމިޔާބު ކުދިންގެ ގޮތުގައި ހެދުން މަޖުބޫރުކަމެއްގެ ގޮތުގައި ދެކި، އެކަމަށް މަސައްކަތް ކުރެވެއެވެ. މިއީ ހުރިހާ ކުދިން ޝާމިލުކޮށްގެން ދަރިވަރުންނަށް އިންޞާފުވެރި، ފައިދާހުރި ގޮތެއްގައި މިކަން ކުރެވި ސްކޫލްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް މަގުފަހިވާނެ ކަމެއްކަން ކަށަވަރެވެ.
ސްކޫލްތަކުގެ ކާމިޔާބީ މިންކުރުމުގައި ބަލަންވީ 100 ކުދިންގެ ތެރެއިން 20 ކުދިން ސްޓޭޖު މަތިން ފެނިގެންދާއިރު ބާކީތިބި 80 ކުދިން ތިބި ހިސާބެވެ. އެކުދިން ވީ ތަނެކެވެ. އަދި އެ 80 ކުދިންގެ މުސްތަޤުބަލަށްޓަކައި ބިންގާ އަޅައިދެވުނުތޯއެވެ. އެކުދިންގެ ތެރެއިން ކިޔެވުމުން އެންމެމަތީ ހަރުފަތާ ހަމައަށް ފޯރާފައި ނުވާ ކުދިންގެ ކިބައިވާ ހުނަރުތަކާއި ޤަބިލުކަން ދެނެގަނެ، އެކަންކަން ތަރައްޤީކުރުމުގެ ފުރުޞަތު ހޯދައިދެވުނީ ކިތައް ކުދިންނަށްތޯއެވެ. އަދި ހަމަމިއާއެކު ތަޢުލީމީ މަންހަޖުގެ ތަސައްވަރުގައިވާ ފަދައިން ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ކުދިންތަކެއް ތައްޔާރުކުރެވިފައިވޭތޯއެވެ. މިއީ ސްކޫލެއްގެ ކާމިޔާބީ ފާހަގަ ކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ގޮތުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

ބެލެނިވެރިޔަކު ކަމުގައިވިޔަސް ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްކަމުގައި ވިޔަސް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމުންދަނީ އެއް މިސްރާބަކަށް ކަމަށްވީހިނދު ހުރިހާ ކުދިން ޝާމިލްކޮށްގެން ދެވޭ ވަށައިޖެހޭ ތަޢުލީމުގެ ތެރެއިން ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ކުއްޖަކު އެފެއްދުމަށް މަސައްކަތްކުރުން އެއީ މިއަދު އަޅުގަނޑުމެނގެ އަމާޒުކަމުގައި ހަދަންޖެހެއެވެ. މިއަދު މިކަން ނުކުރެވިއްޖެނަމަ ޤައުމުގެ ކުރިމަގު އޮންނާނެ ގޮތް މިއަދު މިދަނީ ވަރަށް ގާތުން ފެންނަމުންނެވެ. ކޮންމެދިމާއަކުން ވެސް ފެންނަނީ މާޔޫސްކަންމަތީ ގޮތްހުސްވެފައިވާ ޒުވާނުންތަކެވެ. އިވިގެންދަނީ ޒުވާނުންގެ ހާލަތާ ގުޅުން ހުރި އަޑުތަކެވެ. އެކުދިން ހާލުގެ ދުލުން އެދި ގޮވަނީ އެހީތެރިކަމުގެ އަތްތަކަށެވެ. އަޅާލުން ދޭނެ ހިތްތަކަކަށެވެ. މިކަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވެން އޮތީ ތަޢުލީމީ ދާއިރާއަށް ކަމަށްވީހިނދު، މިކަމުގައި ގެންނަންޖެހޭ ބަދަލުތަކާއެކު ޢަމަލީ ގޮތުން މަސައްކަތް ފަށައިގަންނަންވީ ވަގުތު މިއޮތީ ޖެހިފައެވެ. އަޅުގަނޑުގެ ދުޢާއަކީ މިޤައުމުގެ ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އެކަމުގެ ހެޔޮވިސްނުން ދެއްވައި ކާމިޔާބީ މިންވަރުކުރެއްވުމެވެ.
އެޑިޓަރުގެ ނޯޓް: ޑރ. އާސިޔަތު މުޙައްމަދު ދީދީއަކީ އައްޑޫސިޓީގެ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލެވެ. ތައުލީމީ ދާއިރާއާ ގުޅުން ހުރި މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ދަރިވަރު ނޫހުގައި ލިއުއްވަމުން ގެންދަވައެވެ.
advertisment
2 Responses
V ragalhu vàahaka eh thividhaalhu vee
ވަރަށް ރަނގަޅު ޚިޔާލުތަކެއް