އަންވަރު އިބްރާހީމް
އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އެމްއީއެސްގެ އަދަބީ ޖަމިއްޔާ، އަދަބީ ބުސްތާނުން ބާއްވަމުން އައި "ބުސްތާނު ދުވަސް 2000″ ގެ ހަރަކާތްތައް ކުރިއަށް ދަނީއެވެ. މަޖީދިއްޔާގެ އެކުވެރީންގެ ގުޅުމުގެ ބައިވެރިން އެ ދުވަހުގެ ފޯރި ނަގަނީއެވެ. އަމީނިއްޔާގެ އެކުވެރިކަމުގެ ޗޭނުގެ ދަރިވަރުން ވެސް އެ ފޯރީގައި އަތްޖަހަނީއެވެ. އީޕީއެސްއެސްގެ އެލްސީއެސްގެ ދަރިވަރުންނާއި އަހުމަދިއްޔާ ސްކޫލުގެ އެކުވެރިންގެ ހިޔާގެ ދަރިވަރުން ވެސް އެކި ހަރަކާތްތަކުން ޖޯޝު ނެރެނީއެވެ. ގަލޮޅު މަދަރުސާގެ ދަރިވަރުންގެ ޖޯޝުގެ ދަރިވަރުންނާއި މާފަންނު މަދަރުސާގެ ދަރިވަރުންގެ ދިރުމުގެ ދަރިވަރުން ވެސް އެ ވާދަވެރި މާހައުލުގައި ހަރަކާތްތެރިވަނީއެވެ. މާލޭގެ ސުކޫލުތަކުގެ ދަރިވަރުން އެއްތަނަކަށް އެއްވެ އަދަބީ މަހާސަމާއަކަށް އިންސާފުކުރަނީއެވެ.
މި ދަންނަވާލެވުނީ މީގެ 19 އަހަރު ކުރީގެ މާލޭ އިންގްލިޝް ސްކޫލުން ބޭއްވި ބުސްތާނު ދުވަހެއްގެ ވާހަކައެވެ. ވަސްމީރު އަދަބީ އެތައް މަލެއް ފޮޅުނު ދުވަހެއްގެ ވާހަކައެވެ. އަދަބީ އެތައް ހަރަކާތަކުން ރަނުގެ އެތައް ފުރުޞަތެއް ހުޅުވުނު ދުވަހެއްގެ ވާހަކައެވެ. އެފަދަ ކިތަންމެ ދުވަހެއް މާލޭގެ ސުކޫލުތަކުގައި އެ ދުވަސްވަރު ފާހަގަ ކުރިއެވެ. އަމީނިއްޔާގެ ޗޭނު ދުވަހެވެ. މަޖީދިއްޔާގެ އެކުވެރީންގެ ދުވަހެވެ. ގަލޮޅު މަދަރުސާގެ ޖޯޝު ދުވަހެވެ. މާފަންނު މަދަރުސާގެ ދިރުމުގެ ދުވަހެވެ. އަޙުމަދިއްޔާގެ ހިޔާ ދުވަހެވެ. ޢާލިޔާ ސްކޫލުގެ ދަރިވަރުންގެ ރޫހުގެ ދުވަހެވެ. މިހެން ގޮސް އެތައް ދުވަހެކެވެ. މިއަދު އެ ދުވަސްތައް ސްކޫލުތަކާ ވަކިވެއްޖެއެވެ. އެ ހަރަކާތްތަކުގެ ވައްޓަފާޅި ބަދަލުވެއްޖެއެވެ. އެ އަދަބީ ދުވަސްތަކާއި ޙަރަކާތްތަކާމެދު ދެކޭ ގޮތް ވެސް ބަދަލުވެއްޖެއެވެ.
އަދަބީ ކަންކަމަށް އައި ބަދަލާއެކު ދަރިވަރުންގެ ހިތްތަކުގައި އާލަވަމުން އައި އަދަބީ ފޯރި މަޑުމަޑުން ކުޑަވެއްޖެއެވެ. އެ ރޫހު ފަނޑުވަމުން މަރުވެއްޖެއެވެ. ސްކޫލުތަކުން އަދާކުރަމުން އައި އަދަބީ ދައުރު ހަނިވެ ،އޮޅިއްޖެއެވެ. ނަމަވެސް އެ ފުރުޞަތުތަކަކީ ރަނުގެ ފުރުޞަތުތަކެކެވެ. ދަރިވަރުންގެ ހުނަރަށް ހުޅުނުވުނު ދޮރުތަކެކެވެ. ދަރިވަރުންގެ އިސްވާރުކަން ލިބިގަތުމަށް ހުޅުވުނު މަގުތަކެވެ. ދަރިވަރުންގެ މުސްތަގުބަލަށް އެޅުނު ހަރުދަނާ ބިންގަލެކެވެ. ދަރިވަރުންގެ ޢިލްމީ ނަތީޖާއަށް ވެސް އޭގެ ހެޔޮ އަސަރު ކުރި މަސައްކަތްތަކެކެވެ.

" އަދަބީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ބަހުގެ ހުނަރުތައް، ކިޔުން، ލިޔުންތެރިކަން، ވާހަކަދެއްކުންތެރިކަން ފަދަ ކަންކަމަށް އިތުރަށް ޝައުގުވެރިކުރުވާ ކަމެއް. އެކަމުގައި އުޅުމުގެ ސަބަބުން މުވާސަލާތުކުރުމުގެ ގޮތްތަކާއި އުސޫލުތަކަށް ލޯހުޅުވި ތަފާތު ހުނަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވާ. އޭގެ ފައިދާ ސްކޫލު ދައުރަށް ފަހު ވެސް ދަރިވަރުންނަށް ލިބިގެންދޭ" ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ޠާހާ ސަލީމް އަދަބީ ހަރަކާތްތަކާމެދު ދެކެވަޑައިގަންނަވާ ގޮތް ސިފަކުރެއްވިއެވެ.
ޠާހާ ގަބޫލުކުރައްވާ ގޮތުގައި ދަރިވަރުންގެ ކާމިޔާބީއާއި އަދަބީ ހަރަކާތްތަކުގައި ބައިވެރިވުން އޮތީ ގުޅިލާމެހިފައެވެ. އެ ސަބަބަށް ޓަކައި އަދަބީ ކަންކަމަކީ ސީދާ ކިޔަވައިދިނުމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް ވެސް ޠާހާ ގަބޫލުކުރައްވައެވެ.
" އަދަބީ ކަންކަމާމެދު ދެކޭ ގޮތް ބަދަލުކުރާން އެބަ ޖެހޭ. އެބައިތައް ކިޔަވައިދިނުމުގެ ތެރެއަށް ލުމަކީ ކޮންމެހެން ވެސް ބޭނުންތެރިކަމެއް. އެއީ އަބަދުވެސް ތަރައްގީކުރަން މަސައްކަތްކުރަންޖެހޭ ހުނަރުތަކެއް. ލޯބި އުފައްދަން ޖެހޭ ދާއިރާއެއް. އެންމެ ދުވަހެއް ދެ ދުވަހަކުން ޕްރޮގުރާމެއް ހިންގުމަކުން އަދި ނުފުދޭ. މިހާރު އަދަބީ ކަންކަމާމެދު ދަރިވަރުންނަށް މި ވިސްނެނީ އެއީ ވަގުތީ އަދި އެހާ މުހިންމުކަމެއްގެ ގޮތުގައެއް ނޫން. ކިޔަވައިދިނުމުގެ ތެރޭގައި އެ ބައިތައް އިތުރުކޮށް އަދަބީ ކަންކަމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވިސްނައިދޭން ޖެހޭ." އީޕީއެސްއެސްގެ އަދަބީ ހަރަކާތްތަކުން ވިދާލި ޠާހާ ވިދާޅުވިއެވެ.
އަދަބީ ހަރަކާތްތަކަކީ އެ ހަރަކާތްތަކުން ދަރިވަރުން ކުރިމަގަށް އަޅަންވީ ފިޔަވަޅާއި އެ ފިޔަވަޅު އަޅަންވީ މަގުތައް ކޮށައިދޭ ހަރަކާތްތަކެކެވެ. ސެންޓަރ ފޮރ ހައިޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ ކެޕްޓަންކަން ކުރި މުޙައްމަދު އަސީލަކީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހާޞިލުކުރި އަދަބީ ފަސްމީރުކުރިރުކެކެވެ. މިއަދު އޭނާ ހުންނެވީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައެވެ. އަސީލު ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ކެރިއަރާއި އަދަބީ ހަރަކާތްތައް އޮތީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ.

" ވާހަކަދެއްކުންތެރިކަމުގެ ތެރެއިން މި ދާއިރާ (ގާނޫނީ ދާއިރާ) އަށް ވަދެވުނު ކަމަށް މި ގަބޫލުކުރެވެނީ. މި ދާއިރާއަކީ ވެސް ވާހަކަދެއްކުންތެރިކަމާ ސީދާގޮތުން ގުޅިފައި އޮތް ދާއިރާއެއް. ސްކޫލު ދައުރު އަދަބީ ކަންކަމުގައި ހަރަކާތްތެރިވުމުން ލިބުނު ތަޖުރިބާއަކީ ހަގީގަތުގައި ވެސް މި ހިސާބަށް އަޅުގަނޑު އައުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް. އޭރު ލިބުނު ހުނަރުތަކަކީ މި ދާއިރާގައި މަސައްކަތްކުރާން ލިބުނު އިތުރު އެޑްވާންޓޭޖްތަކެއްކަމަށް ގަބޫލުކުރެވެނީ" ގާނޫނީ ދާއިރާއަށް ވަދެވަޑައިގެންނެވުނު ގޮތް އަސީލު ހިއްސާކުރިއެވެ.
އަސީލް ވަނީ ރަޖީވްގާނދީ އިންސްޓިޓިއުޓް ފޮރ ކޮންޓެމްޕަރަރީ ސްޓަޑީޒްއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން 2007 ވަނަ އަހަރު އިންޑިޔާގެ ނިއުދިއްލީގައި ބޭއްވި، ޑޮކްޓަރ މަޙްބޫބުލްޙައްޤު މެމޯރިއަލްގެ އިންޓަރސްކޫލް ޑިބޭޓް ކޮމްޕެޓިޝަންގައި މައުޟޫޢާ ދެކޮޅަށް އެންމެ މޮޅަށް ވާހަކަދެއްކި ދަރިވަރުގެ މަޤާމު ހާސިލު ކުރައްވައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމް 2013 ވަނަ އަހަރު ހާސިލުކުރައްވާފައެވެ.
" އަޅުގަނޑު ދައްކަންވީ ވާހަކަތައް ފުރަތަމަ އަތުރާލެވެނީ ހިތުގައި. އެ ވާހަކަތައް އަންނަނީ ވެސް ދިވެހިބަހުން. އެއަށްފަހު އިނގިރޭސިބަހަށް ބަދަލުކޮށްލެވެނީ. ދިވެހިބަހުގެ ފޮނިކަމާއެކު އޭގެ ރީތިކަން އެހެން ބަސްބަހަށް ވެސް ގެންދެވޭ. އަޅުގަނޑަށް އަޅައިދީފައިވާ ދިވެހި ބަހުގެ ބިންގަލަކީ އިނގިރޭސި ބަހުގެ ހުނަރުތައް ބޭނުންކުރާން އަޅުގަނޑަށް ލިބުނު އިތުރު ފަހިކަމެއް" އަސީލްގެ އަދަބީ ތަޖުރިބާ އޭނާ ހިއްސާކުރެއްވިއެވެ.
އަދަބީ ހަރަކާތްތަކަކަކީ އެތައް ފުރުޞަތެއްގެ ތަޅުދަނޑިފައްޗެކެވެ. އެތައް ދޮރެއްގެ ތަޅުދަނޑި އެ ފަތީގައިވާ އަދަބީ ހަދިޔާއެކެވެ. މިކަން އެންމެ ރަނގަޅަށް ތަޖުރިބަ ކުރައްވައި އަދި ދަރިވަރުންގެ ސިކުނޑި އެ ތަޅުދަނޑިތަކުން ހުޅުވާލުމުގެ މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކާނަލް މުޙައްމަދު ނަޝީދެވެ. ކާނަލް ގަބޫލުކުރައްވާ ގޮތުގައި އަދަބީ ހަރަކާތްތަކަކީ ކުލާސްރޫމުން ލިބެން ނެތް އެތައް ހުނަރެއް ދަރިވަރުންނަށް ދަސްކޮށްދޭ ފުރުޞަތުތަކެކެވެ.

" އަދަބީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެތައް ފުރުޞަތެއް ދަރިވަރުންނަށް ފަހިވާކަމެއް. ޚާއްޞަކޮށް ކުލާސްރޫމުން ނުލިބޭ އެތައް ހުނަރެއް އަދަބީ ކަންކަމުގެ ތެރެއިން ލިބޭ. ލީޑަރޝިޕް ހުނަރު ދަރިވަރުންނަށް ލިއްބައިދޭ. ދިރާސާކުރާނެ ފުރުޞަތު އެކި ކަންކަމުގައި ފަހިކޮށްދޭ. ކަންކަމާމެދު ފުންކޮށް ފުޅާކޮށް ވިސްނާން ފުރުޞަތު ލިބިދޭ. އަދި ވަގުތު އިންތިޒާމުކޮށް ޓާސްކްއޮރިއެންޓެޑްކޮށް މަސައްކަތްކުރާން ދަސްވޭ. މި ކަންކަމުން ޢިލްމީ މައިދާނަށާއި ޢަމަލީ މައިދާނަށް ދަރިވަރުން އަހުލުވެރިކުރެވޭ" އެސްއީސީ (މިހާރުގެ ސީއެޗްއެސްސީ)ގެ އަދަބީ ޖަމިއްޔާ ދަރިވަރުންގެ ގުޅުމުގެ ފުރަތަމަ ރައީސް ކަން ވެސް ކުރެއްވި ކާނަލް ވިދާޅުވިއެވެ.
މަޝްހޫރު ޕްރެޒެންޓަރު ފާތުމަތު ނަމްޒާއަކީ ވެސް ސްކޫލު ދައުރު ފާހަގަކުރެވުނު އަދަބީ ތަރިއެކެވެ. 1998 ވަނަ އަހަރު އަމީނިއްޔާގެ އެކުވެރިކަމުގެ ޗޭނުގެ ރައީސާއެވެ. ނަމްޒާގެ ހުށަހެޅުންތެރިކަމާއި މަސައްކަތުގެ ދާއިރާގެ ކުރިއެރުން އޭނާ ވެސް ގުޅުވަނީ ސްކޫލު ދައުރު ލިބިވަޑައިގެންނެވި އަދަބީ ދާއިރާގެ ފުރުޞަތުތަކާއެވެ.

" ހަގީގަތުގައި އަޅުގަނޑުމެން މި ހިސާބަށް މި އާދަވުނީ އަދަބީ ހަރަކާތްތަކުން ލިބުނު އެހީތެރިކަމުގެ ސަބަބުންނޭ ބުނެވިދާނެ. އެކިއެކި މުބާރަތްތަކަށް ތައްޔާރުވާން އޭރު ކުރި މަސައްކަތްތަކުން އަދަބީ ކަންކަމަށް ޝައުގުވެރިކަން އުފެދުނު. ޚާއްޞަކޮށް ވާހަކަދެއްކުންތެރިކަމަށް އޮތް ލޯބި އިތުރުވި. ޕްރެޒެންޓްކުރުމަށް ވަދެވުނީ ވެސް މިކަމުގެ ތެރެއިން. މިކަމުގެ ސަބަބުން އަމިއްލަ ނަފުސުގެ އިތުބާރު އުފެދުނު. ކޮންމެ ސެޓަޕެއްގައި މަސައްކަތްކުރަން ޖެހުނަސް އިތުބަރާއެކު މަސައްކަތްކުރުމުގެ ގާބިލުކަން ލިބުނު" ވެރައިޓީ ގިނަ ޝޯވްތަކެއް ހުށަހަޅުއްވާފައިވާ ނަމްޒާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އަދަބީ ހަރަކަތްތަކަކީ ކިޔެވުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި. އަދަބީ ކުލާސްތަކުން، ވާހަކަދެއްކުންތެރިކަން ފަދަ ކަންކަމުން ލިބޭ މަޢުލޫމާތުތަކަކީ ލިބޭ ވަރަށް ބޮޑު ނޮލޮޖެއް. އެ މަޢުލޫމާތުތައް މަޒުމޫނު ލިޔުންފަދަ ކަންކަމުގައި ބޭނުންކުރެވުނު. ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔުނު މަޢުލޫމާތުތަކުގައި ވެސް ބޭނުންކުރިން. އަޅުގަނޑަށް ދިވެހީން އޭ ލިބުނީ ހަގީގަތުގައި ވެސް ލިބިފައިވާ މަޢުލޫމާތުތަކުން" އެސްއެސްސީ އިމްތިހާނުގައި ނަމްޒާ ބައިވެރިވި އަހަރު، ދިވެހީން އޭ ހޯދި ދެ ދަރިވަރުންގެ ތެރޭގައި ހިމެނުނު ނަމްޒާ ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ފުރަތަމަ ރައީސް އަޝްރަފް ޢަލީ ގަބޫލުކުރައްވާ ގޮތުގައި އޭނާގެ މުޅި ހަޔާތް ބައްޓަންވެ ދިރިއުޅުމުގެ އެންމެހައި ކަންކަން ކުރައްވަން ލިބިވަޑައިގެން އެންމެ ބޮޑު ފުރުސަތު ބިނާވީ މަދަރުސީ ދައުރުގައި ބައިވެރިވެރިވެވަޑައިގެން އުޅުއްވި އަދަބީ އެކިއެކި ހަރަކާތްތަކުގެ މައްޗަށެވެ.

" އަޅުގަނޑުގެ ކިބައިގައި ހުރިނަމަ ހުރި ބަހުގެ ކުޅަދާނަކަމަކާއި، އިސްދާނަކަމަކާއި މީހުންނާ ގުޅިގެން އުޅުމުގެ ސިފައެއް ހުރިހަމަ އެ ސިފައެއް ހުރުމުގެ އަސްލަކީ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެ އުޅެވުނު އުޅުން. ދިވެހިބަހާއި އަދަބަށް ހޭލެވުނު. އިހުސާސްތައް ފާޅުކުރާން ދަނެގަނުވުނު. އަނެކުންނަށް އިހުތިރާމްކުރުމާ އެކު އަނެކުން ގޮވައިގެން އުޅޭނެ ގޮތްތައް ތަޖުރިބާ ކުރެވުނު. އަމިއްލަ ހަޔާތުގައި ދިމާވާ އެކި ކަންކަން އެކި ޒާތު މައްސަލަތައް ވާހަކަދެއްކުމުގެ ހިމޭން އުކުޅުގެ ބޭނުން ހިފައިގެން ހައްލުކުރަން ދަސްވީ އަދަބީ ހަރަކާތްތަކުގެ ތެރެއިން. ވާހަކަދެއްކުންތެރިކަމާއި ބަހުސްކުރުމާއި ޅެންހެދުމާއި ޅެންހުށަހެޅުން ފަދަ ކަންކަމުން. ދިރިއުޅުމަށް އާދެ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގެ ހަޔާތާއި އަޅުގަނޑުގެ އަދަބީ ހަޔާތް ވަނީ ވަރަށް ބޮޑަށް ގުޅިލައިމެހިފައި. ދިރިއުޅުން އާބާދުކުރާން ދިރިއުޅުން ފާގަތަކި ކުރާން ކުރާ ކޮންމެ ކަމެއްގެ އަސާސްތައް ގުޅިފައިވަނީ އަދަބީ އެކިއެކި ކަންކަމާ" މަދަރުސަތުލް ޢާލިޔާގެ އަދަބީ ޖަމިއްޔާ ދަރިވަރުންގެ ރޫހުގެ 16 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފު އެދިވަޑައިގަންނަވަނީ އަދަބީ ކަންކަމުގައި ދަރިވަރުން ބައިވެރިވާން ބިރެއް ސިހުމެއް ނުބޭއްވުމަށެވެ. އެކަމުގައި ދަރިވަރުންނަށް އިތުރު ހިތްވަރާއި އެހީތެރިކަން ބެލެނިވެރީން ވެސް ދެއްވުމަށެވެ.
"ދަރިންނަކީ އިލްމުވެރި ހުނަރުވެރި ދަރިންނަށް ހައްދަވަން ބޭނުންފުޅު ނަމަ އެ ކުދިންނަށް އަދަބީ ކަންކަމުގެ ތެރެއިން ފުރުސަތު ހޯއްދަވައި ދެއްވާ! އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ފަރުދަކު އުފައްދަން. އެހެންވިއްޔާ އެކަން އެންމެ ފުރިހަމައަށް ހާސިލްކުރެއްވެން އޮތް މަގަކީ އަދަބީ ރޮނގުތަކުން ކުދިން ހޭލެއްވުމުގެ މަގު. އަދަބީ ކަންކަމުގައި އުޅުމުން ކުދިންގެ ވިސްނުން ހެޔޮވޭ. ހުނަރުތައް ހޭލައްވާ. ވާހަކަދައްކަން ފަށާ. ޖެހިލުމެއް ނެތި ކޮންމެ ވާހަކައެއް ވެސް ބުނުމުގެ ކުޅުދާނަކަން އެ ކުދިން ހޯދާ. މިފަދަ ކިތަންމެ ކަމެއް ދަސްކުރޭ. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަކީ ވެސް މިއީ. ހަޔާތުގައި ކާމިޔާބު މީހަކަށް ވާނީ މަދަރުސީ ދައުރުގައި އަދަބީ ހަރަކާތްތަކުގައި އުޅެގެން. އެ ފުރުސަތު ކުދިންނަށް ފަހިކޯށް ދެއްވަން ބެލެނިވެރިން އަތުކުރި އޮޅުއްވާ!. ދަރީންގެ އުފާވެރި ބާއްޖަވެރި ހަޔާތަށް ޓަކައި އަދަބީ މަންސަތަކުން ޖާއްގަ ތަނަވަސް ކޮށް ދެއްވާ. އެކަމަށް ހިތްވަރުދެއްވާ ޝައުގު ޖައްސަވައިދެއްވާ!" އަޝްރަފުގެ ތަޖުރިބާއާއެކު ބެލެނިވެރީންނަށް ދެއްވެވީ މުހިންމު މެސެޖެކެވެ.
ތެދެކެވެ. އަދަބީ ޙަރަކާތްތަކުން ހުނަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވައެވެ. އިތުބާރައި ޔަގީންކަން އެކި ދާއިރާތަކުން ދަރިވަރުންނަށް ހޯދައިދެއެވެ. އެކި ކަންކަމުގައި އަރުތައާއި ކާމިޔާބީ ހޯދާން ފަސޭހަވެއެވެ. އެހެން ބަސްބަހަށް މޮޅުވާން އޮތް ފުރުޞަތު ފުޅާވެއެވެ. ޢިލްމީ ނަތީޖާއަށް ކުރާ އަސަރު ފޮންޏެވެ. މި ކަންކަން މިހެން ހުރި އިރު އަދަބީ ކަންކަމުގައި ބައިވެރި ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
advertisment
ހިޔާލު