ފިލާވަޅު އުނގަންނައި ދިނުމުގައި ތަފާތު ގޮތެއް!

ބ.އަތޮޅު ސްކޫލް ކީ ސްޓޭޖް 2 ގެ ދަރިވަރުން ރުއްބުޑުގެ ވެއްޔާއި ސޫފިތައް އޮބްޒާވް ކުރުމުގައި. ފޮޓޯ؛ ބ.އަތޮޅު ސްކޫލް

ބ. އަތޮޅު ސްކޫލަކީ ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގެ ޝިޢާރައަކީ، ހުރިހާ ދަރިވަރުން ޝާމިލުކޮށް، ދަރިވަރުން ޝައުޤުވެރިވާނޭހެން ފިލާވަޅުތައް ކުރިއަށްގެންދިޔުމެވެ. އެހެންކަމުން، އުނގަންނައިދޭ ފިލާވަޅުތައް އުނގަންނައި ދިނުމަށްޓަކައި، ސްކޫލުން ބޭރުގައި ތަފާތު ހަރަކާތްތައް ހިންގާ، ވީހާވެސް ގިނަ ދަރިވަރުން ބައިވެރިކޮށްގެން ފިލާވަޅުތައް ނަގައިދެމުން ދެއެވެ.

ބ.އަތޮޅު ސްކޫލުގެ ދަރިވަރުން
ބ.އަތޮޅު ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުން ވެލީގެ ސާމްޕަލް ނަގަނީ. ފޮޓޯ: ބ. އަތޮޅު ސްކޫލް

މިގޮތުން، މިހަފްތާގައިވެސް އެ ސްކޫލުގެ ކީ ސްޓޭޖު 2 ( ގްރޭޑް 4 އަދި 5) ގެ ދަރިވަރުންނަށް ވަނީ، ސްކޫލް މާހައުލުން ބޭރުގައި ތަފާތު އިތުރު ހަރަކާތްތަކެއް އިންތިޒާމްކޮށްފައެވެ. މިހަރަކާތްތަކުގެ ބޭނުމަކީ، އެ ކުދިންގެ ސައިންސް ފިލާވަޅުގެ ދަށުން ނަގައިދޭ، ރަށްތައް ގިރުމުގެ ފިލާވަޅާއި، ވެލީގައި ހިމެނޭ ބާވަތްތަކުގެ ފިލާވަޅު ތަފާތު ގޮތަކަށް އުނގަންނައިދިނުމެވެ. މި ހަރަކާތްތައް ހިންގާފައިވަނީ އެ ރަށުގެ އެކި އެކި ހިސާބުގައެވެ. މި ގޮތުން ގޮނޑުދޮށާއި އެ ރަށު، ގަސް ގިނަ ސަރަހައްދުތައް ހިމެނެއެވެ. އެ ސްކޫލަކީ ފޮތްތަކުގެ އިތުރުން، ތަފާތު އެކި ގޮތްގޮތަށް ފިލާވަޅުތައް ނަގައިދިނުމަށް އަބަދުވެސް ބާރުއަޅާ ސްކޫލެކެވެ.

ބ.އަތޮޅު ސްކޫލުގެ ދަރިވަރުން
ބ.އަތޮޅު ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުން ގޮނޑުދޮށްކައިރީ. ފޮޓޯ: ބ. އަތޮޅު ސްކޫލް

އެ ސްކޫލުގެ ދަރިވަރުން ރަށުގެ ތަފާތު ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައިވާއިރު ގޮނޑުދޮށް ސަރަޙައްދުގައި ގެންގޮސްފައިވަނީ ރަށް ގިރުމާއި ބެހޭ ފިލާވަޅެވެ. އެ ސަރަހައްދުގެ ގަސްތަކާއި އެ ގަސްތަކުގެ މޫތަކާއި އެ ހިސާބުގައިވާ މުރަކަތަކާއި ގާތައް ދަރިވަރުން ވަނީ ބަލާފައެވެ. ގަސް ގިނަ ސަރަހައްދުގައި އެ ކުދިން ބަލާފައިވަނީ ވެލީގެ ތަފާތު ބާވަތްތަކަށެވެ. މިގޮތުން ދޮންވެއްޔާއި ކަޅުވެއްޔާއި ކަށިވެލި ފަދަ ވެލިތަކަށް ބޮޑަށް ބަލާފައިވެއެވެ. މުދައްރިސުންގެ މަޤްސަދަކަށް ވަނީ، ދަރިވަރުންގެ ކަރިކިއުލަމްގައި ހުރި ކަންތައްތައް ފުރިހަމަ ކުރުމެވެ.

ބ.އަތޮޅު ސްކޫލުގެ ޕްރިންސިޕަލް ނާޒްނީން އަބްދުﷲ ދީދީ ދަރިވަރު ނޫހާ މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ، ކިޔެވުމުގެ މާހައުލުގެ އިތުރުން، ބޭރުތެރެއިން ފިލާވަޅުތައް ނަގައިދިނުމަކީ ދަރިވަރުންގެ ކިޔެވުމަށް އިތުރު ކުރިއެރުމެއް ގެނެސް ދޭ ކަމެއްކަމަށެވެ. ދަރިވަރުން ފިލާވަޅު ދަސްކުރާ ވަގުތުތަކުގައި އަދި ފިލާވަޅު ނަގައިދޭއިރުގައި ވަރަށް ޝައުޤުވެރިކަމާއެކީ އަޑުއަހަން ތިބޭކަންވެސް ފާހަގަކުރެއްވިއެވެ. ސްކޫލެއްގައި ތިބޭނީ ތަފާތު މިޒާޖުގެ އަދި ދަސްކުރުމުގެ ތަފާތު ހިޔާލު ގެންގުޅޭ ކުދިންކަން ފާހަގަކުރައްވާ، މިފަދަ ގޮތަކަށް ފިލާވަޅު އުނގަންނައިދިނުމަކީ ހުރިހާ ކުދިން ބައިވެރިވާނޭހެން ކުރެވޭނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ސްކޫލުން ހިންގާ ހުރިހާ ކަމެއްގައިވެސް ބެލެނިވެރިންގެ ތަރުޙީބު ލިބޭކަމާއި ސްކޫލެއް ކުރިއަރައިގެންދަނީވެސް ބެލެނިވެރިންގެ އެއްބާރުލުމާއެކުގައިކަންވެސް ބ. އަތޮޅު ސްކޫލުގެ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *