ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަހި އެމް.އެން.ޔޫ ނުވަތަ ގެޓިންގް ޓު ނޯ އެމް.އެން.ޔޫގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ. މި ނޮވެމްބަރު 02 ވީ އަންގާރަ ދުވަހު ޔުނިވަރސިޓީގެ މައިމަރުކަޒުގައި ފެށި މިޕްރޮގްރާމްގެ މަޤްޞަދަކީ ޕަބްލިކަށް އަދި ޚާއްޞަކޮށް މާދަމާގެ ލީޑަރުން ކަމުގައިވާ ސްކޫލްތަކުގެދަރިވަރުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމް.އެން.ޔޫގެ ތަޞައްވަރާއި ޔުނިވަރސިޓީން ދެވޭ ޚިދްމަތްތަކާއި ފުރުޞަތުތަކާއި ހުރި ވަޞީލަތްތަކާއި ދަރިވަރުންނަށް އުފާވެރި މާހައުލެއް ޤާއިމްކޮށް ދޭން ޔުނިވަރސިޓީން ކުރާ މަސައްކަތްތައް ތަޢާރަފްކޮށްދިނުމާއި އަދި ސްކޫލް ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުންކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މިގޮތުން ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވީ ސީ.އެޗް.އެސް.އީގެ ދަރިވަރުންނެވެ. މި އިވެންޓުގައި ހުރިހާ ފެކަލްޓީ/ސެންޓަރުތަކުން މަޢުލޫމާތު ފޯރުކޮށްދީ، ދަރިވަރުންގެ ސުވާލު ތަކަށް ޖަވާބު ދީ، ކުރިމަގުގައި އިތުރަށް ކިޔެވުމަށް އިޙްތިޔާރު ކުރާނޭ ރޮނގެއް އަންގައި އެކުދިންނަށް އެމް.އެން.ޔޫގެ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. މިއިވެންޓް ކޮންމެ ހަފްތާއެއް އެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ޔުނިވަރސިޓީން ވިސްނާފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި އިވެންޓުގެ ތެރޭގައި، ދަރިވަރުންނަށް ޔުނިވަރސިޓީގެ އެކި އެކި ފެސިލިޓީސްތައް ދައްކާލުން ކުރިއަށް ގެންދެވުނެވެ.
އިއްޔެ ގްރޭޓަރ މާލޭ އޭރިޔާގެ ސަރުކާރު 11 ސްކޫލެއްގެ ގްރޭޑް 8، 9، 10 ގެ ދަރިވަރުންނަށް ޚާއްޞަ ކެރިއަރ ގައިޑަންސް ޕްރޮގްރާމްއެއް އެއްފަހަރާ ޔުނިވަރސިޓީގެ 11 ޓީމެއް ޙަރަކާތްތެރިވެ ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ދަރުމަވަންތަ ސްކޫލް، ޖަމާލުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރް ސްކޫލް، ޢާޒީ ސްކޫލް، މުޙްޔިއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ކަލާފާނު ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ހުރަވީ ސްކޫލަށް ވަނީ ޒިޔާރަތްކޮށްފައެވެ.

އަދި މީގެ އިތުރުން އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކަށް ޔުނިވަރސިޓީގެ ޓީމްތައް ޒިޔާރަތްކޮށްގެން "ފަހި އެމް.އެން.ޔޫ" ޕްރޮގޮރާމް މިއަހަރުތެރޭގައި ހިންގުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް އެ ޔުނިވަރސިޓީން ހާމަކުރެއެވެ.
އަންގާރަ ދުވަހަށް ޚާއްޞަ މިސިލްސިލާ ޕްރޮގްރާމްގައި ގްރޭޓަރ މާލޭ އޭރިޔާގައި އޭ-ލެވެލްއަށް ކިޔަވާ ޕްރައިވެޓް ސްކޫލުތައްވެސް ހިމެނޭހެން ހުރިހާ ސްކޫލް ދަރިވަރުން ޔުނިވަރސިޓީއަށް ޒިޔާރަތްކުރާނެއެވެ.

"ފަހި އެމް.އެން.ޔޫ." ޕްރޮގްރާމަކީ ޔުނިވަރސިޓީގެ ތަޞައްވަރާއި އެއްގޮތަށް ޔުނިވަރސިޓީން ނިކުންނަ ދަރިވަރުންނަކީ ފުޅާ ދާއިރާއެއްގައި ވިސްނާ ސިކުނޑި ހުޅުވިފައިތިބި ބިނާ ކުރުވަނިވި ޚިދުމަތްތެރި، އަނެކުންނާއި ދޭތެރޭ ވިސްނާ، އަމިއްލައަށް އިސްނަގައިގެން ޤައުމު ބިނާ ކުރާނެ ޚިދުމަތަތެރި ދަރިންތަކެއް އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ.
advertisment
ހިޔާލު