ވެލާ އިން ކުނިމެނޭޖް ކުރުމާ ގުޅޭ މައުލޫމާތު ނ. އަތޮޅު ސްކޫލްތަކުގެ ދަރިވަރުންނަށް

ވެލާ ރިސޯޓް
"ފެހި ކުރަމާ" ޕްރޮގްރާމުގެ ދަށުން މައުލޫމާތު ސެޝަންތަކުގައި ބައިވެރިވި ދަރިވަރުންނަށް ހަދިޔާ ހަވާލުކުރަނީ: ވެލާއިން ކުރިއަށް ގެންދާ މި ހަރަކާތް ނ، އަތޮޅުގެ ހުރިހާ ސްކޫލެއްގައި ހިންގާނެ- ފޮޓޯ: ނ. އަތޮޅު ތަޢުމީމީމަރުކަޒު

ވެލާ ރިސޯޓުން ކުރިއަށް ގެންދާ " ފެހި ކުރަމާ" ޕްރޮގްރާމުގެ ތެރެއިން ކުނި މެނޭޖްކުރާނެ ގޮތުގެ މައުލޫމާތު ނ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިއްޔެ ވަނީ ވެލާގެ " ފެހި ކުރަމާ" ޕްރޮގްރާމް ރަސްމީކޮށް ފަށައި، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޝެޝަންތައް ބާއްވާފައެވެ. މި ޕްރޮގްރާމް މިހާރު ކުރިއަށް ގެންދަނީ ނ. އަތޮޅަށް ޚާއްޞަކޮށްގެންނެވެ. އިއްޔެ ފެށި މައުލޫމާތު ދިން ސެޝަންތަކުގައި ނ. އަތޮޅު ތައުލީމީމަރުކަޒުގެ 400 އެންހާ ދަރިވަރުން ބައިވެރިވިއެވެ.

"ފެހި ކުރަމާ" ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް މައުލޫމާތު ދެނީ

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރުމާ ގުޅޭގޮތުން ކުރިއަށް ގެންދާ މައުލޫމާތު ދިނުމުގެ ސެޝަންތައް ނ. އަތޮޅުގެ 13 ރަށެއްގައި ކުރިއަށް ގެންދަން ވެލާ ރިސޯޓުން ވަނީ ނިންމާފައެވެ.

ކުނި މެނޭޖް ކުރުމާ ގުޅޭ ސެޝަންތަކުގައި މައުލޫމާތު ދީފައި ވަނީ އެކަމުގެ ތަޖުރިބާކާރުންނެވެ. މި ސެޝަންތަކުގައި މައުލޫމާތު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކުނި މެނޭޖު ކުރުމުގައި ހިމެނޭ ތިން އާރު (ރެޑިއުސް، ރިޔޫސް، އަދި ރިސައިކަލް)އާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން އުފައްދާ ކުނި މިހާރަށްވުރެ މަދު ކުރެވޭނެ ގޮތުގެ މައްޗަށް ވެސް ޚާއްޞަ ޕްރެޒެންޓޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވެލާއިން ނިންމާފައި ވަނީ މި ޕްރިގްރާމް އެހެން އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދާށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ނ. އަތޮޅު ތައުލީމީމަރުކަޒުގެ ކޮންމެ ދަރިވަރަކަށް ޓޯޓް ބޭގާއި ފެން ބޯން ބޭނުންކުރާ ފުޅިއެއް ވަނީ ވެލާއިން ހަދިޔާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *