ލ. އަތޮޅުގެ ހަތް ސްކޫލާއެކު "ލާމާފަރު" ފެސްޓިވަލް އެ އަތޮޅުގައި ފަށައިފިއެވެ. ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި ފެސްޓިވަލް މިފަހަރު ކުރިއަށް ގެންދަނީ ކޮންމެ ރަށެއް ވަކިންނެވެ. މިއަދު ހެނދުނު ފެށި މި ފެސްޓިވަލް އިރުއޮއްސުމާ ހަމައަށް ކުރިއަށް ދާނެއެވެ.
ސިކްސްސެންސަސް ލާމުގެ އިސްނެގުމުގެ މަތިން މި ފެސްޓިވަލް ކުރިއަށް ގެންދަނީ ސްކޫލްތަކުގެ ދަރިވަރުންނާއި އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި ތިމާވެއްޓާއި، ފަރުތަކުގެ ދިރުން ގެއްލިގެންދާ ޕްލާސްޓިކާ ދެކޮޅަށް ހިންގޭ ވަރުގަދަ ކެންޕޭނެއްގެ ގޮތުގައެވެ.

ދެހާހަށްވުރެ ގިނަ ދަރިވަރުން އަމަލީ ގޮތުން ބައިވެރިވާ މި ފެސްޓިވަލްގައި ތަފާތު ހަރަކާތްތައް ދަރިވަރުންގެ ބައިވެރިވުމާއެކު ހިންގާނެއެވެ. އޭގެތެރޭގައި، ތިމާވެއްޓާ ގުޅޭ މުހިންމު ކުރެހުންތައް ރަށްތަކުގެ ގޮނޑުދޮށުގައި، ވެލިބޭނުން ކޮށްގެން ކުރަހާނެއެވެ. އަދި އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަކެތީގެ މައުރަޒާއި، ފަރުތަކާއި ކަނޑުތަކުގެ ދިރުން ތަމްސީލުވާ ގޮތަށް ކުރިއަށް ގެންދާ ހިމޭން ހިނގާލުން ހިމެނެއެވެ. މީގެ އިތުރުން ލާމުގެ ހުރިހާ ރަށެއް ހިމެނޭހެން ކޮންމެ ރަށެއްގެ ގޮނޑުދޮށާ ވީ ސަރަހައްދުން ބޮޑުބައެއް ސާފުކޮށް، އުކާލާފައިވާ ޕްލާސްޓިކްތައް ހޮވާނެއެވެ.
މި ފެސްޓިވަލްގައި ކުރިން މަސްވެރިކަން ކުރަމުން އައި ގޮތް ދުވަސްވީ މީހުންގެ ފަރާތުން ދަރިވަރުން އޮޅުން ފިލުވުމާއި ފަރުތަކުގެ ދިރުންތަކާގުޅޭ މައުޟޫތަކަށް ޚާއްޞަ ބަހުސްތަކެއްވެސް ދަރިވަރުން ކުރިއަށް ގެންދާނެއެވެ.
ސިކްސްސެންސަސް ސަސްޓެއިނަބިލިޓީ އެންޑް ކޮމިއުނިޓީ އައުޓާރީޗް މެނޭޖަރ އާދަމް ( އެޑަމް) ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ފެސްޓިވަލެއް ކަމަށާއި، ސްކޫލްތަކުން މި ފެސްޓިވަލުގެ އޯނަރޝިޕް ނަގައިގެން ރަށު ފެންވަރުގައި ކުރިއަށް ގެންދާކަމީ ސްކޫލްތަކުން މި ފެސްޓިވަލަށް ދެމުން ގެންދާ ތަރުހީބު ކަމަށެވެ.
" އަޅުގަނޑުމެންގެ މި ފެސްޓިވަލްގެ ނަތީޖާ އެބަފެނޭ. ކުދިންގެ ޝަޢުގުވެރިކަން އެބަފެނޭ" އެޑަމް
އެޑަމް ވިދާޅުވީ ކޮންމެ އަހަރަކުވެސް މި ފެސްޓިވަލް ބާއްވަނީ އެ އަތޮޅުގެ ސްކޫލަތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައި، އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ކަމަށާއި، މިފަހަރު ހުރިހާ ރަށެއްގައި ފާހަގަކުރުމުން ލިބުނު ތަރުޙީބު މާ ބޮޑުކަމަށެވެ.
ކުރިން " ޓަރޓަލް" ފެސްޓިވަލްގެ ގޮތުގައި ކުރިއަށް ދިޔަ ފެސްޓިވަލް " ލާމާފަރު" ފެސްޓިވަލަށް ރީބްރޭންޑް ކުރީ 2015 ވަނަ އަހަރުއެވެ.
advertisment
ހިޔާލު