ޓީޗަރުންނާއި ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކުގެ އިލްމީ ދިރާސާގެ މަސައްކަތް ފަށައިފި

ޓީޗަރުންނާއި ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކުގެ އިލްމީ ދިރާސާގެ މަސައްކަތް ފަށައިފިއެވެ. މިފަދަ ދިރާސާއެއްގެ މަސައްކަތް ފެށީ، މަތީ ސާނަވީގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ބޭއްވި ހަފްލާގައި އެފަދަ ދިރާސާއެއް ކުރަން ސަރުކާރުން ނިންމިކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ރައީސް ސޯލިހު ވަނީ މި ދިރާސާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައުލީމީ ދާއިރާގައި ކިޔަވައި ދެއްވާ މުދައްރިސުންނަށް ދިމާވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރިސާރޗް ގުރޫޕެއް އުފައްދާފައެވެ. ހަ މެމްބަރުންގެ މައްޗަށް ހިމެނޭ މި ރިސާރޗް ގުރޫޕުގައި ހިމެނިވަޑައިގަންނަވަނީ އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާ އިން ޑޮކްޓަރ އަޙްމަދު އަލި މަނިކާއި، ހިޔުމަން ރިސޯސަސްގެ ދާއިރާއިން ޑޮކްޓަރ ޢަލީ ނަޖީބު އާއި، ސޯޝިއޮލޮޖީގެ ދާއިރާއިން ޑޮކްޓަރ އާއިޝަތު ޝަފީނާ އާއި، ޓްރެއިނިންގގެ ދާއިރާއިން އަލްފާޟިލާ އާމިނަތު ޒުބައިރު އާއި، ފައިނޭންސްގެ ދާއިރާއިން އަލްފާޟިލް ޢަބްދުﷲ ޒަކަރިއްޔާ އަދި ތަޢުލީމީ ދާއިރާއިން އަލްފާޟިލް ޢަބްދުﷲ ރަޝީދެވެ. މި ގުރޫޕުގެ ރިޔާސަތު ބަލަހައްޓާނީ ޑޮކްޓަރ އަޙްމަދު އަލި މަނިކެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް ޢިމްލީ ދިރާސާއެއްގެ ޢަލީގައި ދެނެގަތުމާއި، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވަނީ ރި ސާރޗް ކުރަން ރައީސް ސޯލިހު ކަނޑައެޅި ގުރޫޕުގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފައިސަލް ވިދާޅުވެފައި ވަނީ ތަޢުލީމީ ދާއިރާއަށް، އަދި ވަކީން ޚާއްޞަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް ޢިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މި ވަގުތަށް ނުހަނު މުހިންމު ކަމެއް ކަމަށާއި، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެންނަން ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. އަދި ވިދާޅުވީ، މި ދިރާސާގެ ސަބަބުން ތައުލީމީ ދާއިރާއަށް ދިމާވަމުންދާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *