އީމާން: 2019 ވަނަ އަހަރު އަމީނިއްޔާގެ އެންމެ މޮޅު ދަރިވަރު

އަމީނިއްޔާ ސްކޫލް
އަމީނިއްޔާގެ އެންމެ މޮޅު ދަރިވަރު އީމާން: އީމާންއަކީ އަޒުމަކާއެކު މަސައްކަތް ކުރެއްވި ދަރިވަރެއް

2019 ވަނަ އަހަރު، އަމީނިއްޔާ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި އީމާން ސަހީލް ޖަލީލް ހޮވިއްޖެއެވެ. އީމާން ވަނީ 2019 ވަނަ އަހަރުގެ ސާނަވީ އިމްތިޚާނުން އަށް އޭ ސްޓާ ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިފައެވެ. އެންމެ މޮޅު ދެ ވަނަ ދަރިވަރުގެ ގޮތުގައި ހޮވި މަރިޔަމް ޖަނާ ޖިނާން ވެސް ވަނީ ސާނަވީ އިމްތިޙާނުގައި އަށް އޭ ސްޓަރ ހޯދާފައެވެ. އަމީނިއްޔާގެ އެންމެ މޮޅު ތިން ދަރިވަރުންގެ ތެރެއިން ތިންވަނަ ލިބުނީ ފާތިމަތު ޒައިނާ ނައީމަށެވެ.

އަމީނިއްޔާ ސްކޫލް
އަމީނިއްޔާގެ އެންމެ މޮޅު ތިން ދަރިވަރުން ކަމުގައިވާ މަރިޔަމް ޖަނާ ޖިނާން (ކ) އީމާން ސަހީލް ޖަލީލް (މ) އަދި ފާތިމަތު ޒައިނާ ނައީމް (ވ) ޝަރަފުވެރި މެހުމާނާއި، އަދި އަމީނިއްޔާގެ ޕްރިންސިޕަލްއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: އީމާންއާއި މަރިޔަމް ވަނީ ސާނަވީ އިމްތިޙާނުގައި އަށް އޭ ސްޓާ ހޯދާފައި – ފޮޓޯ: އަމީނިއްޔާ ސްކޫލް

އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވުނު އީމާން އަކީ 2019 ވަނަ އަހަރުގެ އަމީނިއްޔާ ސްކޫލްގެ ކެޕްޓަން ވެސް މެއެވެ.

އަޅުގަނޑުގެ އުއްމީދުތައް ހަގީގަތަކަށް ވެގެން ދިޔައީ އެތައް ބައެއްގެ އަގު ނުކުރެވޭ އެހީތެރިކަމާއި އިރުޝާދާއި ހެޔޮ ދުޢާއިން – އީމާން

ރޭގެ ހަފްލާފައި ވާހަކަ ދައްކަމުން އިމާން ބުނީ، ރެއަކީ އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ރަންކުލައިން ކުލަ ޖައްސާލެވުނު ރެއެއް ކަމަށެވެ.

" އަޅުގަނޑުގެ އުއްމީދުތައް ހަގީގަތަކަށް ވެގެން ދިޔައީ އެތައް ބައެއްގެ އަގު ނުކުރެވޭ އެހީތެރިކަމާއި އިރުޝާދާއި ހެޔޮ ދުޢާއިން " އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވުމުން، ރޭގެ ހަފްލާގައި ވާހަކަ ދައްކަމުން އީމާން ބުންޏެވެ.

އީމާން އަންނަނީ ގަލޮޅު މަދަރުސާއިން ފެށިގެން ސްކޫލްގައި ބާއްވަމުން އަންނަ ޤުރުއާން މުބާރާތާއި ލަވަ މުބާރާތްތަކުގެ އިތުރުން ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވަމުންނެވެ.

އީމާންގެ ޚާއްޞަ ކުޅިވަރަކީ ޓެނިހާއި ބާސްކެޓެވެ. ޓެނިހުން ލިބުނު ކާމިޔާބީ ތަކަށް ބަލާއިރު ނުވަ އަހަރުން ދަށުގެ ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަން ހިމެނެއެވެ. އީމާންއަކީ މިއުޒިކަށް ވެސް ޚާއްޞަ ސަމާލުކަމެއް ދިން ދަރިވަރެކެވެ. ޕިޔާނޯއާއި ގިޓާގެ ހުނަރާއެކު އޭނާ ވަނީ ލަވަކިޔުމުގައި ވެސް މުހިންމު ހަރުފަތްތަކެއް ގިރާކޮށްފައެވެ.

އީމާންއަށް ކިޔަވައި ދެއްވި މުދައްރިސަކު ފާހަގަ ކުރެއްވި ގޮތުގައި، އީމާންއަކީ އަޒުމެއް އޮވެގެން މަސައްކަތް ކުރި ދަރިވަރެކެވެ. ނޭނގޭ އެއްޗެއް އޮތް ނަމަ ސުވާލުކޮށްގެން އެ އެއްޗެއް އޮޅުންފިލުވަން މަސައްކަތް ކުރި ދަރިވަރެކެވެ.

" އީމާންގެ ކާމިޔާބީގެ އަސްލަކީ އަމާޒެއް ކަނޑައަޅައިގެން އެ އަމާޒަށް ވާޞިލްވުމަށް ކުރި މަސައްކަތުގެ ނަތީޖާ. އެންމެ ޚާއްޞަ ސިފައަކީ ކޮންމެ ފިލާވަޅަކާ ގުޅޭގޮތުން ވެސް އަމިއްލައަށް މައުލޫމާތު ހޯދާ، މައުލޫމާތު ދެނެގަތުމަށް މަސައްކަތް ކުރުން" އެ މުދައްރިސް ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *